ތީ ޔާރަކީ...

އާދިއްތަ ދުވަހާ ގުޅޭ


ދުވަހަކު ނުގަންނަހާ ބޮޑަށް އަހަރެން ބިރުގަތެވެ. ސަބާގެ ވާހަކައާ އަޔާން ގުޅިފައިވާ ވަރު ހާމަކޮށްދިނީ އެ މޫނުގެ ސީރިއަސްކަމެވެ. އަހަންނަށް އަތް މުށްކަވާލެވުނެވެ. ސަބާގެ އެ ވާހަކަ އަހަން އަހަރެން އަދި ތައްޔާރެއް ނޫނެވެ.

"މިކޮޅަށް ބަލާބަލަ. އަހަރެން މި ވާހަކަދައްކާއިރު ސާޖީ އިންނަންވާނީ އަހަންނަށް ބަލަން،" އަހަރެން ދުރު ބަލަން ފެށުމުން ސަބާ އައިސް އަހަރެންގެ ދަތްދޮޅީގައި ހިފައި މަގަތަށް އަނބުރައިލި އެވެ.

"އިއްޔެއަކު މިއަދަކު ވީކަމެއްގެ ވާހަކައެއް ނޫން ބުނަން މި އުޅެނީ. މިހާ ދުވަސްވީމަ ގިލްޓީވޭ. އެކަމަކު ސާޖީއަށްޓަކައި ލަސްކުރެވުނީ ވެސް. އަޔާން ދެ ވަނަ ފަހަރަށް ސާޖީގެ ހަޔާތަށް އަތުވެދާނެ ކަމަކަށް ކުޑަކޮށް ވެސް ހިއެއް ނުކުރަން. އަހަންނަކަށް ނޭނގެ ސާޖީ އަހަންނަށް މާފު ކުރާނެ ކަމެއް ވެސް..." ސަބާ ވާހަކަ މެދުކަނޑާލައިފައި މަޑުމަޑުން ދެ ފަރާތަށް ބޯހޫރުވައިލި އެވެ.

ލޮލުން ފޭދިގެން ދިޔަ ކަރުނަތިއްކެއް ފޮހެލާފައި ދުރު ބަލައިލި އެވެ. އަހަންނަށް އިނދެވުނީ ގުޑިލާން ވެސް ނުކެރިފަ އެވެ. ކަޅިޖަހާނުލައި އިންދާ ސަބާ ކިޔައިދޭން ފެށީ އަހަރުތަކެއް ކުރިން އަޔާންގެ ލޯބިވެރިއެއްގެ ގޮތުގައި އަހަރެން ހުރި އިރު ފެށުނު ކަމެއްގެ ވާހަކަ އެވެ. އަޔާންގެ ސަމާސާ މިޒާޖަކީ އެންމެ ދަންނަ އެއްޗެކެވެ. އޭނަ އަހަންނާ އޮންނަ ގުޅުމަކުން އަބަދުހެން ސަބާއާ ދިމާ ކުރެ އެވެ. ޖެއްސުންކޮށް ސަކަރާތް ޖަހައި ހަދަ އެވެ. ސަބާ އެ ކަންތައްތައް ހަނދާން ކޮށްދޭން ފެށުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނަގެ އަތުގައި ހިފާ ހުއްޓުވާފައި އެ ވާހަކަ ދައްކަނީ ކީއްވެތޯ އަހާލެވުނެވެ. ސަބާ ދެން ފެށީ އިސް ޖަހާލައިގެން އިނދެ އެވެ.

