ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް އަނެއްކާ ވެސް ސަލްމާން ހާނަށް ހުށަހަޅައިފި

ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް އަނެއްކާ ވެސް ސަލްމާން ހާނަށް ހުށަހަޅައިފި އެވެ.


އެކަން ސަލްމާން ކަށަވަރުކޮށްދިިން ނަމަވެސް، އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް އޭނާ ބުންޏެވެ.

"ސަންޖޭއާ އެކު އަހަރެން ވަނީ ސްކްރިޕްޓް ނެރޭޝަން ސެޝަނެއް ބާއްވާފައި. އެކަމަކު އޭގެ ތަފުސީލަކަށް ދާން އަދި މާ އަވަސް،" މީޑިއާތަކަށް ސަލްމާން ބުންޏެވެ.

ބަންސާލީއާ އެކު މީގެ ކުރިން ތިން ފިލްމެއްގައި ސަލްމާން މަސައްކަތްކޮށްފައިވެ އެވެ. އެއީ ހާމޯޝީ (1996)، ހަމް ދިލް ދޭ ޗުކޭ ސަނަމް (1999) އަދި ސާވަރިޔާ (2007) އެވެ. މި ތިން ފިލްމްގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ ސަލްމާނާއި އޭނީގެ ކުރީގެ ލޯބިވެރިޔާ އައިޝްވާރިޔާ ރާއީ އެކުގައި ކުޅުނު "ހަމް ދިލް ދޭ ޗުކޭ" ސަނަމް" އެވެ.

ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރް ބޮލީވުޑަށް ތައާރަފު ކުރި ފިލްމް "ސާވަރިޔާ" ގައި ސަލްމާން ކުޅުނީ ކުރުކުރު ހާއްސަ ފެނިލުމެކެވެ.

ބަންސާލީ: އިންޑިއާގެ އެންމެ މޮޅު އެއް ޑައިރެކްޓަރު.

ބަންސާލީގެ ފިލްމެއް ސަލްމާނަށް ހުށަހެޅި އިރު، އޭނާގެ ޝެޑިއުލް މި ވަގުތު ވަރަށް ބިޒީ އެވެ. އެގޮތުން "ދަ-ބަންގް ރިލޯޑެޑް" ޓުއާގައި އެމެރިކާގައި ޝޯތަކެއް ދޭން ފުރަން ތައްޔާރުވަމުން އަންނަ އިރު، ޓުއާ އަށް ފަހު، އަލީ އައްބާސް ޒަފަރުގެ "ބާރަތު" އާއި ޕްރަބޫދޭވާގެ "ދަބަންގް 3" ގެ ޝޫޓިން ފަށާނެ އެވެ.

އަދި ސޮނީން މިހާރު ދައްކާ ޝޯ "ދަސް ކާ ދަމް" ވެސް ސަލްމާން އަންނަނީ ހޯސްޓް ކުރަމުންނެވެ.

އޭނާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ރޭސް 3" އިންނެވެ.

ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓަކާ ބެހޭ ގޮތުން ސަލްމާން ބުނީ ސާޖިދު ނަދިއަދްވާލާގެ "ކިކް 2" ވެސް ޕްލޭންކޮށްފައި އެބަ އޮތް ކަމަށެވެ. އަދި އޭނާގެ ކޮއްކޮ ސުހައިލް ހާން ޑައިރެކްޓް ކުރާ "ޝޭރް ހާން" އާއި "ރޭސް 3" ގެ ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ޑާންސް ފިލްމެއް ވެސް ކުރިއަށް ރޭވިފައި އެބަ އޮތެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ ލަވައެއް.

"ކިކް ދޭއްގެ ސްކްރީންޕްލޭ އަދި މުޅިން ފައިނަލެއް ނުވޭ. އެހެންވެ އޭގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގޭ." 2015 ގައި ރިލީޒް ކުރި "ކިކް" ގެ ސީކްއެލްއާ ބެހޭ ގޮތުން ސަލްމާން، 52، ބުންޏެވެ.

އެކަމަކު 2009 ގައި ރިލީޒް ކުރި "ވޯންޓެޑް" އާއި 2005 ގައި ރިލީޒް ކުރި "ނޯ އެންޓްރީ" ގެ ސީކްއެލްތަކެއް ހަދާ ވާހަކަ މީޑިއާތަކުން ފެތުރި ނަމަވެސް، އެ ދެ ފިލްމެއްގެ ސީކްއެލްތަކެއް ހަދަން ހަމަޖެހިފައި ނުވާ ކަމަށް ސަލްމާން ބުންޏެވެ.

ބަންސާލީ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މި އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އެވެ.