އައްޒަ ދެން ފިލްމުތަކުން ފެންނާނެ، ކުރިއަށް ޕްރޮޖެކްޓްތަކެއް އެބަހުރި

ޔާރާ އާއިލާ އިން ފިލްމީ ދާއިރާ އަށް ނިކުތް މަރިޔަމް އައްޒަ އަކީ މިހާރު މި ދާއިރާގައި ހުރި އެންމެ އުންމީދީ އެއް ބަތަލާއޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ.


އޭނާ މަޝްހޫރުވީ ވީޑިއޯ ލަވަތަކުން ކަމަށް ވިޔަސް، ފަހަކަށް އައިސް ޑްރާމާ ސިލްސިލާތަކުން ވެސް ޒުވާން ބަތަލާ އަންނަނީ ފެންނަމުންނެވެ. ޑްރާމާތަކުން އައްޒަ ވަނީ އެތައް ބައެއްގެ ހިތްތައް އަތުލައިފަ އެވެ.

"ވަކިވުމުގެ ކުރިން" އާއި "އުމުރަށް ސަލާން" މި ދެ ޑްރާމާއަކީ އައްޒަގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ ދެ ޑްރާމާ އެވެ.

މި އަހަރު ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރެއިން "4426" އަކީ އައްޒަ ފީޗާ ފިލްމެއްގެ ބޮޑު ރޯލަކުން އައްޒަ ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ. އެހެންވެ މިއީ އޭނާގެ ފޭނުންނަށް އޮތް ހިތްހަމަޖެހުމެކެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރި ނަމަވެސް އައްޒަ މިހާތަނަށް ފިލްމުތަކެއްގައި ފާހަގަކޮށްލެވޭ މަސައްކަތެއްކޮށްފައެއް ނެތެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން އާއިލީ ފިލްމް ކުންފުނި ޔާރާ އިން ގެނެސް ދިން ބިރުވެރި ފިލްމް "ހުކުރުވިލޭރޭ" ގެ ސަޕޯޓިން ރޯލަކުން އޭނާ ފެނިފައިވެ އެވެ.

އޭގެ ފަހުން ޑައިރެކްޓަރު އަބްދުލް ފައްތާހް ގެނެސް ދިން ކުޑަކުދިންގެ ފިލްމް "ޕަރީ ދައްތަ" އާއި އަލީ ސީޒަންގެ "ވަތަން" ގެ ހާއްސަ ލަވަކުން އައްޒަ ފެނިފައިވެ އެވެ.

އައްޒަ: އޭނާ ބުނީ ފިލްމް ކުޅެން ލިބޭ އޮފާތަކުގެ ބޭނުން ދެން ހިފާނެ ކަމަށް.

އައްޒަ ބޮޑު ސްކްރީނުން ނުފެންނާތީ، މާޔޫސްވެފައި ތިބި ފޭނުންނަށް މިހާރު އޭނާ ދޭން އޮތީ އުފާވެރި ހަބަރެކެވެ. އޮކްޓޯބަރު މަހު ރިލީޒް ކުރާ "4426" ގެ އިތުރުން، އޭނާ މިހާރު ވެސް ވަނީ އާ ދެ ޕްރޮޖެކްޓަކަށް އެއްބަސްވެފަ އެވެ.

އެއީ ފައްތާހް ޑައިރެކްޓް ކުރާ "ލޭ ކަރުނައިން" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް އޮތް ޕްރޮޖެކްޓެވެ. އެ ސްޓޫޑިއޯ އިން ބުނެފައިވާ ގޮތުން ކުރިއަށް އޮތް ފިލްމުގެ ނަމަކީ "މިއީ ލޯތްބަކީ" އެވެ.ނަމަވެސް ފިލްމުގެ ނަން ފިޔަވައި، ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އައްޒަ އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު ޖުމާއާ އެކު.

އައްޒަ ބުނި ގޮތުގައި "4426" އަށް ފަހު ދެން އެންމެ އަވަހަށް އޭނާ ފަށާނީ ޑާކް ރެއިންގެ ފިލްމަކުންނެވެ.

"މިހާރު މިހިރީ ހަމަ ލިބޭ އޮފާތަކާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ވަންޏާ ފިލްމް ކުޅެން ތައްޔާރަށް،" މީގެ ކުރިން ލިބުނު ގިނަ ފިލްމުތަކެއް ދޫކޮށްލި ބަތަލާ ބުންޏެވެ.

އޭނާ ބުނީ ފިލްމްތަކުން ކުރިން ލިބުނު ފުރުސަތުތައް ދޫކޮށްލީ، އޭރު ފިލްމް ކުޅެން އެެހާ ސީރިއަސް ނޫން ވީމަ އެވެ.

"ފިލްމް ކުޅެން އެހާ ވަރަކަށް ފޯކަސްކޮށްގެނެއް ނޫން ހުރީ. އެހެންވެ ވަރަށް ގިނަ ފިލްމުތަކެއް ރިޖެކްޓް ކުރިން. އެކަމަކު މިހާރު މިހިރީ އޮފާތައް ލިބޭ ވަރަކުން، ކުޅެން ލިބޭ ރޯލާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ވަންޏާ ކުރިއަށް ދާން ތައްޔާރަށް،" އާންމުކޮށް ވީޑިއޯ ލަވަތަކުން ފެންނަ އައްޒަ ބުންޏެވެ.

