ތީ ޔާރަކީ...

ބުދަ ދުވަހާ ގުޅޭ


"ކީއްކުރަން މިތަނަށް ތިއައީ؟" އަޔާންގެ މޫނަށް ބަލަން ހުރެ ރުންކުރު އަޑަކުން އަހަރެން ސުވާލުކުރީމެވެ.

"ސާޖީ...." އަޔާން ގޮވައިލީ އަސަރާއެކުގަ އެވެ.

އެ ރާގު ވެސް އަހަންނަށް ސިފަވީ ދެއްކުންތެރި އެއްޗެއްގެ ގޮތުގަ އެވެ. ވީ ފޫއްސަކުން ދޮރުފަތުގައި ހިފައި ލައްޕާލަން މަސައްކަތް ކުރީމެވެ. އަޔާން ހުޝިޔާރުވެފައި ދާރަ އާއި ދޮރާއި ދޭތެރެއިން އަތް ނެރުނުތަން ފެނިގެން މަޑުޖެހިލެވުނެވެ. އަހަންނަށް އާ ހިތްވަރެއް ލިބުނީ އަޔާންގެ މޫނަށް ބަލާލައިފަ އެވެ. އޭނަ ދާން ގަސްތުކޮށްފައި ވަނީ ކިހާ ހިސާބަކަށްކަން އިމްތިހާންކޮށްލަން ބޭނުންވި އެވެ.

އެއްވެސް އަސަރެއް ނެތް ބެލުމަކުން އަޔާން އަށް ބަލާލަމުން ދޮރުފަތުގައި ހިފައި ކުރިއަށްވުރެ ބޮޑަށް ކައިރިކޮށްލީމެވެ. އަތް ފިތެމުން ދިޔައިރު ވެސް އަޔާން އަޑެއް ވެސް ލައެއްވައެއް ނުލި އެވެ. މޫނުން ވެސް ތަފާތުކަމެއް ނުދެއްކި އެވެ. ކެތް ނުވެގެން ދޫކޮށްލަން ޖެހުނީ އަހަންނަށެވެ.

"ސާޖީ ލިސެން ޓު މީ!" އަހަން ފުރަގަސްދިނުމާ އެކު އަޔާން ކުއްލިއަކަށް އަތުގައި ހިފެހެއްޓި އެވެ.

އަހަރެން އެނބުރި ލޯ އަޅާލުމުން އަޔާން ނަސީބަކުން އަތުން ދޫކޮށްލި އެވެ.

"ކިޔާބަލަ ތިކިޔާ އެއްޗެއް!" ފުރަގަސްދީފައި ގޮސް އަހަރެން ވަނީ ބަދިގެއަށެވެ.

އަޔާން އަހަރެން ފަހަތުން ދިޔަ އެވެ. ސަބާގެ ވާހަކަ އަހާފައި އަހަރެން ނިންމީ އަޔާންގެ ސޫރަ ވެސް ނުދެކުމަށެވެ. އެކަމަކު ނިކަން ދެކިބަލާށެވެ. މިހާރު ވެސް އެ ދޮގުވެރިޔާ އިތުރު ދޮގުތަކެއް ހަދަން ފުރުސަތު ދީގެން އަހަރެން މިހުރީ އެވެ.

ހަގީގަތަކީ އިތުރަށް އަޔާން ކުރާ އެއްވެސް ކަމަކަށް އަހަރެންގެ ފަރުވާލެއް ނެތް ކަމެވެ. އޭނަ ކިޔާ އެއްޗެއް ކިޔާފައި ހިނގައިދާނެ ނޫން ހެއްޔެވެ؟ އޭރުން ދެން އޭނަ ގެ ވާހަކަ އަޑު ނާހައިގެން ކޮންމެ ތާކުން އަހަރެން ފަހަތުން އަންނާކަށް ނުޖެހޭނެ އެވެ.

