ބޯވަ

އާދިއްތަ ދުވަހާ ގުޅޭ


"ކެރޭނެތަ މިރޭ ތަރާވީހަކަށް އަންނަން؟" ރީނާ އެހިއެވެ.

އަހަރެން ހުރީ ބަނޑުހައިވެފައެވެ. ގުޅާ ފުރަތަމަ ފަހަރު އެ ފަދަ ދަޢުވަތެއްދިނުމަކީ ކޮންމެކޮންމެ ކުއްޖަކަށް ކެރޭނެ ކަމެއް ނޫނެވެ. އަހަރެންގެ ލޯބިވެރިއެއް ނުވަތަ އަންބެއް ހުރިތޯއެއް ނާހައެވެ. ރީނާގެ އެ ޖެހިލުންކުޑަކަން އަހަންނަށް ވަރަށް ކަމުދިޔައެވެ. އެންމެ ފުރަތަމަ އަހަންނަށް ލޯބިވެވުނު ކުއްޖާގެ ވެސް އެ ކަހަލަ ސިފައެއް ހުރެއެވެ. ކާކުކަން ނޭނގި، ސިފަ ނުފެނި ވެސް ރީނާގެ ދަޢުވަތު ގަބޫލުކުރަން އަހަރެން ބޭނުންވީ އެ ސިފަޔަށް ޓަކައެވެ. އެކަމަކު ލޯބީގެ ބާބެއް އަލުން ފެށުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ.

"އާނ ކީއްވެ ނުކެރޭނީ؟" އަހަރެން ޖެހިލުން ކުޑަ ގޮތަކަށް ބުނެލީމެވެ. "އެކަމަކު އަދި ނޭނގެ ތީ ކާކުކަމެއް."

އެއްޗެއް ނުބުނެ ކުޑައިރުކޮޅަކު ރީނާ މަޑުކޮށްލިއެވެ. އަހަރެން އިންތިޒާރުކުރީމެވެ.

"ފެނިފަ ހުންނާނީ،" ރީނާ ދިނީ ވިސްނާލަންޖެހޭ ކަހަލަ ޖަވާބެކެވެ. "އެއްދުވަހަކު ތިކޮޅަށް މީޓިންއަކަށް ގޮސްގެން އުޅެނިކޮށް އެހެންލާފަ ދަމުން ބަލައިލީމެއްނު. ހަނދާންވެއްޖެ؟"

އަހަރެން ވިސްނައިލީމެވެ. އުނދަގުލަކާ ނުލައި ހަނދާންވިއެވެ.

"އާނ!" އަހަރެން ބުނީމެވެ. "ކުދިންތަކެއް ދުށް ހަނދާނެއްވޭ. އެ ތަނުން ތީ ކޮން ކުއްޖެއް؟"

"ކަޅު ކުލައިގެ ހެދުމެއް ލައިގެން އެ ތަނުގަ ހުންނާނީ އަހަރެން އެކަނި،" ހީނގެންފައި ރީނާ ބުންޏެވެ. "އަމީން ޔަގީނުން ވެސް އަހަންނާ ދިމާއަށް ވަރަށް ރީތިކޮށް އެ ދުވަހު ބަލައިލި. ސްމައިލް ކޮށްލިހެން ވެސް ހީވޭ. ރަނގަޅަށްތަ މި ހީވީ."

ކަޅު ކުލައިގެ ހެދުމެއްލައިގެން ކުއްޖަކު ހުރި ހަނދާންވިއެވެ. އެކަމަކު އޭނަގެ މޫނެއް ހަނދާނެއް ނެތެވެ. އެ ދުވަހު އަހަރެން ވަކި ކުއްޖަކަށް ސަމާލުކަންދީގެނެއް ނުބަލަމެވެ. ހިނިތުންވެވުނު ނަމަ އެއީ ގަސްތަކު ނޫނެވެ.

"ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ؟" އަހަރެން ސުވާލުކުރީމެވެ.

"ދެން އެއީ އެހާ އުނދަގޫކަމަކަށް ނުވާނެއްނު،" ރީނާ އަނެއްކާ ވެސް ހީނލައިފައި ބުންޏެވެ. "ތި އޮފީހުގަ ވެސް އަހަރެންގެ ރައްޓެހިން އުޅޭނެ. ނަންބަރު ދޭނެ މީހަކު ވެދާނެއްނު. ބައިދަވޭ އަހަރެންގެ ނަމަކީ ރީނާ."

