ހެލީ ބެރީ ފިލްމެއް ޑައިރެކްޓް ކުރަނީ

އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ހެލީ ބެރީ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.


އޭނާގެ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ ފުރަތަމަ ފިލްމަކަށް ވާނީ މިކްސްޑް މާޝަލް އާޓްސް އަށް ބިނާކޮށް ހަދާ "ބްރޫޒްޑް" އެވެ. މި ފިލްމު ޕްރޮޑިއުސްކޮށް، މީގެ މުހިއްމު ރޯލެއް ވެސް ހެލީ ކުޅޭނެ އެވެ.

އުމުރުން މިހާރު 52 އަހަރުގެ ބަތަލާ ބުނި ގޮތުގައި "ބްރޫޒްޑް" ގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ. މާޝަލް އާޓްސްގެ ތެރެއިން މަޔަކާއި އޭނާގެ ހަ އަހަރުގެ ފިރިހެން ދަރިފުޅުގެ ވާހަކަ ކިޔައިދޭ ފިލްމުގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ މިޝެލް ރޮޒެންފާބްއާ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ކިންގްސްމަން: ދަ ގޯލްޑެން ސާކަލް" އާއި "ކިޑްނެޕް" އަދި "ކިންގްސް" ގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާ "ޖޯން ވިކް 3" އެވެ.

ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ހެލީ އަށް އޮސްކާގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ 2001 ގެ "މޮންސްޓާޒް ބޯލް" އިންނެވެ.