ޖެނިފާ ގާނާގެ އާ ބައިވެރިޔަކީ ކެލި ގްރޫޕްގެ ޗެއާމަން ޖޯން މިލާ

ބަތަލާ ޖެނިފާ ގާނާ އާއި އެކްޓަރު ބެން އެފްލެކްގެ ކައިވެނީގެ ގުޅުން ކެނޑިފައިވާތާ މިހާރު ތިން އަހަރެއްހާ ދުވަސްވެއްޖެ އެވެ. ކައިވެންޏަށް ތިން ދަރިން ވެސް ލިބިފައިވެ އެވެ. ދޭތެރެ ދޭތެރެ އިން މި ދެ ތަރިން ސުލްހަވާން އުޅޭ ވާހަކަތަކެއް ވެސް މީޑިއާތަކުގެ ސުރުހީތަކަށް އަރަ އެވެ.


އެކަމަކު މި ފަހަކުން އެފްލެކް ވަނީ އެހެން ދެ އަންހެނަކާ ވަރަށް ސީރިއަސްކޮށް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އަޑުތައް މިހާރު އަރާފައިވާ ގޮތުން އޭނާ މިހާރު ރައްޓެހިވެގެން އުޅެނީ ޕްލޭބޯއި މޮޑެލްއެއް ކަމަށްވާ ޝައުވާ ޒެކްސްޓަންއާ އެވެ.

އޭގެ ކުރިން "ސަޓަޑޭ ނައިޓް ލައިވް" ފަދަ ޝޯތަކުގެ ޕްޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ލިންޒީ ޝުކަސްއާ ވެސް އެފްލެކް ވަނީ ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. މި ދެ މީހުންގެ ގުޅުމަށް މާ ގިނަ ދުވަހެއް ނުވަނީސް ނިމުމެއް އަންނަން ޖެހުނީ ޝައުނާއާ އެފްލެކާ ގުޅުމެއް އޮންނަކަން ފަޅާއެރުމުން ކަމަށްވެ އެވެ.

ރަލަށް ދެވިހިފައިގެން ދާދި ފަހުން ރިހެބުން ފަރުވާ ވެސް ހޯދި އެކްޓަރުގެ ލޯބީގެ ވާހަތައް އެއްފަރާތް ކުރުމަށް ފަހު މިހާރު މީޑިއާތަކުން ދައްކަނީ ޖެނިފާ، 46، ގެ އާ ބައިވެރިޔާގެ ވާހަކަ އެވެ. އެއީ 40 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޯން މިލާއާ އެވެ. އޭނާއަކީ އެމެރިކާގެ ޓެކް ކުންފުނި ކެލި ގްރޫޕްގެ ޗެއާމަން އަދި ސީއީއޯ އެވެ. މި ދެ މީހުން ބައްދަލުވެ، ގާތްކަން އުފެދުނީ ގާތް ރައްޓެއްސެއްގެ ފަރާތުން ކަމަށް އީނިއުސް އިން ބުންޏެވެ.

އެ ނޫހުން ބުނާ ގޮތުގައި "ޕާލް ހާބާ" އާއި "ޕެޕަމިންޓް" ފަދަ ފިލްމުތައް ކުޅެފައިވާ ޖެނިފާ އާއި ޖޯންގެ ގުޅުން މިހާރު ވަރަށް ބަދަހި އެވެ. އަދި ދެ މީހުން ވަރަށް ސީރިއަސްކޮށް ރައްޓެހިގެން އުޅޭތާ މިހާރު މަސްތަކެއްވެއްޖެ އެވެ.

އެފްލެކާ ކައިވެނި ކުރުމުގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައިވާ ޖެނިފާ އާއި އެފްލެކް 2005 ގައި ކުރި ކައިވެނީގައި ރަސްމީކޮށް ސިއްކަ ޖެހުނީ މި އަހަރު އެވެ. ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.