ތީ ޔާރަކީ...

އާދިއްތަ ދުވަހާ ގުޅޭ


ސަބާ އަހަރެންގެ ވާހަކައާ އެއްބަސްވެގެން ފޯނު ބޭއްވިފަހުން އިނދެވުނީ އަނެއްކާ ވެސް ހިޔާލެއްގަ އެވެ. ދެ މީހުންގެ ވާހަކަ އަހަރެންގެ ސިކުނޑި އަށް ވާންކުރަމުން ދިޔަ އެވެ. އެއްކޮޅުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެތަކެއްގެ އަހަރުވީ ގާތް މިތުރާ އެވެ. ދެން ހުރީ އަޔާން އެވެ. އަހަރެންގެ ފުރަތަމަ ލޯތްބެވެ. ފުރަތަމަ ފަހަރަށް ހިތް ހަލާކުކޮށްލި ފަރާތެވެ.

ވިސްނިވިސްނިހެން އަހަރެންގެ ސިކުނޑި ބުރަވީ ސަބާއާ އެއްކޮޅަށެވެ. އަހަރެންގެ ދަތި ވަގުތުތަކުގައި ކޮށްދީފައި ހުރި ކަންކަން ހަނދާނަށް އަންނަން ފެށި އެވެ. އެވަރުގެ ލޯތްބެއް އަހަރެންގެ މައްޗަށް ހުރި ހިތެއްގައި އަޔާން އެބުނާ ފަދަ ދެކޮޅުވެރިކަމެއް އުފެދޭނެ ހެއްޔެވެ؟ އަހަންނަށް ޝައްކެވެ.

އެރޭ ދަންވަރު ލީނާ ބަނޑުގައި ރިއްސަން ފެށި އެވެ. އަހަންނަށް ހޭލެވުނީ ޒައިދުބެ ގުޅަނިކޮށެވެ. އަވަހަށް ތައްޔާރުވެގެން ހޮސްޕިޓަލަށް ދިޔައިރު ލީނާ އޮތީ އެމަޖެންސީ ރޫމުގަ އެވެ. ގޭގައި އުޅެނީ ކާކުތޯ އެހުމުން އަޔާންގެ ނަން އައެވެ.

ލީނާ ވިހަން އުޅެނީ ދެވަނަ ކުއްޖާ އަށް ވިއަސް ޒައިދުބެ ހީވަނީ އަލަށް އުޅޭހެންނެވެ. ލީނާ ރޮއިރޮއި އޮންނައިރު އުނަގަނޑު މޮޑެލަދޭކަށް ވެސް ނޭނގެ އެވެ. ޒައިދުބޭގެ ކަމަކީ ހާސްވެގެން ދެކޮޅަށް ހިނގުމެވެ. އަހަރެންގެ ބޮލަށް އުދަނގޫވެގެން ޒައިދުބެ އިރުކޮޅަކަށް ބޭރަށް ފޮނުވައިލީމެވެ އެދިޔަ މީހާ އައީ ލީނާ ވިއްސަން ވެއްދި ފަހުންނެވެ. ދެން އަދި ކުރިއަށްވުރެ ހާލު ބޮޑެވެ. ތަނެއްގައި ފޫ ހަރުލާ ކަމަކަށް ނުވި އެވެ.

ލީނާ ވިހެއީ ފަތިސް ދަމަށް އެޅިފަހުންނެވެ. ނަސީބަކުން ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

އެ ހިސާބުން އަހަރެން ލަފާ ދިނީ ޒައިދުބެ އިހަށް ގެއަށް ދިއުމަށެވެ. އަހަރެންގެ ބަދަލުގައި އެތާ ބައިންދަން ޒައިދުބެގެ ތިމާގެ ކުއްޖަކު ގެންނަ ގޮތަށް ހަމަޖެހުނެވެ. އަހަރެން މަޑުކޮށްލައިގެން އިނީ އެބުނާ ކުއްޖަކު އަންނަންދެނެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން ފެނުނީ އަޔާން އައިސް ވަންތަނެވެ. އޭނަގެ އަތުގައި ކަރުދާސްކޮތަޅެއް އޮތެވެ.

ދެ މީހުންގެ ހަތަރުކަޅި ހަމަވެފައިވީ ފަޅި ސިކުންތެކެވެ. އަހަރެން އަވަހަށް ދުރުބަލަން ފެށުމާއެކު އަޔާން ވެސް އަލުން ހިނގައިގެންފައި އައިސް އެނދު ކައިރިއަށް ހުއްޓުނެވެ. ލީނާގެ އަތްދަނޑިމަތީގައި އޮތް ތުއްތު ފުށްގަނޑަށް ބަލަން ހުރެފައި ކޮލުގައި ކޮށްޓައިލިތަން ފެނުނެވެ.

"އަހަރެން އުރާލަންތަ؟" އަޔާން ސުވާލު ކުރި އަޑަށް ހައިރާންވެފައި ބަލައިލެވުނެވެ.

