ކައިވެންޏަށް ފަހު ދީޕިކާ ފުރަތަމަ ފެންނާނީ ކުރީގެ ލޯބިވެރިޔާ ރަންބީރާ އެކު

މި މަހުގެ 15 ވަނަ ދުވަހު ރަންވީރު ސިންގްއާ ކައިވެނި ކުރުމަށް ފަހު، ދީޕިކާ ޕަދްކޯން އާންމުންނަށް އެންމެ އަވަހަށް ފެންނާނީ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ އެކުގައި ކަމަށް ނޫސްތަކުން ބުނެފި އެވެ.


މި ދެ ތަރިން އެކީގައި މަސައްކަތްކުރަން ނިންމާފައި ވަނީ ބްރޭންޑެއް އިޝްތިހާރު ކުރުމަށެވެ.

ރަންބީރާއި ދީޕިކާގެ އިތުރުން އިންޑިއާގެ އެންމެ މަގުބޫލު އޮންލައިން ވިޔަފާރީގެ ތެރޭގައި ހިމެނޭ ޕްލިޕްކާޓުން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އަމީތާބް ބައްޗަން ވެސް ހަމަޖައްސައިފަ އެވެ.

ޑީއެންއޭ އިން ބުނި ގޮތުގައި ފްލިޕްކާޓް ޕްރޮމޯޓްކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް އޮތީ ދީޕިކާ އާއި ރަންބީރު ހިމަނައިގެން ޓީވީ ކޮމާޝަލްއެއް ހެދުމެވެ. އެހެންވެ ކައިވެންޏަށް ފަހު، ރަސްމީ މަސައްކަތެއްގެ ގޮތުގައި ދީޕިކާ ފުރަތަމަ ކެމެރާގެ ކުރިމައްޗަށް ނުކުންނާނީ ރަންބީރާ އެކުގަ އެވެ.

ހިންދީ ސިނަމާގެ އެންމެ މަގުބޫލު ޖޯޑުންގެ ތެރޭގައި ހިމެނޭ ކުރީގެ މި ދެ ލޯބިވެރިން ވަނީ އެކުގައި މިހާތަނަށް ތިން ފިލްމު ވެސް ކުޅެފަ އެވެ. އެގޮތުން އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 2015 ގެ "ތަމާޝާ" އެވެ. ނަމަވެސް ރަންބީރާއި ދީޕިކާ އެކުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމަކީ 2013 ގައި ރިލީޒް ކުރި "ޔެ ޖަވާނީ ހެ ދީވާނީ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ތަރިން އަލުން ބޮޑު ސްކްރީނުން ފެނުމުގެ ފުރުސަތު ވެސް އަދި އެބަ އޮތެވެ. އެއީ ރަންބީރު ސޮއިކޮށްފައިވާ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ގެންނަން ވާހަކަތަކެއް ވެސް ދެކެވިފައިވާތީ އެވެ.

ދީޕިކާ އާއި ރަންބީރު އެކުގައި ކުޅުނު ފުރަތަމަ ފިލްމު "ބަޗްނާ އޭ ހަސީނޯ" ގެ ލަވައެއް.

މި އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު، ދީޕިކާ މިހާރު ވަނީ މެގްނާ ގުލްޒާރު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ. އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ އެ ބައޮގްރަފިކަލް ޑްރާމާގެ ކޯ-ޕްރޮޑިއުސަރަކީ ވެސް ހުނަރުވެރި ބަތަލާ އެވެ.

ރަންބީރާއި ދީޕިކާގެ ކައިވެނީގެ ހަފުލާތައް ކުރިއަށް ދާނީ މި މަހުގެ 14-15 އަށް އިޓަލީގެ ލޭކް ކޯމޯގަ އެވެ.