ތީ ޔާރަކީ...

ބުދަ ދުވަހާ ގުޅޭ


މަހެއްވީއިރު ލީނާ އަށް އެކަނި އުޅެވޭވަރުވި އެވެ. އަހަރެން އިންތިޒާރު ކުރީ އެ ދުވަހަށެވެ. އޭރު އަހަރެން ނިންމުން ސާފެވެ. އިތުރަށް ފަސް އެނބުރި ބެލުމެއް ނެތެވެ. އަހަންނަށް ދިމާވި ގޮތާ މެދު ޝަކުވާ ކުރާނެ ފަރާތެއް ނުވެ އެވެ.

އޭގެ ޒިންމާދާރުވާނީ ޚުދު އަހަންނެވެ. އެއްފަހަރު ބޭވަފާތެރިކަމުގެ ހިތިރަހަ ލުމުން އަދި އަހަންނަކަށް ނުވިސްނުނެވެ. ދެވަނަ ފަހަރަށް މިހެން ދިމާވީތީ މިއަދު ހައިރާނެއް ވެސް ނުވެއެވެ. ހިސާބަށްވުރެ ގަމާރުވީމަ ވާނެ ގޮތް ވީ އެވެ. އެކަމަކު ނުފިލާ ހުންނަ ރިހުމަށް ހަދާނީ ކިހިނެއް ހެއްޔެވެ؟

ފޮށްޓަށް އެއްޗެހި އަޅަން އުޅެނިކޮށް އަލަމާރި ތެރެއިން ވަރަށް ކުރީގެ ފޮޓޯއެއް ފެނުނެވެ. މިކަމެއް ފެށިގެން އައި ދުވަސްވަރު އަހަންނާއި އަޔާން ނަގާފައިވާ ފޮޓޯއެކެވެ. ސަބާ ހުރީ އަހަރެން ހުރި ފަރާތުގަ އެވެ. އަހަރެމެން ތިން މީހުންގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ވި އެވެ.

ފޮޓޯގަނޑަށް ބަލަން ހުރެފައި އަޔާންގެ މޫނުގައި އަތް އަޅާ ފޮރުވާލުމަށްފަހު ބަލަން ހުރީމެވެ. ލޮލުން ކަރުނަ ފޭދިގެން އަންނަކަން އެނގުނީ ކޯތާފަތްމަތިން ދެމެން ފެށީމެވެ.

ދޮރުގައި ޓަކި ޖަހާލި އަޑާއެކު ހަމަހޭވެރިކަން ވެގެން އަވަހަށް ފޮޓޯގަނޑު ތިރިކޮށްލެވުނެވެ. އަހަރެން ސުވާލުކުރުމުން ބޭރުން އައީ ލީނާގެ އަޑެވެ. ފޮޓޯގަނޑު އަންނައުނުތަކުގެ ތެރޭ ފޮރުވުމަށްފަހު ކޯތާފަތް ފޮހެލާފައި އަހަރެން ދޮރު ހުޅުވީމެވެ. ލީނާ އައިސް ހުރީ ތުއްތު ލީވާން ގޮވައިގެންނެވެ. ފަހަތުގައި ޒައިދުބެ ހުއްޓެވެ. ލަޔާލް ވާނީ ސްކޫލުގަ އެވެ.

ލީވާންގެ ތުއްތު މޫނުކޮޅު ފެނުމުން އަވަހަށް އުރާލީމެވެ. ލީނާ ވަށައިގެން ލޯ ހިންގައިލާފައި ގޮސް އިށީންދެލީ ފޮށި ކައިރީ އެނދުގަ އެވެ. އެއްޗެހި އަޅާ ނިމުނީތޯ އަހަރެން ގާތު އެހި އެވެ.

"އަންނައުނުކޮޅު ނޫނީ ނެތް އަހަރެން ގެންދަން ބޭނުން ވަކި ހާއްސައެއްޗެއް. ޔޫ ގައިޒް ކެން ހޭވް ވަޓްސް ލެފްޓް." ލީވާންގެ މޫނުން ދޮނެއް ނަގާފައި ލީނާގެ މޫނަށް ބަލާލަމުން އަހަރެން ޖަވާބުދިނީމެވެ.

