ރިޝްމީ އަށް ގައުމީ އިނާމު ނުލިބުނީ ކީއްވެ؟

ސާކް ފިލްމް ފެސްޓިވަލްގައި 2014 ގައި "އިނގިލި" އިން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުމުން، ރާއްޖެ އަށް ރީތި ނަން ހޯދައިދޭ މީހުންގެ ކެޓަގަރީން އޭނާ އަށް ގައުމީ އިނާމު ލިބުނެވެ. އެކަމަކު މިދިޔަ އަހަރު ސާފް ފިލްމް ފެސްޓިވަލްގައި "ވިޝްކާ" ބައިވެރިކޮށްގެން ބަތަލާ އައިޝަތު ރިޝްމީ ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ މަގާމު ހޯދި ނަމަވެސް އޭނާ އަށް ގައުމީ އިނާމެއް ނުލިބުނެވެ.


ރާއްޖެ އަށް ރީތި ނަމެއް ހޯދައި ދީގެން، ރައީސް ދެއްވާ ހާއްސަ އިނާމު ރިޝްމީ އަށް ނުލިބުނަސް، ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ވެސް ހާއްސަ އެވޯޑެއް ރިޝްމީ އަށް ދީފައިވެ އެވެ. އެހެންވެ އޭނާ ވެސް ހުރީ މި ފަހަރު ރައީސް ދެއްވާ ހާއްސަ އިނާމު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.

ގައުމީ އިނާމު ރިޝްމީއަށް ނުލިބުނީ ކީއްވެހެއްޔެވެ؟

ރާއްޖޭގެ ފަންނުވެރިކަމާ ބެހޭ މުއައްސަސާ އެންސީއޭ ހިންގެވުމާ ހަވާލުވެ ހުންނެވި ފާރިޝް ތޯހާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ރިޝްމީ އަށް ހާއްސަ އިނާމު ނުލިބުނީ އެކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުން މާބޮޑަށް ލަސްވުމުން ކަމަށެވެ.

ރިޝްމީ ސާކްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑާ އެކު.

އޭނާ ވިދާޅުވީ އިނާމަށް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ވެސް ރިޝްމީގެ އެޕްލިކޭޝަން ހުށަނާޅާ ކަމަށެވެ. އޭގެ ފަހުން އެޕްލިކޭޝަން ހުށަހަޅަން މަސައްކަތްކުރި ކަމަށާއި އެކަމަކު އޭރު އޮތީ މާބޮޑަށް ލަސްވެފައި ކަމަށް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ޓްރައި ކުރިން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ރިޝްމީގެ އެޕްލިކޭޝަން ހުށަހަޅައިގެން އިނާމު ލިބޭނެ ގޮތެއްވޭތޯ ބަލަން. އެކަމަކު އެ މަސައްކަތަކީ ކޮމެޓީއަކުން ވެސް ވަރަށް ބޮޑަށް ބަލާފައި ކުރާ ކަމަކަށްވާތީ މާ ބޮޑަށް ޑިލޭކޮށްލެވުނީމަ ފުރުސަތު ގެއްލުނީ."

ފާރިސް ވިދާޅުވި ގޮތުގައި ރައީސް ދެއްވާ ހާއްސަ އިނާމަކީ ރިޝްމީ އަށް ހައްގު އިނާމެކެވެ. އެހެންވެ މި އަހަރު މި ގޮތަށް ދިމާވިޔަސް އަންނަ އަހަރު ހުށަހަޅައިގެން އިނާމު ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"މީގައި ވަރަށް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ވެސް އިނާމަށް އެޕްލައި ކުރުން މުހިއްމު. ދެން އަޅުގަނޑުމެން ވެސް ކުރިއަށް އޮތް ތަނުގައި އާޓިސްޓުންނާ ގުޅުން ހުރި މިކަހަލަ ކަންކަމުގައި އެންސީއޭގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކޮށް އެކަމަށް ހާއްސަ ސަމާލު ކަމެއް ދޭނަން،" ފާރިޝް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ރިޝްމީ ބުނީ "އަމިއްލަ އަށް ހުށަހަޅައިގެން އިނާމު ހޯދުމަކީ ގަބޫލުކުރާ ކަމެއް ނޫން" ކަމަށެވެ.

"އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި ގައުމަށް ރީތި ނަމެއް ހޯދައި ދިނުމުން އެކަން ހުށަހަޅަން ޖެހޭނީ އެ މީހަކު އަމިއްލައަކަށް ނޫން. މީގެ އަސްލު ރެސްޕޮންސިބިލިޓީ ނަގަން ޖެހޭ ފަރާތަކަށް ވާނީ އެންސީއޭ. އަހަންނަށް ސާކްގެ ބެސްޓް އެކްޓްރެސް އެވޯޑް ލިބުނުކަން އެންސީއޭ އާއި ސަރުކާރަށް ވެސް އެކްނޮލެޖް ކުރެވިފައި އޮތީ. އެހެންވީމަ އެ މީހުންގެ ޒިންމާއަކަށް ދޯ ވަނީ ނަން ހުށަހެޅުން،" ރިޝްމީ ބުންޏެވެ. "އެންސީއޭ އާއި ޔޫތު މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ ބޭފުޅުން ފާހަގަކުރެއްވި ރިޝްމީގެ ނަން ހުށަހަޅާނެ ކަމަށް."

އޭނާ ބުނީ އިނާމު ހޯދަން އަމިއްލަ އަށް ހުށަހެޅުމަކީ ކުރަން "ތަންކޮޅެއް އުނދަގޫ" ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އާޓިސްޓުންނާ ގުޅުން ހުރި މި ކަހަލަ ކަންކަމުގައި އެންސީއޭގެ ރޯލް ބޮޑުކުރުން މުހިއްމު ކަމަށް ރިޝްމީ ބުންޏެވެ.

"މި ފަހަރު މިގޮތަށް ދިމާވީމަ އެންސީއޭ އިން ބުނެފައި އެބައޮތް އަންނަ އަހަރަށް އަލުން ހުށަހަޅަން އެދިފައި،" ރިޝްމީ ބުންޏެވެ.

ގައުމީ އިނާމަށް ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ އިތުރަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކަށް ވެސް އޮވެ އެވެ. މިނިވަން ދުވަހު ރަސްމީ ޖަލްސާގައި މިފަހަރު ފިލްމީ ދާއިރާގެ ދެ ފަންނާނެއްގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމު ގައުމީ އިނާމު ދިނެވެ. އެއީ ޑައިރެކްޓަރު އަލީޝިފާއު (ޗިއްޕެ) އާއި އަހުމަދު ޝިނާނެވެ.