އަޔޫޝްމަން ކުރާނާ، ކިޝޯރް ކުމާރުގެ ރޯލް ކުޅެން ބޭނުންވޭ

އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ވާހަކަ ދެކެވޭތާ މިހާރު ވަރަށް ދުވަސްވެއްޖެ އެވެ. ޑައިރެކްޓަރު އަނޫރާގް ބާސޫ ވަނީ، ޓައިޓްލް ރޯލަށް ރަންބީރު ކަޕޫރް ލައިގެން ކިޝޯގެ ބައޮގްރަފިކަލް ޑްރާމާ ގެނެސް ދޭނެކަން މީގެ އަހަރުތަކެއް ކުރިން އިއުލާންކޮށްފަ އެވެ. އެކަމަކު އެއީ އަދިވެސް ހަގީގަތަކަށްވެފައި ނެތް، އެކަމަކު ގިނަ ބަޔަކު ސްކްރީނުން ވަރަށް ބަލައިލަން ބޭނުންވާ ބައޮޕިކެކެވެ.


ބޮލީވުޑްގައި މި ފަހަކަށް އައިސް ވަރަށް ތަފާތު ކޮންޓެންޓް އެކުލެވޭ ފިލްމުތައް ކުޅެމުން އަންނަ އެކްޓަރު އަޔޫޝްމަން ކުރާނާ މިހާރު ވަނީ ކިޝޯރުގެ ރޯލް ކުޅެން ވަަރަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. އޭނާ މީޑިއާތަަށް ދިން އިންޓަވިއުއެއްގައި ބުނީ ކިޝޯރަކީ ޒަމާންވީ ބޮޑު ފޭނެއް ކަމަށާއި އޭނާގެ ރޯލު ސްކްރީނުގައި ކުޅެލަން ލިބުމަކީ ހުވަފެނެއް ކަމަށަވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ބަލައިގެންފައިވާ އަޔޫޝްމަން ބުނި ގޮތުގައި އޭނާ އަށް ކިޝޯރުގެ ރޯލަށް އިންސާފުކޮށް ދެވިދާނެ އެވެ. އެހެންވެ މަޖަލަކަށް ހަދައިފައި ޒުވާން އެކްޓަރު ބުނީ އަނޫރާގް ކިޝޯރްގެ ބައޮޕިކް ހިފައިގެން އަންނަންވީ އޭނާގެ ގާތަށް ކަމަށެވެ.

މި މަހުގެ 5 ގައި ރިލީޒް ކުރި "އަންދާދުން" އަށް ފަހު، ބުރާސްފަތި ދުވަހު ވަނީ އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމު "ބަދާއީ ހޯ" ވެސް ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ. މި ފިލްމަކީ ދަރިން ޒުވާން އުމުރަށް އަޅާ ފަހުން، މަޔަކު ބަލިވެ އިނުމުން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ އާއިލީ ފިލްމެކެވެ. ކްރިޓިކުން ވަނީ "ބަދާއީ ހޯ" އަކީ އިންޑިއާގެ ސިނަމާ އަށް ވަރަށް އާ، ތާޒާ ކޮންސެޕްޓެއް ކަމަށް ބުނެ، ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް އެވެ.

ކިޝޯރު ކުމާރުގެ ލަވަތަކެއް.

ކިޝޯރްގެ ބައޮގްރަފިކަލް ޑްރާމާ އަށް އަޔޫޝްމަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، އަނޫރާގް ގެނެސް ދޭން އުޅޭ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް ނޭނގެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އޭގެ ރައިޓްސް އޮތީ "ބަރްފީ" އާއި "ޖައްގާ ޖާސޫސް" ފަދަ ފިލްމުތައް ގެނެސް ދީފައިވާ ޑައިރެކްޓަރުގެ އަތުގައި ކަމަށްވާތީ، އެ ފިލްމު ހަދަން އެހެން ބަޔަކަށް ފުރުސަތު ލިބުމަކީ ނާދިރު ކަމެއް ކަމެވެ.

ހިންދީ ސިނަމާގެ ރަން ޒަމާނުން ފެށިގެން 80 ގެ އަހަރުތަކާ ހަމައަށް ވަރަށް ވެސް ހިތްގައިމު، ރީތި އެތައް ލަވައެއް ކިޔައި ދީފައިވާ ކިޝޯރު މަރުވީ 58 އަހަރުގައި 1987 ގަ އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ކިޝޯރަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ. ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާއާ ކައިވެނި ވެސް ކުރި ކިޝޯރު 87 ފިލްމެއްގައި އެކްޓްކޮށްފައިވެ އެވެ.