ބޮކްސް އޮފީހުގައި "ރުސްތުމް" ކުރި ހޯދައިފި

ހުކުރު ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ރުސްތުމް" އާއި ރިތިކް ރޯޝަންގެ "މޮހެންޖޯ ދަރޯ" އާ ދެ ފިލްމުގެ ތެރެއިން ކްރިޓިކްސް އާއި ބެލުންތެރިންގެ ލޯބި ލިބުނީ "ރުސްތުމް" އަށެވެ.


މިއަހަރު ތެރޭ އެއް ދުވަހެއްގައި ނުކުތް އެންމެ ބޮޑު ދެ ފިލްމުގެ ތެރެއިން އަކްޝޭގެ "ރުސްތުމް" މާ ރަނގަޅަށް ހިނގާނެ ކަމަށް މާކުރިއްސުރެ ގިނަ ބަޔަކު ލަފާކުރި އެވެ. ސަބަބަކީ "ރުސްތުމް" ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރިވަރާ ގާތަށް ވެސް "މޮހެންޖޯ ދަރޯ" ގެ ޕްރޮމޯޝަން މަސައްކަތް ކުރިޔަށް ގެންދެވިފައި ނެތުމުންނެވެ.

ދެ ފިލްމުގެ ރިވިއުތަކަށް ބަލާއިރު ކްރިޓިކްސް ބުނަނީ އަކްޝޭގެ ފިލްމު ރިތިކްގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ބަލާލަން ކަމުދާ ކަމަށެވެ. ރިތިކްގެ ފިލްމަކީ އިންޑަސްވެލީ ސިވިލައިޒޭޝަން ޒަމާނުގެ ފިލްމެއް ކަމަށްވާތީ ގިނަ ބަޔަކު އެ ފިލްމާ އެހާ ގަޔައެއް ނުވި އެވެ.

އެއް ރިވިއުއެއްގައި ބުނެފައިވަނީ "މޮހެންޖޯ ދަރޯ" އަކީ ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރް ކުރިން އުފެއްދި "ލަގާން" އާއި "ޖޯދާ އަކްބަރް"ގެ މަންޒަރުތައް މަސްހުނި ކޮށްގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

ފިލްމުގައި ރިތިކް ފިޔަވައި މީހަކު ބަލާހިތްވާ އެއްވެސް ކަމެއް ނެތް ކަމަށް ރިވިއުތަކުގައި ބުނެފައިވެ އެވެ. ނަމަވެސް "ރުސްތުމް"ގެ ވާހަކަ އަކީ ހަގީގަތުގައި ހިނގި ހާދިސާއަކަށް ވެފައި ފިލްމު ގެނެސްދީފައިވާލެއް މޮޅުކަމުން ގިނަ ބަޔަކު ވަނީ ފިލްމަށް ތައުރީފުކޮށްފަ އެވެ.

ފާޑުކިޔުންތެރިން ޖުމްލަކޮށް "މޮހެންޖޯ ދަރޯ" އަށް ދީފައި ވަނީ ފަސް ތަރީގެ ތެރެއިން ދެ ތަރި އެވެ. "ރުސްތުމް" އަށް ފަސްތަރިން ތިން ތަރި ލިބިފައިވެ އެވެ.

ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާއިރު ވެސް "މޮހެންޖޯ ދަރޯ" އަށް ވުރެ ގިނަބަޔަކަށް ކަމުގޮސްފައި ވަނީ "ރުސްތުމް"ކަން ފާހަގަ ކޮށްލެވެ އެވެ.

ބޮކްސް އޮފީހުގައި ވެސް "ރުސްތުމް" އުޅެނީ ކުރީގަ އެވެ. ފުރަތަމަ ދުވަހު "ރުސްތުމް"ގެ އޮކިއުޕަންސީ 40-50 ޕަސެންޓްގައި އުޅުނުއިރު "މޮހެންޖޯ ދަރޯ"ގެ އޮކިއުޕަންސީ އުޅެނީ 30 ޕަސެންޓަށް ވުރެ ދަށުގަ އެވެ.

މި ދެ ފިލްމުން ކުރެ ރިތިކްގެ ފިލްމަކީ 120 ކްރޯޑު (1200 މިލިއަން ރުޕީސް) ގެ ބަޖެޓަކުން އުފެއްދި ފިލްމަކަށް ވެފައި "ރުސްތުމް" އުފައްދާފައި ވަނީ މީގެ ދެބައިކުޅަ އެއްބައި ވަރުގެ ބަޖެޓަކުން ކަމަށް ވާތީ މިހާރު ފިލްމު ހިނގާ ގޮތަށް ކުރިޔަށް އޮތް ދުވަސްތަކުގައި ހިނގާނަމަ "މޮހެންޖޯ ދަރޯ" ފްލޮޕްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.