"ކެދަރުނާތު" ރިލީޒްކުރުން ހުއްޓުވަން ގޮވާލައިފި

ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ކެދަރުނާތު" އަކީ މައްސަލަތަކުން އަރައިގަނެވެން ނެތް ފިލްމެކެވެ. އެތައް މައްސަލަތަކަކަށް ފަހު، އަންނަ މަހުގެ 7 ގައި ފިލްމު ރިލީޒްކުރަން ނިންމާފައި ވަނިކޮށް، އަނެއްކާ ވެސް މި ފިލްމަށް ވަނީ އިތުރު ހާޖާނުގަނޑަކާ ކުރިމަތިލާން ޖެހިފަ އެވެ.


މި ފަހަރު މައްސަލައަކަށްވީ "ކެދަރުނާތު" އަކީ "ލަވް ޖިހާދު" ނުވަތަ ލޯތްބަށްޓައި ދީން ގުރުބާން ކުރުން ޕްރޮމޯޓްކޮށްދޭ ފިލްމެއް ކަމަށް ބުނެ ހިންދޫންގެ ބަޔަކު ފިލްމާ ދެކޮޅަށް ނުކުތެވެ. އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށް އަދި އުއްތަރުކަންދުގައި ވަރަށް ބޮޑު ބައި ޝޫޓްކޮށްފައިވާ ފިލްމާ ދެކޮޅަށް ނުކުމެފައި ވަނީ އެ ސްޓޭޓުގެ ހިންދޫ ފާދިރީންގެ ޖަމިއްޔާ ކެދަރު ސަބާހް އެވެ.

އެ ޖަމާއަތުގެ ޗެއާމަން ވިނޯދު ޝުކްލާ ބުނީ "ކެދަރުނާތު" ރިލީޒްކުރުމާ ދެކޮޅަށް އެ މީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމަކީ ހިންދޫ ދީނަށް ފުރައްސާރަކޮށް އިހުތިރާމު ކުޑަވާ ގޮތަށް ހަދާފައިވާ ފިލްމެކެވެ.

އެގޮތުން ފައްޅިއެއްގެ ތެރޭގައި ގައިގޯޅިވުމާއި ނެށުން ފަދަ މަންޒަރުތައް ހިމަނައިފައިވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިނޯދު ބުންޏެވެ. "ކެދަރުނާތު" ގެ ޓީޒާ ޓްރެއިލާ އިން މި ފިލްމަކީ ވަރަށް ބޮޑަށް ވެސް ހިންދޫންނަށް ފުރައްސާރަވާ ގޮތަށް ހަދާފައިވާ ފިލްމެއްކަން އެނގޭ ކަމަށް ބުންޏެވެ.

"އެހެންވެ މި ފިލްމު ރިލީޒް ކުރުން ހުއްޓުވުމަށް މުޒާހަރާތައް ކުރުމަށް އަހަރެން ގޮވާލަން،" ވިނޯދު ބުންޏެވެ.

މިކަމާ ގުޅިގެން "ކެދަރުނާތު" ގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ކެދަރުނާތު" ގެ ޓީޒާ ޓްރެއިލާ.

ސާރާ އާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ އުއްތަރުކަންދަށް 2013 ވަނަ އަހަރު ކުރި ބޯ ވިއްސާރައިގައި އެ ސްޓޭޓްގައި ފެންބޮޑުވި ހާދިސާގެ ތެރެއިން ހިޔާލީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.

ފިލްމަށް ނަން ދީފައި ވަނީ އުއްތަރުކަންދުގެ އަވަށެއް ކަމަށްވާ ކެދަރުނާތުގައި ހުންނަ ކެދަރުނާތު ފައްޅި އަށް ނިސްބަތްކޮށެވެ. އެއީ ހިންދޫން ދީނީ އަޅުމަކަށް ވަރަށް ގިނަ އަދަދަކަށް ކޮންމެ އަހަރަކު ވެސް ޖަމާވާ ތަނެކެވެ.

"ކެދަރުނާތު" ގައި ސުޝާންތު ފެނިގެން ދާނީ ކެދަރުނާތުގެ މުސްލިމު ޓުއާ ގައިޑެއްގެ ގޮތުގަ އެވެ. އަދި ހިންދޫ ދީނަށް ތަބާވާ ސާރާ އާއި އޭނާ ދިމާވަނީ އެ އަވަށަށް ސާރާ ކުރާ ޒިޔާރަތެއްގެ ތެރެއިންނެވެ.