ފަތިސްހަނދުވަރު

ބުރާސްފަތި ދުވަހާ ގުޅޭ


"އިންސާނުންނަކީ ވަރަށް ބުއްދިވެރި ބަޔެއް. ވަރަށް ހެއްވާ ވެސް ބަޔެއް. ދަރިފުޅަށް އެނގޭތަ އެ މީހުންގެ އުސޫލު؟ އެ މީހުން އާބާދުވާ ކޮންމެ ތަނެއް އެ މީހުން ކައި ހުސްކުރާނެ! ދެން ޖެހޭނީ ބަނޑަށް. ވެގެންވަންޏާ، ވަށައިގެން އެއޮތް ކަނޑު ވެސް އެއްފަހަރުން އެ މީހުން ދާއަޅާ ހުސްކޮށްލީސް. އެހެންވިޔަ ނުދޭން އިންސާނުން ބޭނުންކުރާނެ ކަންވާރު ކިޔާ އެއްޗެއް. އެއިން މަސްބާނާއިރު އެ މީހުން ގެންގުޅޭނެ މޮޅު އުކުޅެއް. މަސް މާ ގަދަހަދަންޏާ ކަންވާރު ދެމުމުގެ ބަދަލުގަ ދޫކުރާނީ."

މަޒްލާނަށް އެ ވާހަކަތަކުން ތަފާތު ވަހެއް ދުވަން ފެށިއެވެ. އެހެންވެ އަޑުއަހަން ހުއްޓެވެ.

"ކީއްކުރަންކަން އެނގޭތަ ދޫކުރަނީ؟" ބައްޕަ ބުންޏެވެ. "މަސް ވަރުބަލިކޮށްލަން. އެކަމަކު ވަކި ވަރަކަށް ދޫދީފަ ދެން ދަމައިގަންނާނީ. ކިތަންމެ ފަހަރަކު އެހެން ހަދާނެ. އެ މީހުން ގާތުގަ އުޅެއުޅެ ބައްޕައަށް ވެސް އެ އުކުޅު ދަސްވެއްޖެ! ބައްޕަ އަދި ފަހުން ދަމައިގަންނާނަމޭ! ދަރިފުޅު ހަމަޖެހިބަލަ!"

ބައްޕައަށް އިތުބާރުކުރުން މަޒްލާން ހުއްޓައިލައިފިއެވެ. އެކަމަކު އިތުބާރުކުރާކަން ދެއްކުން ނޫން އެހެން ގޮތެއް މަޒްލާނަކަށް ނެތެވެ.

"ކޮންއިރަކުން؟" މަޒްލާން އެހިއެވެ.

"ބައްޕަ ބުނީމެއްނު!" ޖިނާގެ ސިފައިގައި ހުރި ބައްޕަ ބުންޏެވެ. "ބައްޕަގެ މި ސިފަ ދެކެ ވެސް ލޯބިވާން ދަރިފުޅު ދަސްކޮށްބަލަ! މި ސިފަޔަށް ފަރިތަވެބަލަ! މާ ގިނަ ދުވަހެއް ނުވާނޭ!"

މަޒްލާން ވިސްނައިލިއެވެ. ބައްޕަޔާ ދެކޮޅަށް މަޒްލާނަށް ތެދުވެވިދާނެއެވެ. ހަނގުރާމަ ކުރެވިދާނެއެވެ. އެހާ ބާރު އެބަހުއްޓެވެ. އެހެންނަމަވެސް، ބަލިވާނީ މަޒްލާންކަން މަޒްލާނަށް ކަށަވަރެވެ. ބައްޕަ ހުރި ހިސާބާއި، ތަޖުރިބާގެ ކުރިމަތީގައި މަޒްލާނަކަށް ގަދައެއް ނުހެދޭނެއެވެ.

"އެންމެ ރަނގަޅު،" މަޒްލާން ބުންޏެވެ. "ތި ބުނާ ދުވަހެއް އައީމަ ދެން ބައްޕަ ކިހިނެއް ހަދާނީ؟"

މަޒްލާންގެ ސުވާލާ މެދު ބައްޕަ ވިސްނިތަން މަޒްލާނަށް ފެނުނެވެ. އެކަމަކު ޖަވާބެއް ނީވުނެވެ. ކުރަން އޮތް ކަންތައް ބޮޑީކަމެއް ނުވަތަ އެ ކަން ބައްޕަ ސިއްރުކުރަން ބޭނުންވީ ކަމެއް މަޒްލާނަކަށް ނޭނގުނެވެ.

