ސަންޖޭ ބަންސާލީގެ ފިލްމެއް ދޫކޮށްލި ވާހަކަ ރިތިކް ރޯޝަން ދޮގުކޮށްފި

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ ފިލްމެއް ރިތިކް ރޯޝަނަށް ހުށަހެޅުމުން، އެ ފިލްމް ގަބޫލު ނުކޮށް ދޫކޮށްލި ކަމަށް މީޑިއާތަކުން ފެތުރި ވާހަކަތައް ރިތިކް ދޮގުުކޮށްފި އެވެ.


ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުން ބުނެފައިވާ ގޮތުގައި 2016 ގައި ރިލީޒްކުރި މަލަޔާޅަމް ފިލްމް "ޕުލިމުރްގަން" ގެ ހިންދީ ރިމެކިންއެއް ހަދަން ބަންސާލީ ނިންމައި، އޭގެ ބަތަލުގެ ރޯލް ރިތިކަށް ހުށަހެޅުން އޭނާ އެ ފިލްމް ގަބޫލެއް ނުކުރި އެވެ.

މި ވާހަކަ ގެނެސް ދިން ނޫހެއްގެ އާޓިކަލެއް ލިންކްކޮށް، ޓްވިޓާގައި ރިތިކް ބުނީ "އެއީ ދޮގު ހަބަރެއް" ކަމަށާއި ނުވަތަ "މީޑިއާތަކަށް އަރާފައި އޮތް އޮޅުމަކަށް ވެދާނެ" ކަމަށެވެ.

"ޕުލިމުރްގަން" އަކީ ސައުތު ފިލްމް އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު މޯހަންލާލް ލީޑް ރޯލް ކުޅެފައިވާ ވަރަށް ކާމިޔާބު އެކްޝަން ތުރިލާއެކެވެ.

ރިތިކްގެ ޓްވީޓް.

މި ފިލްމްގެ ހިންދީ ރިމެކިންގެ ރައިޓްސް އޮތީ ބަންސާލީގެ އަތުގަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އޭނާ މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ބަންސާލީއާ އެކު ރިތިކް ވަނީ 2010 ގެ ފިލްމް "ގުޒާރިޝް" ގައި މަސައްކަތްކޮށްފަ އެވެ. ޖާދޫގަރަކު ނުކުޅެދޭ ހާލަތަކަށް ދިއުމުން އޭނާގެ ހަޔާތަށް ކުރިމަތިވާ ކަންތައްތަކެއް ކިޔައިދޭ އެ ފިލްމަކީ ބޮކްސް އޮފީހުގައި އެހާ ހިނގި ފިލްމެއް ނޫން ނަމަވެސް، ކްރިޓިކުންގެ ތައުރީފު ލިބުނު ފިލްމެކެވެ.

މި އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ޕަދްމާވަތު" އަށް ފަހު، ބަންސާލީ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން ވެސް ތަފާތު ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭނާ މީގެ ކުރިން ވެސް ވަނީ ސައުތުގެ ފިލްމްތަކެއްގެ ހިންދީ ރިމެކިން ޕްރޮޑިއުސްކޮށްފަ އެވެ.

"ޕުލިމުރްގަން" ގެ ޓްރެއިލާ.

އޭގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަކީ އަކްޝޭ ކުމާރާއިި ސޮނާކްޝީ ސިންހާ ލީޑް ރޯލް ކުޅުނު ރައުޑީ ރާތޯޑް (2012) އެވެ. އަދި 2015 ގައި ރިލީޒް ކުރި އަކްޝޭގެ "ގައްބަރް އިޒް ބެކް" އަކީ ވެސް ބަންސާލީ ޕްރޮޑިއުސް ކުރި، ތަމަޅަ ފިލްމެއްގެ ރިމެކިންއެކެވެ.

ރިތިކް މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ވިކާސް ބާލްގެ "ސްޕަ 30" ގަ އެވެ. އަދި އޭނާ ވަނީ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. މީގެ އިތުރުން ރިތިކްގެ ސްޕަހީރޯ ފިލްމް "ކްރިޝް" ގެ 4 ވަނަ ބައި 2020 ގައި ރިލީޒް ކުރަން ވަނީ ނިންމައިފަ އެވެ.