"ބާރަތު" އިން ކެޓްރީނާ ވެސް ފެންނާނެ؟

ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާގެ ފިލްމް "ބާރަތު" ގެ ރޯލަކުން ކެޓްރީނާ ކެއިފް ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


މި ފިލްމްގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، މީގެ ކާސްޓުންގެ ތެރޭގައި، ޒުވާން ބަތަލާ ޑިޝާ ޕަޓްނީ އާއި ތައްބޫގެ އިތުރުން މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ހިމެނޭނެކަން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ވަނީ ކުރިން ކަށަވަރުކޮށް ދީފަ އެވެ.

މީޑިއާތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި "ބާރަތު" އިން ކެޓްރީނާގެ ކެއިފް ފެނުނު ނަމަވެސް، އޭނާގެ ރޯލް އެހާ ބޮޑެއް ނުވާނެ އެވެ. އެކަމަކު އެއީ ފިލްމްގެ ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށް ބުނެފައިވެ އެވެ.

އަލީ މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ޓައިގާ ޒިންދާ ހޭ" ގައި ވެސް ސަލްމާނާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ކެޓްރީނާ އެވެ. އެހެންވެ އަނެއްކާ ވެސް "ބާރަތު" އިން ސަލްމާނާ އެކު، މަސައްކަތްކޮށްލަން ލިބުމުން މި ފިލްމްވެގެން ދާނީ ސަލްމާނާ އެކު ކެޓްރީނާ ކުޅޭ 8 ވަނަ ފިލްމަށެވެ.

"ބާރަތު" ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ވެސް މީގެ ކާސްޓުން ކެޓްރީނާ ފެންނާނެ ކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. އެކަމަކު ފިލްމުން ކެޓްރީނާ ފެންނާނެކަން އަލީ މިހާތަނަށް ކަށަވަރެއް ނުކޮށްދެ އެވެ.

ނަމަވެސް އެކަންވެއްޖެ ނަމަ "ބާރަތު" ވެގެން ދާނީ ޕްރިޔަންކާ އާއި ކެޓްރީނާ އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

އަލީ (ވާތް ފަރާތުން ތިން ވަނަ) އާއި ޓީމް "ބާރަތު" އަށް ލޮކޭޝަން ހޯދުމުގެ ތެރެއިން.

ދާދި ފަހުން އަލީ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފިލްމެއް ހަދާ ނަމަ، ބަތަލާއަކަށް އަބަދު ވެސް ގެންނަން ހިޔާލަށް އަންނަ އެއް ނަމަކީ ކެޓްރީނާ ކަމަށެވެ. އަލީގެ ފުރަތަމަ ފިލްމް މޭރޭ ބްރަދާ ކީ ދުލްހަން (2011) ގެ ބަތަލާއަކީ ވެސް ކެޓްރީނާ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ބާރަތު" ގެ ޝޫޓިން އަށް ލޮކޭޝަން ހޯދުމުގެ މަސައްކަތުގައި އަލީ މި ވަގުތު ވަރަށް ބިޒީ އެވެ. މި ފިލްމަކީ 2014 ގައި ރިލީޒް ކުރި އުތުރު ކޮރެއާގެ ކާމިޔާބު ފިލްމް "އޯޑް ޓް މައި ފާދާ" ގެ ޕްލޮޓް އަސްލަކަށް ބަލައިގެން އެކަމަކު އިންޑިއާގެ ރަހަތައް ހެޔޮވަރުކޮށްލައިގެން ހަދާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި އިންޑިއާ އަށް މިނިވަންކަން ލިބުނު އަހަރު ކަމަށްވާ 1947 އިން ފެށިގެން މި ޒަމާނާ އަށް ހިނގާ ހާދިސާތަކެއް ދައްކުވައި ދޭނެ އެވެ. އަދި ފިލްމްގައި ސަލްމާނާއި ޕްރިޔަންކާ ވަރަށް ގޮތްގޮތަށް ފެނިގެން ދާނެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