އާތިޔާ ޝެޓީ ދެން ކުޅޭނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ރޯލް

ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ މިހާތަނަށް ދެ ފިލްމަކުން ބެލުންތެރިންނަށް ހުނަރު ދައްކާލައިފި އެވެ. އެއީ ފިލްމް "ހީރޯ" އާއި "މުބާރަކަން" އިންނެވެ. އެކަމަކު ކެރިއަރުގެ ކުލަ އަދި އެހާ ގަދަކޮށެއް ނުފެނެ އެވެ. މާ ރަނގަޅު ހުށަހެޅުންތަކެއް ވެސް އޭނާ އަށް ލިބޭ ތަނެއް ނުފެ އެވެ.


ނަމަވެސް މިހާރު މިއޮތީ އާތިޔާގެ ތިން ވަނަ ފިލްމެއްގެ ވާހަކަ އެވެ. ފިލްމްގެ ނަމަކީ "ހޯޕް ސޯލޯ" އެވެ. މިއީ ކަޝްމީރުގެ މަޝްހޫރު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އަފްޝާން އާޝިގްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމްގައި އާތިޔާ ކުޅޭނީ އަފްޝާންގެ ރޯލެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް އާތިޔާ ވަނީ ފަށައިފަ އެވެ.

"ހޯޕް ސޯލޯ" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މަނީޝް ހަރީޝަންކަރް އެވެ. އޭނާ ވަނީ އެސިސްޓަންޓެއްގެ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރް ހިރާނީއާ އެކު މަސައްކަތްކޮށްފަ އެވެ.

އަފްޝާން އާޝިގް: "ހޯޕް ސޯލޯ" ގައި އޭނާގެ ވާހަކަ ކިޔައި ދޭނެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި އަފްޝާންގެ ވާހަކަ އަށް ފިލްމެއް ހަދަނީ މީގެ ރައިޓްސް އޮތް، ގުލްޝަން ގްރޯވާގެ ފިރިހެން ދަރިފުޅު ސަންޖޭ ގްރޯވާއާ ގުޅިގެންނެވެ. އަދި "ހޯޕް ސޯލޯ" ގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ޕްރިޔަންކާ ޗޯޕްޅާގެ "މޭރީ ކޮމް" އާއި ސޯނަމް ކަޕޫރްގެ "ނީރްޖާ" ގެ ސްްކްރީންޕްލޭ ލިޔުނު ސައިވީން ކްއަޑްރަސް އެވެ.

"ހޯޕް ސޯލޯ" ގެ ޝޫޓިން ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.