މާފިލާފުށްޓަށް ކުރި ދަތުރަށް ފަހު ޒޫނާގެ ހާލަތު ގޯހެއް ނުވެއެވެ. ޖިނާއާއި ސަމަދުގެ ނަޒަރުގައި ޒޫނާ ރަނގަޅުވުމަކީ އެ މީހުން ކުރި އާ ތަޖުރިބާއަށް ލިބުނު ކާމިޔާބެކެވެ. އޮޅިގެން ވިޔަސް ޖިނާއާ ދިމާއަށް ޒޫނާ ހަޅޭއްލަވައިގަތުމަކީ ޒޫނާ ރަނގަޅުވެއްޖެ ކަމުގެ އެންމެ ވަރުގަދަ ހެތްކެވެ. ދެތިން ދުވަހު ޒޫނާ ރަނގަޅަށް ހުރެއްޖެ ނަމަ މާލެ ފޮނުވަން ވެސް ނިންމިއެވެ. ނިޝާ މާލެއަކަށް ނުދެއެވެ. ގާތް އެކުވެރިއެއްގެ ގޮތުގައި ގުރައިދޫގައި ހުރީއެވެ.

ޒޫނާ ރަނގަޅުވި ދުވަހުގެ ހަވީރު ބައިވަރު ފިނިފެންމާތަކެއް ސަމަދަށް ލިބުނެވެ. މާތައް ހުރީ ކުޑަކޮށް ކިލާވެފައެވެ. ސަމަދު ހުރިހައި މާތައް ދިނީ ޒޫނާއަށެވެ. ޒޫނާ އުފާވާ ކަހަލަ ކަމެއް ކުރުމަށް މަގުފަހި ކޮށްދިނުމުގެ ބޭނުމުގައެވެ. ފިނިފެންމާތައް ރީތިކުރުމަށް ޓަކައި ޕްލާސްޓިކު، ބޮޑު ދެ ތަށްޓަށް ފެންއަޅައިފައި އެ އަށް މާތައް އަޅައިގެން، އެއާ ކުޅެން ޒޫނާއާއި ނިޝާ ތިއްބެވެ. ޖޯލީގައި އިށީނދެގެން ތިބިއިރު ތަށި ބަހައްޓައިފައި ހުރީ އެ މީހުންގެ އުނގުމަތީގައެވެ. ކައިރީގައި ހުރި މޭޒެއްމަތީގައި މާޖަހާއެއްޗެއް ހުއްޓެވެ. ޒޫނާގެ މޫނުމަތިން އެ ދުވަހު ފެންނަނީ ކުރިން ނުފެންނަ ކަހަލަ ތާޒާކަމެކެވެ. އުފާވެރިކަމެކެވެ.

"އޭތް!" ނިޝާ ބުންޏެވެ.

އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން ޒޫނާ ބަލައިލިއެވެ.

"ކޯޗެއް ތި ވިސްނަނީ؟" ނިޝާ އެހިއެވެ.

"ދެން ވިސްނޭނެއްނު،" ޒޫނާ ކަންބޮޑުވެފައި ބުންޏެވެ. "ކިހާ ކަޑަ ކަމެއް އަހަންނަށް ކުރެވުނީ. އަހަރެން ރަނގަޅުކުރަން އޭނަ އެހާ ގިނަ ކަންތައް ކޮށްދިނީމަ ވެސް އޭނަޔާ ދިމާއަށް އަހަރެން.. ދެން އެހެންނެއްނު ވާނީ. އެ ސިފައިގަ އައިހޭ އޭނަ އަހަންނަށް ހުރިހާ އުނދަގުލެއް ކުރީ. މިހެން ބުންޏަސް މީހަކަށް ނުވެސް ވިސްނޭނެ އަހަރެން މި ކިޔާ އެއްޗެއް. އޭނަޔަށް އަހަރެން ދެ ދަރިން ވިހެއިމޭ! ގަބޫލުކުރެވޭތަ؟"

