"ޗަވަންޕްރާޝް" ގައި ދެބެއިންގެ ދެ ދަރިން

ހާޝްވްރަދަން ކަޕޫރަކީ އެކްޓަރު އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅެވެ. އަރްޖުން ކަޕޫރަކީ އަނިލްގެ ބޭބެ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ފިރިހެން ދަރިފުޅެވެ. މި ޒުވާން ދެ ތަރިން އެއް ފްރޭމަކުން ދެކިލަން ބޭނުންވާ މީހުންނަށް މިއޮތީ ހަދިޔާއެކެވެ.


ބޮޑުބޭބެ އަނިލްއާ އެކު މިދިޔަ އަހަރު ރިލީޒް ކުރި "މުބާރަކަން" ގައި މަސައްކަތް ކުރުމަށް ފަހު، އަރްޖުން މިހާރު ވަނީ ހާޝްގެ ފިލްމަކަށް ހާއްސަ ލަވައެއް ކުޅެފަ އެވެ.

މި މަހުގެ 25 ގައި ރިލީޒް ކުރާ ހާޝްގެ ދެވަނަ ފިލްމް "ބަވޭޝް ޖޯޝީ" ގައި ހިމެނޭ ލަވަ "ޗަވަންޕްރާޝް" އިން އަރުޖުން އާއި ހާޝް އެކުގައި ފެނިގެން ދާނެ އެވެ. ލަވަ ހާއްސަ ވަނީ ދެބެއިންގެ ދެދަރިން އެކުގައި ސްކްރީނުން ފެނިލާ ފުރަތަމަ މަސައްކަތަށްވާތީ އެވެ.

ލަވައިގެ ވީޑިއޯ ލިންކް ހާޝް ޓްވީޓްކޮށްފައި.

އަރުޖުން ހުރީ ހާޝްގެ ފިލްމްގައި ހިއްސާވެލަން ފުރުސަތު ލިބުމުން ވަރަށް އުފަލުންނެވެ. އޭނާގެ މަޖާ ޑާންސް މޫވްތަކެއް "ޗަވަންޕްރާޝް" ލަވައިން ފެނިގެން ދާނެ އެވެ.

ސުޕަހީރޯ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓް ކުރާ "ބަވޭޝް ޖޯޝީ" އަކީ "ލުޓޭރާ" ގެ ޑައިރެކްޓަރު ވިކްރަމަދަތިޔާ މޮޓްވާނޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ 2016 ގައި ފިލްމް "މިރްޒިޔާ" އިން ބޮލީވުޑަށް ތައާރަފުވުމަށް ފަހު ހާޝް ފެނިގެންދާ ދެވަނަ ފިލްމެވެ.

އޭނާގެ ކުރިއަށް ދެން އޮތް ފިލްމަކީ ބައްޕަ އަނިލްއާ އެކު ކުޅޭ ފިލްމެކެވެ.