އަކްޝޭ ކުމާރާއި ވިދިޔާ ބާލަންއާ އެކު ސޮނާކްޝީ ސިންހާ އާއި ތާޕްސީ ޕައްނޫ

އަރް ބަލްކީ ޕްރޮޑިއުސްކޮށް، ޖަގަން ޝަކްތީ ޑައިރެކްޓްކުރާ ފިލްމަށް އަކްޝޭ ކުމާރާއި ވިދިޔާ ބާލަން ސޮއިކޮށްފައި ވަނިކޮށް، އިތުރު ދެ ބަތަލާއަކު އެ ފިލްމުގެ ކާސްޓާ ގުޅިއްޖެ އެވެ.


އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ ފިލްމުގެ ކާސްޓާ މި ފަހަރު ގުޅުނު ދެ ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ އާއި ތާޕްސީ ޕައްނޫ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ދެ ތަރިން ވެސް މީގެ އަކްޝޭއާ އެކު މަސައްކަތްކޮށްފައިވާ ކަމެވެ.

ސޮނާކްޝީ ވަނީ އަކްޝޭއާ އެކު "ރައުޑީ ރާތޯޑް" އާއި "ހޮލިޑޭ: އަ ސޮލްޖާ އިޒް ނެވާ އޮފް ޑިއުޓީ"، "ޖޯކަރް" އަދި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. ތާޕްސީ، އަކްޝޭއާ އެކު މަސައްކަތްކުރީ "ބޭބީ" އާއި "ނާމް ޝަބާނާ" ގަ އެވެ.

ފިލްމު ކްރިޓިކް ގިރިޝްގެ ޓްވީޓެއް.

މި ކާސްޓުންނާ އެކު އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމުގައި އަކްޝޭ އާއި ވިދިޔާ ފެނިގެން ދާނީ އެސްޓްރޮނޯޓުންގެ ރޯލުންނެވެ. މި ފިލްމަކީ އިންޑިއާ އިން ކުރިއަށް ގެންދާ މާސް މިޝަން މާސް އޯބިޓް (މަންގަލިޔާން) އަށް ބިނާކޮށް ހަދާ ޖައްވީ ފިލްމެކެވެ. އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން މި މަޝްރޫއު ލޯންޗް ކުރީ ނޮވެމްބަރު، 5، 2013 ގަ އެވެ.

އަކްޝޭ އާއި ވިދިޔާ މީގެ ކުރިން ވަނީ "ހޭ ބޭބީ" އާއި "ބޫލް ބުލައްޔާ" ގައި މަސައްކަތްކޮށްފަ އެވެ.

މި އަހަރު އަކްޝޭއާ އެކު "ޕެޑްމޭން" ގެނެސް ދިން ބަލްކީ ޕްރޮޑިއުސް ކުރާ އާ ފިލްމު ޑައިރެކްޓް ކުރަން ހަވާލުކޮށްފައިވާ ޖަގަންއަކީ ބަލްކީގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި މިއީ އޭނާގެ އަލަތު ޑައިރެކްޝަނެވެ.