"އަޔާންގެ ފްލާޓީ ކަމުން އަހަންނަށް ފުރަތަމަ އެކަން ވީ މަޖަލަކަށް. ހީ ވޯޒް ފަން. ސާޖީ އަށް ވެސް އެނގޭނެ އަހަރެން އޭރު ހުރީ އައްމަޑޭއާ ބްރޭކްއަޕްވެގެން ސިންގަލްކޮށްކަން. އެ ހުސްކަން މަޑުމަޑުން އަޔާން ފުރަން ފެށީ ކިހިނެއް ކަމެއް ވެސް ނޭނގެ. އަޔާންގެ ސަމާސާތައް އަހަރެންގެ ހިތާ ހަމައަށް ވާސިލްވާން ފެށި. އޭނައާ އެކު ވަގުތު ހޭދަކުރަން ބޭނުންވި. ކޮންމެވެސް ބަހަނާއެއް ހޯދައިގެން އަބަދު ތި ދެ މީހުންގެ ބައްދަލުވުންތަކުގައި ބައިވެރިވަން. އެކަމަކު އަހަރެން ހުރީ ތި ދެމެދަށް ވަންނަން ގަސްތުކޮށްގެނެއް ނޫން. އެހެން އުޅެނިކޮށް އެއްދުވަހަކު..." ސަބާ ހުއްޓާލައިފައި އަހަރެންގެ މޫނަށް ބަލައިލި އެވެ.

އެ ދެ ލޯ އަނެއްކާ ވެސް ކަރުނުން ފުރިގެން ބަންޑުން ވާން ފެށި އެވެ. އަހަންނަށް އިނދެވުނީ ނޭވާ ނުލަ އެވެ. ފިނިވެފައިވާ ދެ އަތުން ސޯފާގެ ކައިރީ ބާރަކަށް ހިފަހައްޓާލައިގެން އިނދެވުމުން އިނގިލިތަކުގައި ވިއްދަ އެވެ.

"އަޔާންއަށް ކޮންމެވެސް ގޮތަކުން އަހަރެންގެ އިހްސާސްތައް އެނގިއްޖެ. ނޫނީ ވެދާނެ އޭނަ ޝައްކު ޔަގީންކޮށްލަން އެނގެއޭ ބުނީ ކަމަށް. ދެން އަހަރެން ހީކުރީ އަޔާން ބުނާނީ އޭނަ މަތިން ހަނދާން ނައްތައިލާށޭ ކަމަށް. އެކަމަކު އޭނަ ބުނީ އެހެނެއް ނޫން. އޭނަ ބުނީ އޭނަ ވެސް އަހަރެން ދެކެ ލޯބިވާ ވާހަކަ. ސާޖީ އަހަރެން ވަރަށް މަސައްކަތް ކުރިން ދުރުގަ ހުންނަން އެކަމަކު..." ސަބާ އިތުރަށް ބުނާކަށް ނުޖެހުނެވެ.

އޭގެ ފަހުބައި އަހަންނަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު އަޔާންގެ ކޮޓަރިން ފެނުނު އަންހެންކުއްޖާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަކަށް ކުޑަކޮށް ވެސް ހިއެއްނުކުރަމެވެ.

"ސާޖީއާ އަޔާންއާ ރުޅިވުމަށް ފަހު ކުޑަ ދުވަސްކޮޅެއް ވަންދެން އަހަރުމެންގެ ގުޅުން ކުރިއަށް ދިޔަ. އޭނައާ ރުޅިވީ އަހަރެން އަމިއްލަ އަށް. ގިލްޓީ ވާވަރުން އިތުރަށް ކުރިއަށް ގެންދަން ނުކެރުނީ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ އަޔާން ބޭރަށް ފުރައިފި. ދެން އޭނަ މި ފެނުނީ އެތަކެއް އަހަރު ފަހުން. އަހަރެން ބިރުގަތީ އޭނަ ސާޖީ ކައިރީ އަހަރެންގެ ވާހަކަ ބުނެފާނެތީ. އަހަރުމެންގެ އެކުވެރިކަން ކެނޑިދާނެތީ... އަހަންނަށް އެހެން ހުރިހާ ކަމަކަށް ވުރެ މުހިންމީ އަހަރެންގެ ބެސްޓްފްރެންޑް... އެހެންވެ އަހަރެން އާދޭސް ކުރިން އޭރު ވީ ކަންކަން ސިއްރުކުރަން. އަޔާން ބުނީ އޭނަ ބޭނުމީ ސާޖީއާ އަލުން ގުޅެން ކަމަށް. އޭނަ ތަކުރާރުކޮށް ހުވާކުރި ސާޖީދެކެ ލޯބިވާ ކަމަށް. ބޭރަށް ފުރިފަހުން އެ ލޯބި އިހްސާސްވެގެން އަދި އަދަށް ދާންދެން ވެސް މީހަކާ ރައްޓެހި ނުވާ ކަމަށް. އަހަރެން ދެވަނަ ފަހަރަށް ވެސް އޭނައަށް އިތުބާރު ކުރިން. އެކަމަކު..." ސަބާ އަނެއްކާ ވެސް އަހަރެންގެ އަތުގައި ހިފައިލި އެވެ.

