ފަތިސްހަނދުވަރު

އާދިއްތަ ދުވަހާ ގުޅޭ


ޖިނާ ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ހިތުގައި އުފެދިފައިވަނީ އެންމެ ޝަކުވާއެކެވެ. ލޮލަށް ފެނުނު ހެކިތަކަށް ޒޫނާއަށް ފުރަގަސްދެވުނީ ކީއްވެގެން ހެއްޔެވެ؟ ހިތުން ފޮނުވި ސިގުނަލުތަކަށް ބީރުކަންފަތް ދެވުނީ ކީއްވެގެން ހެއްޔެވެ؟ ޒޫނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތާ ހަމައަށް ފޯރި ވަގުތަކީ ޖިނާ ނުކުތް ވަގުތެވެ. ކޮޓަރިއަށް އެއް ފިޔަވަޅުއަޅައިފައި ޖިނާ ހުއްޓުނެވެ. ޒޫނާއާ ދިމާއަށް ބަލައިލިއެވެ.

"ކިހިނެއްވެގެން ތި ރޮނީ؟" ޖިނާ އެހިއެވެ.

"ތިހާ ދުރުން ޖިނާއަށް ކިހިނެއް ކަރުނަ ފެންނަނީ؟" ޝައްކުގެ ނަޒަރަކުން ބަލަން އިން ޒޫނާ ބުންޏެވެ. "އައިނެއް ނެތެއްނު!"

އައިނު ނެތްކަން ހަނދާންވުމާއެކު ޖިނާއަށް ސިހުމެއް ލިބުނެވެ. ނުތަނަވަސްކަމެއް ވެސް ލިބުނެވެ.

"ދީބަލަ އައިނު!" އައިނަށް އިޝާރާތްކޮށްފައި ޖިނާ ބުނެލިއެވެ. "ޒޫނާ އިން ގޮތުން ހީވީ ރޯހެން."

"ތިހާ ދުރުގަ ހުންނައިރު ވެސް ޖިނާއަށް މިތާ އޮންނަ އައިނު ފެނޭ؟" ޒޫނާ ސުވާލުކުރިއެވެ. "ލޯ ހާދަ ރަނގަޅޭ މިހާރު ދޯ؟"

ޖިނާ އައިސް އައިނު ނަގައިފައި އަޅަމުން އެނދުގައި އިށީނދެލިއެވެ. އަދި ދެވަނަ ކުށް ފޮރުވަން މަސައްކަތް ފެށިއެވެ.

"އައިނު ބޭއްވީ މަ ވިއްޔަ!" ޖިނާ ވަރަށް އާދައިގެ ރާގެއްގައި ބުންޏެވެ. "އެހެންވެ އެނގޭނެއްނު! އައިނު އަޅާއަޅާ މިހާރު ލޯ ކުޑަކޮށް ރަނގަޅު ވެސް ވެއްޖޭ!"

ޖިނާ ހެދީ ދޮގެއްކަން ޒޫނާއަށް އެނގެއެވެ. ޒޫނާ ކޮޓަރިއަށް ވަންއިރު އައިނު އޮތީ އެނދުގެ ފައިލާކޮޅުގައެވެ. ބޯލާކޮޅުގައި އައިނު ބޭއްވީ ޒޫނާއެވެ. އެހެންނަމަވެސް ޒޫނާ އެ ވާހަކައެއް ނުބުނެއެވެ. ޒޫނާގެ ހިތުގައި އޮތީ ކީކޭކަން ޖިނާ ދެނެގަތެވެ. އެކަމަކު އެނގުނުކަމަކަށް ޖިނާ ނަހަދައެވެ. އެއީ އާންމުކޮށް ޖިނާ ކުރާ ކަމެކެވެ.

"ދެން ބުނެބަލަ! ކޮންކަމަކާ ތި ރޮނީ؟" ޖިނާ އެހިއެވެ.

އެ ވަގުތު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ދޮރުމަތީގައި ހުރީ ކާކުކަން ޖިނާއަށް ރަނގަޅަށް އެނގެއެވެ.

"މި ގަޑީގަ ކާކު؟" ޖިނާ މަޑުމަޑުން ބުނެލިއެވެ.