އަހަރުމެން ދެ މީހުން ތިރީހަކަށް މިނެޓު ވަންދެން ވާހަކަދެއްކީމެވެ. ރީނާގެ އަޑާއި، ވާހަކަދައްކާ ރާގާއި، ނަމުގައި ވެސް އަހަރެން މާ އަޅައިގަންނަ ކަހަލަ ގޮތެއް ނެތެވެ. އަދި އޮފީހުގެ ޖަލްސާކުރާ މާލަމުން ފެނުނު ކުދިންތަކުގެ ތެރޭގައި ވެސް ހައިރާންވާހާ ރީތި ކުއްޖަކު ނެތެވެ. ހުރި ނަމަ އަހަރެންގެ ލޮލުގައި އަޅައިގަތީހެވެ. އަހަރެން ހަމައެކަނި އަޅައިގަތީ ރީނާގެ ނިސްބަތްވާ ރަށުގެ ނަމުގައެވެ. އެއީ މަންމައަށް އެންމެ ކަމުނުދާ، އެންމެ ފޫހިވާ އަތޮޅެވެ. އިތުރަށް އޮޅުންފިލުވީމެވެ. ރީނާގެ އަވަށާއި، އާއިލާ އޮޅުންފިލުވީމެވެ. އެ ވަގުތު ނަސީބު އަހަރެންގެ އަތުގައި ހިފައި ލުތްކެއްޖެހި ކަހަލައެވެ. ރީނާއަކީ ރަށުގައި އުޅުނުއިރު ޒިޔާދާގެ ވަރަށް ގާތް އެކުވެރިއެކެވެ. މާލެއައުމުން އެ ގުޅުން އޮތީ ކުޑަކޮށް ހީނަރުވެފައެވެ. އެ ހިސާބުން ރީނާގެ އެކުވެރިކަން އަހަންނަށް އިންތިހާއަށް މުހިންމުވެއްޖެއެވެ. އެ ގުޅުން ކުރިޔަށްގެންދަން ބޭނުންވެއްޖެއެވެ. ޒިޔާދާއަށް ދެއްކުމަށް ޓަކައެވެ. އަހަރެން ކިހާ ކާމިޔާބުކަން ޒިޔާދާއަށް ސާބިތުކޮށްދިނުމަށް ޓަކައެވެ.

"ކޮންއިރަކުން ތަރާވީހަށް ދާންވީ؟" އަހަރެން އެހީމެވެ.

އަހަރެން ގެންދާނީ ރީނާގެ ގެއަށް ކަމުގައި ހީކުރެވުނު ނަމަވެސް އަންނަން ބުނީ ރެސްޓޯރަންޓަކަށެވެ. އެ ދުވަސްވަރު މާލޭގައި ހުރި އެންމެ އަގު ބޮޑު އެއް ރެސްޓޯރަންޓަށެވެ. އަހަރުމެން ފުރަތަމަ ބައްދަލުވީ އެ ތަނުންނެވެ. ރީނާއަކީ މާ ރީތި ކުއްޖެއް ނޫނެވެ. ގައިގެ ކުލަ ދޮނެއް ނޫނެވެ. އިސްކޮޅުން އަހަންނަށް ވުރެ ކުރެވެ. ގިންތިކުރާ ނަމަ މެދުމިންވަރެއްގެ ރީތި ކުއްޖެކެވެ. ހިތަށްއެރިއެވެ. ކަން އޮތް ގޮތް، ކޮންމެވެސް ވަރަކަށް ރީނާއަށް ކިޔައިދޭން ވާނެއެވެ. ކަނު އަނދިރިއަކު އޭނައެއް ނުބަހައްޓާނަމެވެ. އަހަންނަކީ އެ ކަހަލަ މީހެކެވެ. މީހުންނަށް ކެހިދީ، ހިތުގައިޖެއްސުމަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އަހަރެން ހަގީގަތް ކިޔައިދިނީ ކުރުކޮށް ފޮނިކޮށެވެ. ތަފުސީލަކަށް ނުދަމެވެ.

