ފަތިސްހަނދުވަރު

ބުދަ ދުވަހާ ގުޅޭ


"އެހާ ކުއްލި ގޮތަކަށް ދަރިފުޅު ވަކިވީމަ ވެސް ބައްޕަގެ ލޮލުން އަހަންނަށް ކަރުނަ ނުފެންނަނީ ކީއްވެ؟" ޒޫނާ ބުންޏެވެ.

"ވަރަށް އެހެންކަހަލަ ޖަވާބެއް އަހަރެން ދޭން މި ޖެހެނީ،" ޖިނާ ފުން ނޭވައެއް ބޭރުކޮށްލައިފައި ބުންޏެވެ. "ޖިންނިއަކު ޒޫނާދެކެ އިންތިހާއަށް ލޯބިވި. ޒޫނާ ދެކޭގޮތުގަ އޭނަ އޮޅުވާލީ. އިހުސާން ކުރީ ކީއް؟ އޮޅުވައެއް ނުލާތަ؟ އެކަމަކު އަނެއްކާ ވެސް ޒޫނާ އިންސާނަކާ ކައިވެނިކުރީ ކީއްވެ؟ ތިން ދަރިންގެ ބައްޕައަކަށް ޒޫނާ އިތުބާރުކުރީ ކީއްވެ؟"

ޒޫނާއަކަށް ޖަވާބެއް ނުދެވުނެވެ.

"ބައެއް ސުވާލަކަށް ނޯންނާނެ ދޭނެ ޖަވާބެއް،" ޖިނާގެ ރާގުގައި ވަނީ އޯގާތެރިކަމެވެ. "ލޯބިން ގޮސް ބައެއް ފަހަރު ހިތް ހުއްޓޭނެ. ހިތްދަތިވެގެން ގޮސް ބައެއް ފަހަރު ކަރުނަ ހިކޭނެ. ޖަޒުބާތަކީ އެހާ ވެސް އަޖައިބު އެއްޗެއް."

ޒޫނާ އިސްޖަހައިލައިގެން ދިޔައީއެވެ. ވަގުތު ކުޑަތަން ވަނީކަން ޖިނާއަށް އެނގެއެވެ. ސަކީނާ ދަޢުވަތުދިނީ ކީއްކުރަންކަމާއި، ޖިނާއަށް ކުރިމަތިވާނެ ހުރަސްތައް ވެސް ޖިނާއަށް އެނގެއެވެ. ދެން ހަދަންވީ ގޮތް ވެސް ޖިނާއަށް އޮޅިފައެއް ނެތެވެ. ތަމްސީލުގެ ފަހު ފަރުދާ ކެހެމުންދިޔައިރު ޖިނާ ހުރީ ސާބިތުކަމާ އެކުގައި އިސް އުފުލައިލައިގެންނެވެ. ކަންބޮޑުވީ ޖެނީއެވެ. ބޯމަތިވަމުން އަންނަ ކަޅު ވިލާގަނޑު ޖެނީއަށް ފެނެއެވެ. އަލަށް ލިބުނު ކޮޓަރީގައި ހުރި އެނދުގައި އޮށޯވެލައިގެން ވިސްނަން ޖެނީ އޮތްއިރު، ޖިނާ އޮތީ ތަޅުންގަނޑުގައި އޮށޯވެލައިގެންނެވެ.

"ބައްޕަ އެ ގެއަށް ނުދާތި!" ޖެނީ އެދުނެވެ. "ބައްޕައަށް އެނގޭނެ އެ ގެއަށް ހުންނަނީ.."

"ފަންޑިތަހަދާފަކަން.." ޖުމުލަ ފުރިހަމަކޮށްދިނީ ޖިނާއެވެ. "އެނގެޔޭ! އެކަމަކު ކުރިން ވެސް އެ ގޭގަ އުޅުނީނު. ދެންވެސް އުޅެވޭނެ. މައްސަލައަކީ އެއެއް ނޫން. މައްސަލައަކީ ދަރިފުޅަށް ކުރި ވައުދު ފުއްދައިނުދެވި ދާންޖެހިދާނެތީ. މައްސަލައަކީ ބައްޕަ ނެތް ދުވަހަކުން ދަރިފުޅަށް ވާނެ ގޮތް ނޭނގޭތީ. ދަރިފުޅު ދުނިޔެއަށް އައިއްސުރެ ބައްޕަގެ ހަމައެކަނި އުންމީދަކީ ދަރިފުޅު އުފަލުގައުޅުން."