"ސާޖީގެ އަމަލުތައް ތި ހުރިގޮތުން އަހަރެން ނުވެސް އަހާނަން ސަބާ ވާހަކަތަކެއް ދެއްކިތޯއެއް. އަހަންނަށް އިނގޭ ސަބާ އެއްޗެކޭ ކިޔައިފިކަން." އަހަރެން ކޮފީ ގިރަން އުޅުނުއިރު އަޔާން މޭޒު ކައިރީ ހުރެގެން ފެށި އެވެ. އަހަރެން އެއްޗެކޭ ނުބުނުމުން އޭނަ ކުރިއަށް ގެންދިޔަ އެވެ.

"ސަބާ ބުނި އެއްވާހަކަ ތެދު. އެއީ އަހަރުމެން ދެ މީހުން ކުރިން ރައްޓެހިވެގެން އުޅުނުއިރު އަހަރެންގެ ކޮޓަރިއަށް ވަދެގެން އުޅުނު ކުއްޖަކީ އޭނަ..." އަޔާން އެ ހިސާބަށް ގެންދިޔަ ތަނާ އަހަންނަށް ބަލައިލެވުނެވެ.

މޫނަށް ވެރިވި ފޫހިކަން ސިއްރު ކުރާކަށް އަހަރެން މަސައްކަތެއް ނުވެސް ކުރަމެވެ. އެންމެފަހުން ސަބާގެ ވާހަކަ މިވީ ހަގީގަތަކަށެވެ. އަހަރެން ސަބާ އަށް އިތުބާރު ނުކުރަނީއެއް ނޫނެވެ. އޭނަ ބުނެފިއްޔާ އަހަރެން އަބަދުވެސް ގަބޫލުކުރާނެ އެވެ. އެކަމަކު އަޔާންގެ ދުލުން ވެސް މިފަހަރު އެކަމަށް ހެކިދިނީ އެވެ.

"އެކަމަކު ސާޖީ އެއީ އަހަރެންގެ ރުހުމުގައެއް ނޫން. އަހަރެން ވައްދައިގެނެއް ނޫން. އޭނަ އަމިއްލައަށް." އަޔާން ދެން ބުނެލި އެއްޗަކުން އަހަރެންގެ އަތުގައި އޮތް ސަމުސާ ތިރިއަށް ވެއްޓުނެވެ.

ސަމުސާ ނަގައި ސިންކަށް ލައިފައި އެނބުރުނުއިރު އަޔާން އައިސް ހުރީ އަހަރެންގެ ކުރިމަތީގަ އެވެ. އޭނަ އަހަރެންގެ އަތުގައި ހިފާލަން އުޅުމުން ފަހަތަށް ޖެހިލީމެވެ. އަޔާން އަށް ވިސްނިގެން އަތެއްނުލަ އެވެ.

"ސަބާއަކީ އަހަރެން ދުށް ގޮތުގައި އެކުވެރިއެއް. ސާޖީގެ ސަބަބުން އަހަރެމެންގެ ގާތްކަން އުފެދުނީ. އަހަރެން ކުޑަކޮށް ވެސް ހިއެއްނުކުރަން އޭނަ އަހަންނާ ދޭތެރޭ އެއަށްވުރެ އިތުރަށް ދެކެފާނެ ކަމަކަށް. އަހަރެން ކައިރީ ސަބާ އެ ވާހަކަ ބުނި ދުވަހު ޝޮކެއް ލިބުނީ. އަހަރެން އޭނަ އަށް ވިސްނަދޭން ވަރަށް މަސައްކަތް ކުރިން. އަހަރެން ހީކުރީ އޭނަ ގަބޫލުކުރީ ކަމަށް. ފަހުން އަނެއްކާ ވެސް ކުރީގެ ގޮތަށް އެކުވެރިކޮށް އުޅުނީ. ދެން އެ ދުވަހު ކުއްލިއަކަށް ރޮމުން އައިސް އަހަރެންގެ ކޮޓަރި އަށް ވަނީ. އާދޭސް ކުރަން ފެށީ އޭނައާ ގުޅޭށޭ ކިޔައިފައި. ސާޖީ އަށް ފެނިގެން ރުޅިވީމަ ސާޖީ ރުއްސުމުގެ ހިޔާލު އަހަރެން ނުކުރަނީކީ ނޫން. އެއީ ބޭކާރު ކަމެއްކަން ވިސްނުނީ. އަހަންނަށް އެނގޭ ސަބާގެ ވާހަކައިގެ ކުރިއަށް އަހަރެންގެ ވާހަކަ އޭރު ވެސް ސާޖީ އިސްނުކުރާނެކަން. އެއިރު އަހަރެން ހުރީ ކިޔަވަން ބޭރަށް ފުރަންވެފައި. ހިތަށްއެރީ ފަހުން ހުރިހާ ކަމެއް ހަނދާން ނެތިދާނެއޭ." އަހަރެން ގޮސް މޭޒު ދޮށުގައި އިށީނުމުން އަޔާން ވެސް ވާހަކަ ދައްކަމުން އައިސް އަނެއް ފަރާތުގައި އިނެވެ.