"ވަރަށް ސީރިޔަސް ރިލޭޝަންޝިޕެއް ބްރޭކްވެފަ މިހިރީ،" އަހަރެން ވަރަށް ސާފުކޮށް ބުނީމެވެ. "މިހެން ހުއްޓަކަސް އަހަރެންގެ ހިތް ހަމަ ކުދިކުދިވެފަ މިހިރީ. އެހެންވެ މިހާ އަވަހަށް ސީރިޔަސް ރިލޭޝަންޝިޕެއް ފަށާކަށް ބޭނުމެއް ނޫން. ހިތްވަރެއް ވެސް އަދި ނެތް."

"އެކަމަކު ރީނާ ވަރަށް ލައިކްވޭ!" ވަރަށް ގަޔާވެފައި ރީނާ ބުންޏެވެ. "އެންމެ ފުރަތަމަ ފެނުނު ފަހަރު ވެސް އަހަރެންގެ ހާޓްބީޓް އަވަސްވި. ބުނެވިދާނެ ލަވް އެޓް ފަސްޓް ސައިޓޭ ވެސް. ކިތަންމެ ދުވަހެއް ވެއްޖެ ގުޅަން އުޅޭތާ. ރީނާއަށް ނުކެރިގެން ލަސްވީ."

ރީނާ ބުނީ ރީނާގެ ހިތުގައި އޮތް ގޮތަށެވެ. އަހަރެން ވެސް ބުނީ އަހަރެންގެ ހިތުގައި އޮތް ގޮތަށެވެ. އޮޅުމެއް ސިއްރެއް ނެތެވެ. ފަހުން ޝަކުވާކުރާނެ ޖާގައެއް ވެސް ނެތެވެ. އަހަރުމެންނަކީ ދެ ޖިންސުގެ ދެ މީހުންނެވެ. ދެކިފަރިތަ ރައްޓެހިންނެއް ނޫނެވެ. ބައްދަލުވީ ދެ ބީރައްޓެހިންގެ ގޮތުގައެވެ. އަހަރުމެންގެ މެދުގައި އެކުވެރިކަމެއް ނެތެވެ. އޮތް ގުޅުމަށް ނަމެއް ދޭ ނަމަ އެއީ ލޯތްބެވެ. ކޮންމެ ސިފައެއްގައި ވިޔަސް އެއީ ލޯތްބެވެ. އެކަކު ހިތުގައި ކުލަ ފަނޑުކޮށެވެ. އަނެކަކު ހިތުގައި ކުލަ ގަދަކޮށެވެ. އަހަރުމެންނަކީ ދެ ރައްޓެހިން ނޫންކަން ވިސްނޭ ވަރަށް އަހަރުމެންގެ ބުއްދި ހުއްޓެވެ. ގަޑިއެއްހާއިރު ވަންދެން އަހަރުމެން ވާހަކަދައްކަން ތިބީމެވެ.

"އަހަރެން ގެއަށް ލައިދޭނަން ދޯ؟" ބައްދަލުވުން ނިމެނިކޮށް ރީނާ އެދުނެވެ.

ރީނާގެ އެހެން މަގުސަދެއް އޮތްކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ. އެހާތަނަށް އަހަންނަށް ރީނާ ފެނުނީ މަޑުމައިތިރި، ކެރޭ، ހިތްހެޔޮ ކުއްޖެއް ގޮތުގައެވެ. ވީއިރު އޭނަ ގެއަށް ލައިދިނުމަކީ މައްސަލައެއް ކަމަކަށް އޭރަކު ނުބެލުނެވެ.

"އޯކޭ!" އަހަރެން އެއްބަސްވީމެވެ.

ރެސްޓޯރަންޓުން ނުކުމެގެން ސައިކަލާ ހަމައަށް ދިޔައީ ދެ މީހުން އެކީގައެވެ. އަހަރެން ވަޒީފާއަދާކުރީ ދިވެހިރާއްޖޭގެ އަޑުގައެވެ. އެ ރޭ އަހަރެންގެ ޑިއުޓީ ފެށެން އޭރު ބައިގަޑިއެއްހާއިރު ހުއްޓެވެ. ރީނާ ސައިކަލަށް އަރުވައިގެން އަހަރެން ދަތުރަށް ފެށީމެވެ.

"ކޮން ދިމާއެއްގަ ގެ ހުންނަނީ؟" އަހަރެން އެހީމެވެ.