ޖެނީ ފުރޮޅިލިއެވެ. ތަޅުންގަނޑުގައި އޮތް ޖިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ބައްޕާ!" ޖެނީ ބުންޏެވެ. "އެންމެނަށް ވެސް ޝައްކުވެއްޖެ! އެ މީހުން ބައްޕަގެ އަނގަ ބަންދުކޮށްލާނެ. ދިރިހުއްޓާ ދުލެއް ނުކުރާނެ. އަދިވެސް ވަގުތު އެބައޮތް. ބައްޕަ ފިލާ!"

އިންސާނެއްގެ ހަށިގަނޑުން ނުކުތުމަކީ މިނިވަން ޖިންނިއަކަށް އުނދަގޫކަމެއް ނޫނެވެ. އެ ކަން ކުރުމަށް ހުރަހެއް ނެތް ނަމައެވެ.

"ބައްޕައަކީ ފިނޑިއެއް ނޫން!" ޖިނާ ދިނީ ކުރު ޖަވާބެކެވެ.

ސައިކަލުގައި ޖިނާ އައިސް ޒޫނާގެ ގެ ކައިރިއަށް މަޑުކޮށްލިއެވެ. ހަވީރުގެ ވަގުތެވެ. އަވި މަޑު ވިލާ ބޯ ދުވަހެކެވެ. ސައިކަލުން ފައިބައިފައި ވެސް ޒޫނާއަށް ހުރެވެނީ ނޫންގޮތަކަށް ޖިނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ނުވަންނާނަންތަ؟" ޒޫނާ ސުވާލުކުރިއެވެ.

ދޮރުކަނީގައި ލިޔެފައިވާ ފަންޑިތައަށް ޖިނާ ވައްކަޅިން ބަލައިލިއެވެ.

"ބުނީމެއްނު ޒޫނާ ގެއަށް ލައިފަ ދިޔަސް ހެވޭ!" ޖިނާ ހަނދާންކޮށްދިނެވެ.

"އާނ ބުނިން!" ޒޫނާ އެއްބަސްވިއެވެ. "އެކަމަކު ޖިނާ އެއްގޮތަކަށް ވެސް ގެއަށް ނާންނާތީ މަންމަ ވަރަށް ޝަކުވާކުރޭ! އެހެންވެ އާދެވުނު ފަހަރު ވަދެލަންވާނެއްނު!"

ޖިނާ ވިސްނައިލިއެވެ.

"ކީއްވެގެންތަ ނުވަންނަން ތި އުޅެނީ؟" ޒޫނާ އެހިއެވެ.

ޖިނާ ސައިކަލުން ފޭބިއެވެ. ސައިކަލު ތަޅުލިއެވެ. ގެއަށް ވަންނަން ހިނގައިގަތެވެ. އެ ވަގުތު އަތުން "ދޫވެގެން" ކާނުތެރެއަށް ސައިކަލު ތަޅުދަނޑި ވެއްޓުނެވެ.

"އަޅޭ!" ޒޫނާއަށް ބުނެވުނެވެ. "އަންނާނަން ގާދިރުބޭ އުޅޭތޯ ބަލައިލާފަ."

ޒޫނާ ގެއަށް ވަނެވެ. ގޭގެ ދޮރުކަންޏަށް ބަލަހައްޓައިގެން ޖިނާ ހުރީއެވެ. ޒޫނާ އައީ ދަގަނޑު ނަރުކޮޅެއް ހިފައިގެންނެވެ.

"ގާދިރުބެއެއް ނެތް،" ޒޫނާ ބުންޏެވެ. "މީގެން ނެގޭތޯ ބަލަންވީނު!"

ޖިނާ ގަޑިއަށް ބަލައިލިއެވެ. މޫނުމަތިން ކަންބޮޑުވާ ގޮތް ދައްކަމުންނެވެ.

"ރައްޓެއްސަކަށް ގަޑިކިޔައިގެން މި އުޅެނީ،" ތަޅުދަނޑި ނަގަން މަސައްކަތްކުރަމުން ޖިނާ ބުންޏެވެ. "ކިރިޔާ ކަންނޭނގެ ދެވޭނީ. އެކަމަކު ޒޫނާ ބުނީތީ ގެއަށް ވަދެލަން ވެސް ބޭނުން."

