"ޝަމްޝޭރާ" ގައި ރަންބީރްގެ ބަތަލާއަކީ ވާނީ ކަޕޫރް

ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއް ނޫނީ ކުޅެން ނުލިބޭ ބަތަލާ ވާނީ ކަޕޫރް، އެ ސްޓޫޑިއޯ އިން ދާދި ފަހުން އިއުލާން ކުރި ރަންބީރް ކަޕޫރާއި ސަންޖޭ ދަތުގެ އެކްޝަން/އެޑްވެންޗަ ފިލްމް "ޝަމްޝޭރާ" ގެ ބަތަލާގެ ރޯލަށް ސޮއިކޮށްފި އެވެ.


ވާނީ ފިލްމަށް ސޮއިކުރިކަން ވައިއާރްއެފުން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އަދި މިކަމާ ބެހޭ ގޮތުން "ޝަމްޝޭރާ" ގެ ޑައިރެކްޓަރު ކަރަން މަލްއުތުރާ ބުނީ ރަންބީރާ އެކު ވާނީ ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ވާނީ، 29، ފިލްމަށް ނެގީ އޭނާ އަށް ހުށަހެޅި ރޯލަށް ފިޓްވާލެއް ބޮޑުކަމުންނެވެ. އަދި މި ފިލްމުން ރަންބީރާއި ވާނީ އެކުގައި ސްކްރީނުން އަލަށް ފެނިގެންދާތީ އެ ދެ މީހުންގެ ކެމިސްޓްރީ ވެސް ޝައުގުވެރި ވާނެ ކަމަށް ކަރަން ބުންޏެވެ.

ވައިއާރްއެފްގެ ޓްވީޓް.

ވައިއާރްއެފުން 2013 ގައި ރިލީޒް ކުރި "ޝުދް ދޭސީ ރޮމޭންސް" އިން ބޮލީވުޑަށް ތައާރަފުވި ވާނީ އެންމެ ފަހުން ކުޅުނީ ވެސް ވައިއާރްއެފްގެ ފިލްމެކެވެ. އެއީ އަދިތިޔާ ޗޯޕްޅާ 2016 ގައި ގެނެސް ދިން "ބޭފިކްރޭ" އެވެ. "ޝަމްޝޭރާ" އަށް ވާނީ ސޮއި ކުރި އިރު، އެ ސްޓޫޑިއޯ އިން އިއުލާންކޮށްފައިވާ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ އެކްޝަން ފިލްމްގެ ބަތަލާއަކީ ވެސް ވާނީ އެވެ.

އޮކްޓޯބަރު 2، 2019 އަށް ތާވަލުކޮށްފައިވާ އެކަމަކު އަދި ވަކި ނަމެއް ދީފައި ނުވާ އެ ފިލްމްގެ ޑައިރެކްޓަކީ "ބޭންގް ބޭންގް" ގެ ޑައިރެކްޓަރު ސިދާތު އާނަންދު އެވެ.