"ހުރިގޮތަށް ހިނގާ!" ރީނާ އެދުނެވެ. "ބުރެއްޖަހައިލައިފައެއްނު ގެއަށް ދާނީ ދޯ!"

ރީނާ ކުރިން ނިންމި ގޮތް ބަދަލުކުރިއެވެ. އެހެންނަމަވެސް އެއީ ވެސް މައްސަލައަކަށް ނަހަދަމެވެ. އަންހެންކުއްޖަކު ގޮވައިގެން ބުރެއްޖަހައިލުމަކީ ކުށެއް ނޫނެވެ. ބުރަކަމެއް ނޫނެވެ. އުފަލަކަށް ނުވާންވީ ސަބަބެއް ވެސް ނެތެވެ.

"އޯކޭ!" އަނެއްކާ ވެސް އަހަރެން އެއްބަސްވީމެވެ.

ނަސަންދުރަ ކައިރިން ލޮނުޒިޔާރަތްކޮޅަށް މިސްރާބުޖެހީމެވެ. ހިތްގައިމު ރެޔެކެވެ. ހަނދުވަރު ރީއްޗެވެ. ޒިޔާދާ ގޮވައިގެން އެތަކެއް ފަހަރަކު އަހަރެން އެ ގޮތަށް ބުރުޖެހީމެވެ. ދުވަސްތަކަކަށް ފަހު އެ ހަނދާން ވެސް ހިތުގައި އާވިއެވެ. ފޮނި ރިހުމެއް އިހުސާސްކުރެވުނެވެ. ހިތަށްއެރިއެވެ. ފަހަތުގައި ޒިޔާދާ އިން ނަމައެވެ. އެހެންނަމަ އެ ރޭގެ އުފާ ދެ ގުނައަށް އިތުރުވީހެވެ.

"މި ތަނުގަ ކުޑަކޮށް މަޑުކޮށްލެވިދާނެތަ؟" ރީނާ ވަރަށް އޯގާތެރިކަމާ އެކުގައި އެދުނެވެ.

ހިތަށްއެރިއެވެ. ރޯޅި ފިންޏެވެ. މީހުން މަދެވެ. ޑިއުޓީ ފެށެން ވަގުތު އޮތެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލައިފައި ދިޔުމަކުން ޖެހޭނެ މައްސަލައެއް ނެތެވެ.

"އޯކޭ!" ޖެހިލުމެއް ނެތި އަހަރެން ބުނީމެވެ.

އަހަރުމެން ސައިކަލުން ފައިބައިގެން ވާޓަރުމައްޗަށް އެރީމެވެ. ރާޅަކަށް ފަހު ރާޅެއް ބިންދަމުންދިޔައެވެ. ޒިޔާދާ ތެންމާލީ ވެސް އެ ފަދަ ރެޔެއްގައެވެ. ތެމިގެން ގެއަށް ނުދާންވެގެން ޒިޔާދާ ގޮވައިގެން އަހަރެން ދިޔައީ ރައްޓެއްސެއްގެ ގެއަށެވެ. އެ ހިސާބުން ޒިޔާދާއާއި އަހަރެންގެ ލޯބީގައި އިތުރު ކުލަތަކެއް ޖެހުނެވެ. ލޯބީގެ އިތުރު އޮޅިއެއް ގިރާކުރެވުނެވެ. ގާތުގައި ރީނާ ހުއްޓަސް ހިތުގެ އެންމެ ފުނުގައި އޮށޯވެލައިގެން އޮތީ ޒިޔާދާއެވެ.

"އަމީން!" ރީނާގެ އަޑު އިވުނެވެ.

އަހަންނަށް ސިހުމެއް ލިބުނެވެ. ހުރެވުނު ތަނާއި، ގާތުގައި ހުރީ ކާކުކަން ހަނދާންވިއެވެ.

"އޭނ!" އަހަރެން ބުނީމެވެ. "އެއްޗެކޭ ބުނިންތަ؟"

"އެހެންވީމަ އަހަރުމެން ދެން މި ރައްޓެހިވީ ދޯ!" ލަދުރަކި ގޮތަކަށް ރީނާ ބުންޏެވެ.