ޖިންނީންނަށް ދަރިން ލިބޭ ވާހަކައަކީ ނިޝާއަށް އާ ވާހަކައެއް ނޫނެވެ. ކިތަންމެ ބަޔަކު އެހެން ކިޔައެވެ. އެހެން މީހުން އެތައް ދަރިންނެއް ލިބުނު ވާހަކަ ބުނާއިރު އެއްވެސް ދަރިޔެއް ފެންނާކަށް ނުހުރެއެވެ. ޒޫނާއަށް ދެ ދަރިން ލިބުނު ވާހަކަ ބުނާއިރު އެއް ކުއްޖަކު ޒޫނާގެ ގޭގައި ހުއްޓެވެ. އެންމެންނަށް ފެނުނެވެ. ވަކި ހިސާބަކުން ގެއްލުނީއެވެ. ޖެނީގެ ނަމުން އެ ދަރިޔަށް ނަން ދީ ދަރިފުޅު ބޮޑުކުރި ފަހުންނެވެ. ޒޫނާގެ ބަހުން ނަމަ ޖިންނި އައިސް ދަރިފުޅު ގެންދިޔައީއެވެ. ޒޫނާ ކޮންމެހެން ނިޝާއަށް ދޮގުނަހަދާނެކަން ވެސް ނިޝާއަށް އެނގެއެވެ. އެހެންވިޔަސް، އެ ވާހަކަ ގަބޫލުކުރާކަށް ނިޝާއަކަށް ފަސޭހައެއް ނޫނެވެ.

"ތިކަން އެންމެ ރަނގަޅަށް އެނގޭނީ ޒޫނާއަށް،" ނިޝާ ދިނީ ޒޫނާގެ ހިތްމަރު ނުވާނެ ކަހަލަ ޖަވާބެކެވެ. "އެކަމަކު އަހަންނަށް ވެސް އެނގޭ ކަމެއް ބުނެފާނަން. ޒޫނާ އެއްފަހަރަކު ޖިނާގެ މޫނުގަ ވަކި ވެސް އެޅި. ޖިނާ ބުނީ. އެވަރުން ވެސް އޭނަ ބޭނުންވީ ޒޫނާ ރަނގަޅުކުރަން. އޭނަ ވަރަށް ކެތްގަދަ! އެނގޭތަ؟ އޭނަގެ އަންހެނުން މިހާރު އެހެރީ އޭނަގެ ބޮލަށްއަރާ ހިސާބުގަ. ހިޔެއްނުވޭ އެ ކައިވެނި ސަލާމަތްވާނެ ހެނެއް. އަޒޫ އުޅޭ ވައްތަރު އަހަރެންގެ ދެ ލޮލުން ދުށިން. އަޒޫއަކީ ޖިނާގެ ވައިފް އިނގޭ! އެކަމަކު ޖިނާ މަޑުކޮށްގެން އެހެރީ. އޭނަ މާލެ ދިޔަ ނަމަ ޒޫނާ އަދިވެސް ރަނގަޅެއް ނުވާނެ."

ޒޫނާއަށް ކުރެވުނު ކުށުގެ ބަރުދަން ޒޫނާއަށް އިހުސާސް ކުރެވުނެވެ.

"އަޅޭ!" ޒޫނާއަށް ބުނެވުނެވެ. "އެންމެންގެ ތެރޭގަ ދޯ އަހަރެން ހަޅޭއްލަވައިގަތީ! އަހަރެން ކިހާ ގޯސް. އޭނަ ދެން ނޭނގެ އަހަންނާ ވާހަކަދައްކާނެ ކަމެއް ވެސް."

އެ ވަގުތު އެ ދިމާއަށް ޖިނާ އަންނަ ތަން ނިޝާއަށް ފެނުނެވެ.

"އަހަންނަށް ވެސް ވަރަށް ކަޑަކަމެއް ކުރެވިއްޖެ!" ނިޝާ ބުންޏެވެ. "އަހަންނަށް ބުނެވިއްޖެ ޒޫނާ އަސްލު ލޯބިވީ އޭނަ ދެކެއޭ."

