ލޯގޯއެއްގެ މައްސަލާގައި ރިހާނާ އަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ރިހާނާގެ ބްރޭންޑް ފެންޓީ އިން ޕޫމާއާ ގުޅިގެން ފެންޓީ ޕޫމާ އެކްސް ކަލެކްޝަންގެ އުފެއްދުންތައް "އެފްޔޫ" ގެ ނަމުގައި ޕްރޮމޯޓްކުރާތީ އެކަމާ ދެކޮޅަށް ދައުވާކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ކްލޯތިން ބްރޭންޑް ފްރީޑަމް ޔުނައިޓެޑް (އެފްޔޫ) އިން ދީފި އެވެ.


އެ ކުންފުނިން ބުނީ އެފްޔޫގެ ނަމުގައި ރިހާނާގެ އުފެއްދުންތައް ގެނެސް ނުދެވޭނެ ކަމަށާއި އެއީ މީހުންގެ ލޯގޯގެ ގޮތުގައި ބޭނުން ކުރާ ނަން ކަމަށެވެ. ރިހާނާގެ އެފްޔޫގެ ދިގު ގޮތަކީ "ފެންޓީ ޔުނިވަސިޓީ" އެވެ. މި ބްރޭންޑްގެ ދަށުން ޕޫމާއާ ގުޅިގެން ގެނެސްދޭ ތަފާތު އެކި ވައްތަރުގެ ފައިވާންތަކުގައި ވަނީ "އެފްޔޫ" ބޭނުންކޮށްފަ އެވެ.

ފެންޓީގެ ފައިވާނެއްގައި "އެފްޔޫ" ޖަހާފައި.

ފްރީޑަމް ޔުނައިޓެޑް (އެފްޔޫ) އިން ބުނީ "އެފްޔޫ" އަކީ އެ މީހުންގެ އުފެއްދުންތަކުގައި ބޭނުން ކުރަން ރަޖިސްޓްރީކޮށްފައި އޮތް ނަމަކަށްވާތީ އެހެން ބަޔަކަށް އެ ލަފުތައް ބޭނުން ކުރުމުގެ ހައްގެއް ނޯންނާނެ އެވެ. އެހެންވެ މި މައްސަލާގައި ރިހާނާ އާއި ޕޫމާއާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ބުންޏެވެ.

އަދި "އެފްޔޫ" ގެ ނަމުގައި އުފެއްދުންތައް ވިއްކުން މިހާރުން މިހާރަށް ހުއްޓާލައި، އެ ނަމުގައި ވިއްކި އުފެއްދުންތަކުން ލިބުނު އާމްދަނީ ވެސް ހާމަކުރަން ފްރީޑަމް ޔުނައިޓެޑް (އެފްޔޫ) ވަނީ ގޮވާލައިފަ އެވެ.

ފެންޓީގެ ފައިވާނެއްގައި "އެފްޔޫ" ޖަހާފައި.

މި މައްސަަލާގައި ރިހާނާގެ ފެންޓީން ބުނީ އެއްވެސް ބައެއްގެ ލޯގޯއެއް ކޮޕީކޮށްފައި ނުވާނެ ކަމަށެވެ.

އެ މީހުން ނެރުނު ބަޔާނެއްގައި ބުނީ ފެންޓީ ޕޫމާ އެކްސް ކަލެކްޝަންގެ އުފެއްދުންތަކުގައި "އެފްޔޫ" ބޭނުންކޮށްފައި ހުންނާނީ މުޅިން ތަފާތު ފޮންޓެއްގައި ކަމަށާއި އެހެންވެ އެއީ ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފެންޓީ ބިއުޓީގެ ނަމުގައި ރިހާނާ ވަނީ މޭކަޕް ލައިނެއް ވެސް ލޯންޗްކޮށްފަ އެވެ. ފެންޓީއަކީ 30 އަހަރުގެ ލަވަކިޔުންތެރިޔާ ފުރިހަމަ ނަމުގެ އެއް ބައެވެ. ބާބެޑޯސް އަށް އުފަން ލަވަކިޔުންތެރިޔާގެ ފުރިހަމަ ނަމަކީ ރޮބީން ރިހާނާ ފެންޓީ އެވެ.