އެކްޓް ކުރަން ބޭނުން: މޭގަން ޓްރެއިނޯ

ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ކަމަށް ވިޔަސް އެކްޓްކުރަން ވަރަށް ބޭނުންވާ ކަމަށް ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ މޭގަން ޓްރެއިނޯ ބުނެފި އެވެ.


އޭނާ ބުނި ގޮތުގައި އެކްޓް ކުރުމަކީ ވަރަށް ކުޑައިރުއްސުރެ ވެސް ޝައުގުވެރިކަން ހުންނަ ކަމަށެވެ. މިހާތަނަށް އަދި އެކްޓް ކުރަން ފުރުސަތު ނުލިބުނަސް މޭގަން ވަނީ ދާދި ފަހުން ރިލީޒް ކުރި އެމީ ޝޫމާގެ ފިލްމް "އައި ފީލް ޕްރެޓީ" އަށް ލަވައެއް ކިޔައި ދީފަ އެވެ.

މޭގަން ބުނި ގޮތުގައި ޝޫމާއަކީ އަބަދު ވެސް އޭނާ ވަރަށް ގަޔާވާ ބަތަލާއެކެވެ. އަދި "އައި ފީލް ޕްރެޓީ" އަށް އޭނާ ކިޔައި ދިން "މީ ޓޫ" އިން ޝޫމާ ފެނުމުން އެކްޓް ކުރުމުގެ ޝައުގު އިތުރަށް ބޮޑުވެފައިވާ ކަމަށް ބުންޏެވެ. މެގަން ބުނި ގޮތުގައި ޝޫމާގެ ފިލްމަށް ލަވައެއް ކިޔަން ފުރުސަތު ލިބުމުން ވަރަށް އުފާ ވެސް ވި އެވެ.

"އެކްޓް ކުރާނެ ފުރުސަތެއް ބޭނުން ވަނީ. މުހިއްމެއް ނޫން އަލަށް ފަށައި ގަންނަ އިރު، ކޮންމެހެން ލީޑް ރޯލެއް. ކުޑަކުޑަ ރޯލްތަކުން ފަށައިގެން ގޮސް، ބޮޑެތި ރޯލްތަކާ ހަމައަށް ދާން ބޭނުން ވަނީ،" މޭގަން، 24، ބުންޏެވެ. "މިސާލަކަށް މިއުޒިކަލް ޓީވީ ޝޯއެއް ކަހަލަ އެއްޗެއް ކުޅެލެން ބޭނުންވޭ."

އޭނާ ބުނި ގޮތުގައި "ގްލީ" އާއި "ސްކްރީމް ކްއީން" ފަދަ ސިލްސިލާތައް ގެނެސް ދިން ރަޔަން މާފީ ކަހަލަ މީހަކާ އެކު މަސައްކަތްކޮށްލަން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެވެ އެވެ.

މޭގަން ދާދި ފަހުން ނެރުނު ސިންގަލް "ނޯ އެކްސްކިއުޒެސް".

"އަހަރެން ނުބުނާނަން އަހަރެން މާ މޮޅު ބަތަލާއަކަށް ވެދާނޭ. ޝައުގުވެރިކަން ހުންނާތީ އެކްޓް ކުރަން ބޭނުން ވަނީ،" މޭގަން ބުންޏެވެ. "ރަޔަން މާފީގެ ކަހަލަ މީހަކާ އެކު މަސައްކަތްކޮށްލަން ލިބޭނެ އުންމީދު ކުރަން."

ދެހާސް ނުވައަކުން ފެށިގެން ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މޭގަން ވަނީ މިހާތަނަށް ދެ އަލްބަމް ވެސް ނެރެފަ އެވެ. އެއީ ޓައިޓްލް (2015) އާއި ތޭންކް ޔޫ (2016) އެވެ. އަދި އޭނާ އަންނަނީ ތިން ވަނަ އަލްބަމެއް ނެރެން ވެސް ތައްޔާރުވަމުންނެވެ.