ގައި ރިޗީގެ "ޓޮފް ގައިޒް" ގައި ހިއު ގްރާންޓް ނޫސްވެރިއެއްގެ ރޯލަށް

ނޮޓިން ހިލް އާއި ލަވް އެކްޗްލީ ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު އެކްޓަރު ހިއު ގްރާންޓް، ގައި ރިޗީގެ ފިލްމު "ޓޮފް ގައިޒް" ގެ ރޯލަކަށް ސޮއިކޮށްފި އެވެ.


މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކޭޓް ބެކިންސޭލް އާއި މެތިއު މެކްކޮނަހީގެ އިތުރުން ހެންރީ ގޮލްޑިން ވެސް ހިމެނެ އެވެ. އުމުރުން 58 އަހަރުގެ ގްރާންޓް "ޓޮފް ގައިޒް" އަށް ސޮއި ކުރި އިރު، އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕެޑިންގްޓަން 2" އިންނެވެ. އެމެޒޯން އިން މިހާރު ސްޓްރީމް ކުރާ ވެބް ސީރީޒް "އަ ވެރީ އިންގްލިޝް" ސްކޭންޑަލް" އިން ވެސް ގްރާންޓް ފެނިގެންދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގައިގެ ފިލްމުގައި ގްރާންޓް ފެނިގެން ދާނީ އިނގިރޭސި ނޫސްވެރިއެއްގެ ރޯލުންނެވެ.

މި ޒަމާނުގެ މެރުއާނާ އިންޑަސްޓްރީގެ ތެރޭގައި ހިންގާ ކަންތައްގަނޑެއްގެ މައްޗަށް ބިނާކޮށް ހަދާ "ޓޮފް ގައިޒް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މާން ޑޭވީޒް އާއި އިވާން އެޓްކިންސަން އެވެ.

އަންނަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ޝޫޓިން ފަށާ މި ފިލްމުގެ ގްލޯބަލް ރައިޓްސް މިރަމެކްސް އަށް 30 މިލިއަން ޑޮލަރަށް މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގެ ތެރޭގައި ވަނީ ވިއްކާލައިފަ އެވެ.

"ޓޮފް ގައިޒް" ގެ މަސައްކަތް ފަށަން ގައި ތައްޔާރުވަމުން އަންނަ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިޒްނީން ގެނެސްދޭ "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ މެއި، 24، 2019 ގަ އެވެ.

ގައި އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ކިންގް އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް" އެވެ.