ޒޫނާއަށް ޝޮކެއް ލިބުނު ވަގުތު، މޭޒުމަތީގައި ތަށި ބަހައްޓައިފައި ނިޝާ ދުވެ ރައްކާވިއެވެ. އެ ދިމާއަށް ޒޫނާ ބަލައިލި ވަގުތު ފެނުނީ ޖިނާ އަންނަ ތަނެވެ. ޒޫނާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ފަތިސްހަނދުވަރުގެ ހަނދާންތައް އާވިއެވެ. އެއީ ޒޫނާ ލޯބިވާކަން އެނގިހުރެ ޖިނާޔާ ކުރިމަތިލާން ޖެހޭ ފުރަތަމަ ފަހަރެވެ. ތެދުވެގެން ދުއްވައިގަންނާކަށް ޒޫނާއަކަށް ނުކެރުނެވެ. އެ ތަނުގައި އިންނާކަށް ނުކެރުނެވެ. ޒޫނާއަށް ކުރެވުނުހާ ވެސް ކަމަކީ އިސްޖަހައިލުމެވެ. ޖިނާއަކީ ސައިކޮލޮޖީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހެކެވެ. ޒޫނާއަށް ކަންތައް ކުރެވުނު ގޮތާއި، ޙަޤީޤަތް އެނގުމުން ޒޫނާ ދެކޭނެ ގޮތް ޖިނާއަށް ވިސްނެއެވެ.

"ކޮންތާކަށް ނިޝާ އެ ދިޔައީ؟" ޖިނާ އައިސް ޒޫނާ ގާތަށް ހުއްޓިފައި ވަރަށް ސާދާ ރާގެއްގައި އެހިއެވެ.

"އެއީ ވަރަށް ގޯސް ނިޝާގަނޑެއް،" ފެންގަނޑާ ކުޅެމުން ޒޫނާ ބުންޏެވެ. "ހުރެބަލަ ނިކަން.."

ޒޫނާ ގާތުގައި ޖިނާ އިށީނެވެ. އެއީ، އެތައް އަހަރެއް ކުރިއްސުރެ ޒޫނާ އެންމެ ލޯބިވި މީހާއެވެ. ފެނުމުން ހިތުގައި ފޮނި ރިހުމެއް އުފެއްދި މީހާއެވެ. ގޮވައިލަން ލަދުގަންނަ، ވާހަކަދައްކަން ޖެހިލުންވާ، ފުރަތަމަ ނަޒަރުން ލޯބިވެވުނު ހަމައެކަނި މީހާއެވެ. ލިބުނުހެން ހީވި ނަމަވެސް ނުލިބުނު ލޯބިވެރިޔާއެވެ.

"އެއީ ކީއްވެ؟" ސަމާސާ ރާގެއްގައި ޖިނާ ބުންޏެވެ. "އަހަރެން ގާތުގަ ދައްކަން ނުވާ ކަހަލަ ވާހަކައެއް ނިޝާއަށް ދެއްކުނީތަ؟"

ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ޒޫނާ އިނެވެ. ހިތަށްއެރިއެވެ. ހިތުގައި އޮތްގޮތަށް ބުނެވޭނެ ނަމައެވެ. ގައިމު ވެސް އޭރުން ޒޫނާގެ ހިތަށް ލުއިވާނެއެވެ. ނުކުރަންވީ ކަންތައް ނިޝާ ކޮށްފިއެވެ. ދެން އިތުރަށް ވާނީ ކޮން ގޯހެއް ހެއްޔެވެ؟

"ދެން އެ ކަހަލަ ވާހަކަދައްކާކަށް ނުވާނެއްނު!" ޒޫނާއަށް ބުނެވުނީ އެހެންނެވެ.

"އެކަމަކު އަހަރެން ހިތަށްއެރި އެއްޗެއް ބުނަންތަ؟" ޖިނާ އެހިއެވެ.

ޒޫނާގެ ހިތް ހީވީ މޭފަޅައިފައި ބޭރަށް ނުކުމެދާނެހެންނެވެ. ސުވާލުން ފުރިގެންވާ ގޮތަކަށް ޒޫނާއަށް ބަލައިލެވުނެވެ.

"ޖިނާ!" ސަމަދު ގޮވައިލި އަޑު ތަންކޮޅެއް ދުރުން އިވުނެވެ.

ޖިނާ އެ ދިމާއަށް ބަލައިލިއެވެ. ސަމަދު ދައްކައިލީ ފޯނެވެ. ޖިނާއަށް އައިސްފައިވާ ކޯލެކޭ ބުނާ ކަހަލަ ގޮތަކަށެވެ. ޖިނާ ހިތަށްއެރިއެވެ. ބުނަން އުޅުނު ވާހަކަ މެދުނުކެނޑުނު ނަމައެވެ. އެ ތަނުން ދާން ނުޖެހުނު ނަމައެވެ.