"އެ އޯކޭވާނެ،" ޒޫނާގެ ވިސްނުން ބަދަލުވިއެވެ. "މަ ކޮންމެވެސް އެއްޗެއް ކިޔައިގެން ހަމަޖައްސައިލަފާނަން."

ޒޫނާ އެހެން ބުނާއިރަށް ޖިނާއަށް ތަޅުދަނޑި ނެގުނެވެ. ވަގުތުން ސައިކަލަށް އަރައި އިސްޓާޓުކޮށްލިއެވެ.

"ހާދަ ރަނގަޅޭ! އެހެން ފަހަރަކުން އަދި އަންނާނަން. ޕްރޮމިސް!" ސައިކަލު ދުއްވައިލަމުން ޖިނާ ބުންޏެވެ.

ޖިނާ ދިޔުމުން ޒޫނާ އެތެރެއަށް ވަނެވެ. ސަކީނާ އިނީ ޒޫނާގެ އިންތިޒާރުގައެވެ. ގެއަށް ވަންނާނީ ޒޫނާއާއި ޖިނާ އެކުގައި ކަމަށް ސަކީނާ އުންމީދުކުރިއެވެ.

"ކޮބާ ޖިނާ؟" ސަކީނާ އެހިއެވެ.

"މިއަދަކު އޭނަޔަކަށް ނެތް މަޑުކުރެވޭކަށް. ހަމަ ކުއްލިއަކަށް ބިޒީވީ،" ޒޫނާ ޖަވާބުގައި ބުންޏެވެ. "ނަސީބެއް ތަޅުދަނޑި ނެގުނުކަން. ދެން އެހެން ފަހަރަކުން އޭނަ ގެންނާނީ."

ސަކީނާގެ ޝައްކު އިތުރުވިއެވެ. ޒޫނާއަށް ވިސްނައިދިނެވެ.

"އަހަންނަށް މާ ކުރިން ވެސް އެނގޭ ކޮންމެވެސް ކަމެއް ދިމާވާނެކަން،" ސަކީނާ ރުޅިއައިސްފައި ބުންޏެވެ. "ކޮންމެވެސް ބަހަނާއެއް ދައްކަންވެގެން އޭނަ ހަމަ ގަސްތުގަ ކާނުތެރެއަށް ތަޅުދަނޑި ވައްޓާލީ!"

ޒޫނާ ހިތްހަމަނުޖެހުނެވެ.

"ދެން މަންމާ!" ޒޫނާ ބުންޏެވެ. "ތި ވަރަށް ޝައްކުކުރާކަށް ނުވާނެ. ކުރިން ވެސް ހަމަ މި ގޭގަ އޭނަ އުޅުނެއްނު."

"އެހެނެއް ނޫނޭ ވަނީ،" ވާހަކަދައްކަމުން ސަކީނާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. "ދަރިފުޅު މާ ބޮޑަށް ތި ޔަގީންކުރަނީ. މި ފަހަރު އޭނަ ފައްސާލާނަން. ހުންނާތި ބަލަން. ދަރިފުޅު ޖެހޭނެ މަންމައަށް އެހީވާން."

"މައްސަލައެއް ނޯންނާނެ،" މަންމަ އުފާކޮށްދިނުމަށް ޓަކައި ޒޫނާ ބުންޏެވެ. "މަންމަ ބުނި ގޮތެއް އަހަރެން ހަދާނަން. މަންމަ ވެސް އެބަޖެހޭ އަހަރެން ބުނާ ކަމެއް ކޮށްދޭން. މި ގޭގަ އޮންނާނެ ފަށެއް. އެ ފަށް ހޯދަބަލަ!"

ސަކީނާ އައިސް ޒޫނާގެ އަތުގައި ހިފައިގެން ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ.

"އެ ވާހަކައޭ ދައްކަން މި އުޅެނީ،" މަޑުމަޑުން ސަކީނާ ބުންޏެވެ. "ގާދިރު އެ ފަށް ހޯދި. އަހަންނަށް ވެސް ދެއްކި. އިހަށްދުވަހަކު ބުނި ޖެނީ ކަރުގަޔޯ މިހާރު އެ ފަށް އޮތީ."

