ފަތިސްހަނދުވަރު

އާދިއްތަ ދުވަހާ ގުޅޭ


"މަންމަ ލޯބިވާ ނަމަ ފޯނު ނަންބަރު ބަދަލުކޮށްފަ ނާންގައެއް ނުހުންނާނެ،" ޝާޒްލީ އިށީނުމުން ޖިނާ ބުންޏެވެ. "ޝާޒްލީއަކީ މިހާރު އެ ވަރު ވިސްނޭ ވަރުގެ ބޮޑު ކުއްޖެއް. މަންމަ ހިތްހަމަޖެހޭ ގޮތަކަށް އުޅެން މަންމަ ދޫކޮށްލާ! ހުރިހާ ކުދިންގެ ނަންބަރު ވެސް މަންމައަށް އެނގޭނެ. އޭނަ މި ގެއަށް ވަނުން މަނައެއް ނުވާނެ. ކީކޭ ބުނަނީ؟"

ޝާޒްލީ ބޯޖަހައިލިއެވެ. ހިތި ޙަޤީޤަތް ގަބޫލުކުރިއެވެ. އެއީ މަންމަގެ ހިތުގައި ދަރިންނަށް ލޯބި ނެތްކަމެވެ.

ޖެހިގެން އައި ދުވަހެވެ. ޒޫނާ ހެދުންތައް ފަތްޖަހައިފައި ފޮށްޓަށް އެޅިއިރު ކޮޓަރީގައި ގާދިރާއި، ސަކީނާ ވެސް ތިއްބެވެ. ޒޫނާއާއި ގާދިރުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ނުތަނަވަސްވެފައި ހުރީ ސަކީނާއެވެ.

"މަންމައަށް ހީވަނީ ދަރިފުޅު ހުންނަންވީ މި ގޭގަހެން،" ސަކީނާ ބުންޏެވެ. "މަންމަގެ ހިތަށް ފިނިކަން ލިބޭނީ މަންމައަށް ފެންނަ ހިސާބުގަ ހުރިއްޔާ. ނޫންތަ ގާދިރު؟"

ދެމަފިރިން ނިންމާނިންމުމުގެ ތެރެއަށް އެހެން މީހުން ވަނުމަކީ ގާދިރު ތާއީދުކުރާކަމެއް ނޫނެވެ. އެއިން ރަނގަޅު ނަތީޖާއެއް ނުކުންނާނެކަމެއް ވެސް ނޫނެވެ. ޚުދު ގާދިރު ވެސް އެދެނީ ޒޫނާ ގޭގައި ހުރުމެވެ. ގާދިރުގެ ނަޒަރުގައި ޒޫނާއަށް އެންމެ ރައްކާތެރި ތަނަކީ ޒޫނާގެ ގެއެވެ. ޒޫނާއަށް ޓަކައި ގެއަށް ކިތަންމެ ކަމެއް ކުރެވިއްޖެއެވެ. އެ ކަންކަމުގައި ގާދިރު ޢަމަލީގޮތުން ބައިވެރިވެގެންނެވެ. އެހެންނަމަވެސް ޒޫނާގެ ނިންމުމަށް ގާދިރު ތާއިދުކުރާނެއެވެ.

"އަހަންނަށް ފެންނަނީ އެ މަންޖެ ބޭނުންވާ ގޮތަކަށް އެ ކަން ނިންމާލަން،" ގާދިރު ޖަވާބުގައި ބުންޏެވެ. "އެ ގޭގަ އަޒީޒާޔާ، ކުރީ ބަނޑުގެ ތިން ބޭން ވެސް ތިބޭނެ. އެ އެންމެން ވެސް ޒޫނާ ދެކެ ވަރަށް ލޯބިވޭ. އަޒީޒާ ބުނި ޒޫނާ ގެންނަން އެންމެ ބޮޑަށް ކިޔަނީ ވެސް އެ ކުދިންނޭ. ދެން ހުރީ ޖިނާ. އެއީ ވަރަށް ހަރުދަނާ މީހެއް."

"ވަރަށް،" ސަމާސައިގެ ރާގެއްގައި ޒޫނާ ބުންޏެވެ. "އެއީ ފައްކާ ކާޓޫނެއް."

