"މިސްޓަ އިންޑިއާ" ގެ ދެވަނަ ބައެއް ނަހަދާނެ

"މިސްޓަ އިންޑިއާ" އަކީ ސްްރީދޭވީ އާއި އަނިލް ކަޕޫރްގެ އެންމެ ކާމިޔާބު އެ ފިލްމެވެ. ޝޭކަރް ކަޕޫރް 1987 ގައި ޑައިރެކްޓް ކުރި މި ސައިންސް ފިކްޝަން ފިލްމްގެ ދެވަނަ ބައެއް ހަދަން އެކި ދުވަސްވަރު ވާހަކަތައް ދެކެވުނެވެ.


އެގޮތުން ސްރީދޭވީ މިދިޔަ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވުމާ ހަމައަށް ވެސް "މިސްޓަ އިންޑިއާ" ގެ ސީކްއެލްއެއްގެ ވާހަކަ އޮތީ ދެކެވިފަ އެވެ. އަދި އެ ފިލްމް ހަދަން ސްރީދޭވީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރް ވެސް ވަރަށް ބޭނުންވި އެވެ.

އެކަމަކު މިހާރު "މިސްޓަ އިންޑިއާ" ގެ ދެވަނަ ބައެއް ފެނުމުގެ އުންމީދު މި ވަނީ ގެއްލިފަ އެވެ. ޝޭކަރް ބުނި ގޮތުގައި ސްރީދޭވީއާ ނުލައި އެ ފިލްމެއް ނެހެދޭނެ އެވެ. އެހެންވެ އޭގެ ދެވަނަ ބައެއް ހެދުމުގެ ހިޔާލު އޭނާ އެއްކޮށް ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

"އަހަރެން މިސްޓް އިންޑިއާގެ ސީކްއެލް ޑައިރެކްޓެއް ނުކުރާނަން. ސްރީދޭވީ މިހާރު ދުނިޔޭގައި ނެތުމާ އެކު، އެ ފިލްމް ހެދުމާ ބެހޭ ގޮތުން މިހާރު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތް،" ޝޭކަރް ބުންޏެވެ. "އެ ފުރިހަމައެއް ނުވާނެ ސްރީދޭވީއާ ނުލައެއް."

ޝޭކަރް ބުނި ގޮތުގައި "މިސްޓަ އިންޑިއާ" ގެ ސީކްއެލްއާ ދޭތެރޭ ބޯނީ މިހާރު ގެންގުޅޭ ޕްލޭންތަކެއް އޭނާއަކަށް ނޭނގެ އެވެ. އަދި ސްރީދޭވީއާ ނުލައި "މިސްޓަ އިންޑިއާ" އެއްޗަކަށް ނުވާނެ ކަމަށް ބުންޏެވެ.

"މިސްޓަ އިންޑިއާ" ގެ ލަަވައެއް.

"މިސްޓަ އިންޑިއާ" އެންމެ މުހިއްމު ތިން ކެރެކްޓާ ކުޅުނު ތަރިންނަށް ބަލާ އިރު، ދުނިޔޭގައި މިހާރު ހުރީ އަނިލް، 61، އެކަންޏެވެ. އެ ފިލްމްގައި މަޝްހޫރު "މޮގެމްބޯ" ގެ ކެރެކްޓާ ކުޅުނު އަމްރިޝް ޕޫރީ ވެސް މަރުވިތާ މިހާރު އެތައް އަހަރެއްވެއްޖެ އެވެ.

"މިސްޓަ އިންޑިއާ" ގެ ސީކްއެލްއެއް ބޯނީ ހަދާނެކަން އަދި ނޭނގުނަސް ސްރީދޭވީ އަށް ހާއްސަކޮށްގެން އޭނާ ޕްރޮޑިއުސް ކުރާ ޑޮކިއުމަންޓްރީއެއް ޑައިރެކްޓް ކުރަން ޝޭކަރަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެއަށް ކިޔާނެ ނަންތަކެއް ވެސް ދާދި ފަހުން ރަސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ސްރީދޭވީ"، "ސްރީ" އަދި "ސްރީ މޭމް" ހިމެނެ އެވެ.