ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ


ކުޑަކުދިން ގޭތެރެއަށް ވައްދައި، ދޮރުތައް ލައްޕައި، ކާއެއްޗެތީގެ މަތިޖަހައިގެން ތިބެން އަންގަވައިފައިވާ ވަގުތު ވެސް މެއެވެ.

"އާދެވިއްޖެ!" ޒޫނާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ. އަދި ސަމާސާކޮށްލިއެވެ. "ދެން މާލެދަމާ!"

ޖިނާ މާފަށްއެދުނެވެ. އޭރު އޮތީ ބާބަކިއުގެ ވަގުތުޖެހިފައެވެ. އަލިފާންގަނޑު މަތީގައި މަހާއި ކުކުޅު ފިހެވެމުންދިޔައެވެ. އަލުތްވާއި، ކައްޓަލައާއި، ބަނބުކޭލަށް ދާންދެން ތައްޔާރުކޮށްފައި ހުއްޓެވެ. ޖިނާ އައުމާއެކު ކާން ފެށުނެވެ. އެ ތަނުގައި ހުރިހައި ދަރިންނާއި ޖިނާގެ މަންމަ ވެސް ހުއްޓެވެ. އަލުވި އަޅާފައިވާ ތަށްޓާ އެންމެ ކައިރީގައި ހުރެވުނީ ޖިނާއަށެވެ.

"ޕޮޓޭޓޯއެއް ވައްޓާލަބަލަ!" ތަށި ދިއްކޮށްލަމުން ސުހެއިލު ބުންޏެވެ.

ސުހެއިލުގެ ތަށްޓަށް އަލުވި ލާން އުޅެނިކޮށް ޖެނީ ވެސް ތަށި ދިއްކޮށްލިއެވެ.

"ބައް÷ޕާ މަށަށް ވެސް." ޖެނީ އެދުނެވެ.

ޖެނީގެ ތަށްޓަށް އަލުވި ލުމަށް ފަހު ޖިނާ އަލުވި ތަށި ނަގައިފައި ސުހެއިލު ކައިރީގައި ބެހެއްޓިއެވެ. އޭރު ވެސް ސުހެއިލު ހުރީ ތަށި ދިއްކޮށްގެންނެވެ. ޖެނީއަށް ކަންތައްކުރި ގޮތަށް ސުހެއިލަށް ކަންތައް ނުކުރުމުން ސުހެއިލު ހިތްހަމަނުޖެހުނެވެ. ގޭތެރޭގައި އެ ފަދަ މަންޒަރު ތަކުރާރުވާން ފަށައިފައިވީ ނަމަވެސް، ސުހެއިލު އެ ކަމަކަށް އާދައެއް ނުވިއެވެ. އެ ގޮތް ވަރިހަމައެއް ނުވިއެވެ. ސުހެއިލުގެ ނަޒަރުގައި ދަރިފުޅަކީ ސުހެއިލެވެ. ޖެނީއަކީ ދޮންދަރިއެވެ. އެ ކަށި އަބަދުވެސް ސުހެއިލުގެ ކަރުގައި ހުރަހަށް އަޅައިގަނެއެވެ. ދިރުވައެއްނުލެވެއެވެ. ސުހެއިލުގެ މޫނުމައްޗަށް އެރި ކުލަވަރު ފެނުނީ ޒޫނާއަށެވެ. މައްސަލަ ޙައްލުކުރުމަށް ޒޫނާ އަވަސްވެގަތެވެ. އަލުތްވެއް ނަގައިފައި ސުހެއިލު ތަށްޓަށް ލަނިކޮށް ސުހެއިލު ތަށި ދަމައިގަތެވެ. ޢާއިލާގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުން ކިތަންމެ ކުޑަ ކަމަކުން ވެސް ހުޅުގަނޑު ފަޅައިގެންދެއެވެ. ފެން ބާލިދީ ހިފައިގެން ތެދުވީ ޝާޒްލީއެވެ.

"އެނައުންސްމަންޓް!" ޝާޒްލީ ބުންޏެވެ.

އެންމެންގެ ސަމާލުކަން ޝާޒްލީއަށް ހުއްޓުނެވެ.

"މީ ޖަސްޓް އަ ޕިކްނިކް ޓްރިޕެއް ނޫން،" ޝާޒްލީ ބުންޏެވެ. "މި ޓްރިޕް ރޭވުނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން."

