އަންނަ އަހަރުގެ ފުރަތަމަ ފިލްމަކަށް ނިއުމާގެ "ނިވައިރޯޅި"

"ނިވައިރޯޅި" ޕްރިމިއާ ކުރާނީ ޖެނުއަރީ 3 ގައި.

މިދިޔަ މަހު އަޅުވަން ނިންމުމަށް ފަހު އަންނަ އަހަރަށް ފަސްކޮށްފައިވާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އަންނަ އަހަރު އޮލިމްޕަހަށް ގެންނަ ފުރަތަމަ ފިލްމަކަށް ހަމަޖައްސައިފި އެވެ.


ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ނަމުގައި ހަދާފައިވާ ފިލްމު ކުންފުނި ނިއުޒޯ އިން ގެނެސްދޭ ފިލްމު ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ރެ އެވެ.

ފިލްމު އަޅުވާ ތާރީހު އަލުން އިއުލާންްކޮށްފައި ވަނީ އައިސް ޓީވީން މިއަދު މެންދުރު ފަހު ގެނެސް ދިން "ވަރަށް ވާހަކަ" ޕްރޮގްރާމްގައި "ނިވައިރޯޅި" ގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ފިލްމުގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ޒީނަތު އައްބާސް އެވެ.

އޭނާ ބުނި ގޮތުގައި ފިލްމުގެ ޕްރިމިއާ އަށް މިހާރު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ވަރަށް ހާއްސަ ކަންތައްތަކެއް ހުންނާނެ ކަމަށް ޒީނަތު ބުންޏެވެ.

މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ "ނިވައިރޯޅި" ގެ ހާއްސަވާ ކަންކަމުގެ ތެރޭގައި ނިއުމާގެ ވަދާއީ ފިލްމަށްވުމާއި ދަރިފުޅު ޒޯޔާގެ އަޑުން ކިޔާފައިވާ ލަވައެއް ވެސް ފިލްމުގައި ހިމެނުން ފާހަގަކޮށްލެވެ އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި ވަނީ ޒޯޔާ ކިޔާފައިވާ ލަވަ ވެސް އައިސް ޓީވީން ދެއްކި އެވެ.

"ނިވައިރޯޅި" ގެ ކާސްޓުން، ނިއުމާއާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޔޫސުފް (ޔޫއްޕެ) ޝަފީއު، ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު (އައިންތު) ރަޝީދާ، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ (ނާއްކޮ) މުހައްމަދު، އަހުމަދު (އަޒޭ) އަޒްމީލް، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.

"ނިވައިރޯޅި" އަކީ 2011 ގެ "ލޫދިފާ" އަށް ފަހު ސިނަމާ އަށް އަންނަ މޫމިންގެ ފުރަތަމަ ފިލްމެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަކީ މިހާތަނަށް އެއްވެސް ފިލްމަކުން ފެނިފައި ނުވާ ކަހަލަ ވަރަށް ތަފާތު އަަދި ހައިރާންކޮށްލާ ވަރުގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.