ހިނިތުންވެފައި އޮތް ލީނާ ބޯޖަހައިލުމުން އަޔާން ފަސޭހަކަމާ އެކު ތުއްތު ދަރިފުޅު އަތުތެރެއަށް ލައިގެން ބަލަން ހުއްޓެވެ. އެލޮލުގެ ކުލަ ބަދަލުވެ ތުންފަތަށް ވެރިވި ހިނިތުންވުން އަހަރެންގެ ހިތާ ކުޅެލި އެވެ. ހިޔާލީ ލޮލަށް ފެނުނީ ލީނާގެ މަގާމުގައި އަހަރެން އޮއްވަ އެވެ. އަޔާންގެ އަތުތެރޭގައި އަހަރެމެންގެ ދަރިފުޅެވެ. އެތައް އަހަރެއް ކުރީން އަހަރެން ދެކުނު ހުވަފެން ސީދާވެފައި ވަނިކޮށެވެ.

"ކޮން ނަމެއް ކިޔާނީ؟" އަޔާން ވާހަކަދެއްކި އަޑާއެކު އަހަރެންގެ ހިޔާލީ ދުނިޔެ ފުނޑުފުނޑުވެގެން ފޭބި އެވެ.

ކުޑަކޮށް ދެ ފަރާތަށް ބޯ ހޫރާލައިފައި ދުރު ބަލަން ފެށިއިރު ލޮލުގައި ކަރުނަ ހުރިކަން އިހްސާސްވި އެވެ. ނަސީބަކުން ގިނައިރެއް ނުވެ އަޔާން ކޮންމެވެސް އެއްޗެކޭ ކިޔާފައި ނިކުމެއްޖެ އެވެ. އަހަންނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

"ސާޖީ! އާދެބަލަ މިކޮޅަށް!" ލީނާގެ ނަޒަރު އަހަންނަށް ހުރިހެން ހީވެގެން ބަލައިލިތަނާ ވާހަކަދެއްކި އެވެ.

އަހަރެން ގޮސް މަގަތުގައި ހުރި ގޮނޑީގައި އިށީންދެލީމެވެ. ވެގެން އުޅެނީ ކީއްތޯ ލީނާ އެހި އެވެ. އަހަރެން އަޑު އަހަން އިންއިރު ނަޒަރު ހުރީ ތުއްތު ދަރިފުޅުގެ މޫނަށެވެ. ލީނާ ދެވަނަ ފަހަރަށް ނަމުން ގޮވައިލުމުން އެ މޫނަށް ބަލައިލަން މަޖުބޫރުވި އެވެ. ޖަވާބުދިނުމުގެ ކުރިން އަހަރެން ވެސް ސުވާލެއް ކުރީމެވެ.

"އަހަންނަށް އޭނަގެ ކެރެކްޓާ ސިފަވަނީ ރަނގަޅު މީހެއްގެ ގޮތުގައި. އަހަރެންގެ ހިތް ބުނަނީ އޭނަ ސާޖީ ދެކެ ވަރަށް ލޯބިވެއޭ. ސާޖީ ކީއްވެ ތިހެން ތިއެހީ؟" ލީނާ އެ ސުވާލު ކުރުމުން އަހަރެން އަނެއްކާ ވެސް ފުން ނޭވައެއް ލީމެވެ.

ދުރު ބަލަން އިނދެގެން އަޔާން އާއި ސަބާގެ ވާހަކަތައް ލީނާގެ ކަންފަތަށް ފޯރުވީ ލަސްލަހުންނެވެ. ލީނާ އަނގައިން ނުބުނެ އަހަރެންގެ ވާހަކަ ނިމޭންދެން އަހަން އޮތެވެ.

"ސާޖީއަށް ހީވަނީ ކިހިނެއް؟ ތި ދެ މީހުން ކުރެ ކާކުގެ ވާހަކައެއް ގަބޫލުކުރެވެނީ؟" ލީނާ އިރުކޮޅަކުން އެހި އެވެ.

"ތެދަށް ބުނަންޏާ އަހަރެން މިހުންނަނީ ކޮންފިއުޒްވެފައި. އަހަންނަކަށް ނޭނގެ ގަބޫލުކުރަންވީ ކާކުގެ ވާހަކައެއް ކަމެއް. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ ސަބާ އަހަންނަށް އެވަރުގެ ލަނޑެއް ދީފާނެއޭ. ކިތައް އަހަރު މިވީ އޭނައާ އަހަރެންގެ އެކުވެރިކަމަށް؟ ގައިމު އޭނަގެ ކަމެއް ހުރިނަމަ އަހަންނަށް ފާހަގަ ނުވެއެއް ނުދާނެ ދޯ؟" އަހަރެން ލީނާއަށް ދޯ ދިނުމުން އޭނަ ބަލަން އޮތީ އެވެ.

"އަހަރެން ބުނެފާނަން ވާހަކައެއް. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ. އަދި ބައެއްފަހަރު ލޮލަށް ފެންނަ ކޮންމެ އެއްޗަކީ ހަގީގަތަކަށް ވެސް ނުވެދާނެ. އަހަރެން މިބުނަނީ ސަބާ ގޯހެކޭ ނޫން. އެކަމަކު ސާޖީގެ ހިތުން ވިސްނުން ދޫކޮށްލައިފައި ސިކުނޑިން ވިސްނައިލާ. ވަރަށް ހީވޭ ކޮންމެވެސް ހެއްކެއް ލިބޭނެހެން." ލީނާ އަހަރެންގެ އަތަށް ފިތައިލީ ހިތްވަރު ދޭ ފަދަ ގޮތަށެވެ.