ޒޫނާ ހިނިއައިސްފައި ބަލަހައްޓައިގެން ހުއްޓެވެ. ޝާޒްލީ ދަބަހުން ތިން ސިޓީއުރަ ނެގިއެވެ.

"މިއަދު އަހަރުމެންނަށް ސެލަރީ ލިބިއްޖެ!" ޖިނާއަށް އުރަތައް ދިއްކޮށްލަމުން ޝާޒްލީ ބުންޏެވެ. "ފުރަތަމަ ސެލަރީ އެއްކޮށް ޑެޑީއަށް."

އެ ވަގުތު ކުއްލިއަކަށް ޖެނީ ކޮށިއެރިއެވެ. ޖެނީއަށް ފެންދޭން ޖިނާ ތެޅިފޮޅިގަތް ވަގުތު ޖިނާގެ އަތުން ޖެހިފައި ސިޓީއުރަތައް ވިއްސައިގެންދިޔައެވެ. އެންމެންގެ ލޮލުގައި އެ ކަން އަޅައިގަތެވެ. ޖިނާ ފިޔަވައެވެ. ޖިނާ އަވަސްއަވަހަށް ތަށްޓަކަށް ފެންއަޅައިފައި ޖެނީއަށް ދިނެވެ. ޖެނީ ފެންބޯން ފެށުމުން ޖެނީގެ ބުރިކަށީގައި ފިރުމައިދޭން ފެށިއެވެ. އެ މަންޒަރު ބަލާކަށް ޝާޒްލީއަކަށް ކެތެއްނުކުރެވުނެވެ. އެ ތަނުން ތެދުވެގެން ދިޔައެވެ. ޖެނީގެ ކެއްސުން ރަނގަޅެއް ނުވިއެވެ.

"އަދިވެސް ފެންފޮދެއް ބޯލަބަލަ!" އޯގާތެރިކަމާ އެކުގައި ޖިނާ އެދުނެވެ. "މިހާރު ކިހިނެއް؟ މާލެދާން ބޭނުންތަ؟"

ސުހެއިލަކަށް ވެސް ކެތެއްނުވިއެވެ. ޖެނީ ކެއްސައިލާއިރަށް ދަތުރު މެދުކަނޑައިލައިފައި މާލެދާންޖެހޭ ހެއްޔެވެ؟ ކޮށިއެރުމާއި ވިލިނގިއްޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ސުހެއިލު ތެދުވިއެވެ. ދުރުގައި ބަލަހައްޓައިގެންހުރި ޝާޒްލީއާ ދިމާއަށް ހިނގައިގަތެވެ. ޒޫނާއާ ދިމާއަށް ބަލައިލައިފައި ފަޒޭލު ވެސް ދިޔައީއެވެ. ފަޒޭލަށް ގޮވަން ޒޫނާ އަނގަހުޅުވައިލިއެވެ.

"ޒޫނާ!" ޖިނާ ގޮވައިލިއެވެ. "ތިހެން ނީނދެ މިކޮޅަށް ޖެހިލަބަލަ! ދާ ބަޔަކު ދާން ދޫކޮށްލާ! ކޮންކަމެއް."

އެ ހިސާބުން ދަތުރުގެ ފޯރި ގެއްލުނީއެވެ. އެއްޗެއް ނުބުންޏެއްކަމަކު ޒޫނާ ވެސް އެ ކަމާ ހިތްހަމަނުޖެހުނެވެ. ކައިވެނީގެ ކުރީކޮޅު ދޮންދަރިންނާ ޖެހުމަކީ ޒޫނާގެ ނަޒަރުގައި ހެޔޮ ފާލެއް ނޫނެވެ. އޭގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އެކަމަކު ޖިނާ އިނީ ވަރަށް ހަމަޖެހިފައެވެ. އެ ކަމާ ޒޫނާ ހައިރާންވިއެވެ. ހިތުގައި ސުވާލު އުފެދުނެވެ. ދަރިންނަށް ވުރެ ބޮޑަށް ޖެނީއާއި ޒޫނާގެ އުފާ ޖިނާއަށް މުހިންމުވަނީ ކީއްވެހެއްޔެވެ؟ އެހާ ބޮޑު ބަދަލެއް ޖިނާއަށް އައީ ކީއްވެގެން ހެއްޔެވެ؟ ގުރައިދޫގައި އުޅުނުއިރު ޖިނާ އެންމެ އިސްކަމެއްދިނީ ޖިނާގެ ދަރިންނަށެވެ. އެ ކުދިންނަށް ކަމެއް ޖެހިއްޖެއްޔާ އެ ނޫންކަމަކާ ޖިނާއަކަށް ނުވިސްނެއެވެ. ކުދިންގެ މަންމަ ދިޔުމުން ޖިނާގެ ލޯބި ދެގުނައަށް އިތުރުވިތަން ޒޫނާއަށް ފެނުނެވެ.