ދެން އޭނަ ހަނދާންކޮށްދިނީ އަހަރުމެން އަލުން ބައްދަލުވި ގޮތެވެ. އެ ހުރިހާ އަހަރެއް ފަހުން ވެސް ސަބާ އާއި އަހަރެންގެ އެކުވެރިކަން އެ ގޮތުގައި އޮތުމުން އޭނަ ހައިރާންވި އެވެ. އަޔާން ނިންމީ ފަހަރެއްގައި ސަބާ ވެސް ބަދަލުވެފައި ހުރެދާނެ ކަމަށެވެ. އެއީ ކުށްހީއެއްކަން އެނގުނީ އަހަންނާ ރައްޓެހިވާން ހުށައެޅި ހިސާބުންނެވެ.

ސަބާ ގުޅާފައި އަޔާން އަށް އިންޒާރު ކުރަން ފެށި އެވެ. އެކަމަކު އަޔާން ހުރީ ހުއްޓައިލާ ފަދަ ގޮތަކަށް ނޫނެވެ. ސަބާ އޭނަގެ ދޮގު ވާހަކަތަކުގައި އެއްފަހަރު ކުރި ހޯދިއަސް ދެވަނަ ފަހަރަށް އެ ފުރުސަތު ނުދޭން އަޒުމް ކަނޑައެޅި އެވެ.

"އަހަރެން އެ ކޮޅުގައި ހުއްޓާ ސަބާ މެސެޖްކޮށްފައި އޮތީ އޭނަގެ ނަސޭހަތް ނޭހީމަ އޭގެ ހިތިރަހައޭ ދެން ފެންނާނީ. އަހަންނަށް ވަގުތުން އެނގިއްޖެ އޭނަ ސާޖީގެ ކަންފަތަށް ވާހަކަތަކެއް އިއްވައިފިކަން. އެކަމަކު އޭގެ ހަގީގަތް ދުރުގައި ހުރެގެން ފޯނަކުން ސާފުކޮށެއް ނުދެވޭނެ. އެހެންވެ އަހަރެން ނުގުޅީ. އަހަންނަކަށް ނޭނގެ ސަބާ ކިޔައިދިނީ ކޮން ގޮތަކަށް ކަމެއް. އަހަރެން މި ކިޔައިދިނީ އަހަރެންގެ ސައިޑުން. ގޮތެއް ނިންމުމުގެ ކުރީން ދެ ފަރާތުގެ ވާހަކައާ މެދު ވިސްނާނީ ސާޖީ. އެކުވެރިޔާ އަށް ތިކުރާ ކަނު އިތުބާރު އެއްފަހަރު ނަމަވެސް އެއްފަރާތް ކޮށްލައިފަ ތަންކޮޅެއް ރަނގަޅަށް ވިސްނައިލާތި! އެއީ އަހަރެން ސާޖީ ކައިރީ ބުނަން މިތަނަށް އައި ވާހަކައަކީ. ގޮތެއް ނިންމާނީ ސާޖީ." އަޔާން ވާހަކަ ނިންމައިލި ގޮތުން އަހަރެންނަށް އިނދެވުނީ ހައިރާންވެފަ އެވެ.

