"ގޮށްރާޅު"ގެ ޓްރެއިލާ ޕްރިވިއު އަށް ބެލުންތެރިންނަށް ދައުވަތު ދީފި

ނޮވެމްބަރު މަހުގެ 5 އަށް ތާވަލުކޮށްފައިވާ ޑާކް ރެއިން އެންޓަޓައިމަންޓްގެ ފިލްމް "ގޮށްރާޅު" ގެ ޓްރެއިލާ ރަސްމީކޮށް އަންނަ ހަފުތާގައި ދައްކައިލުމުގެ ކުރިން، ޓްރެއިލާ ޕްރިވިއު ބަލައިލަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު އެ ސްޓޫޑިއޯ އިން ހުޅުވާލައިފި އެވެ.


ހަދަން ޖެހޭ ގޮތަކީ "ގޮށްރާޅު" ގެ ރަސްމީ ފޭސްބުކް ޕޭޖަށް އިންބޮކްސްކޮށްލަންވީ އެވެ. އޭރުން، ޕްރިވިއު ދައްކައިލަން ހަމަޖައްސާ ތަނެއްގައި ޖާގަ އޮތް މިންވަރަކުން، މެސެޖް ކުރާ މީހުންނަށް ފުރުސަތު ދޭނެ އެވެ. ޓްރެއިލާ ޕްރިވިއު ދައްލައިލަން ހަމަޖެހިފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.

ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ މިކަން ކުރަނީ ތަފާތު ކަމެއްކޮށްލަންވެގެން ކަމަށެވެ.

"މީގައި ބައިވެރިވާ މީހުންގެ ފީޑްބެކް ވެސް އަހަރެމެން ހޯދާނަން،" އޭނާ ބުންޏެވެ.

ޑާކް ރެއިންގެ ޓްވީޓް.

"ގޮށްރާޅު" އަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން މި އަހަރު ހިތްވަރު ދިނުމުގެ އިނާމު ލިބުނު އަހުމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި ނުކުތީ 2016 ގައި ފާތުމަތު ނަހުލާއާ އެކު ހެދި "4426" އިންނެވެ.

"ގޮށްރާޅު" ގެ މޯޝަން ޕޯސްޓަރު.

މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ގޮށްރާޅު" އަކީ ކްރައިމް ތުރިލާއެކެވެ. މިއީ ޑާކް ރެއިނުން މި ފަހުން ގެނެސްދޭ އެންމެ ތަފާތު އެއް ފިލްމަށް ވާނެ އެވެ.

"ގޮށްރާޅު" އިން ފިލްމީ ދާއިރާ އަށް އާ މޫނުތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.

އެކަމަކު މީގެ އެންމެ މުހިއްމު އެކަކީ ޑާކް ރެއިންގެ ޑާލިން ޖުމައްޔިލް (ޖުމަލް) ނިމާލް އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު، މަރިޔަމް ޝަކީލާ، ނުޒުހަތު (ނުޒޫ) ޝުއައިބް އަދި ހަމްދާން ފާރޫގް ފަދަ އެކްޓަރުން ހިމެނެ އެވެ.

ފިލްމުން އަލަށް ތައާރަފުވާ އެކްޓަރުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ވިދާލި ހަސަން (ޒަކިއްޓެ) އިރްފާން، އައިމިނަތު ރަޝްފާ އަދި އަބްދުﷲ އަޒާން ފަދަ އެކްޓަރުން ހިމެނެ އެވެ.

މޮގާ ބުނީ "ގޮށްރާޅު" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމްގެ ޓިކެޓަށް ހުޅުވައިލުމުގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށް ބުންޏެވެ.

ޑާކް ރެއިނުން އެންމެ ފަހުން ގެނެސް ދީނީ މާޗް 5 ގައި އެޅުވި ފެމިލީ ޑްރާމާ "ވަކިން ލޯބިން" އެވެ.