ލީނާ އެވަގުތު ބަލައިލީ ޒައިދުބެއަށެވެ. އޭނަ އެއްޗެއް ބުނަން އުޅޭކަން މާކުރިން ވެސް އަހަންނަށް އެނގުނެވެ.

"ދެން ހަމަ ތިނިންމުން ބަދަލެއް ނުވާނެތަ ސާޖީ؟ އަހަރެމެން ކިހާ މިސްވާނެ." ލީނާ ދެރަވެލާފައި ވާހަކަދެއްކި އެވެ.

"ލީނާ ތީ ކޮންކަހަލަ އަމިއްލަ އެދުން ބޮޑު އަންހެނެއް. އޭނަގެ އެ ނިންމުމާއި އެއްބާރުލުން ދޭންވީ ވަގުތު ޑިސްކަރޭޖް ކުރަނީތަ؟" އަހަންނަށްވުރެ ކުރިން ޒައިދުބެ ވާހަކަދެއްކި އެވެ.

ލީނާ އެވަގުތު ޒައިދުބެއާ ދިމާއަށް ލޯ ހަނިކޮށްލިތަން ފެނިގެން އަހަރެންގެ ގާތަށް ހިނި އައެވެ. ލީވާން އުނގަށް ލައިގެން ކައިރީ އިށީންދެފައި ލީނާގެ ކޮނޑުގައި އަހަރެން ބޯ އަޅައިލީމެވެ. ލީނާ އެހެން އެ ބުނަނީ އަހަރެންދެކެ ވާ ލޯބީގެ ސަބަބުންކަން އެނގޭކަން ހާމަކުރީމެވެ. އަހަރެންގެ މަންމައަށް ފަހު އަހަރެންގެ ހުރިހާ ވެސް މީހަކީ ލީނާ އެވެ.

އަހަރެން ފުރަން އެއަޕޯޓަށް ދަނިކޮށް ސަބާ ގުޅި އެވެ. އަހަރެން ހުރިތަނެއް އޮޅުންފިލުވުމަށް ފަހު އޭނަ ފޯނު ކަނޑާލީ ބައްދަލުކުރާނެ ވާހަކަ ބުނެފަ އެވެ. އޭނަ ބުނި ފަދައިން އަހަންނާ ބައްދަލުކުރި އެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް އަހަރެމެން ދެ މީހުން ފެނުނީ އާދަޔާ ޚިލާފަށް ހިމޭންކޮށެވެ.

"އައި ވިލް މިސް ޔޫ..." ސަބާ އިސްވެ އަހަރެންގެ ގައިގައި ބައްދާލައިފައި ކަންފަތްދޮށުގައި ބުނެލި އެވެ.

"މީ ޓޫ." ސަބާގެ ބުރަކަށީ ފިރުމާލަމުން އަހަރެން ބުނެލީމެވެ.

ދުރަށް ޖެހިލީއިރު ދެ މީހުންމެ ތިބީ ފެންކަޅިވެފަ އެވެ. ބޯޓަށް އަރާ ވަގުތު ކައިރިވެގެން އައިއިރު ވެސް ސަބާ ހުރީ އަހަރެންގެ އަތުން ދޫކޮށްލަން ބޭނުންނުވެފަ އެވެ. އަހަރެމެންގެ މި ވަކިވުމަކީ އަބަދުގެ އަބަދަށް ވަކިވާ ވަކިވުމަކަށް ވެދާނެކަން ސަބާއަށް އިހްސާސްވެ އެވެ.

ސިޑްނީގެ އެއަޕޯޓަށް ބޯޓު ޖެއްސިއިރު ހިތް އޮތީ ތެޅިތެޅި އެވެ. ސޫޓްކޭސް ހޯދައިގެން ނިކުތްއިރު އަހަރެންގެ ނަން ޖަހާފައިވާ ބޯޑެއް ހިފައިގެން ފުރޮޅުލީ ގޮނޑިއެއްގައި އަންހެނަކު އިނެވެ. އަނެއް އަތުގައި މާބޮނޑިއެކެވެ. އެ މޫނުން ދަންނަ ވައްތަރު ޖެހި އެވެ. ކައިރިއަށް ދެވުމުން އަހަންނަށް އެނގުނެވެ. އަޔާންގެ މަންމަގެ މޫނުގައި އޭނައާ ވައްތަރު ސިފަތައް ހުއްޓެވެ. މާބޮނޑި އަހަރެންގެ އަތަށް ދިނުމަށްފަހު ބޯޑު ބާއްވާފައި އަޔާން މަންމަ އަހަރެން ދެ އަތުގައި ހިފައި ގެންގޮސް މޭގައި ޖައްސައިލި އެވެ.