އަހަރެންގެ ދަތިވަގުތުގައި އެކުގައިވަމޭ ބުނާ ފަދަ އެވެ. އަހަރެން މަޑުމަޑުން ބޯޖަހައިލީމެވެ. ލީނާއަށް ނިދުމުން އޭނަގެ މަގަތުގައި އިންދާ އަހަރެންގެ ލޮލަށް ވެސް ނިދި ސަވާރުވާން ފެށި އެވެ. ދެކެވުނު ވާހަކައިގެ ގޮތުން ކަންނޭނގެ އެވެ. ނިދިފައި އިންދާ ފެނުނީ ޒާތެއްގެ ހަމަނުޖެހޭ ހުވަފެނެކެވެ.

އަހަންނަށް ފެންނަނީ އަނދިރި މަގެއްގައި ދުވެފައި ދަނިކޮށެވެ. ފަހަތުން އެއްޗެއް އަންނަ އަޑު އިވޭތީ އަހަރެން ދުވަމުން ދިޔައީ އެއިން ސަލާމަތް ވުމަށެވެ. އެކަމަކު ކުރިމަތިން އަހަންނަށް އެއްވެސް މަގެއް ނުފެނެ އެވެ. އަލިކަމެއް ވެސް ނުފެނެ އެވެ. ފައިގައި ކޭއްތެމުންދިޔަ ވިނަތަކާއި ގަސްތަކުގެ ސަބަބުން ވަލުތެރޭގެ ތަނެއްކަން އެނގެ އެވެ.

ވަރުބަލިވެ ދެފައިކޮޅުން ވާގި ދޫވާ ހިސާބަށް ދިއުމުން ގުދުވެ ދެކަކުލުގައި ހިފާލައިގެން އޮވެވުނީ މައިނޭވާ ލާށެވެ. ފަހަތުން އިވެމުން އައި އަޑު ކެނޑުމުން ހައިރާންވެފައި ބަލައިލެވުނެވެ. ކުރިން ފެންނަން ނެތް އަލިކަމެއް ފާޅުވާން އޮތެވެ. އެކަމަކު އެއަލި އަންނަނީ ކޯއްޗަކުން ކަމެއް ނޭނގުނެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ ކުރިމަތީން ފެންނަން އޮތް ދެ މަގަށެވެ. އެހިސާބުން ހޭލެވުނީ އެވެ.

ލޯ ހުޅުވައިލިތަނާ ކަންފަތުގައި ޖެހުނީ އަޔާންގެ އަޑެވެ. އަޑު އައީ ދޮރާއި ދިމާއިންނެވެ. ދެވަނަ މީހަކަށް ސަބާގެ އަޑު އިވުމުން އަހަރެން އަނެއްކާ ވެސް ލޯމަރައިލީމެވެ. ފުރަގަސްދީގެން ލީނާ އޮތް އެނދުގައި ބޯ އަޅައިގެން އޮތުމުން ދައްކާ ވާހަކަ މާ ސާފުވާގޮތެއް ނުވި އެވެ.

ހިތާއި ހިތުން އަހަރެން އެދުނީ އެ ދެ މީހުން ދޮރު ކައިރީ ނުހުރެ ތަންކޮޅެއް ކައިރިއަށް އައުމަށެވެ. ނޫނީ އެއަށްވުރެ ބާރަށް ވާހަކަދެއްކުމަށެވެ.

ބޭނުންވި ގޮތާ ޚިލާފަށް ކޮންމެވެސް އެކަކު ނިކުމެ ދޮރު ލައްޕައިލި އަޑު އިވުނެވެ. އަނެކަކު ނިކުތީ އެ މީހެއްގެ ފަހަތުންނެވެ. އަހަންނަށް އިތުރަށް ކެތްނުވެގެން ގޮސް ދޮރާ ކައިރިވެލީމެވެ. ވާހަކަދައްކާ އަޑު އިވޭތޯ އިރުކޮޅަކު މަޑުކޮށްލާފައި މަޑުމަޑުން ހުޅުވާލިއިރު އަޔާން އާއި ސަބާ ދުރަށް ހިނގަމުން ދިޔަ އެވެ.

އެތެރެއަށް ބޯ ދިއްކޮށްލާފައި ލީނާ އާއި ތުއްތު ދަރިފުޅު ނިދާފައިކަން ޔަގީންކޮށްލީމެވެ. ދެން ނިކުމެގެން އަނެއް ދެ މީހުންގެ ބޯކޮޅު ބަލަމުން ގޮސް ހުއްޓުނީ އެ މީހުން ދައްކާ ވާހަކަ އިވޭ ހިސާބުގައި ތަންކޮޅެއް ދުރުގަ އެވެ.

ނުނިމޭ