ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް އުޅެނީ ރައްޓެހިވެގެން؟

އެއް ބަޔަކު ބުނަނީ ޕްރިޔަންކާ ޗޯޕްޅާ ކައިވެނި ކުރިޔަސް އިންޑިއާ މީހަކާ އޭނާ ކައިވެނި ކުރުން ވަރަށް ދުރު ކަމަށެވެ. ސަބަބަކީ ޕްރިޔަންކާ އަމިއްލަ މަސައްކަތުން ހޯދި "ހައި ޕްރޮފައިލް" ދިރިއުޅުމާ ހުރެ އެވަރުގެ، ދިރިއުޅުމެއް ދަމަހައްޓައި ދެވޭނެ ވަރުގެ ފިރިއަކު އިންޑިއާ އިން ލިބޭނެ ކަމަށް ގަބޫލު ނުކުރެވުމެވެ. އަނެއްކޮޅުން ޕްރިޔަންކާގެ ބައްޕަ ދީފައިވާ އަގުބޮޑު ޖަވާހިރު އަނގޮޓިއަކާ ގުޅިގެން އޭނާ ބުނެފައި ވަނީ އިންނަން ވާނީ އެ އަނގޮޓި އަށް ވުރެ އަގުބޮޑު އަނގޮޓިިއެއް ދެވޭ ވަރުގެ މީހަކާ ކަމަށް ބައްޕަ ބުނެފައިވާ ކަމަށެވެ.


ޓީވީ ސިލްސިލާ "ކްއަންޓިކޯ" އާ އެކު ހޮލީވުޑަށް ހިޖުރަ ކުރި ފަހުން، އޭނާގެ ދިރިއުޅުމާއި މަސައްކަތުގެ ބޮޑުބައި މިހާރު އޮތީ އިންޑިއާ އިން ބޭރުގައި އެމެރިކާގަ އެވެ. އެހެންވެ ޕްރިޔަންކާ ލޯބިވެރިއަކު ހޯދާނީ އިންޑިއާ ބޭރުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެކަމަކު 35 އަހަރުގެ ބަތަލާގެ ލޯބީގެ ވާހަކަތަކީ އެހާ އާންމު ނޫން ވާހަކަތަކެވެ. ނަމަވެސް މީޑިއާތަކުގައި މިހާރު އަންނަނީ ޕްރިޔަންކާ ލޯބީގެ ވާހަކަތަކެއް ރިޕޯޓް ކުރަމުންނެވެ، އެގޮތުން އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ނިކް ޖޯނަސް، 25، އާއި ޕްރިޔަންކާ ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މިހާރު ވަރަށް ހޫނެވެ

އެ ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓްގެ ރެޑްކާޕެޓުންނެވެ. ރެޑް ކާޕެޓަށް ދެ މީހުންނަށް ދެވުނީ ރާލްފް ލޯރެންގެ ފަރުމާތަކާ އެކުގަ އެވެ. އެހެންވެ އެއީ "ބަހަނާއަކަށް" ހަދާފައި ދެ މީހުން އެކުގައި ފޮޓޯ ވެސް ނެގި އެވެ.

ނިކް ޖޯނަސްގެ ޓްވީޓެއް.

ނިކް ޖޯނަސްއާ ބެހޭ ގޮތުން އޭރު މަޝްހޫރު ޓީވީ ހޯސްޓް ޖިމީ ކިމެލް ކުރި ސުވާލަކަށް ޕްރިޔަންކާ ބުނީ ދެ މީހުންނަށް ރާލްފް ލޯރެންގައި ދެވުމުން އެއީ މަޖާ ކަމަކަށްވީ ކަމަށެވެ. އަދި ނިކް އަށް ކިތައް އަހަރުތޯ އާއި އޭނާ 11 އަހަރުތޯ ވެސް މަޖަލަކަށް ހަދާފައި ޕްރިޔަންކާ ސުވާލު ކުރި އެވެ.

އޭގެ ފަހުން މިހާރު ނިކާއި ޕްރިޔަންކާގެ ވާހަކަ މިހާ ބޮޑަށް ދެކެވެން ފެށީ ރައްޓެހިންތަކަކާ އެކު ކުރި ޗުއްޓީ ދަތުރެއްގެ ތެރޭގައި ޔޮޓެއްގައި ދެ މީހުން ތިބި ގޮތުންނެވެ. ޕްރިޔަންކާ އިނީ އިށީނދެގެން ނިކްގެ ގައިގައި ތަތްވެގެން ކަހަލަ ގޮތަކަށް އޭނާގެ ކޮނޑުގައި ބޯ ވެސް އަޅައިގެންނެވެ.

ޕްރިޔަންކާ އާއި ނިކްގެ ގާތް ބައެއް މީހުންނާ ހަވާލާދީ ޔޫއެސް ވީކްލީން ބުނި ގޮތުގައި ދެ މީހުން އުޅެނީ ރައްޓެހިވެގެންނެވެ. އެކަމަކު ދެ މީހުންނަކީ ވަރަށް ޕްރައިވެއިޓް ދެ މީހުންނަށްވާތީ އެ ގުޅުން އާންމު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައިވެ އެވެ.

ނިކް އާއި ޕްރިޔަންކާ އެކުގައި މެޗެއް ބަލައިލަން ދަނީ.

ޕްރިޔަންކާއާ ބެހޭ ގޮތުން ނިކް ބުނީ އެ ދެ މީހުންގެ މެދުގައި ގާތް އެކުވެރި ކަމެއް އުފެދުނީ ދެ މީހުންގެ ރައްޓެއްސެއްގެ ފަރާތުން ކަމަށެވެ. އަދި ޕްރިޔަންކާގެ އުފަން ގައުމަށް ދުވަހަކު އަދި ނުދާ ކަމަށާއި އިންޑިއާ އަށް ޒިޔާތަތްކޮށްލުމުގެ ޝައުގުވެރިކަން ވެސް ބޮޑު ކަމަށް ނިކް ބުނެފައިވެ އެވެ.

ނިކާއި ޕްރިޔަންކާގެ ގުޅުމަކީ ތެދަކަށްވެއްޖެ ނަމަ ޔަގީނުން ވެސް ގިނަ ބައެއްގެ ފާޑު ކިޔުންތައް ޕްރިޔަންކާ އަށް އަމާޒު ވާނެ އެވެ. އެއީ އޭނާ އަށް ވުރެ ހަގު މީހަކާ ލޯބީގެ ގުޅުމެއް ބާއްވާތީ އެވެ. މި ކަހަލަ ގުޅުންތަކަށް މިހާރު ވެސް ސޯޝަލް މީޑިއާގައި ކުރާ މަލާމާތްތައް ގިނަ އެވެ.

ޕްރިޔަންކާ އާއި ނިކްގެ އުމުރުގައި 10 އަހަރުގެ ފަރަގެއް އެބަ ހުއްޓެވެ. ޕްރިޔަންކާ ކުރިން ލޯބީގެ ގުޅުން ބޭއްވި ތަރިންގެ ތެރޭގައި އަކްޝޭ ކުމާރް، ޝާހިދު ކަޕޫރް، ޝާހްރުކް ހާން އަދި ހޮލީވުޑްގެ އެކްޓަރު ޖެރަޑް ބަޓްލާ ހިމެނެ އެވެ.