ނުކެރިފައި ހުރެގެން އަޔާން ކޮބައިތޯ ސުވާލުކޮށްލުމުން އިޝާރާތްކޮށްލީ އަހަރެންގެ ފުރަގަހަށެވެ. އެނބުރިލިއިރު ތިރީގައި ކުޑަކަކޫ ޖަހާލައިގެން އަޔާން އިނީ އަނގޮޓިއެއް ހިފަހައްޓައިގެންނެވެ. އަހަންނަށް ނަޒަރު ހިންގައިލެވުނީ ވަށައިގެންނެވެ. ލަދުން މުޅި މޫނު ރަތްވި އެވެ. އަޔާން އެކަނި ހުރި ނަމަވެސް މައްސަލައެއް ނެތެވެ.

"ކަކުލަށް ތަދުވޭ އެބަ ސާޖީ. ޖަވާބު ދެންޏާ ތަންކޮޅެއް އަވަސްކުރޭ!" އަހަރެން އަނގަމަތީ އަތް އަޅާލައިގެން ހުންނަން ފެށުމުން އަޔާން ބުނެލި އެވެ.

އެ ތުންފަތުގައި ލާނެތް ހިނިތުންވުމެކެވެ.

އަހަރެން ބަލައިލުމުން އަޔާން މަންމަ ހިތްވަރުދޭ ފަދަ ގޮތަކަށް އަތުގައި އަތްލާފައި ކުޑަކޮށް ކޮށްޕައިލި އެވެ. އަހަރެން އެ ވަގުތު އަތްތިލަ ހުޅުވާލައިފައި ދިއްކޮށްލީމެވެ. އަޔާން އެ އަނގޮޓި އަޅުވާދީފައި މޫނުގައި ހިފަހައްޓާލުމުން ނިކަން ޖެހިލުންވި އެވެ. އަޔާން ކުރަން އުޅޭކަމެއް ނޭނގިފައި ހުއްޓާ ތުންފަތް ޖައްސައިލީ އަހަރެންގެ ކޯތާފަތުގަ އެވެ.

ވަށައިގެން ތިބި މީހުންގެ ތެރެއިން ބަޔަކު ތަރުހީބުގެ އަތްތިލަބަޑި ޖަހާތަން ފެނުނެވެ. ފޯނުން ކެމެރާ ކުރަންތިބި ބަޔަކު ވެސް ފެނުނެވެ. އަހަރެން ހުރީ އަވަހަށް އެތަނުން ދާން ބޭނުންވެފަ އެވެ.

ގެއަށް ދާން ކާރުގައި އިށީނުމާއެކު ހިޔާލުތައް ދަތުރުކޮށްފައި ދިޔައީ މަހެއްހާ ދުވަސްކުރިން ހޮސްޕިޓަލުގައި ހިނގި ހާދިސާއަށެވެ. ސަބާ އަޔާންގެ ގަމީހު މޭމަތީ ދެއަތުން ހިފާލައިގެން ހުރެ ކުރި އާދޭހުގެ އަޑު އެރޭ އިވުނެވެ.

އަހަރެންގެ މަތިން ހަނދާން ނައްތާލައިފައި ސަބާގެ ލޯބި ގަބޫލު ކުރުމަށް އެދި ފަހު ފަހަރަށް އެދުނީ އަހަރެންގެ ކުރިމަތީގަ އެވެ. އެއަށްފަހު ދެ މީހުން އަހަރެންނާ މާދުރަށް ގޮސް އާ ދިރިއުޅުމެއް ފަށަން ސަބާ ހުރީ ރާވައިގެންނެވެ. އެހިސާބުން ދެން އަހަރެންނަށް ހަގީގަތް އެނގުނަސް އޭނައަށް ފަރުވާލެއް ނެތެވެ.

އަޔާން ދެކޮޅު ހެދުމުން ސަބާ ފެށީ އަނެއްކާ ވެސް އިންޒާރު ދޭށެވެ. ދުވަހަކުވެސް އަހަރެންނާއި އަޔާން އެކުވާނެ ފުރުސަތެއް ނުދޭނެ ކަމަށް ބުންޏެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމުން ސަބާއަށް ފެންނަ ހިސާބަށް ގޮސް ހުއްޓުނީމެވެ. އޭނަގެ އަނގަ ބަންދުވީ ދެނެވެ.