ހިތާހިތުން ޖިނާ އެ ސުވާލުކުރިޔަސް ޒޫނާއަށް އަޑުއިވުނެވެ. ޖިނާގެ ބޭނުމަކީ ވެސް އެއީއެވެ. ޒޫނާގެ ހިތުގައި ސުވާލު އުފެއްދުމެވެ. އެ ކަން ކާމިޔާބުވިއެވެ. ގާތުގައި އިނީ ޖިންނިއެއް ކަމުގައިވާ ނަމަ، ދޮރުމަތީގައި ހުރީ ކާކުކަން ޖިނާއަށް ނޭނގުނީ ކީއްވެބާއޭ ޒޫނާ ހިތަށްއެރިއެވެ. އަނެއްކާ ވެސް ޒޫނާއަށް އޮޅުންއެރިއެވެ. އެދުން ފައިބައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވިއެވެ.

"މަންމަ؟" ޒޫނާއަށް ބުނެވުނެވެ. "ގުޅާ ވެސް ނުލާ ކުއްލިއަކަށް.."

ހިތްހަމަނުޖެހިފައި ހުރި ސަކީނާ ވައްކަޅިން ޖިނާއަށް ބަލައިލިއެވެ. ޒޫނާއަށް ހިނިތުންވެލިއެވެ.

"މިހެން ދަމުންދަމުން ހިތަށްއެރީ ވަދެލާނަމޭ!" އެތެރެއަށް ވަންނަމުން ސަކީނާ ބުންޏެވެ.

ސަކީނާ ބުނީ ތެދެއް ނޫންކަން ނޭނގޭ އެކަކު ވެސް އެ ތާކު ނެތެވެ. ރޭގަނޑު އެގާރަޖަހާއިރަކީ ދަމުންދަމުން މީހުން ގޭގެއަށް ވަދެލާ ގަޑިއެއް ނޫނެވެ. ސަކީނާ އެތެރެއަށް ވަނުމުން ޖިނާ މަޑުމަޑުން ނުކުތެވެ. ޖިނާ ކޮޓަރިން ނުކުންނަންދެން ސަކީނާ ވައްކަޅިން ޖިނާއަށް ބެލިއެވެ.

"މަންމަ އިށީނދެބަލަ!" ޒޫނާ އެދުނެވެ.

ސަކީނާ އިށީނެވެ. ޒޫނާ ހުރީ ކޮޅަށެވެ.

"މާތް ރަސްކަލާނގެ ދަރިފުޅު ސަލާމަތްކުރައްވާށި!" ސަކީނާ ކަންބޮޑުވެފައި މަޑުމަޑުން ބުނެލިއެވެ.

"މަންމާ! އަހަންނަށް ހީވަނީ އެއީ ހަމަ ޖިނާހެން،" ޒޫނާ އެނދުގައި އިށީންނަމުން ބުންޏެވެ. "އެކަމަކު ބައެއް ފަހަރު.. ދެން ނޭނގެ މަށަކަށް."

"ދަރިފުޅު ދެން އެ ކަމާ ނުވިސްނާ!" ސަކީނާ މަޑުމަޑުން ބުންޏެވެ.

ސަކީނާ އަތްދަބަހުގެ ތެރެއިން ކަރުދާސްކޮޅެއް ނެގިއެވެ. އެ ކަރުދާސްކޮޅު އޮތި ހަތަރު ފަށަށް ފަތްޖަހައިފައެވެ. ޒޫނާ ދެ ލޯ ބޮޑުކޮށްގެން މަންމައަށް ބަލަހައްޓައިގެން އިނެވެ. ތިޔަ ކުރަނީ ރަނގަޅުކަމެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. ޒޫނާއަށް ކަރުދާސްކޮޅު ދިއްކޮށްލުމާއެކު ޒޫނާގެ އަތުން އެ ކަރުދާސްކޮޅު އެނދުގެ ބާލީސްދަށަށް ލިއެވެ. ސަކީނާ ބާލީހުގައި ފިރުމައިލިއެވެ.

"އިރާދަކުރެއްވިއްޔާ މިރޭ މި ކަން ނިމޭނެ،" ސަކީނާ ވައިއަޑުން ބުންޏެވެ. "ގާދިރުމެން އެބަތިބި އެ ކޮޅުގަ ތައްޔާރަށް. ހަނދާންކޮށް މަންމަ ބުނި ގޮތަށް ކަންތައް ކުރާތި!"