"ޓޫމަޗް!" ސުހެއިލު ރުޅިއައިސްފައި ލިޔެލިއެވެ. "ސީރިޔަސްކޮށް މި ބުނީ. އެ ޖެނީ ދެކެ އަހަރެން ހަމަ ވަރަށް ފޫހިވެއްޖެ!"

މާލެއައިސް ކޮންމެ މީހަކު ވެސް ވަނީ އެ މީހެއްގެ ކޮޓަރިއަށެވެ. މަޝްވަރާކުރީ ފޯނުން ޗެޓު ގުރޫޕު ތެރޭގައެވެ. ގުރޫޕުގައި ތިބީ ތިންބެއިން އެކަންޏެވެ.

"އެކަމަކު އޭނަގެ ފޯލްޓެއް ނެތް ދޯ!" ޝާޒްލީގެ ވިސްނުން ތަފާތެވެ. "ކީއްވެ އޭނަދެކެ ފޫހިވާންވީ؟"

"އާނ ޝަޒޫއަކަށް އޭނަ ގޯހެއް ނުވާނެ،" ސުހެއިލު ލިޔެލިއެވެ. "ރޫމްމޭޓް ވިއްޔަ! ބައްޕަ ގާތުގަ ޖެނީއަކަށް ނުބުނެވޭނެތަ އެހެން ހެދީމަ އަހަރުމެންނާ މައްސަލަޖެހޭނެޔެކޭ! ބުނެވޭނެ! އެކަމަކު ހަމަ އިނީނު. އެންމެނަށް ސެލެރީ ލިބޭ ދުވަހު ސެލެބްރޭޓްކުރާނަމޭ ކިޔާފަ އެ ކަން ހަނދާންނައްތާލައިފަ، ނުވާތާކަށް ޖެނީ ނަގާ ބޮލަށްލައިފަ، އޭނަ ކިނބިއްސެއްއަޅާލާއިރަށް ޓްރިޕް ކެންސަލް. މާދަމާ އޭނަ ވަޔެއްލާއިރަށް އަހަރުމެން ޖެހޭނެކަންނޭނގެ ގެ ހުސްކުރަން."

ޖިނާ ކަންތައް ކުރި ގޮތް އަޒީޒާއަކަށް ވެސް ކަމަކުނުދިޔައެވެ. އެހެންނަމަވެސް، ޖިނާއަށް ވިސްނައިދިނުމުގެ ބަދަލުގައި އަޒީޒާ މަޝްވަރާކުރީ ޒޫނާޔާއެވެ.

"އަހަރެން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން ބުންޏަސް ޖިނާ އެ ކަމެއް ކުރާނެ،" އަޒީޒާ ބުންޏެވެ. "އެކަމަކު މަންމަ ބޭނުންވަނީ ދަރިފުޅު ގޮސް ޖިނާޔާ ވާހަކަދައްކަން. އެހެންނޫނީ ޖެނީޔާ ކުދިންނާ ޖެހިދާނެ. ދަރިފުޅާ ޖިނާޔާ ޖެހިދާނެ. ޖިނާޔާ ކުދިންނާ ވެސް ޖެހިދާނެ. މަންމަ ވެސް އުފާވޭ ޖެނީއަކީ ދަރިޔެއް ކަމަށް ޖިނާ ބަލާތީ. އެކަމަކު އެހާ ބޮޑު ބަދަލެއް ޖިނާޔަށް އައީމަ މަންމަ މިހިރީ ހަމަ ހައިރާންވެފަ."

ޚުދު ޒޫނާ ވެސް ހުރީ ހައިރާންވެފައެވެ. ރޭގަނޑު ނިދަންއުޅުމުގެ ތެރޭގައި ޒޫނާ އެ ވާހަކަދެއްކިއެވެ. ޖިނާގެ ޖަވާބު ވަރަށް ސާދާވެފައި ކުރެވެ.

