ބޯވަ

އާދިއްތަ ދުވަހާ ގުޅޭ


ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ރީނާ އޮތީ އަހަރެންގެ އެނދުގައެވެ. ބިއްދޮށަށް އެނބުރިގެންނެވެ. އޭނަ އެތެރެއަށް ވަނީ ކިހިނެއް ހެއްޔެވެ؟ އޭނަ ނެރޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ކޮޓަރިއަށް ބައްޕަ ވަދެއްޖެއްޔާ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބަސްއަހާ ފިޔޮކުގެ ފިޔަގަނޑުގައި އެންމެ ފަތެއް ވެސް ނުބަހައްޓާނެއެވެ. އަހަރެންގެ އަގާއި، މިނިވަންކަމާއި، އިތުބާރު ވެއްޔާ މޮޑެވުނީއެވެ. މަންމައަށް ފެނިއްޖެއްޔާ އަލުން މަންމަޔާ ހަތަރުކަޅި ހަމަކުރާކަށް އަހަންނަކަށް ނުކެރޭނެއެވެ. ފުރަތަމަ އަހަންނަށް ވަދެވުނީ ފާޚާނާއަށެވެ. ވަދެފައި ދޮރުލެއްޕީމެވެ. ރީނާ އެނދުގައި އޮއްވައި މަންމައަށް ފެންނަ ވަގުތު އެ ތަނުގައި އަހަންނަށް ހުރެވުމަށް ވުރެ، ފާޚާނައިގައި އުމުރަށް ތަޅުލެވިގެން މަރުވުން ވެސް ހާސްބައި ހިތަށްފަސޭހައެވެ. ޔަގީނުން ވެސް މަންމަ ނޫނީ ބައްޕައަށް ނުފެނި ރީނާ ކޮޓަރިއަކުން ދެނެއް ނުނެރެވޭނެއެވެ. ދެން ހިތަށްއެރިއެވެ. އަހަރެން ބޭނުންވާއިރަށް މަރުވޭ ހެއްޔެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ވިސްނަން ހުރެފައި އެނބުރިލެވުނީ ލޯގަނޑާ ދިމާއަށެވެ. އަހަރެން އަހަންނާ ހަތަރުކަޅި ހަމަކުރީމެވެ. ލޯގަނޑުން އަހަންނަށް ފެނުނީ އަހަންނެއް ނޫނެވެ. ބިސް ފީކުރަން ހާއްޔަށް ވަދެއޮތް ފީ ކުކުޅެކެވެ. އަހަރެންގެ މޫނުގައި ކުކުޅުގެ ތުންގަނޑު ވެސް ހުރި ކަހަލައެވެ.

"ކަލޭ ނިކަން ފިރިހެނަކަށް ވެބަލަ އަމީނޫ!" ހިތާހިތުން އަހަރެން ބުނެލީމެވެ.

އަހަރެން ހިންދަމައިލީމެވެ. މޭފުއްޕައިލީމެވެ. ފާޚާނައިން ނުކުތީމެވެ. މަޑުމަޑުން ހިނގައިފައި ގޮސް އެނދު ކައިރިއަށް ހުއްޓުނީމެވެ. ރީނާ އޮތީ ގަދަނިދީގައެވެ. ހީވަނީ ސްލީޕިންބިއުޓީ ހެންނެވެ.

"..." ރީނާއަށް ގޮވައިލުމުން އަހަރެންގެ އަޑެއް ނުވެސް ނުކުތެވެ.

އަހަރެން ކަރުކެހިލީމެވެ. ދެ ފަހަރަކު ރީނާއަށް ގޮވައިލީމެވެ. އޭނައެއް ނުބެލިއެވެ. ލޮލެއް ނުހުޅުވިއެވެ.

"ސްލީޕިން ބިއުޓީ.. ބިއުޓީ އެންޑްދަ ބީސްޓް.. ޕިނޯކިޔޯ!" މަޑުމަޑުން އެ ފަތިވަރު އަހަންނަށް ކިޔުނީ ކީއްވެގެންކަމެއް ނޭނގެއެވެ.