އަޔާންގެ ލޮލާއި މޫނުން ތެދުވެރިކަން ނޫން އެއްޗެއް ހާމައެއްނުވެ އެވެ. އެކަމަކު އެ ލޮލާއި މޫނަކީ ކުރިން ވެސް އަހަންނަށް ކެހިދިން އެއްޗެއްކަން ސިކުނޑި ހަނދާންކޮށްދިނެވެ.

އަހަރެން އެއްޗެއް ނުބުނެ އިންނަން ފެށުމުން އަޔާން ތެދުވެގެން ނިކުންނަން ދިޔަ އެވެ. އަހަރެންގެ ސިކުނޑީގައި ވި އޮޅުންބޮޅުން އިތުރުވި އެވެ.

އެންމެ އެތިފޮދެއް ވެސް ނުބޮއި ބަހައްޓާފައި ހުރި ކޮފީ ޖޯޑު ސިންކަށް އަޅާލައިފައި އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. ބޭނުންވީ ހިނދުކޮޅަކަށް ވިއަސް އެ ހާލަތުން ފިލާށެވެ. އެންމެ ފަސޭހައިން އެކަން ވާން އޮތީ ނިދާލައިގެންނެވެ. ކޮޓަރި ފިނިކޮށްލައިގެން އަރައި އެނދުގައި އޮވެ ލޯމަރައިލީމެވެ. ސިކުނޑި އަށް ވެރިވާން އުޅޭ އެތައް ހާސް ސުވާލުތައް އުދުއްސާލައި ސިކުނޑި ހުސްކޮށްލަން ލައްކަ މަސައްކަތް ކުރަން ޖެހުނެވެ. ނަސީބަކުން ކާމިޔާބުވި އެވެ. ނިދިން ހޭލެވިގެން ފޯނު ނެގިއިރު ސަބާގެ މިސްކޯލުތައް އިނެވެ. އަހަރެން ގުޅާލިހާއިރުން ސަބާ ނެގި އެވެ. އޭނަ ނިކަން ހާސްވެފައި އެހީ އަޔާން އަހަންނާއި ބައްދަލުކުރަން އައިތޯ އެވެ. އަހަރެންގެ ހަނދާނަށް އެވަގުތު އައީ އަޔާން ބުނި ޖުމްލަ އެވެ. އަހަރެން އެސުވާލަށް ޖަވާބުދިންއިރު ސިކުނޑި އަހަންނަށް މަލާމާތްކޮށްފައި ހުނެވެ. ދޮގުވެރިއެއްގެ މަޅީގައި ބެދެމުންދާ ކަމަށް ބުންޏެވެ.

އަހަރެން ނޫނެކޭ ބުނުމުން ސަބާ ފުން ނޭވައެއް ދޫކޮށްލިހެން ހީވި އެވެ. އޭނަ ދެން ބުނީ އަޔާން ކުއްލިއަކަށް މާލެ އައި ވާހަކަ އެވެ. އޭނައަށް އެނގުނީ މަގުމަތިން ފެނިގެންނެވެ. އެކަމަކު ލީނާއަކަށް އަދި ޒައިދު އަކަށް ވެސް ނޭނގޭކަން ހާމަކުރި އެވެ. ސަބާ އެވަރަކުން އެ މީހުންނަށް ގުޅިގެން އޮޅުންފިލުވި ސަބަބާ މެދު ވިސްނައިލެވުނެވެ.

"ވެދާނެއެއްނު ސަބާއަށް ހީވިގޮތެއް ކަމަށް." އަހަރެން ހިޔާލެއް ދިނީމެވެ.

ނުނިމޭ