"މި ގަޑީގަ ކާކުބާ ގުޅާނީ؟" މަޑުމަޑުން ޖިނާ ބުނެލިއެވެ.

ޖިނާ ތެދުވެގެން ހިނގައިގަތެވެ. ޒޫނާއަކަށް ނީނދެވުނެވެ.

"ޖިނާ!" ޒޫނާ ގޮވައިލިއެވެ.

ޖިނާ ހުއްޓިފައި ބަލައިލިއެވެ. ޒޫނާ ތެދުވީ ފިނިފެންމާ ކޯންޏެއް ހިފައިގެންނެވެ. އަދި ދެތިން ފިޔަވަޅެއް ކުރިޔަށް އެޅިއެވެ.

"ޖިނާއާ ދިމާއަށް އަހަންނަށް ވަރަށް ގިނަ އެއްޗެހި ކިއިއްޖެ!" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ޒޫނާ ބުންޏެވެ. "ވަރަށް ބޮޑަށް ސޮރީ!"

އަތުގައި އޮތް މާބޮނޑި ޒޫނާ ދިއްކޮށްލިއެވެ. ކޮށްދިން ހެޔޮކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެ ކަން ބަލައިގަތުމުގެ ގޮތުންނެވެ. ހިތުގައި ފޮރުވިފައިވާ އެހެން އެދުމެއް ފުރިހަމަކުރުމަށް ޓަކައި ވެސްމެއެވެ. ޖިނާ އެ މާބޮނޑި ގަބޫލުކުރިއެވެ.

"ޝުކުރިއްޔާ!" ޖިނާ ބުންޏެވެ.

މާބޮނޑިން ވަސްބަލައިލައިފައި ޖިނާ ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީގައި ޒޫނާއަށް ހުރެވުނީއެވެ. ކުރިން އެ ފަދަ ފުރުޞަތެއް ނުލިބުނީތީ ދެރަވެފައެވެ. އެ ކަމަށް ޓަކައި އެހާ ދިގު އިންތިޒާރެއް ކުރަންޖެހުނީތީ ހައިރާންވެފައެވެ. ޖިނާ އަންނަން ފެށުމުން ސަމަދު ފޯނު ދިއްކޮށްލިއެވެ.

"ފޯނު ރިންގުވާ އަޑެއް ނީވޭތަ؟" ސަމަދު އެހިއެވެ.

"ޗާޖަށް ޖަހައިފަ ކޮޓަރީގަ އޮންނާނީ!" ޖިނާ ޖަވާބުދިނެވެ. "ކާކު؟"

"ދަރިފުޅު!" ސަމަދު އެހެން ބުނެފައި އެ ތަނުން ދިޔައީއެވެ.

ސަމަދުގެ ފޯނަށް ދަރިޔަކު ގުޅާނީ ވަރަށް ބޮޑުކަމެއް ވެގެންނެވެ. އެ ކަމާ މެދު ޖިނާއަށް ޝައްކެއް ނެތެވެ.

"ހަލޯ!" ޖިނާ ކަންބޮޑުވެފައި ބުންޏެވެ.

"ބައްޕަޔަށް ގުޅާގުޅާ!" ޝާޒްލީ ފުރަތަމަ ވެސް ކުރީ ޝަކުވާއެވެ. "ކީއްވެގެންތަ ފޯނު ނުނަގަނީ؟"

"ފޯނު ޗާޖަށް ޖަހާފަ ކޮޓަރީގައޭ އޮންނާނީ،" ޖިނާ ބުންޏެވެ. "ކިހިނެއްވީ ދަރިފުޅާ؟"

"މަންމަ ނުކުމެގެން ހިނގައްޖެ!" ޝާޒްލީ ހުރީ ހާސްވެފައެވެ.

ނުނިމޭ

ނޯޓް: ރޯދަމަހާ ހިލާފަށް މި ވާހަކަ ދެން ގެނެސްދޭނީ ކޮންމެ އާދިއްތަ އާއި ބުދަ ދުވަހެއްގަ އެވެ.