ސަބާ މީގެ އެތަކެއް އަހަރު ކުރިން ވެސް އަހަންނަށް ވަފާތެރިއެއް ނުވެ އެވެ. އޭނަ އަހަންނަށް ދިނީ ލަނޑެވެ. އެކަން ރޭކައިނުލައި އަހަރެންގެ މުޅި ދިރިއުޅުން ހޭދަކުރީ އެކުވެރިކަން ދެމެހެއްޓުމުގަ އެވެ. ދެވަނަ ފަހަރަށް އޭނަގެ ބޭވަފާތެރިކަމާ ކުރިމަތިލާން ޖެހުނީ ހަގީގަތާ ވެސް އެކުގަ އެވެ. ހާސް ދުވަސް ފަހުން ސަބާގެ ފަތިފުށް އަހަރެންގެ ކުރިމައްޗަށް އައީ އެވެ.

އަޔާން ބޭނުންވި ފަދައިން ހަޤީޤަތް ހާމަވުމުން އޭނަ އެނބުރި ދާން ނިންމި އެވެ. އަހަރެން އެގޮތް ބޭނުންނަމަ އަދިވެސް އަހަރެންގެ އަތުގައި ހިފަން ތައްޔާރަށް ހުރިކަން ހާމަކޮށްފަ އެވެ.

އެ ރެއަށް ފަހު ހަފްތާއެއް ވަންދެން ސަބާ އަހަރެންގެ ކުރިމައްޗަށް ނައިސް އުޅުނެވެ. ދެން އައިފަހަރު އައީ އަހަރެންގެ ކިބައިން މާފަށް އެދޭށެވެ. ސަބާގެ އަމަލުތަކާ މެދު އޭނަ ލަދުގަނެ، ދެރަވެފައި ހުރިކަން ހާމަވި އެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ އެކުވެރިކަމާ ނުލާ އުޅެން ފެށުމުން އޭގެ އަގު ވަޒަން ކުރެވުނީ އެވެ.

ނޭނގުމުގެ ތެރޭގައި އަހަރެމެންގެ އެކުވެރިކަން ވަނީ ސަބާގެ ހިތުގެ ތެރެއަށް މޫ ފޭދިފަ އެވެ. އަހަރެން އޭނައަށް މާފުކުރީ އެ އެކުވެރިކަމުގެ ދިގު ތާރީހުގެ ހައްގުގަ އެވެ. އެކަމަކު ދެން އެ ގުޅުން ކުރިއަށް ނުގެންދާ ގޮތަށެވެ.

ހަތަރު އަހަރަށްފަހު އަހަންނާ އަޔާން ރާއްޖެ ދިޔައީ އަހަރުމެންގެ ދެ އަހަރުގެ ތުއްތު ދަރިފުޅާއެކުގަ އެވެ. ސަބާ ނުފެނުނަސް އޭނަގެ ވާހަކަ ލީނާ ކިޔައިދިނެވެ. ސަބާ އުޅެނީ އަދުހަމްއާ ކައިވެނިކޮށްގެންނެވެ. އެ މީހުންގެ ދެ ދަރިން ވެސް ތިބެއެވެ. އެކަމަކު އަދުހަމްގެ ދިރިއުޅުމުން ހުރީ އަދިވެސް ކުރިއެކޭ އެއްފަދައިންނެވެ. ސަބާފަދަ ވިސްނޭ ކުއްޖަކު އަދުހަމް ފަދަ ޒުވާނަކާ އިނުމުން އަހަރެން ދެރަވި އެވެ. އެކަމަކު އެއީ މިހާރު އޭނަގެ ދިރިއުޅުމެވެ.

ސަބާ އަހަރެންގެ ލޯތްބަށް ހުރަހަކަށް ވެގެން އެތައް އަހަރެއް ވަންދެން ހުރި ހުރުމަށްފަހު އަހަރެންނަށް އަހަރެންގެ ޔާރު ލިބިއްޖެ އެވެ.

އެ ޔާރަކީ އަޔާން އެވެ.

ނިމުނީ