"އިންޑިއާނާ ޖޯންސް 5" ރިލީޒް ކުރުން 2021 އަށް ފަސްކޮށްފި

ޑިޒްނީން 2010 ގައި ގެނެސްދޭން ނިންމާފައިވާ، ސްޓީވެން ސްޕީލްބާގްގެ ކާމިޔާބު ފްރެންޗައިޒް "އިންޑިއާނާ ޖޯންސް" ގެ ފަސް ވަނަ ބައި 2021 އަށް ފަސްކޮށްފި އެވެ.


ކުރިން މި ފިލްމް ރިލީޒް ކުރާ ގޮތަށް އޮތީ ޖުލައި، 10، 2020 ގަ އެވެ. އެކަމަކު ތާރީހަށް ގެނައި ބަދަލާ އެކު "އިންޑިއާނާ ޖޯންސް 5" ބެލުންތެރިންނާ ބައްދަލު ކުރާނީ ޖުލައި، 9، 2021 ގަ އެވެ.

ނަމަވެސް ފިލްމް ރިލީޒްކުރަން ކުރިން ތާވަލު ކުރި ތާރީހަށް ވުރެ، އަހަރެއް ލަސްކުރަން ނިންމި ސަބަބެއް ޑިޒްނީން ހާމައެއް ނުކުރެ އެވެ. މި ފިލްމްގެ ޝޫޓިން ފަށާ ގޮތަށް ކުރިން ނިންމާފައި އޮތީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެކަމަކު މިހާރު ފިލްމް ލަސްކޮށްލުމުން، ޝޫޓިން ފަށާ ތާރީހަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެ އެވެ.

"އިންޑިއާނާ ޖޯންސް 5" އިން ހެރިސަން ފޯޑް، 75، އެނބުރި އަންނަ އިރު، ފިލްމް ޑައިރެކްޓް ކުރާނީ ސީދާ ސްޕީލްބާގެވެ.

ފިލްމްގެ ސްކްރީންޕްލޭ މި ފަހަރު ވެސް ލިޔާނީ 2008 ގައި ރިލީޒް ކުރި "އިންޑިއާނާ ޖޯންސް" ގެ ހަތަރު ވަނަ ބައި "ދަ ކިންގްޑަމް އޮފް ކްރިސްޓަލް ސްކަލް" ލިޔުނު ޑޭވިޑް ކޮއެޕް އެވެ. ސްޕީލްބާގާ އެކު އޭނާ ވަނީ "ޖުރަސިކް ޕާކް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އިންޑިއާނާ ޖޯންސްގެ ފުރަތަމް ފިލްމް "ރެއިޑާޒް އޮފް ދަ ލޮސްޓް އާކް" ސިނަމާތަކަށް އައީ 1981 އެވެ. ދެވަނަ ބައި "ޓެމްޕްލް އޮފް ޑޫމް" 1984 ގައި ރިިލީޒް ކުރި އިރު، ތިން ވަނަ ބައި "ލާސްޓް ކުރްސެޑް" ސިނަމާތަކަށް އައީ 1989 އެވެ.

ސްޕީލްބާގް ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސް ދިނީ މާޗް މަހު ރިލީޒް ކުރި ފެންޓަސީ ތުރިލާ "ރެޑީ ޕްލެޔާ ވަން" އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