ރީނާ ގައިގައި އަތްލައިފައި ގޮވާކަށް ބޭނުމެއް ނުވިއެވެ. އަހަރެންނަށް ދެވުނީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. މަޑުމަޑުން ދޮރު ހުޅުވައިލައިފައި ބޭރު ބަލައިލީމެވެ. އޭރު ވެސް މަންމައާއި ބައްޕަ ފެންނާކަށް ނެތެވެ. އެ މީހުން އުޅުނީ ކޮޓަރީގައެވެ. ވާހަކަދައްކާ އަޑު އިވެއެވެ. ވީގޮތް އަހަންނަށް ވިސްނުނެވެ. ރީނާއަށް ގެއަށް ވަދެވުނު ދަނޑިވަޅު ރަނގަޅުވުމުން އޭނަ ކޮޓަރިއަށް ދެމިގަތީއެވެ. އަހަރެންގެ ބަލިފައި އޭނައަށް ވިސްނުނީއެވެ. މަޑުމަޑުން އަހަރެން ދޮރު ލެއްޕީމެވެ. ތަންޑުއެޅީމެވެ. އެއީ ވެސް ހިރާހެކެވެ. އަންހެންކުއްޖަކު ކޮޓަރިއަށް ވައްދައި ދޮރު ތަޅުލައިގެން އުޅުމަކީ ދެ ގުނައަށް އަހަރެން ކުށްވެރިވާނެ ކަމެކެވެ. ފަހަރެއްގައި ފަޅާއެރިޔަސް ހަގީގަތް ކިޔައިދޭން އަހަންނަށް އުނދަގޫވާނޭ ވެސް ކަމެކެވެ. ނޭނގި އަންހެންކުއްޖަކު ކޮޓަރިއަށް ވަނަސް އަހަރެން ދޮރު ތަންޑުއަޅަންވީ ކީއްވެގެން ހެއްޔެވެ؟ ކޮން ނިޔަތެއް އޮވެގެން ހެއްޔެވެ؟ އެހެންވިޔަސް ހެވޭ ހިތަށްއެރިއެވެ. ދޮރު ތަޅުލައިފައި އައިސް ރީނާއަށް ގޮވީމެވެ. އޭނަ އޮތީ ނިދާ މަރުވެފައެވެ. އަށެއްކަ މިނިޓު ތެރޭގައި އޭނަ ނިދީ ކިހިނެއް ހެއްޔެވެ؟ ނިދަން ކެރުނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ވެސް ރީނާއަށް ގޮވީމެވެ. ނުހޭލިއެވެ. ބާރަށް ގޮވާކަށް ނުކެރުނެވެ. ނުލާހިކު އަޑު މަޑު ވަގުތެކެވެ. އެންމެފަހުން ރީނާގެ ކޮނޑުގައި ހިފައި ތަޅުވައިގަތީމެވެ. ދެން ވެސް ނުހޭލިއެވެ. ދެން ހަދާނެ ގޮތެއް ނުވިސްނުނެވެ. ހިތުގެ ވިންދު އަވަސްކަމުން މޭ ފަޅައިފައި ހިތް ނުކުމެދާނެ ކަހަލައެވެ. ރީނާ ނެރޭނީ ކިހިނެއް ހެއްޔެވެ؟ ވިސްނަން އެތައްއިރަކު އިނީމެވެ. އިރުކޮޅަކުން އޮފީހުން ގުޅަން ފެށިއެވެ. ގަޑިން ބާރަޖަހަނީއެވެ. ފާޚާނާއަށް ވަނީމެވެ. އަތްގޮށްޓެއްގެ ފެން ހިފައިގެން އައިސް ރީނާގެ މޫނަށް ޖެހީމެވެ. ސިއްސައިގެންގޮސްފައި ރީނާ ލޯ ހުޅުވައިލިއެވެ.

"އަޅެ ހާދަ ޓަޔަޑޭ!" ކިރިޔަކިރިޔާ ލޯހުޅުވައިލައިފައި ނިދިއަޑަކުން ރީނާ ބުނެލިއެވެ.

"އަހަރެން ވެސް ޓަޔަޑުވެއްޖެ ރީނާއަށް ގޮވާގޮވާ!" މަޑުމަޑުން އަހަރެން ބުނީމެވެ. "ކީއްކުރަން އެތެރެއަށް ވަނީ؟ ކީއްކުރަން އެނދަށްއެރީ؟ ދެން އަހަރެން ކިހިނެއް މަންމައަށް ނުފެނި ރީނާ ނެރޭނީ؟"

