ޖިންސީ ފުރައްސާރައިގެ ތުހުމަތާއެކު ޕިކްސާގެ ބާނީ ކުންފުނި ދޫކޮށްލަނީ

މަޝްހޫރު އެނިމޭޝަން ކުންފުނި ޕިކްސާ އާއި ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯގެ ޗީފް ކްރިއޭޓިވް އޮފިސަރު ޖޯން ލެސެޓާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމާ އެކު މަގާމު ދޫކޮށްލަން ނިންމައިފިއެވެ.


ލެސެޓާގެ ފުށުން ތަޖުރިބާކުރެވިފައިވާ އަހުލާގީ މައްސަލަތަކުގެ ވާހަކަ ބައެއް މުވައްޒަފުން މިދިޔަ އަހަރު މީޑިއާތަކަށް ތިލަކޮށްލުމާ ގުޅިގެން އޭނާ ވަނީ އެއިން އެއްވެސް ކަމެއްގައި ގޯސް ނިޔަތެއް ނެތް ކަމަށާއި ކުށެއް ކުރެވިފައިވާ ނަމަ މާފަށް އެދޭކަމަށް ބުނެފައެވެ.

އެ މައްސަލަގަނޑަށްފަހު މިވަގުތު ހަ މަސްދުވަހުގެ ޗުއްޓީއެއްގައި ހުރި ލެސްޓާގެ ނިންމުން ހާމަކޮށް ޑިޒްނީން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ، ޑިޒްނީ އާއި ޕިކްސާ ދޫކޮށްލި ނަމަވެސް އެކި ކަންކަމުގައި ލަފާދިނުމަށް ޑިސެންބަރާ ހަމައަށް އޭނާ ހުންނާނެ ކަމަށެވެ.

ތިޔައީ އަހަރެންގެ މުޅި ދުނިޔެ. އެއްވެސް މީހަކަށް އަހަރެންގެ ފުށުން އުނދަގުލެއް ދެރައެއް ވެފައިވާ ނަމަ ނިހާޔަތަށް މާފަށް އެދެން: ޖޯން ލެސެޓަ

ލެސެޓާ ނެތް ތަން ފޫބައްދަން ގެންނާނީ ކޮންބައެއްކަން ޑިޒްނީން އަދި ހާމަކޮށްފައި ނުވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯގެ ސީއޯއޯ ކަމާ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ "ފްރޯޒެން" ގެ ޑައިރެކްޓަރު "ޖެނިފާ ލީ" އެވެ. ޕިކްސާގައި އެ މަގާމު ފުރާނީ "އަޕް" އާއި "އިންސައިޑް އައުޓް" ގެ ޑައިރެކްޓަރު "ޕީޓް ޑޮކްޓަ" އެވެ.

ޕިކްސާގެ އެއް ބާނީ ކަމުގައިވާ ލެސެޓާ އަކީ އެނިމޭޝަން އިންޑަސްޓްރީ އަށް އިންގިލާބެއް ގެނުވި ޓޯއީ ސްޓޯރީ، އަ ބަގްސް ލައިފް އަދި ފައިންޑިން ނީމޯ ފަދަ އެތައް ފިލްމެއްގެ މޭސްތިރިޔާ އެވެ.

އޭނާގެ އުފެއްދުންތެރި ތަފާތު ހިޔާލުތަކާއި އުކުޅުތަކުގެ އެހީގައި އެނިމޭޝަން އިންޑަސްޓްރީގެ ތާޖު ޕިކްސާގެ ބޮލުގައި އަޅުވައި ދީފައިވާއިރު 2006 ވަނަ އަހަރު ޕިކްސާ ގަތް ފަހުން ޑިޒްނީން ނެރުނު ކާމިޔާބު އެނިމޭޓެޑް ފިލްމުތަކުގެ ފަހަތުގައި ވެސް ހުރީ އޭނާ އެވެ.

މި ކާމިޔާބީތަކާއެކު ލެސެންޓާ މަޝްހޫރުވެފައިވަނީ މި ޒަމާނުގެ "ވޯލްޓް ޑިޒްނީ"ގެ ގޮތުގައެވެ.