"އަހަރެން ބިރުގަނޭ މަންމާ!" ޒޫނާ ކުޑަކޮށް ނުތަނަވަސްވެފައި ބުންޏެވެ.

"ދަރިފުޅަށް ވުރެ އޭނަ މާ ބިރުގަންނާނެ،" ސަކީނާ އެނދުން ތެދުވަމުން ބުންޏެވެ. "ހިތްވަރުކުރާތި!"

ސަކީނާ ދިޔުމުން ޒޫނާ ދޮރަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ސަކީނާއަށް ނުކުމެވުނީ ޖިނާ ކުރިމައްޗަށެވެ. ވަރަށް ހިތްހަމަނުޖެހިފައި ސަކީނާއަށް ކަޅިއަޅައިގެން ޖިނާ ހުއްޓެވެ. ސަކީނާ ދިޔަ ބާރުމިނުގައި ގެއިން ނުކުތެވެ. ޒޫނާ ކޮޓަރިން ނުކުތްއިރު ޖިނާ ފެންނާކަށް ނެތެވެ. ވުމާއެކު އަނެއްކާ ވެސް ޒޫނާ ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެލިއެވެ. ތިރީހަކަށް މިނެޓު ވީއިރު ވެސް ޖިނާއެއް ނައެވެ. ދަންވަރު ބާރަޖެހިއެވެ. ޖިނާގެ ޚަބަރެއް ނުވިއެވެ. ޒޫނާ ފޯނު ނެގިއެވެ. ޖިނާއަށް ގުޅިއެވެ. ފޯނު ރަނގަބީލުވީ ކޮޓަރިތެރެއިންނެވެ. ބަލައިލިއިރު ފޯނު އޮތީ އެނދުމަތީގައެވެ. އަނެއްކާ ވެސް އިރުކޮޅަކު އިންތިޒާރުކުރުމަށް ފަހު ޒޫނާ ކޮޓަރިން ނުކުތެވެ.

"ޖިނާ!" ޒޫނާ ގޮވައިލިއެވެ.

"ކީކޭ!" ޖިނާގެ އަޑުއިވުނެވެ.

ޖިނާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. ކުރިން ވެސް ޖިނާ އެ ތަނުގައި އޮތް ހެއްޔެވެ؟ ޒޫނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ.

"ނިދާކަށް ނުވޭ؟" ޒޫނާ އެހިއެވެ.

ޖިނާ ފުން ނޭވައެއް ބޭރުކޮށްލުމަށް ފަހު ތެދުވެ ސޯފާގައި އިށީނދެލިއެވެ. ގޭތެރެ އޮތީ ވަރަށް ހަމަހިމޭންކޮށެވެ. "ޖިނާ" ހިތަށްއެރިއެވެ. ޒޫނާގެ ކުރިމަތީގައި އިނީ ކާކުކަން ޒޫނާ ގާތުގައި ބުނަންވީ ހެއްޔެވެ؟ ވިސްނެނީ ދެން ވާނެ ގޮތަކާމެދުގައެވެ. އެހެން ސިފައެއް ޖެހިގެން އައުމަކީ ޒޫނާ ދުވަހަކު ވެސް މާފުކުރާނެކަމެއް ނޫނެވެ. އެކަމަކު ނުބުނެ ހުންނާކަށް ވެސް ޖިނާއަކަށް ފަސޭހައެއް ނޫނެވެ. ޖިނާއަކީ ފުންގަނޑެއްގައި ބެދިފައި އިން މަހެއް ކަހަލައެވެ. ފެންފޮދު ހައްތަހާ ހިނދެނީއެވެ. ގޮތް ހުސްވަނީއެވެ.

"މިރޭ ކިހިނެއްވެފަތަ ތި އިންނަނީ؟" ޒޫނާ ސުވާލުކުރިއެވެ.

"ހިނގާ އޯވަނައިޓަކަށް ދަތުރުދަމާ!" ޖިނާ އެދުނެވެ.

"ތީ ކޮންކަހަލަ ޖަވާބެއް؟" ޒޫނާ އެހިއެވެ. "މަ މި އަހަނީ ކިހިނެއްވެފަހޭ ތި އިންނަނީ؟ އެހެން ބުނީމަ ތި ބުނީ ހިނގާށޭ ދަތުރުދަމާ! ދިމައެއް ނުވެއެއްނު!"