ޒޫނާ ސީރިޔަސްވީ އެ ހިސާބުންނެވެ. ވުމާއެކު މަޑުމަޑުން ތެދުވެވުނެވެ.

"ކީއްވާ އެއްޗެއްތަ އެއީ؟" ސަކީނާ އެހިއެވެ. "ގާދިރު ބުނި ތިމަންނައެއް ޖެނީއަކަށް ފަށެއް ނުދެމޯ!"

ޖިނާގެ އެހީތެރިކަމާ ނުލައި ޖެނީއާ ހަމައަކަށް އެ ފަށެއް ނާންނާނެއެވެ. އެއީ ވާނެކަމެއް ނޫނެވެ. ޒޫނާއަށް ނުފެންނަ ގޮތަށް ޖެނީ އެ ފަށްއަޅައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އޭގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

ފަށުގެ ފުލަށް ބަލަހައްޓައިގެން ޖެނީ ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެލައިފައި މުށްކަވައިލިއެވެ. ހެދުމުގެ ތެރެއަށް ފަށުގެ ފޫ ލައި ނުފެންނަ ގޮތް ހަދައިލިއެވެ. ޓީވީން ރޭގަނޑުގެ ޚަބަރު ކިޔާ އަޑު އިވެއެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ޖެނީ ގޮސް ހުއްޓުނީ ޝާޒްލީގެ ކޮޓަރި ކައިރިއަށެވެ. ދޮރު ހުޅުވައިލަން އުޅެފައި، ވިސްނައިލައިފައި ޓަކިޖަހައިލިއެވެ. އެއަށް ފަހު ދޮރު ހުޅުވައިލިއެވެ. ޝާޒްލީ އިނީ އެނދުގައި އިށީނދެލައިގެ ފާރުގައި ލެނގިލައިގެންނެވެ. ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. ޖެނީ ގޮސް އެނދު ކައިރިއަށް ހުއްޓުމުން ވެސް ޝާޒްލީ ބަލައެއްނުލިއެވެ.

"ބައްޕަ ބުނީ ކާންއަންނާށޯ!" ބުނަންނުބުނަން ހުރެފައި ޖެނީ ބުންޏެވެ.

"މަށެއް ބަނޑުހައެއް ނުވޭ!" ޖެނީއާ ދިމާއަށް ނުވެސް ބަލައި ޝާޒްލީ ބުންޏެވެ.

ޖެނީ ދާ ޚިޔާލެއް ނުކުރިއެވެ. ހުރި ފިޔަވަޅުމަތީގައި ހުރީއެވެ.

"ދައްތާ!" ޖެނީ މަޑުމަޑުން ބުންޏެވެ. "އެއްވެސް ކަމަކާ އަބަދު ހިތާމަކުރާކަށް ނުވާނެ. ހިނގާ ކާން."

"ބުނެފީމެއްނު އަހަންނެއް ބަނޑުހައެއް ނުވެއޭ!" ޖެނީއަށް ނުބަލައި، ކުރިޔަށް ވުރެ ތަންކޮޅެއް ހަރުކަށިކޮށް، ތަންކޮޅެއް ބާރަށް ޝާޒްލީ ބުންޏެވެ.

"އެކަމަކު އިއްޔެ ވެސް ދައްތަ ނުކަމެއްނު!" ޖެނީ ބުންޏެވެ.

"ކިހާ ބޮޑު ކަމެއް؟" ރުޅިއައިސްފައި ޝާޒްލީ ހަޅޭއްލަވައިގަތެވެ. ޖެނީއަށް ފަހަތަށް ޖެހިލެވުނެވެ. "ޖެނީއަށް ހީވަނީ ބަނޑުހައިވާއިރަށް ކޮންމެ މީހަކަށް ވެސް ކެވޭނެކަމަށްތަ؟ އޭނ؟ ޖެނީއަށް ކެވިދާނެ! އަހަންނަކަށް ނުކެވެއޭ! އެނގޭތަ ކީއްވެގެންކަން؟ އިހަށް ދުވަހަކު އަހަރެންގެ ބޭބެ މަރުވީ! އެނގޭތަ ލޯބިވާ މީހަކު އެ ގޮތަށް މަރުވީމަ ކާއެއްޗެހި ދިރުވަން އުނދަގޫވާކަން؟ އަބަދު ހިތާމަކުރާކަށް ނުވާނޭ ބުނާއިރު ޖެނީއަށް އެނގޭތަ ހިތާމައަކީ ކޯޗެއްކަން؟ ޖެނީ ދުވަހަކު ވެސް ރޯންޖެހުނުތަ؟ ބައްޕަގެ ލޯތްބަށް ޖެނީ ސަލާންޖަހަން ޖެހުނުތަ؟ ނުޖެހޭ ދޯ؟ އެހެންވިއްޔާ ޖެނީއަކަށް ނޭނގޭނެ ލޮލުން އަންނަ ފެނަށް ކިޔަނީ ކޮން ނަމެއްކަމެއް. އެއީ ކީއްވެގެން އަންނަ އެއްޗެއްކަމެއް. ބައްޕަ ބުންޏޯ ކާންއަންނާށޭ އަދި އެބަ ބުނެއެއްނު! އެއީ ކާކުގެ ބައްޕައެއްތަ؟ އޭނ؟ މަގޭ ބައްޕަ! ޖެނީ ނުޖެހޭނެ ބައްޕަ ކިޔާކަށް. އަޑު އިވިއްޖެ؟"

