ރިތިކް ރޯޝަނާ އެކު ރޯހިތު ދަވަންގެ ފިލްމްގައި ޑިޝާ ޕަޓްނީ

ދާދި ފަހުން ރިލީޒް ކުރި ކާމިޔާބު ފިލްމް "ބާގީ 2" އަށް ފަހު، ޒުވާން ބަތަލާ ޑިޝާ ޕަޓްނީ އަށް ލިބޭ ފުރުސަތުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.


ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާގެ "ބާރަތު" ގެ ރޯލަކަށް ސޮއި ކުރުމަށް ފަހު، ޑިޝާ އަށް އަނެއްކާ ވެސް ވަރުގަދަ ތަރިއަކާ އެކު ފިލްމެއް ކުޅެން ފުރުސަތެއް ލިބިއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން އާ ފިލްމަކަށް ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމް ވަނީ ރިތިކް ރޯޝަނަށް ހުށަހަޅައިފަ އެވެ.

ފިލްމްގެ ބަތަލާގެ ރޯލް މިހާރު ވަނީ ޑިޝާ އަށް ހުށަހަޅައިފަ އެވެ. އެކަމަކު މިކަން އަދި ރޯހިތާއި ޑިޝާ ވެސް ޔަގީންކޮށެއް ނުދެ އެވެ.

ސަލްމާން، ޑިޝާ އަށް މަރުހަބާ ކިޔާފައި.

ރޯހިތު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ކޮއްކޮ ވަރުން އާއި ޖޯން އަބްރަހަމް އަދި ޖެކްލިން ފެނާންޑޭޒް ލީޑް ރޯލް ކުޅުނު 2016 ގެ ފިލްމް "ޑިޝޫމް" އެވެ.

ސައުތު ފިލްމް އިންޑަސްޓްރީން ވިދައިލުމަށް ފަހު، 2016 ގައި ފިލްމް "އެމްއެސް ދޯނީ: ދިން އަންޓޯލްޑް ސްޓޯރީ" އިން ބޮލީވުޑްގައި ފިޔަ ޖަހަން ފެށި، ޑިޝާއަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ރީތި ބަތަލާއިންގެ ތެރެއިން އެކެކެވެ. ރިތިކް، 44، އެކު ފިލްމެއް ކުޅެން ޑިޝާ، 25، އަށް ފުރުސަތެއް ލިބުނު އިރު، ލޯބިވެރިޔާ ޓައިގާ ޝްރޮފާއި ރިތިކް އެކުގައި ކުޅޭ ފިލްމެއް ވެސް އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ.

ޑިޝާގެ "ބާގީ 2" އާއި "އެމްއެސްދޯނީ" އަކީ 100 ކްރޯޑް ކުލަބުން ޖާގަ ހޯދާފައިވާ ދެ ފިލްމް ވެސް މެ އެވެ. އަދި މިދިޔަ އަހަރު ރިލީޒް ކުރި ޗެކީ ޖަންގެ "ކުންގް ފޫ ޔޯގާ" ގެ ރޯލަކުން ވެސް އޭނާ ފެނިފައިވެ އެވެ.

ރިތިކް: ރޯހިތުގެ އާ ފިލްމް ވަނީ އޭނާ އަށް ހުށަހަޅާފައި.

ރިތިކް މިހާރު ވިކާސް ބާލްގެ "ސުޕަ 30" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓް ކުރާ ސުޕަހީރޯ ފިލްމް "ކްރިޝް 4" އަކީ ކުރިއަށް ޕްލޭންކޮށްފައި އޮތް ފިލްމެކެވެ.

އަންނަ އަހަރު ކުރީކޮޅު ރިލީޒް ކުރާ "ސުޕަ 30" އަކީ އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދް ކުމާރްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.