ޖިނާ ސޯފާގައި ލެނގިލިއެވެ.

"ދިމާވާނީ މިހާކަންހާ ވަރަކަށް،" ފަންކާއަށް ނަޒަރު ހުއްޓައިލައިގެން އޮތް ޖިނާ ބުންޏެވެ. "ދެރައީ ޒޫނާއަށް އެ ކަން ނޭނގޭކަން. ކުރެވޭ ފިކުރުތައް ގިނަވީމަ ދެން ޖެހޭނީ މިހެން އިންނާކަށްނު! އަސްލު މިހާރު މިއޮތީ ހުރިހާ ކަމެއް ހަމަޖެހި ނިމިފަ. އުމުރުގެ ބާކީއޮތްތަން އަރާމުގަ އުޅެލީމަ ނިމުނީ. އެކަމަކު އިންސާނުންނަކީ އަމިއްލައެދުން ބޮޑު، ބޯހަރު ބައެއް. ދުވަހަކު ވެސް ހިތެއް ނުފުރޭނެ. ބައެއްފަހަރު އަހަރެން ހިތަށްއަރާ އަހަންނަށް މި ކުރެވުނީ ރަނގަޅު ކަމެއްބާއޭ؟ ދެން ކޮންމެހެން އެ ސުވާލަށް ޖަވާބުދޭނީކީ ނޫން. ހިނގާ ދަތުރެއް ރާވަމާ! ބޯހަމަޖައްސާލަން."

"ސީރިޔަސްކޮށްތަ؟" ކަށަވަރުނުވާތީ ޒޫނާ އެހިއެވެ. "އެކަމަކު އޭރުން ކުދިން ހިތަށްއަރާނީ ކީކޭ؟ އިހަށް ދުވަހަކު ސުހެއިލު އެކްސިޑެންޓުވީ. އަހަރެންގެ ދަރިން ނޫނަސް އަހަރެން އެ ކަމާ ވިސްނަމޭ. ޖިނާ ވަރަށް ރުޅިއާދޭ ދޯ ސުހެއިލު ދެކެ."

"ޖިނާ" ރުޅިއާދެއެވެ. ޖެނީއާއި ޒޫނާ ނޫން އެހެން ހުރިހައި އިންސާނުންދެކެ ވެސް ޖިނާ ފޫހިވެއެވެ.

"އެއީ ކީއްވެ އަހަރެން ރުޅިއަންނަންވީ؟" ޖިނާ ސުވާލުކުރިއެވެ.

"ތިއެއް މަށަކަށް ނޭނގެ،" ސޯފާގައި އިށީންނަމުން ޒޫނާ ޖަވާބުދިނެވެ. "އަހަންނަކަށް ނޭނގެ ސުހެއިލު އެރޭ މަގުމަތީގަ ދުވީ ކީއްވެގެންކަމެއް ވެސް. ޑުރައިވަރު ބުންޏޯ ސުހެއިލު އެ މަގަށް ނުކުތީ ވަރަށް ބާރަށް ދުވެފައޭ! ޖިނާ ހުރިންތަ އެތާ؟"

ހައިރާންކަމުގެ ނަޒަރުން ޒޫނާއާ ދިމާއަށް ޖިނާ ބަލައިލިއެވެ.

"އަހަރެން އެ ތަނުގަ ހުންނަންވީ ކީއްވެ؟ ޒޫނާ ކޮންފާނެ ކޮންމެ ފަދަ ސުވާލެއް ވެސް." ޖިނާ ބުންޏެވެ.

ޖިނާ ދިން ޖަވާބުން ޒޫނާއަކަށް ގޮތެއް ނުނިންމުނެވެ.

"އަސްލު ވެސް ޖިނާ ހަމަ އެއްގޮތަކަށް ވެސް ދެރައެއް ނުވޭ!" ޖިނާގެ މޫނަށް ބަލަހައްޓައިގެން އިން ޒޫނާ ބުންޏެވެ. "ކުދިން އެ ބުނަނީ ދޮގެއް ނޫން."

