އިނގިރޭސި ބޭންޑް "ކޮލްޑްޕްލޭ" ގެ ޑޮކިއުމަންޓްރީ އެމެޒޯން އިން

އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ" ގެ ޑޮކިއުމަންޓްރީ "އަ ހެޑް އޮފް ފުލް އޮފް ޑްރީމްސް" ސްޓްރީމިން ސާވިސް އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ނިންމައިފި އެވެ.


ބޭންޑުން ކުރި ޓްވީޓެއްގައި ބުނީ ޑޮކިއުމަންޓްރީ ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 16 އިން ފެށިގެން ކަމަށާއި ބައެއް ސިނަމާތަކުގައި އަންނަ މަހުގެ 14 ގައި ފިލްމުގެ އެއް ޝޯ ދައްކަން ހަމަޖެހިފައިވާ ކަމަށެވެ. ދެހާސް ސިނަމާއެއްގައި އެއް ޝޯ ދައްކާ އިރު، އެ ޝޯތަކުގެ ޓިކެޓް މި މަހުގެ 19 އިން ފެށިގެން ވިއްކާނެ އެވެ.

"އަ ހެޑް އޮފް ފުލް އޮފް ޑްރީމްސް" ގައި ކޮލްޑްޕްލޭ އުފެދިގެން އައި ގޮތާއި ވަރުގަދަ ރޮކް ބޭންޑެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ގޮތާއި ބޭންޑުން މިހާތަނަށް ކުރި ތަޖުރިބާތަކާއި ބޭންޑްގެެ މެމްބަރުންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭނެ އެވެ.

"ކޯލްޑްޕްލޭ" ގެ ޓްރެއިލާ.

"ކޮލްޑްޕްލޭ" އަކީ 1996 ގައި ވުޖޫދަށް އައި ބޭންޑެކެވެ. ބޭންޑްގައި ހިމެނޭ މެމްބަރުންނަކީ ކްރިސް މާޓިން، ޖޯނީ ބަކްލަންޑް، ގައި ބެރީމަން އަދި ވިލް ޗެމްޕިއަން އެވެ.

މިއުޒިކް އިންޑަސްޓްރީގައި ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ "ކޮލްޑްޕްލޭ" އިން މިހާތަނަށް ވަރަށް ކާމިޔާބު ހަތް އަލްބަމް ނެރެފައިވާ އިރު، އެންމެ ފަހުގެ އަލްބަމަކީ 2015 ގައި ރިލީޒް ކުރި "އަ ހެޑް އޮފް ފުލް އޮފް ޑްރީމްސް" އެވެ.

މެޓް ވައިޓްކްރޮސް ޑައިރެކްޓްކޮށްފައިވާ "ކޮލްޑްޕްލޭ" ގެ ޑޮކިއުމަންޓްރީ ޔަގީނުން ވެސް ވެގެން ދާނީ ބޭންޑްގެ ފޭނުންނަށް ވަރަށް ހާއްސަ އެއްޗަކަށެވެ. މުޅި ޑޮކިއުމަންޓްރީ ބަލައިލުމުގެ ކުރިން ޓްރެއިލާ ވެސް ތަޖުރިބާކޮށްލާށެވެ.