"2.0" އަކީ "ރޮބޮޓް" އަށް ދޫނުކުރާނެ ވަރުގެ ފިލްމެއް

އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ރަސްގެފާނު ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ގެ ޓީޒާ ޓްރެއިލާ އެންމެ ފަހުން ބެލުންތެރިންނަށް ދައްކާލައިފި އެވެ.


މި ފިލްމަކީ 2016 ވަނަ އަހަރުން ފެށިގެން ސިނަމާ އަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ފިލްމެކެވެ. އެކަމަކު ފިލްމުގެ ވީއެފްއެކްސް ނުވަތަ ސްޕެޝަލް އިފެކްޓްސް އަށް މާގިނަ ވަގުތު ހޭދަވެ، އެކަން ދިގުލައިގެން ދިއުމުން ފިލްމު ރިލީޒް ނުކުރި ލަސްވެގެގެން ދިޔައީ އެވެ.

ޝަންކަރް ޑައިރެކްޓްކޮށްފައިވާ "2.0" އަކީ ހަމަ ރަޖްނީކާންތާ އެކު 2010 ގައި ގެނެސް ދިން ފިލްމު "ރޮބޮޓް" ގެ ދެވަނަ ބައެވެ. އައިޝްވާރިޔާ ރާއީ ބަތަލާގެ ރޯލް ކުޅުނު އެ ފިލްމަކީ އިންޑިއާގެ ފިލްމަކުން މިހާތަނަށް އެންމެ ފުރިހަމަ އަދި އެންމެ މޮޅު ވީއެފްއެކްސް ފެނިގެން ދިޔަ އެއް ފިލްމެވެ.

އެހެންވެ ދެވަނަ ބައި މާ ބޮޑަށް ވެސް ވަރުގަދަ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ޓެކްނީޝަންގެ ޓީމަކާ އެކު "2.0" ގެ ވީއެފްއެކްސް އަށް ތިން އަހަރެއްހާ ދުވަހުގެ މަސައްކަތްކޮށްފައިވެ އެވެ. ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ސްޕެޝަލް އިފެކްޓްސް އަށް އެކަނި ވެސް ޖުމްލަ 75 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ޑައިރެކްޓަރު ޝަންކަތރް "2.0" ގެ ޓީޒާ ތްރެއިލާ ޓްވީޓްކޮށްފައި.

މިއަށް ކޮށްފައި ހުރި މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ގޮތުން ޓީޒާ ޓްރެއިލާ ބަލައިލުން މި ވަގުތަށް ފުދޭނެ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 29 ގަ އެވެ.

"2.0" މި ފަހަރު ހިންދީ އޯޑިއަންސަށް އެންމެ ހާއްސަވާ އެއް ސަބަބަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރް ފިލްމުގައި ވަރަށް ތަފާތު ލުކަކާ އެކު، ވަރުގަދަ ރޯލެއް ކުޅެފައިވުމެވެ. މި ފަހަރުގެ ފިލްމްގެ ބަތަލާއަކީ އެމީ ޖެކްސަން އެވެ.

ހިންދީ އޯޑިއަންސަށް "2.0" ޕްރެޒެންޓްކޮށް ދޭނީ "ބާހްބަލީ" ގެ ހިންދީ ވާޝަން ވެސް ގެނެސް ދިނުމުގެ ޒިންމާ ނެގި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.

މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ "2.0" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލުކޮށްފައިވާ އޭއާރް ރަހްމާނެވެ.