"އުހުނއުހުނ!" އަހަރެން ސާފުކޮށް އިންކާރުކުރީމެވެ. "ރައްޓެހި ރައްޓެހިވީކީ ނޫން. ކުރިން ވެސް ބުނީމެއްނު ސީރިޔަސްއެއް ނުވެވޭނޭ. މިހާރު ހަނދާންނެތުނީ؟"

"އުހޫނ!" ރާގުލައިފައި ރީނާ ބުންޏެވެ. "ހަނދާން އެބަހުއްޓޭ! އޯކޭއޭ ދެން ސީރިޔަސް ނުވިޔަސް. މިހާރު ރައްޓެހިވީމަ ދެން ފަހުން ވެސް ސީރިޔަސްވެވިދާނެއްނު. އަމީން ވެސް ލައިކްވެދާނެއްނު! ނުވާނެ؟"

"ވެދާނެ!" އަހަރެން ވެސް އެއްބަސްވީމެވެ. "ނުވާނެޔެކޭ ނޫން. އެކަމަކު ސީރިޔަސްވާން އަދި މާ އަވަސް. އަދި ނޭނގެއެއްނު ވާނެ ގޮތެއް ވެސް."

"އާނ އޯކޭއޯކޭ!" ރީނާ ވަގުތުން އެއްބަސްވިއެވެ. "މައްސަލައެއް ނެތޭ! އަމީން ތި ބުނާ އެއްޗެއް އަހަންނަށް ވިސްނެއޭ."

އަހަންނަށް ވިސްނިއްޖޭ ރީނާ ބުނުމުން އަހަރެން ވެސް ބެލީ ރީނާއަށް ވިސްނިއްޖެކަމަށެވެ. ޝައްކެއްގެ ތެރޭގައި އެ ކަން ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ރީނާއަށް ލަނޑެއްދިނުމަކީ އަހަރެންނަށް އެއްވެސް އުފަލެއް ލިބޭނެކަމެއް ނޫނެވެ. އެ ކަހަލަ ކަމެއް ކުރުމުގެ އެއްވެސް ނިޔަތެއް ވެސް އަހަރެންގެ ނެތެވެ. އިރުކޮޅަކު ވާހަކަދައްކަން ތިބެފައި ރީނާ ގޮވައިގެން ގޮސް ގެއަށްލީމެވެ. އެ ގުޅުން މާ ހަލުވި އިސްޕީޑެއްގައި ކުރިޔަށްގެންދަން ވިސްނައިފައި ނެތުމުން އެ ރެޔަކު ދެން އަހަންނެއް ނުގުޅަމެވެ. އަނެއް ދުވަހަކު ވެސް ނުގުޅަމެވެ.

ޖެހިގެންއައި ރޭ ރީނާ ގުޅައިލިއެވެ. އެ ފަހަރު ދަޢުވަތުދިނީ ކެއުމަކަށެވެ. ރެސްޓޯރަންޓަކަށް ނޫނެވެ. ރީނާގެ ގެއަށެވެ. އަހަރެން ދިޔައީމެވެ. ވަރަށް މީރު ނޫޑްލްސްއެއް ތައްޔާރުކޮށްފައި ހުއްޓެވެ. ކުކުޅު ހިކި ރިހައެއް ވެސް ހުއްޓެވެ. އަހަރެން ކާންއިށީނުމުން ފެން ގެނެސްދިނެވެ. ކެއުމުގައި ރީނާ ބައިވެރިވި ނަމަވެސް އޭނަ އަބަދުވެސް އިންނަނީ އަހަރެން ކަމަކަށް ބުނެފާނެކަމަށް ތައްޔާރަށެވެ. ރިހައަޅަން އަހަރެން ހަރަކާތްކޮށްލުމާ އެކު ރިހަ އަޅައިދިނެވެ. ނޫޑްލްސް ތަށްޓަށް ބަލައިލާއިރަށް ނޫޑްލްސް އަޅައިދެއެވެ. ސޯސް ހުރިތޯ އަހަން އަނގަހުޅުވައިލުމާއެކު ސޯސްފުޅި ގެނެސްދިނެވެ. އުލުން ނަގައިގެން އަހަރެންގެ އަނގަޔަށް ލަވައިދެނީ ވެސް ރީނާއެވެ. ކައި ނިމޭއިރަށް ޓިޝޫ ގެނެސްދިނެވެ. ދުފާއެއްޗެހި ގެނެސްދިނެވެ. ހީވަނީ އަހަރެންގެ ހިތް ރީނާއަށް ފެންނަހެންނެވެ.

ނުނިމޭ