ޝާޒްލީ ރުޅިއައިސްގެން ދިޔަގޮތަށް ގޮސް ފާޚާނަޔަށް ވަދެފައި ނިކަން ބާރަށް ދޮރު ލެއްޕިއެވެ. ޖެނީ ހުރީ ނުރޯން ހިތްވަރުކޮށްގެންނެވެ. އެކަމަކު ފެންކަޅިވިއެވެ.

"ޖެނީ!" ޖިނާ ގޮވައިލި އަޑު އިވުނެވެ.

އަވަސްއަވަހަށް ކަރުނަ ފުހެލައިފައި ޖެނީ ގަދަކަމުން ހިނިތުންވެލިއެވެ. ޝާޒްލީ ކޮޓަރީގެ ދޮރުމައްޗަށް ޖިނާ ހުއްޓުނުއިރު ޖެނީ ނިކަން ހެވިފައި އައިސް ދޮރާ އަރާ ހަމަވަނީއެވެ.

"ހާދަހާ ލަސްވަނީ؟" ޖިނާ އެހިއެވެ.

"އާނ!" ޖެނީ ބުންޏެވެ. "ދައްތަ ފާޚާނައިގަ އުޅޭތީ މަޑުކޮށްލައިގެން މިހިރީ! މި ދަނީ. ބައްޕަ ދޭ!"

ޖިނާއަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. ބަލަހައްޓައިގެން ހުރީއެވެ. ބައްޕައަށް ސިއްރު ނުކުރެވޭނެކަން ޖެނީއަށް ވެސް އެނގެއެވެ.

"ޝާޒްލީއާ ވާހަކަދައްކާލާފަ ދެން ދާނީ!" ޖިނާ ބުންޏެވެ.

ބައްޕަ ކޮޓަރިއަށް ވަންނަން އުޅުމުން ޖެނީ ކުރިބެއްދިއެވެ.

"މި ބުނީ ދައްތަ ފާޚާނައިގައޭ އުޅެނީ،" ޖެނީ ތަކުރާރުކޮށް ބުންޏެވެ. "ދެން އިތުރަށް ބައްޕަ ދައްކާނެ ވާހަކައެއް ނޯންނާނެ."

ޖިނާ ހިނިތުންވެލިއެވެ. އަދި ޖެނީގެ ބޮލުގައި ފިރުމައިލައިފައި ދިޔައީއެވެ. ޖެނީ ފުން ނޭވައެއް ބޭރުކޮށްލިއެވެ.

ޒޫނާ ނިދަންވެގެން ކޮޓަރިއަށް ވަންއިރު ޖިނާ އުޅެނީ ފާޚާނައިގައެވެ. ޒޫނާ އެނދުގައި އިށީނދެލިއެވެ. އެހެން ހުރިހައި ރެޔަކަށް ވުރެ އެ ރޭ ޒޫނާގެ ވިސްނުން ތަފާތެވެ. ކޮޓަރީގައި އުޅެނީ ކާކުކަމާ މެދު ޒޫނާ ގޮތެއް ނިންމައިފިއެވެ. އުނގުމަތީގައި ބާލީސް ބާއްވައިލައިގެން ހަމަޖެހިލައިގެން ޒޫނާ އިނެވެ. ޖިނާ ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ނުނިމޭ