"ޒޫނާ! ދިރޭ ކޮންމެ އެއްޗަކީ މަރުވާނެ އެއްޗެއް،" ޖިނާ ގެންދަން ބޭނުންވި ދިމާއަށް ވާހަކަ މިސްރާބުޖެހިއެވެ. "އޭގެ މާނައަކީ ދިރިތިބި މީހުން ގަބރުތަކެއްހެން އުޅޭށެކޭ ނޫން. ދިރިއުޅުމުގެ ބާކީ ބައި ބޭކާރުކޮށްލާށެކޭ ވެސް ނޫން. އަހަރެން ބޭނުމެއް ނޫން އެ ކަމާ ރޯކަށް. އެކަކަށް ވެސް އެ މަންޒަރެއް ނުދައްކާނަން. ދަރިންދެކެ ލޯބިވާކަން ދެއްކޭނެ އެހެން ގޮތްގޮތް ވެސް ހުރޭ. މިސާލަކަށް ވަރަށް ކުޑަ ކަމެއް. ދަރިންނާ ދިމާއަށް ކީކޭ ކިޔާފަ ގޮވިއްޔާ ދަރިން އެންމެ އުފާވާނީ؟ ދަރިފުޅު! އެހެންނު! ޒޫނާ ދުވަހަކު ވެސް ޖެނީއާ ދިމާއަށް ދަރިފުޅާއޭ ކިޔާފަ ގޮވާލި އަޑެއް ގައިމުވެސް އަހަންނެއް ނާހަން. މަށަށް ވެސް ހަމަ އެހިދާނެ ޒޫނާ ލޯބިނުވަނީހޭ ޖެނީ ދެކެ."

ޒޫނާ ކުއްލިއަކަށް ހަނދާންވީ ޖެނީގެ ބައްޕަ ބުނި ޖުމުލައެވެ.

"އަހަރެން ޒޫނާ ލައްވާ ޖެނީއަށް ދަރިފުޅު ވެސް ކިޔުއްވާނަން." އެ ފަހަރު ޖެނީގެ ބައްޕަ ބުންޏެވެ.

"ގައިމު ޖެނީ ވެސް ދެރަވާނެ،" ޖިނާ ބުންޏެވެ. "ޖެނީގެ ހުރިހާ ވެސް މީހަކީ ތީ."

"ތިހިރީނު ޖެނީގެ ބައްޕަ!" ޖެހިލުމެއް ނެތި ޒޫނާ ބުނެލިއެވެ.

ޖިނާއަށް ސިހުމެއް ލިބުނުކަން ޒޫނާއަށް ކަށަވަރެވެ. އެކަމަކު ވަރަށް ކުޅަދާނަކަމާ އެކުގައި ޖިނާ އޮޅުވައިލިއެވެ. ހިނިތުންވެލިއެވެ. ޒޫނާ ވެސް ހިނިތުންވެލިއެވެ. ގަޑީގެ ކަށި ދައުރުވަމުންދިޔައެވެ. ސިކުންތުކަށީގެ އަޑު ވެސް ޒޫނާއަށް އިވޭ ކަހަލައެވެ.

"ހިނގާ ދެން ނިދަންއުޅެމާ،" ނިދީގެ އެއްވެސް އަސަރެއް މޫނުމަތިން ފެންނަން ނެތް ޒޫނާ ބުނެލިއެވެ. "މަށަށް ހީވަނީ މިރެޔަކީ ވަރަށް ދިގު ރެޔަކަށް ވާނެހެން."

ކޮޓަރިއަށް ފުރަތަމަ ވަނީ ޒޫނާއެވެ. ޖިނާ ދޮރުމަތީގައި މަޑުކޮށްލިއެވެ. ސަކީނާއާއި ޒޫނާ ކުރީ ކޮންކަމެއްކަމާއި، އެ ކަން ކުރީ ކީއްވެގެންކަން ޖިނާއަށް އެނގެއެވެ. ޒޫނާ ވަނީ ފާޚާނާއަށެވެ. ޖިނާ އެނދު ކައިރިއަށް ހުއްޓުނެވެ. ބާލީހަށް ބަލައިލިއެވެ. ޖިނާއަށް އެ ބާލީސް ފެންނަނީ ރޯވެ އަނގުރަށްވެފައިވާ ދަރުގަނޑެއްގެ ސިފައިގައެވެ.

ނުނިމޭ