މާރިއާ ކެރީގެ އާ އަލްބަމް "ކޯޝަން" އަންނަ މަހު ނެރެން ނިންމައިފި

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މާރިޔާ ކެރީގެ އާ އަލްބަމް "ކޯޝަން" އަންނަ މަހު ނެރެން ނިންމައިފި އެވެ.


އޭނާ ބުނި ގޮތުގައި އާ އަލްބަމް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އަލްބަމް ރިލީޒްކުރާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

"ކޯޝަން" ރިލީޒް ކުރާ އިރު، މީގައި ހިމެނޭ ލަވަތަކުގެ ތެރެއިން ދެ ލަވައެއް ކެރީ ވަނީ ކުރިން އިއްވާލައިފަ އެވެ. އެއީ "ވިތު ޔޫ" އާއި "ޖީޓީއެފްއޯ" އެވެ.

އަލްބަމާ ބެހޭ ގޮތުން 48 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އަލްބަމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ލަވަތައް ވަރަށް ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މާރިޔާ ކެރީގެ ޓްވީޓް.

"މީގެ މަސައްކަތް ވެސް ކުރިއަށް ދިޔައީ ވަރަށް މަޖާކޮށް. މި ފަހަރު އަހަރެން ބޭނުންވީ ތަންކޮޅެއް ލައިޓް-ހާޓެޑް ލަވަތަކެއް ގެނެސްދޭން،" ކެރީ ބުންޏެވެ. "އެ ފީލް ހުންނާނެ ލަވަތަކުގައި."

މީގެ ކުރިން 14 އަލްބަމް ނެރެފައިވާ ކެރީ އެންމެ ފަހުން އަލްބަމެއް ނެރުނީ 2014 ގަ އެވެ. އެއީ "މީ އައި އެމް މާރިއާ: ދި އެލޫސިވް ޝޮންޓާސް" އެވެ.

މިއުޒިކް އިންޑަސްޓްރީގައި ދެވޭ ގްރެމީ އެވޯޑްސްގެ ފަސް އެވޯޑާއި ވޯލްޑް މިއުޒިކް އެވޯޑްސް (ޑަބްލިއުއެމްއޭ) ގެ 10 އެވޯޑް އަދި ބިލްބޯޑް މިއުޒިކް އެވޯޑްސް (ބީއޭއޭ) ގެ 14 އެވޯޑް މިހާތަނަށް ހާސިލުކޮށްފައިވާ ކެރީ އެންމެ ފުރަތަމަ އަލްބަމެއް ނެރުނީ 1990 ގަ އެވެ. އެއީ އެ އަހަރު ނެރުނު "މާރިއާ ކެރީ" އެވެ.