"ވައްކަން ކުރީ މަށެއް ނޫން"

އިނގިރޭސިވިލާތުގެ ރެސްޓޯރަންޓަކުން ކަސްޓަމަރެއްގެ ޖެކެޓާއި ވޮލެޓާއި ފޯނު ވަގަށް ނެގި މައްސަލައެއް ގިނަ ބައެއްގެ ސަމާލުކަމަށް މިދިޔަ ހަފުތާގައި އައި އެންމެ ބޮޑު ސަބަބަކީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ، ކުރީގެ ޓީވީ ސިލްސިލާ "ފްރެންޑްސް" ގެ ތަރިއަކާ ވައްތަރުވުމުންނެވެ.


ބްލެކްޕޫލް ސިޓީގެ ފުލުހުން، ވައްކަން ކުރި މީހާގެ ފޮޓޯ ފޭސްބުކްގައި އާންމު ކުރި އިރު، އޭނާ ވައްތަރީ "ފްރެންޑްސް" ގައި ރޮސްގެ ރޯލް ކުޅުނު އެކްޓަރު ޑޭވިޑް ޝްވިމާއާ އެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު ވަނީ "މަޖާގަނޑަކަށް" ހަދާފައި ތިއީ ޝްވިމާއޭ ކަމަށް ބުނެ ކޮމެންޓްކޮށްފަ އެވެ.

އެއަށް ފަހުން ފުލުހުން ޖަވާބު ދެމުން ބުނީ އެއީ ޝްވިމާ ނޫން ކަމަށާއި ވައްކަމުގެ ހާދިސާ ހިނގި އިރު، އޭނާ ހުރީ އުފަން ގައުމު އެމެރިކާގައި ކަމަށެވެ. ފުލުހުން އާންމު ކުރި ފޮޓޯގައި ވައްކަން ކުރި މީހާ ބިޔަރު ދަޅު ކޭހެއް ހިފައިގެން ދާ ތަން ފެނެ އެވެ.

ޝްވިމާގެ ވީޑިއޯކޮޅު.

މިކަން އެންމެ ފަހުން ޝްވިމާގެ ރާޑަރަށް އެރުމުން އޭނާ ވަނީ "ވައްކަން ކުރީ އަހަންނެއް ނޫން" ކަމަށް ބުނެފަ އެވެ. އިންސްޓްގާރްމުގައި ޝްވިމާ އާންމު ކުރި ވީޑިއޯގައި ފެންނަނީ މޯލެއްގެ ތެރެއިން ބިޔަރު ދަޅު ކޭހެއް ހިފައިގެން އޭނާ ދާ ތަނެވެ. އޭގެ ކެޕްޝަނުގައި އޭނާ ބުނީ މިހެންނެވެ؛ "އޮފިސަރުންނޭ، އެއީ ހަމަ ހުވާ އަހަންނެއް ނޫން" ކަމަށެވެ.

"އަހަރެން މި ހުރީ ނިއު ޔޯކްގައި. ތަހުގީގަށް ފުލުހުން ތިކުރާ ބުރަ މަސައްކަތަށް ކާމިޔާބީ އެދެން،" ޝްވިމާ ބުންޏެވެ.