ބައިންދާފައި އިން ބުދެއްހެން އަހަރެން އިންއިރު މޫނުމަތީގައި ވެސް އަސަރެއް ނެތެވެ. ލޮލަކުން ކަރުނައެއް ނާދެ އެވެ. ތެދުވެގެން ދާނެ ހިތްވަރެއް ވާހަކަދައްކާނެ ބާރެއް ދުލަކު ނުވެ އެވެ.

"އަޔާން ފުރި ދުވަހު އަހަންނަށް އެނގުނީ އޭނަގެ އަންބަކާއި ދަރިއަކު ލަންކާގައި ތިބިކަން. ޒައިދުބެއާ އެކު ބޭރަށް ނިކުންނަން ދަމުން ލިފްޓް ކުރިމަތީ ހުރެ ދެ މީހުން ކުރި ޒުވާބު އަހަންނަށް އިވުނީ. އަޔާން އަށް ރަނގަޅަށް އެނގޭ ސާޖީގެ ސަޕްރައިޒް ޕާޓީގެ ކަންތައް. އެ މީހުން ވެގެން ރާވައިގެން ބޭރަށް ދިޔައީ. އޭނަ މަންމަ ބަލިވީއޭ ކިޔައިގެން ދެއްކި ބަހަނާއަކީ ވެސް ހުސްދޮގު. އެއީ ޒައިދުބެގެ ރޭވުމެއް. ސާޖީ އަށް ހުރިހާ ކަމެއް ފަޅާނާރަނީސް މިކަންތައް އިތުރަށް ގޯސް ނުވަނީސް އަޔާން ފޮނުވައިލީ. އެކަމަކު އޭނައަކީ މަކަރު ގަދަ ފިރިހެނެއް. ދޮގުތަކެއް ހަދައިގެން ސާޖީގެ ދިރިއުޅުމާ ކުޅޭކަށް ފަހެއް ނުޖެހޭނެ. އެހެންވެ އަހަންނަށް މި ވާހަކަތައް ކިޔައިދޭން މަޖުބޫރުވީ. ސާޖީ އަހަންނަށް މާފު ނުކުރިއަސް، އަހަރެމެންގެ އެކުވެރިކަން ކަނޑާލިއަސް އަހަރެންނަށް އަންޑަސްޓޭންޑް ވާނެ. އަހަރެން ހެޔޮހިތަކުން ބަލައިގަންނާނަން. އެކަމަކު ދެވަނަ ފަހަރަށް އަޔާންގެ ދަލުގައި ސާޖީ ޖެހޭތަން ބަލާކަށް ނުހުރެވޭނެ..." ސަބާގެ ވާހަކަ ނިމުމުން ނޭފަތް ފޮހެލާފައި ތެދުވެގެން ދޮރާ ދިމާއަށް ދިޔަ އެވެ.

