ސޯނަމްގެ ކައިވެންޏަށް އައިޝްވާރިޔާ އަށް ދައުވަތު ކާޑެއް ނުފޮނުވާ

ބަތަލާ ސޯނަމް ކަޕޫރްގެ ކައިވެނީގެ ހަފުލާ މާދަމާ މުމްބާއީގައި އޮންނާނެ އެވެ. މިއަދު ކުރިއަށް ދަނީ އެ ހަފުލާ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ރީނދޫ ހޭކުމާއި ހީނާފަތް އެޅުމުގެ ކަންތައްތަކެވެ. މުޅި ބޮލީވުޑް އެއްކޮށްހެން ސޯނަމްގެ ކައިވެނީގެ ހަފުލާގައި ބައިވެރި ވާނެ ކަމަށް ބެލެވެ އެވެ.


މިހާރު ވަނީ ދައުވަތު ކާޑު ވެސް ބަހައިފަ އެވެ. އެކަމަކު ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދަން ސޯނަމް ބޭނުންވެގެން، ދައުވަތު ފޮނުވީ ޑިޖިޓަލް ކޮށެވެ. ޗާޕްކޮށްގެން ކާޑެއް ނުބަހަ އެވެ.

ހަފުލާގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، މިހާރު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އަކީ ސޯނަމް އަމިއްލަ އަށް ގުޅާފައި ބަތަލާ އައިޝްވާރިޔާ ރާއީ އަށް ދައުވަތު ދިން ވާހަކަ އެވެ.

މި ދެ ބަތަލާއިންނަކީ ކޮންމެ އަހަރަކު ވެސް ކާންސް ފިލްމް ފެސްޓިވަލްގައި އިންޑިއާ ތަމްސީލުކުރާ ދެ ތަރިންނެވެ. ދެ މީހުންނަކީ ފްރާންސްގެ ބްރޭންޑެއް ކަމަށްވާ ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރުން ވެސް މެ އެވެ.

ސޯނަމްގެ ކައިވެނީގެ ދައުވަތު: ކައިވެނީގެ ހަފުލާ އޮންނާނީ އަންގާރަ ދުވަހު.

ރިޕޯޓްތައް ބުނާ ގޮތުން ސޯނަމް ސީދާ އައިޝްވާރިޔާ އަށް ފޯނުން ގުޅާފައި ކައިވެނީ ދައުވަތު ދިނީ ދެ މީހުންގެ މެދުގައި ކުޑަ ވަރެއްގެ ކުންޏެއް ކުރިން ޖެހިފައިވާތީ، ގުޅުން އެހާ ރަނގަޅު ނޫންވީމަ އެވެ. މައްސަލައަކަށްވެފައި އޮތީ ތަންކޮޅެއް ކުރިން ސޯނަމް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ އަށް "އާންޓީ" ކިޔާފައިވާތީ އެވެ. ބޮލީވުޑްގެ އޭ ލިސްޓް ބަތަލާއަކާ ދިމާއަށް ސޯނަމް އޭރު "އާންޓީ" އޭ ކިޔައިގެން ވާހަކަ ދައްކާފައިވާތީ ބައެއް މީހުން މަލާމާތް ވެސް ކޮށްފައިވެ އެވެ.

އެކަމަކު ބައެއް މީހުން ބުނެފައި ވަނީ ސޯނަމްގެ ބައްޕައާ އެކު ފިލްމްތައް ކުޅެފައިވާ ބަތަލާއަކާ ދިމާ އަށް ސޯނަމް އާންޓީއޭ ކިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަނިލް އާއި އައިޝްވާރިޔާ އެކުގައި އެންމެ ފުރަތަމަ ކުޅުނީ ތާލް (1999) އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" އިން ވެސް ދެ ތަރިން ފެނިފައިވެ އެވެ.

"ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" ލަވައެއް.

ޖުލައި 13 ގައި ރިލީޒް ކުރާ "ފޭން ހާން" އިން ވެސް އަނިލް އާއި އައިޝްވާރިޔާ ފެންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޯނަމް މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ވާނީ ފިރިމީހާ އާނަންދް އަހޫޖާއާ އެކުގަ އެވެ. އަދި ދެ މީހުން ހަނީމޫނަށް ރަސްމީކޮށް ދާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލް ބުދަ ދުވަހު ފަށާނެ އެވެ. އަދި ފެސްޓިވަލް މި މަހުގެ 19 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 1 ގައިި ރިލީޒް ކުރާ "ވީރޭ ދީ ވެޑިން" އިންނެވެ. އަދި ހަނީމޫން ނޮވެމްބަރަށް ލަސްކޮށްލި މައިގަނޑު ސަބަބައަކީ ބައްޕަ އަނިލްއާ އެކު ކުޅޭ ފިލްމް "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" އޮކްޓޯބަރު 18 ގައި ރިލީޒް ކުރަން ނިންމާފައިވާތީ އެވެ.