އައްޒަ އާއި ކުރީެގ ފިރިމީހާ ޖުމާ އެކުގައި ކުޅުނު ލަވައެއް

އައްްޒަ ބުނީ "4426" އަށް ފަހު، އޭނާގެ ކެރިއަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ވަރަށް ބޮޑަށް ގަބޫލު ކުރެވޭ އެ ފިލްމަށް ފަހު، ކެރިއަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް،" ފާތުމަތު ނަހުލާގެ ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފަލުން ހުރި ބަތަލާ ބުންޏެވެ. "ނަހޫގެ ފިލްމެއްގެ ބޮޑު ރޯލަކުން ބޮޑު ސްކްރީނަށް އާދެވޭތީ ވަރަށް ހިތްހަމަޖެހިފައި މިހިރީ."

އޭނާ ބުނީ ރާއްޖޭގައި ތިބި މަޝްހޫރު ޑައިރެކްޓަރުންނަށް ބަލާ އިރު ފައްތާހާއި މުހައްމަދު ނިޔާޒް (ޓެޑްރީ) އަކީ ލިސްޓްގައި ތިބި ޑައިރެކްޓަރުން ކަމަށެވެ.

"ހަމަ އެގޮތަށް ޑާކް ރެއިންއާ އެއްކޮށް މަސައްކަތެއްކޮށްލަން ބޭނުންވެފައި ހުއްޓައި އެ ފުރުސަތު ވެސް މިހާރު މިއޮތީ ލިބިފައި،" ކައިވެންޏެއްކޮށް، ދަރިއަކު ވެސް ލިބި އެކަމަކު ކައިވެނި ރޫޅިފައިވާ ބަތަލާ ބުންޏެވެ. "ފިލްމީ ދާއިރާގެ ކުރިމަގު ވަރަށް އުޖާލާކޮށް މިހާރު ފެންނަނީ. ކުރިއަށް އޮތް ތަނުގައި އައްޒަ ފެނިގެން ދާނެ ގިނަ ފިލްމުތަކުން. ފޭނުންނަށް ވެސް ދޭން އޮތް ޔަގީން ކަމަކީ އެއީ."

އައްޒަ ދަރިފުޅު އީތަން އާ އެކު: ފިލްމީ ދާއިރާ އަށް ވަގުތު ދޭން ތައްޔާރު.

އޭނާ ބުނީ ޔާރާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން އަމިއްލަ އަށް ފިލްމެއް ޕްރޮޑިއުސް ވެސް ކުރުމަކީ ވެދާނެ ކަމެއް ކަމަށެވެ.

އައްޒަގެ ދައްތަ އަދި މަޝްހޫރު ބަތަލާ ރިޝްމީ ރަމީޒް ވެސް މިހާރު އަންނަނީ އޭނާގެ ފުރަތަމަ ޕްރޮޑަކްޝަން "ވިޝްކާ" ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ތައްޔާރުވަމުންނެވެ.

"އައްޒަ ނުބުނާނަން ފިލްމެއް ޕްރޮޑިއުސް ނުކުރާނަމެކޭ. އެއީ ހަމަ ވެދާނެ ކަމެއް،" އޭނާ ބުންޏެވެ. "އެކަމަކު މިހާރު ހުރިހާ ފޯކަސްއެއް މިއޮތީ އެކްޓިން އަށް."

އައްޒަ ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ "ލޯބިވިއްޔާ"

ފިލްމީ ދާއިރާގައި މިހާރު ތިބި ބަތަލާއިންނަށް ބަލާ އިރު އައްޒަ އާއި ރިޝްމީއަކީ ވެސް ބޮޑު ފޭން ބޭސްއެއް އޮތް ދެ ބަތަލާއިންނެވެ. އެހެންވެ ދެ މީހުންގެ މެދުގައި ވާދަވެރި ކަމެއް އޮތުން ވެސް އެކަށީގެންވެ އެވެ.

"ތި ސުވާލު ވަރަށް ގިނަ މީހުން އަހާ. އެކަމަކު ތެދަށް ބުނަންޏާ އަހަރެމެން ދެ މީހުންގެ މެދުގައި އެއްވެސް ކޮމްޕެޓިޝަނެއް ނެތް. ނުވެސް އޮންނާނެ،" އައްޒަ ބުންޏެވެ. "އައްޒަ އަށް މި ހިސާބަށް އާދެވިފައި ހުރީ ވެސް ކުޑައައްތަގެ ވަރަށް ބޮޑު ސަޕޯޓަކާ އެކު. ގިނައިން ކުޅެވިފައި ހުރީ ވެސް ކުޑަައައްތަ ޑައިރެކްޝަން ހެދި ލަވަތައް. ދެން މުޅި އާއިލާގެ ސަޕޯޓް އަބަދު ވެސް ވަރަށް ބޮޑު. އޭގެ ތެރޭގައި މަންމައަކީ [ބަތަލާ އައިމިނަތު ރަޝީދާ] ވެސް ބޮޑު ހިއްސާއެއް."