އިރުކޮޅަކުން އިވުނީ ނިކުމެ ދޮރު ލެއްޕި އަޑެވެ. ބުދެއްހެން އަހަރެންނަށް އިނދެވުނީ އެވެ. ގަޑީގެ ކަށި ހިނގާ އަޑާއި މަގުމަތިން ދުއްވާފައިވާ އުޅަނދުތަކުގެ އަޑު މާހައުލުގެ ފަޅުކަން ފިލުވަމުން ދިޔަ އެވެ. ޖެހިގެން ހުރި އެޕާޓްމަންޓްގެ ދޮރުތައް ހުޅުވައި ލައްޕާ އަޑާއި މީހުން ވާހަކަދެކެވޭ އަޑު އިވެ އެވެ.

މަޑުމަޑުން އެސްފިޔަތަކުގެ ފުރަގަހަށް ޖަމާވަމުން އައި ކަރުނަތައް ބޮނޑިވެ މަންޒަރު ފުސްވި އެވެ. އިސާހިތަކު އޭގެ އަމިއްލަ ޒާތުގައި ކޯތާފަތް މަތިން ތިރިއަށް ދެމިގެން ދާން ފެށި އެވެ. އަހަރެންގެ ހިތްވަރު އެލުނީ ދެނެވެ. ޅަކުއްޖެއްހެން ސޯފާ އަށް ވެއްޓިގަނެގެން އޮވެ ރޮވުނެވެ. މޫނުގެ މަސްތަކުގައި ރިއްސަންފެށިއިރު ވެސް ހުއްޓައެއް ނުލެވުނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނައައީ ހުސްވުމެއް ނުވާ އެއްޗެއް ފަދަ އެވެ.

އިރުއޮއްސި އަނދިރިކަން ވެރިވެގެން އައިއިރު އަހަރެން އޮތީ ހިމޭންވެފަ އެވެ. އެކަމަކު ގައިގައި ތެދުވާނެ ވަރެއް ނެތެވެ. މޭޒުމަތީ އޮތް ފޯނު ރިންގް ވާން ފެށުމުން ހިތްވަރުކޮށްލާފައި ތެދުވީމެވެ. ނަގަން އުޅެނިކޮށް ފޯނު ވެއްޓުނީ މޭޒުގެ ދަށަށެވެ. އަހަރެން ތިރިވި ވަގުތު މޭޒުގެ ކަނުގައި ނިއްކުރި ޖެހިފައި މޫނުމައްޗަށް އަނދިރިވެގެން އައެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޭއެރީ ހީވާގޮތުން އޭގެ ކިތަންމެ އިރެއް ފަހުންނެވެ. ލޯ ހުޅުވާލުމުން އަނެއްކާ ވެސް މަރުހަބާ ކީ ކަނު އަނދިރިކަމެވެ. ނިތުގައި ވިއްދަންފެށީ މިހެންނަކުން ނޫނެވެ. އަތްތިލިއިރު ހުރީ ލޭ ހިކިފައިހެން ހީވި އެވެ.

އަނދިރީގައި އެތަން މިތާ އަތް ހާކަމުން ގޮސް ލައިޓު ދިއްލާލިއިރު ފޯނު މޭޒު ތަންދޮށުގައި އޮއްވާ ފެނުނެވެ. އަހަރެން ގޮސް ފޯނު ނަގައި ބެލިއިރު ލީނާގެ ފަސް މިސްކޯލު އިނެވެ. ކޮޅަށް ހުންނަން އުނދަގޫ ވެގެން ސޯފާގައި އިނދެ ލީނާއަށް ގުޅަން ފެށިތަނާ ބެލް ޖެހި އަޑު އައެވެ.

އަހަރެން ފޯނަށް ބަލައިލާފައި ލީނާ ނަގައިތޯ އިރުކޮޅަކު މަޑުކޮށްލީމެވެ. ދެން ތެދުވެގެން ގޮސް ދޮރު ކައިރި އަށް ހުއްޓިފައި ހުޅުވުމުގެ ކުރީން އަތުން ނިތުގައި އަޅައި ނިވާކޮށްލީމެވެ. ދޮރު ހުޅުވާލައިފައި ދެން ޖެހިލެވުނީ ދެ ފިޔަވަޅު ފަހަތަށެވެ.

ނުނިމޭ