"އަހަންނަށް އެންމެ ރައްކާތެރީ މި ގެ،" ސަކީނާގެ ވިސްނުން ތަފާތެވެ. "ދަރިފުޅު އަދިވެސް ވިސްނާލާ!"

މަންމަޔާ ދެކޮޅަށް އެއްޗެއް ބުނާކަށް ޒޫނާއަކަށް ފަސޭހައެއް ނޫނެވެ. ކިރިޔާ ނޭވާލެވޭ ވަރަށް ދުނިޔެ ދަތިވިއިރު ވެސް، ކަނޑަކަށް ވުރެ ހިތާމަތައް ފުންވިއިރު ވެސް ސާބިތުވެހުރީ މަންމައެވެ. އަނެއްކޮޅުން ޖިނާގެ ނިންމުމާ ދެކޮޅުހެދުމަކީ ވެސް ޒޫނާއަށް އުނދަގޫކަމެކެވެ. ޒޫނާގެ ހަޔާތަށް އުފާވެރިކަން ގެނެސްދޭން ރެޔާއިދުވާލު ޖިނާ މަސައްކަތްކުރިއެވެ. އަމިއްލަ ދިރިއުޅުން އޮޔާދިޔައިރު ވެސް ވެހެވެ.

"މި ގެ ވެސް ގޯހެއް ނޫނޭ. އެކަމަކު.." ޒޫނާއަށް ބުނެވުނީ އެ ހިސާބަށެވެ.

ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ.

"އައްސަލާމް އަލައިކުމް!" އަޒީޒާ ސަލާން ގޮވައިލިއެވެ.

"އެ އައީ ބަލާ،" ސަލާން ބަލައިގެންފައި މަޑުމަޑުން ސަކީނާ ބުންޏެވެ. "ގާދިރު ގޮސް އެ މީހުން ބައިތިއްބަބަލަ!"

ގާދިރު ކޮޓަރިން ނުކުތެވެ. ދޮރުމަތީގައި ތިބީ އަޒީޒާއާއި ޝާޒްލީއެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެ ފަދަ ބަޔަކު އުޅޭ ގެއެއްގައި ޒޫނާއަށް ހިތްދަތިކަމެއް ލިބޭނެހެނެއް ގާދިރަކަށް ހިއެއްނުވެއެވެ.

"ޒޫނާ ތައްޔާރުވަނީ!" ގާދިރު ބުންޏެވެ. "އިށީނދޭ އިށީނދޭ! ކޮބާ ޖިނާ؟"

"އަޅުގަނޑު ބުނިން ބައްޕަ ހުންނާށޭ ގޭގަ،" ހިނިއައިސްފައި ޝާޒްލީ ބުންޏެވެ. "އެ ވަރުން ވެސް ކާރުގަ މި ކޮޅަށް އައި. ރަސްމީކޮށް ނޫންތޯ މި ކަން އޮންނަންޖެހޭނީ."

ހިނިތުންވުމަކުން ގާދިރު ޖަވާބުދިނެވެ. ޖިނާ އިނީ ކާރުގެ ފަހަތު ސީޓުގައެވެ. ކެތްތެރިކަމާއިއެކު ޒޫނާ ފެންނާނެ ވަގުތަކަށް ބަލަބަލައެވެ. ޒޫނާގެ ގޭގެ ދޮރުގައި ޒާތެއްގެ ރެދަނެއްލައިފައި ހުރި ކަހަލައެވެ. ދުވާލުގެ އަލީގައި ވެސް ދޮރު ހުރީ ދިއްލިފައެވެ. އެ ވަރުން ވެސް، ޒޫނާ ބަލާ އެތެރެއަށް ވަންނަން "ޖިނާ" އުޅުނެވެ. ނަސީބަކުން ޝާޒްލީ އެ ކަން މަނާކުރީއެވެ. ގޭގެ ދޮރުކަންޏަށް ޖަހައިފައި ހުރި މޮހޮރުން ދިޔާ އަލިފާން ކަހަލަ އެއްޗެއް ތިރިޔަށް ފައިބައިފައި ހުއްޓެވެ. ކަޅިޖަހައި ނުލައި އެއަށް ބަލަހައްޓައިގެން ޖިނާ އިނެވެ. އިރުކޮޅަކުން ގާދިރު ނުކުތެވެ. ކާރުގެ ޑިކީއަށް ފޮށި އެރުވިއެވެ. ޒޫނާ ގޮވައިގެން ޝާޒްލީއާއި އަޒީޒާ ނުކުތެވެ. ސަކީނާ ހުރީ ދޮރުމަތީގައެވެ. ކާރުގެ ފަހަތު ދޮރު ހުޅުވުމުން ޝާޒްލީ ފުރަތަމަ އެރުމަށް ޒޫނާ އެދުނެވެ. ޝާޒްލީ އެދުނީ ޒޫނާ އެރުމަށެވެ. އަދި ޝާޒްލީ ދުވެފައި އަނެއް ފަރާތަށް ދިޔައެވެ.