"ޖެނީއަކީ އަހަރެންގެ ދަރިއެކޭ،" އެނދުގައި އޮށޯވެލައިގެން އޮވެފައި ޖިނާ ބުންޏެވެ. "އެހެންވީމަ އަހަރެން ލޯބިވާނެއްނު!"

"ދަރިންނާ ދޮންދަރިން ތަފާތުވާންޖެހޭނެ." ނިދާހެދުން ލަމުން ޒޫނާ ބުންޏެވެ.

"ތީ ޒޫނާ ދެކޭ ގޮތް،" ޖިނާ ބުންޏެވެ. "ޒޫނާއަކީ ޖެނީގެ މަންމަ. އަހަންނަކީ ބައްޕަ."

ޒޫނާ އައިސް އެނދުގައި އޮށޯވެލިއެވެ. ލޯބީގެ ނަޒަރަކުން ޖިނާއަށް ބަލައިލިއެވެ.

"ޖިނާ ތިހެން ބުނާ އަޑު އިވުނީމަ އަހަންނަށް ވުރެ އުފާވާ ދެވަނަ މީހަކު ނުހުންނާނެ،" ޒޫނާ ޝުކުރުވެރިކަމާ އެކުގައި ބުންޏެވެ. "އެކަމަކު އެ ކަހަލަ ކަމެއް ދެން ތަކުރާރުވެގެން ނުވާނެ. ކުދިންނާ ޖިނާޔާ ޖެހިއްޖެއްޔާ.."

ޖިނާ ވަރަށް ގާތަށްޖެހިލިއެވެ. ޒޫނާގެ އިސްތަށިގަނޑުން ވަސްބަލައިލިއެވެ.

"ހަމައެކަނި މި ލުއިލުއި ވަހަށް ޓަކާ ވެސް އަހަރެން މުޅި ދުނިޔެއާ ރުޅިވާން މިހިރީ ތައްޔާރަށް،" ފުން ނޭވައެއް ބޭރުކޮށްލަމުން ޖިނާ ބުންޏެވެ. "ހިތަށްއަރާ ޒޫނާ ގޮވައިގެން އަހަންނަށް ވަރަށް ދުރަށް ދެވޭނެ ނަމައޭ. އިންސާނުންގެ އެސްފީނާޔާ ދުރަށް. އަހަރުމެން އުޅޭ ގޮތް އެއްވެސް އިންސާނަކަށް ނުފެންނަ ކަހަލަ ތާކަށް. އެ ތަނެއްގަ ލޯބި ނޫން އެހެން އެއްވެސް އެއްޗެއް ނެތް ތާކަށް. ލޯބީގެ ވާރޭ މެދުނުކެނޑި ވެހޭ ކަހަލަ ތާކަށް. އޭރުން ތި މޫނަށް ބަލަހައްޓައިގެން ހުރެ ހަތަރުދަމު އަހަރެން ތައުރީފުކުރާނަން."

ޒޫނާ ހިނިތުންވެލިއެވެ. ކަނޑުގެ އޮއިވަރާ ހަވާލުކޮށްފައި ގައިން ވަރުދޫކޮށްލައިގެން އޮންނަހެން ޖިނާގެ ލޯބީގައި އޮޔާދާން ޒޫނާގެ ނަފުސު ދޫކޮށްލިއެވެ.

"ހުއްޓާނުލާ!" ދެ ލޯ މަރައިލައިފައި، ވައިއަޑުން ޒޫނާ އެދުނެވެ. "ތައުރީފުކުރޭ! އަހަރެންގެ ހިތްފުރެންދެން ތައުރީފުކުރޭ! އިރުއަރައި އޮއްސިފަ އަލުން އަރަންދެން ވެސް އަހަރެން ހަމަ މިތާ އޮންނާނަން."

ސުވިޗު ނިއްވައިލި އަޑާ އެކުގައި ތަނަށް ވެރިވީ ފުން އަނދިރިކަމެކެވެ. ޒޫނާ ހީކުރީ އެ ކަން ކުރީ ޖިނާކަމަށެވެ. އެކަމަކު ސުވިޗު ހުރީ ޖިނާގެ އަތްފޯރާ ހިސާބަށް ވުރެ ތަންކޮޅެއް ދުރުގައެވެ. އެއާ ދިމާއަށް ޖިނާ ބަލައިލިކަން އެކަންޏެވެ. ލޯ ހުޅުވައިގެން އޮތް ނަމަ ޒޫނާއަށް އެ މަންޒަރު ރީތިކޮށް ފެނުނީހެވެ.

