ސިމްބޮލިކް ރިކޯޑްސްގެ އަލްބަމް "މާރޯކާ" ނެރެފި

މީގެ ކުރިން ވެސް ތަފާތު ލަވަތަކެއް ގެނެސްދީފައިވާ ސިމްބޮލިކް ރިކޯޑްސްގެ ދެވަނަ އަލްބަމް "މާރޯކާ" ނެރެފި އެވެ.


މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުލަބު 360 ގައި ބޭއްވި ކުލަގަދަ ޝޯއަކާ އެކު އަލްބަމް ނެރެދިނީ މަޝްހޫރު މިއުޒިކީ ފަންނާނު މުހައްމަދު (މެޒޯ) މާޖިދު އެވެ.

"މާރޯކާ" ގެ ލަވަތައް ކިޔާފައި ވަނީ މުހައްމަދު (މާޓް) މާހިދު އެވެ. މި އަލްބަމްގެ އެންމެ ހާއްސަ އެއް ކަމަކީ ވަރަށް ތަފާތު ޅެންތަކަކަށް، ތަފާތު އެކި ކަހަލަ އިހުސާސްތައް ގެނުވައިދޭ ލަވަތައް ހުރުމެވެ. ސިމްބޮލިކްގެ ވެބް ސައިޓް މެދުވެރިކޮށް "މާރޯކާ" ގަނެލެވޭނެ އެވެ.

ޖުމްލަ 10 ލަވަ ހިމެނޭ އަލްބަމްގެ އަގަކީ 200ރ. އެވެ. ސިމްބޮލިކުން މި އަލްބަމް ސިފަކޮށްފައި ވަނީ ރާއްޖޭގެ ފުރަތަމަ ސޯލޯ ހިޕް-ހޮޕް އަލްބަމްގެ ގޮތުގަ އެވެ.

މީގެ ކުރިން ސިމްބޮލިކުން ވަނީ "މަގުމަތި" ގެ ނަމުގައި ވެސް ރެޕް/ހިޕް-ހޮޕް އަލްބަމެއް ނެރެފަ އެވެ. އަދި ސިމްބޮލިކަކީ ވަރަށް ތަފާތުކޮށް ވީޑިއޯ ލަވަތައް ވެސް ގެނެސް ދޭން މަޝްހޫރު ބައެކެވެ.