"ޑެޑީ އެތެރެއަށް ޖެހޭ!" ޝާޒްލީ އެދުނެވެ.

ޖިނާ އެތެރެއަށް ޖެހުނެވެ. ޝާޒްލީ އިށީނދެފައި ދޮރު ލެއްޕިއެވެ. ޒޫނާ ވެސް އިށީނެވެ. ކާރު ދުއްވައިލިއެވެ.

"ވަކި ތަނެއްގަތަ ޝާޒްލީ އިށީންނަނީ؟" ޒޫނާ ހިނިތުންވެލައިފައި އެހިއެވެ.

"އަސްތާ!" އަޒީޒާ ބުންޏެވެ. "ބައްޕަގެ ކަނާއަތްފަރާތުގަ އަބަދުވެސް އިންނަންވާނީ އޭނަ. ކުޑައިރުއްސުރެ ވެސް އެ ކަމާ ހަނގުރާމަކުރާނެ."

"ކޮންމެ މީހަކު ވެސް އެ މީހެއްގެ ރައިޓްސްއަށް ޖެހޭނެ ފައިޓްކުރަން ދޯ ޑެޑީ!" ޝާޒްލީ ބުނެލިއެވެ.

"ތީ އަބަދުވެސް އަހަރެން ބުނާ ވާހަކައަކީ،" ޖަވާބުގައި ޖިނާ ބުންޏެވެ. "ކޮންމެ މީހަކު ވެސް މަސައްކަތްކުރަން ޖެހޭނީ އެ މީހެއްގެ ޙައްޤު ހޯދަން. އެ ވަރިހަމަ ދޫންޏަކަސް، ޖަނަވާރަކަސް. ކޮންމެހެން އިންސާނަކަށް ވާކަށް މަޖުބޫރެއް ނޫން."

ގޭގައި "ޖިނާ" ދިރިއުޅެން ފެށުމާއެކު ބައެއް ކަންކަން ބަދަލުވިއެވެ. ޖިނާ އަދާކުރި ވަޒީފާ ދޫކޮށްލިއެވެ. ގޭގައި ކުދިންނަށް ޓިއުޝަންދޭން ފެށިއެވެ. ދުވާލުގެ ވަގުތު ގެއިން ބޭރަކަށް ނުނިކުމެވެ. މަދު ފަހަރަކު މެނުވީއެވެ. ގެޔަކުން އެއްވެސް އެއްޗެއް ނުކައެވެ. އެ ފަދަ ކަންކަމާ ސުވާލުތައް ކުރިމަތިކުރުމުން ޖިނާ ދެއްކީ މޮޅު ބަހަނާއެކެވެ. ޒޫނާޔާ ކައިވެނިކުރެވިއްޖެ ނަމަ ރޯދަހިފަން ޖިނާ ވަނީ ނަދުރުބުނެފައެވެ. އެއްބަޔަކު އެއީ ލޯބީގެ ޤުރުބާނީއެއް ކަމުގައި ދުށްޓެވެ. އެކަމަކު ޒޫނާއަށް ލިބުނީ ހައިރާންކަމެކެވެ. ޖިނާއަކީ ޒޫނާ ދެކެ އެ ފަދަ ލޯތްބެއްވި މީހެއް ހެއްޔެވެ؟ ޖިނާ ވަޒީފާ ދޫކޮށްލީ "ޖިނާގެ" މާޒީ ތަކުރާރުވިޔަ ނުދިނުމަށް ޓަކައެވެ. އަނބިމީހާއަށް ވަގުތުދިނުމަށް ޓަކައެވެ. އެކަމަކު ދުވާލު ހަތަރުދަމު އޮންނަނީ ޓިއުޝަންދިނުމެވެ. ރޭގަނޑުގެ އެންމެ ފަހު ކިލާސް ނިންމައިލަނީ ނުވައެއްޖަހާއިރުއެވެ. އަޒީޒާއަކަށް ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. އެކަމަކު ވަގުތެއް ލިބިއްޖެއްޔާ ޖިނާ އައިސް އިންނަނީ ޒޫނާ ގާތުގައެވެ. ނުވައެއްގެ ފަހުން ޒޫނާއާ އެކުގައި ބޭރަށް ގޮސް، ގިނަ ވަގުތު ބޭރުގައި ހޭދަކުރުމަކީ ޖިނާގެ އާދައެކެވެ. އާންމުކޮށް ޖިނާ އިންނަހިތްވަނީ މޫދު ފެންނަ ހިސާބެއްގައެވެ. ޒޫނާ ފަދައިން ޖިނާ ވެސް ހަނދުވަރު ބަލަން ލޯބިކުރެއެވެ. ހަނދުވަރުތެރޭގައި އިންނަހިތް ވެއެވެ.

