"މޮހެންޖޯ ދަރޯ"އަށް ވުރެ ބޮލީވުޑްގެ ތާއީދު "ރުސްތުމް" އަށް

އަކްޝޭ ކުމާރުގެ "ރުސްތުމް" އާއި ރިތިކް ރޯޝަންގެ "މޮހަންޖޯ ދަރޯ" ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 12 ވަނަ ދުވަހު އެވެ. އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުންގެ ދެ ފިލްމެއް އެއް ދުވަހަކު ރިލީޒްކުރުމަށް ތައްޔާރުވަމުން ދާއިރު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ތާއީދު އޮތީ އަކްޝޭގެ "ރުސްތުމް" އަށެވެ.


ސަލްމާން ޚާނާއި ރަންވީރު ސިންގް ފަދަ ގިނަ އެކްޓަރުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި "ރުސްތުމް"އަށް ތާއީދުކުރާކަން ވަނީ ފާޅުކޮށްފަ އެވެ.

"މޮހަންޖޯ ދަރޯ" އަކީ އިންޑަސްވެލީ ހަޟާރަތުގެ ޒަމާނުގެ ތާރީޚީ ލޯބީގެ ވާހަކަ އެކެވެ. "ރުސްތުމް" އަކީ ނޭވީ އޮފިސަރަކަށް ދިމާވި ހާދިސާތަކެއްގެ މައްޗަށް ކުޅެފައިވާ ތުރިލާ އެކެވެ.

"ރުސްތުމް"ގައި އިލައިނާ ޑިކްރޫޒް އާއި އީޝާ ގުޕްތާ ބަތަލާގެ ރޯލުތައް ކުޅެފައި ވާއިރު "މޮހެންޖޯ ދަރޯ" އަކީ ޕޫޖާ ހެގްޅޭ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.

ނަމަވެސް އަކްޝޭގެ ފިލްމަކީ ރިތިކްގެ ފިލްމަށް ވުރެ މާ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ދެ ފިލްމުގެ ބަޖެޓުގެ ތަފާތު ބޮޑުކަން އެނގުމުން ގިނަ ބަޔަކު ހައިރާންވާނެ އެވެ.

'ރުސްތުމް' ޓްރެއިލާ

އިންޑިއާގެ މިޑްޑޭ ނޫހުގައި ބުނާ ގޮތުން "ރުސްތުމް"ގެ ބަޖެޓަކީ 50 ކްރޯޑު (500 މިލިއަން ރުޕީސް) އެވެ. "މޮހަންޖޯ ދަރޯ"ގެ ބަޖެޓަކީ ގާތްގަނޑަކަށް "ރުސްތުމް"ގެ ބަޖެޓުގެ ދެ ގުނަ ކަމަށްވާ 100 ކްރޯޑު (1000 މިލިއަން ރުޕީސް) އެވެ.

އަކްޝޭ އަކީ އަބަދުވެސް މޮޅު ވާހަކަތަކުގެ މައްޗަށް ކުޑަ ބަޖެޓަކުން ފިލްމު އުފެއްދުމަށް މަޝްހޫރު އެކްޓަރެކެވެ. "އެއާލިފްޓް" އާއި "ބޭބީ" އަކީ މީގެ ރަނގަޅު މިސާލެވެ.

އަނެއްކޮޅުން ރިތިކްގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މީގެ ދެ އަހަރު ކުރިން ނުކުތް "ބޭންގް ބޭންގް" އެވެ. މި ދެ ފިލްމު ރިލީޒްކުރާނެ ސްކްރީންތައް ބިނާ ވަނީ ފިލްމުގެ ބަޖެޓަށެވެ. އެގޮތުން ރިތިކްގެ "މޮހަންޖޯ ދަރޯ" އިންޑިއާގެ އެކި ހިސާބުތަކުގެ 2300-2500 ސްކްރީނުގައި އަޅުވަން ހަމަޖެހިފައިވާއިރު "ރުސްތުމް" ރިލީޒްކުރާނީ 2000 ސްކްރީނުގަ އެވެ.

'މޮހެންޖޮ ދާރޯ" ގެ ޓްރެއިލާ

މިއީ މިދިޔަ އަހަރު ޝާހްރުކްގެ "ދިލްވާލޭ" އާއި ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގުގެ "ބާޖީރާއޯ މަސްތާނީ" އެއް ދުވަހެއްގެ ރިލީޒްކުރިއިރު ވެސް ދިމާވި ގޮތެކެވެ.

"ދިލްވާލޭ" އަށް ރިލީޒްކުރާނެ މާގިނަ ސްކްރީންތަކެއް ލިބުނެވެ. ނަމަވެސް ކްރިޓިކްސް އާއި ބެލުންތެރިން "ދިލްވާލޭ" އަށް އިންތިހާއަށް ފާޑުކިޔާ "ބާޖީރާއޯ މަސްތާނީ"އަށް ތައުރީފު ކުރި އެވެ. އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބު ވެސް ހޯދީ "ބާޖީރާއޯ މަސްތާނީ" އެވެ.

ސަލްމާން ޚާންގެ "ސުލްތާން" އާއި ޝާހްރުކްގެ "ރައީސް" އެއް ދުވަހެއްގެ ރިލީޒްކުރަން ހަމަޖެހިފައި އޮވެފައި ކުއްލިއަކަށް "ރައީސް" ރިލީޒްކުރުން ޝާހްރުކް ފަސްކުރީ މިފަދަ ގޮތެއް އަނެއްކާވެސް ތަކުރާރުވެދާނެތީ ބިރުންނެވެ.

ނަމަވެސް "ރުސްތުމް" އާއި "މޮހެންޖޯ ދަރޯ"ގެ ޕްރޮޑިއުސަރުން މި ދެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލައިގެން ދިމާވެދާނެ ގޮތަކާ މެދު ޖެހިލުމެއް ނުވެ އެވެ. ނަމަވެސް މި ދެ ފިލްމުން ކުރެ ކުރި ލިބޭނީ ކޮންމެވެސް އެ ފިލްމަކަށެވެ. ޖަވާބު ސާފުވާނީ ހުކުރު ދުވަހުންނެވެ.