ދާހިތްލައި ފޯވެފައިހުރި ޢަލީ ދުވީ ވަރަށް ބާރަށެވެ. ނިންމަން ކަނޑައެޅި ފާހަގަ ކައިރިވާތީއެވެ. ފާހަގަ ފަސްދެވުމުން ޢަލީ ހުއްޓުނެވެ. ކަކުލުގައި އަތްއަޅައިގެން ގުދުވެ މައިނޭވާލާން އިރުކޮޅަކު އޮތުމަށް ފަހު ހިންދަމައިލިއެވެ. އެ ވަގުތު ޢަލީގެ ލޮލުގައި މީހަކު އަތްއެޅިއެވެ. އެއީ ކާކުގެ އަތެއްކަން ޢަލީއަށް އެނގެއެވެ. އެހެންނަމަވެސް އެ މީހަކު އަމިއްލައަށް އަތްނަގާތޯ ޢަލީ މަޑުކޮށްލިއެވެ. އަތް ނުނެގުމުން ޢަލީ އެ ދެއަތް ފޮޅުވައިލިއެވެ. ފަހަތް ބަލައިވެސް ނުލައި ހިނގައިގަތެވެ.

"އޭއި އައްޔާ!" ޝާޒްލީ ގޮވައިލިއެވެ. "އައްޔަ ޕްލީޒް މަޑުކޮށްބަލަ!"

ޢަލީ މަޑެއްނުކުރިއެވެ. ނުވެސް ބެލިއެވެ. ދިޔަ ގޮތަށް ދިޔައީއެވެ. ޢަލީ އެހާ ރުޅިއަންނަންޖެހޭ ވަރުގެ ކަމެއް ކުރެވުނު ހަނދާނެއް ޝާޒްލީ ނުވެއެވެ. ޢަލީއާ ވާހަކަދެއްކޭތޯ ޝާޒްލީ އެތައް މަސައްކަތެއް ކޮށްފިއެވެ. އެނގޭ ހުރިހައި ނަންބަރަކަށް ގުޅައިފިއެވެ. ވީކަމެއް ނެތެވެ.

"ރުޅިއަންނަން މަށަށް ވެސް އެނގޭ!" މަޑުމަޑުން ޝާޒްލީ ބުނެލިއެވެ.

ބާޒާރުކުރަން ޖިނާޔާ އެކުގައި ޒޫނާ ނުކުތް ރެޔެކެވެ. ޖިނާއަށް ވަދެވެނީ ބައެއް ފިހާރަޔަށެވެ. އޭގެ ސިއްރެއް ޒޫނާއަކަށް ނޭނގެއެވެ. ކޮންމެ ފިހާރަޔަކަށް ވެސް ވަނުމުގެ ކުރިން ޖިނާ ވަރަށް ރަނގަޅަށް ފިހާރަތެރެ ބަލައެވެ.

"ކީއްތަ ތި ކުރަނީ ޖިނާ؟" ޒޫނާ ސުވާލުކުރިއެވެ.

"ދެން ހުންނާނެތާ މަ ވެސް ވަންނަން ބޭނުން ފިހާރަޔާ ވަންނަހިތް ނުވާ ފިހާރަ،" ޖިނާ އުޒުރެއް ދެއްކިއެވެ. "ޒޫނާއަކަށް އެހެނެއް ނުވޭތަ؟ ހިނގާ މި ފިހާރަޔަށް ވަންނަން."

ގަލޮޅު ދަނޑުގެ ސިޑިބަރި ދަށުގައި ހުރި ފިހާރަތަކުން ފިހާރައެއް ދައްކައިފައި، ޒޫނާއަށް ވުރެ ކުރިން ޖިނާ އެ ފިހާރަޔަށް ވަނެވެ. ޒޫނާ ދިޔައީ އަންހެން ހެދުންތަކާ ދިމާއަށެވެ. ޖިނާ ދިޔައީ ގަމީސްތަކާ ދިމާއަށެވެ. ހަތަރު ވަރަކަށް އަހަރުގެ ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު ވެސް އެ ތަނުގައި ހުއްޓެވެ. ޖިނާގެ ނަޒަރު ހުއްޓިފައިހުރީ ވަކި ގަމީހަކަށެވެ. އެއީ ރަތްގޮޅިޖެހި، އަތްދިގު ގަމީހެކެވެ.

ނުނިމޭ