ރޭތަކުގެ ތެރެއިން ރެޔެކެވެ. ޒޫނާއާއި ޖިނާ ތިބީ ރައްޓެއްސެއްގެ ގޭގެ ހާމަފެންޑާގައެވެ. އެއީ އަށްބުރީގެ އިމާރާތެކެވެ. ހާމަފެންޑާގެ ބޮޑު ބައި އޮންނަނީ ހިޔާނުކޮށެވެ. ކޮފީއަށް އިންސާފުކުރަމުން ގެންދިޔައިރު ޖިނާ ކޮފީއެއް ނުބޮއެވެ. ވާހަކައެއް ވެސް ނުދައްކައެވެ. އެހެންތިއްބާ ޒޫނާގެ އެކުވެރިޔާއަށް ފޯނެއްއައެވެ. ފޯނުން ވާހަކަދައްކަމުން އޭނަ ފޭބީ ތިރިޔަށެވެ. ޒޫނާއާއި ޖިނާ އެކަނިވިއެވެ. ދެ މީހުން ވެސް ތިބީ ޖޯލީގައި އޮށޯވެލައިގެންނެވެ. ހަމަހިމޭން ޖައްވަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ގިނިހިލައެއް ދިޔައެވެ.

"ޝޫޓިންސްޓަރ ފެނުނީމަ އަހަރެން ހާދަ އުފާވެޔޭ!" މައްޗަށް ބަލަހައްޓައިގެން އޮވެ ޒޫނާ ބުންޏެވެ.

"އެއީ ކީއްވެ އުފާވަނީ؟" ޖިނާ ސުވާލުކުރިއެވެ. "ޒޫނާއަށް އެނގޭތަ އެއީ ކޯޗެއްކަން؟ އެއީ އަލިފާނުން ދޮންކޮށްފައޮތް ހިލަގަނޑެއް. އެއީ ދެން މާ ރީތިއެއްޗެއް؟"

"މާ އަލިގަދަކޮށް އެ ފެންނަނީ ކޮންތަނެއް؟" ޒޫނާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"އެ ތަނަށް އަހަރެން ކިޔަނީ ޒަލްޒާލް!" ޖިނާ އިނގިލިން އިޝާރާތްކޮށްލައިފައި ބުންޏެވެ. "އެއީ ޒަލްދާނުން ދިރިއުޅޭ ތަން. ޒަލްދާނުންނަކީ ރަޙުމްކުޑަ، ވަރަށް ހަލުވި، އިސްކޮޅުން ވަރަށް ކުދި ބައެއް. ހަނގުރާމައިގެ ހެވިކަމަށް ވުރެ ޒަލްދާނުން ކުޅަދާނަވާނީ އުކުޅުތަކަށް. ރޭވުންތެރިކަމަށް."

ޒޫނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

"އެހެންތަ؟" ޒޫނާ ބުންޏެވެ. "އެމެރިކާ މީހުންނަށް ވުރެ ވެސް މަގޭ ޖިނާ މިހާރު މާ މޮޅޭ ދޯ! ޖިނާ އެންމެ ފަހުން ތިޔަ ޒަލްނާދަކަށް ދިޔައީ ކޮންއިރަކު؟"

ޒޫނާއަށް ނަން ކިޔުނީ ނުބައިކޮށެވެ.

