ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދާދި ފަހުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭން ޑައިރެކްޓަރު އަނޫރާގް ކެޝަޕާއި އޭނާގެ ޓީމް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.


އެކަމަކު އޭގެ ކުރިން އޭނާގެ ފީޗާ ފިލްމެއް ބެލުންތެރިންނަށް ބަލައިލަން ލިބޭނެ އެވެ. އެއީ އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "މަންމަރްޒިޔާން" އެވެ. އަނޫރާގް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރި "މުއްކަބާޒް" އެވެ.

"މަންމަރްޒިޔާން" ގެ ޓްރެއިލާ ދައްކާލައިފި

އަބީޝެކް ބައްޗަން އާއި ތާޕްސީ ޕައްނޫ އަދި ވިކީ ކޯޝަލް ލީޑް ރޯލް ކުޅެފައިވާ "މަންމަޒިޔާން" ގެ ޓްރެއިލާ މިހާރު ދައްކާލައިފައިވާ އިރު، މިއީ އަނޫރާގް ކުރިން ގެނެސް ދިން ފިލްމްތަކާ ތަފާތު ފިލްމްކަށް ވާނެ އެވެ.

"މަންމަރުޒިޔާން" ގެ ޓްރެއިލާ.

އޭނާއަކީ އާންމުކޮށް މާ މަޝްހޫރު ތަރިން ހިމަނައިގެން ފިލްމް ހަދާ ޑައިރެކްޓަރެއް ނޫން ނަމަވެސް، މި ފިލްމަކީ މިހާރު ހަމަ ރަނގަޅު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ. ވިކީއަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ އުންމީދީ އެއް އެކްޓަރެވެ. އަނެއްކޮޅުން އަބީޝެކްގެ ބައްޕައާ އެކު ތާޕްސީ ކުޅުނު "ޕިންކް" އާ އެކު އޭނާގެ ވިދުން ވެސް މިހާރު ވަރަށް ގަދަ އެވެ.

"މަންމަރްޒިޔާން" އަކީ 2016 ގައި ރިލީޒް ކުރި "ހައުސްފުލް 3" އަށް ފަހު، އަބީޝެކް ބޮޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމެވެ.

"ބައްތީ ގުލް މީޓަރު ޗާލޫ" ގެ ޕޯސްޓަރު

އަންނަ މަހުގެ 21 ގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމް "ބައްތީ ގުލް މީޓަރު ޗާލޫ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ. މިދިޔަ އަހަރު "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ގެނެސް ދިން ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ބައްތީ ގުލް މީޓަރު ޗާލޫ" ޕޯސްޓަރު.

"ބައްތީ ގުލް މީޓަރު ޗާލޫ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ. މިއީ "ހައިދަރް" އަށް ފަހު ޝާހިދާއި ޝްރަދާ އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.

ކުރިން މި މަހުގެ 31 އަށް ތާވަލު ކުރި ފިލްމް އަންނަ މަހަށް ލަސްކުރުމަށް ފަހު ހުކުރު ދުވަހު ފިލްމްގެ ފުރަތަމަ ޓްރެއިލާ ވެސް ދައްކައިލަން ވަނީ ނިންމައިފަ އެވެ.

ނޯރާގެ "ކަމަރިޔާ" ދައްކާލައިފި

މި މަހުގެ 31 ގައި ރިލީޒް ކުރާ ހޮރޯ ކޮމެޑީ "ސްޓްރީ" އަށް ނޯރާ ފަތެހީ ކުޅުނު އައިޓަމް ލަވަ "ކަމަރިޔާ" ދައްކާލައިފި އެވެ.

އޭނާގެ ޖާދުވީ ފަރި ހަރަކާތްތައް ފެނިގެންދާ ލަވައިން ފިލްމްގެ އެކްޓަރުން ކަމަށްވާ ރާޖްކުމާރް ރާއޯ އާއި އަޕަރްޝަކްތީ ކުރާނާ ވެސް ފެނިގެން ދެ އެވެ. "ކަމަރިޔާ" ލަވަ ކުޅެން ނޯރާ އަށް ފުރުސަތު ލިބުނީ މި މަހުގެ 15 ގައި ރިލީޒް ކުރާ ޖޯން އަބަރްހަމްގެ "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ އޭނާގެ އައިޓަމް ލަވަ "ދިލްބަރު" ގައި ދައްކުވައިދިން ހުނަރާ އެކުގަ އެވެ.

"ކަމަރިޔާ" ލަވައިގެ ވީޑިއޯ.

"ކަމަރިޔާ" ލަވައަކީ "ދިލްބަރު" އާ ހިލާފަށް ރަށްފުށުގެ ގޮތްގަނޑު ދައްކުވައިދޭ ލަވައެކެވެ.

ސަޗިން-ޖިގަރްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އާސްތާ ގިލް ސަޗިން ސަންގްވީ، ޖިގަރް ސަރައިޔާ އަދި ދިވްޔާ ކުމާރެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ސްޓްރީ" ގެ ބަތަލާއަކީ ޝްރަދާ ކަޕޫރެވެ.