"އެ ތަނަށް ކިޔާނީ ޒަލްޒާލް!" ޖިނާ ރަނގަޅުކޮށްދިނެވެ. "އެ ތަނުގަ އުޅޭ މީހުންނަށް ކިޔަނީ ޒަލްދާނުން. ރޭގަ ވެސް އެ ތަނަށް ދިޔައިން. ޒޫނާ ބޭނުންތަ ބަލައިލަން ދާން. ގެންގޮސްދީފާނަމޭ! ހާދަހާ ހިތްގައިމު ދުނިޔެއެކޭ އެއީ. ހިނގާ ދަމާ. ޒޫނާ ނުޖެހޭނެ އެއްވެސްކަމަކާ ވިސްނާކަށް. ބިރުންއުޅޭކަށް ވެސް ނުޖެހޭނެ. އެކަކަށް އެއްކަމެއް ވެސް ނުކުރެވޭނެ."

ޒޫނާ ހޭން ފެށިއެވެ.

"ކިހިނެއްވީ؟" ޖިނާ އެހިއެވެ.

"އެކަކަށް އެއްކަމެއް ވެސް ނުކުރެވޭނެ،" މަޑުމަޑުން ޒޫނާ ބުންޏެވެ. "ޖިނާ ދައްކާ ވާހަކަތައް މޮޅުކަމުން ހަމަ ހިނިއައީ. އަހަރެން ނޫޅެން ދާކަށް."

ޙަޤީޤަތުގައި ޒޫނާ ހަނދާންވީ ޖިންނިމަތިންނެވެ. ޖިންނިގެ ދުނިޔެއަށް ދާން ޒޫނާއަށް ކުރިން ދަޢުވަތުލިބުނެވެ. ޖިންނި ދެއްކި ވާހަކަތައް ޒޫނާ ހަނދާންހުއްޓެވެ.

"މިހާރު ވެސް އަހަންނާ އެއްކޮށް ހިނގާބަލަ!" ފޫހި ރާގެއްގައި އެ ފަހަރު ޖިނާ ބުންޏެވެ. "އެކަކަށް އެއްކަމެއް ވެސް ކުރާކަށް ނުކެރޭނެ. ބޭނުންތަ އެއްވެސް އިންސާނަކަށް ޒޫނާއާ ގާތް ނުވެވޭ ގޮތް ހަދަން؟ އަނިޔާއެއް ނުކުރެވޭ ގޮތް ހަދަން؟"

ޒޫނާ ވިސްނަން އޮތީއެވެ. ޖިނާ އޮތީ ވައްކަޅިން ޒޫނާއަށް ބަލަހައްޓައިގެންނެވެ. ޒޫނާގެ ހިތުގައި އެނބުރެނީ ކޮން އޮއިވަރެއްކަން ޖިނާއަށް އެނގެއެވެ.

ދުވަހެއްގެ މެންދުރުގެ ވަގުތެވެ. އަޒީޒާ ނަމާދުކޮށް ނިމުނުތަނާ ސުހެއިލު ވަނެވެ.

"އަހަރެން މިއައީ މާމަޔާ ވާހަކައެއްދައްކަން ވެގެން،" ސުހެއިލު އައިސް އެނދުގައި އިށީނދެފައި ބުންޏެވެ. "މިއަދު ދިމާވި އަނެއް މާމަޔާ. މާމަ އެހީ މަންމަ ގުޅިހޯ! މަ ބުނިން އެކަކަށް ވެސް ނުގުޅައޭ. މާމަ ބުނީ މަމާޔަކަށް ވެސް ކާފަޔަކަށް ވެސް ނުގުޅަޔޯ! ދެޓްސް ވިއަޑް! މަންމަ ވީތަނެއް ނޭނގެ. އެއްވެސް މީހަކަށް މަންމައެއް ނުގުޅާ! ދެން އެހެންވިއްޔާ ވެއާ އިޒް ޝީ؟"

ކޮޓަރީގައި އެ ވާހަކަދައްކަން ތިއްބައި ޝާޒްލީ ވަނެވެ. އެ ވާހަކައިގައި ބައިވެރިވިއެވެ.

"ހިނގާ ޕޮލިހަށް އަންގަމާ!" ޝާޒްލީ ޚިޔާލެއް ހުށައެޅިއެވެ.

ނުނިމޭ