އަނެއްކާ ވެސް ރީނާ ލޯމަރައިލިއެވެ. އަހަރެން އެތައް ވާހަކައެއް ދެއްކީމެވެ. އޮފީހުން ގުޅާ ވާހަކައެވެ. މައިންބަފައިން ކުރިމަތީގައި އަހަރެން ފަޟީހަތްވެދާނެ ކަމެވެ. ރީނާއަކަށް އަޑެއްނީވެއެވެ. ނުވަތަ އިވޭކަމަކަށް ނުހެދިއެވެ. އަނެއްކާ ވެސް ނިދީއެވެ. ހިތަށްއެރިއެވެ. ރީނާ ބާއްވާފައި ދާންވީ ހެއްޔެވެ؟ ފަހުން އެ ކަމަށް ގޮތެއް ހޯދާނީ ހެއްޔެވެ؟ ރީނާ އުރާލައިގެން ނުކުންނަންވީ ހެއްޔެވެ؟ ފާޚާނާއަށް ވައްދައިފައި އޭނަގެ ބޮލަށް ފެންއަޅަންވީ ހެއްޔެވެ؟ މޮޔަ ޚިޔާލެއް ނަމަވެސް ފުލުހުންނަށް ގުޅަން ވެސް ހިތަށްއެރިއެވެ. އަނެއްކާ އޮފީހުން ގުޅިއެވެ. އަހަންނަކަށް ވަގުތެއް ނެތެވެ. ޖެންޓަލް ބޯއީ މެންޓަލް ހޮސްޕިޓަލަކަށް ގެންދަން ނުޖެހިއްޖެއްޔާ ރަނގަޅޭ ހިތަށްއެރިއެވެ.

"މި ދަނީ އޮފީހަށް،" ރީނާ ކަންފަތްދޮށުގައި އަހަރެން ބުނީމެވެ. "ނަމަނަމަ، ނަމަނަމަ ކޮޓަރިން ނުނިކުންނާތި! އެއްވެސް އަޑެއްނީއްވާ އޮންނާތި! ރީނާ! އަޑުއިވޭތަ މި ކިޔާ އެއްޗެއް؟"

"ހޫނ!" ލޯމަރައިގެން އޮވެ، ލޮޑު ރާގެއްގައި ރީނާ ބުނެލިއެވެ.

ރީނާ އެކަނި ބާއްވާފައި ދާކަށް އަހަރެން ކުޑަކޮށް ވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެ ވަގުތު އެހެން ގޮތެއް ނުވިސްނުނީއެވެ. އަހަރެން މަޑުމަޑުން ކޮޓަރިން ނުކުތީމެވެ. ސައިކަލަށް އަރައިގެން އޮފީހަށް މިސްރާބުޖެހީމެވެ. އޮފީހަށް ދިޔައީމެވެ. ސަމަދު އިނީ ހިތްހަމަނުޖެހިފައެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ. އަހަރެން މަސައްކަތް ފެށީމެވެ. ކުއްލިއަކަށް ހިތަށްއެރިއެވެ. ކޮޓަރީގެ ދޮރު ތަޅުލެވުނުބާއެވެ؟ އެ ވަގުތު ހީވީ ރިމޯޓުގެ ޕޯސް ފިތަށް އޮއްބައިލެވުނުހެންނެވެ. އަހަރެން ގަނޑުވިއެވެ.

"އަމީން؟" ސަމަދު ގޮވައިލި އަޑު އިވުނެވެ.

ސަމަދުގެ މޫނަށް އަހަރެން ބަލައިލީމެވެ. އަހަރެން ލޯ ހުރީ ސަމަދަށެވެ. ސިކުނޑި އޮތީ ކޮޓަރީގައެވެ. ހިތް އޮތީ އެނދުމަތީގައެވެ.

"އަމީން؟" ތަންކޮޅެއް ބާރަށް ސަމަދު ގޮވައިލިއެވެ.

"ލައްބަލައްބަ!" އަހަންނަށް ހޭވެރިކަން ވިއެވެ.

"ކިހިނެއްވެފަ ތި އިންނަނީ؟" ސަމަދު އެހިއެވެ.

"ސްލީޕިން ބިއުޓީ.." އަހަންނަށް ބުނެވުނީ އެހެންނެވެ.

"އޭނ؟" ސަމަދު އެހިއެވެ.

"ޑިއުޓީ ޑިއުޓީ.." ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަޖެއްސޭތޯ އުޅުނީމެވެ. "ޑިއުޓީ ނިމޭނެއިރު ވިސްނާލީ."

"ދެންމެ ތި އާދެވުނީ. އަދި ނުވެއެއްނު ޑިއުޓީ ނުނިމިގެން އުޅޭކަށް." ތަންކޮޅެއް ހަރުކަށި ރާގެއްގައި ސަމަދު ބުންޏެވެ.

އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. މަސައްކަތް ފެށީމެވެ. އެކަމަކު މަސައްކަތަކަށް ސަމާލުކަމެއް ނުދެވުނެވެ. ހެދޭނުހެދޭއެއް ނޭނގެއެވެ. ރަނގަޅަކަށް ހަމަ އެއްކަމެއް ވެސް ނުކުރެވެއެވެ. ގަޑިއާއި ފޯނު ނޫން އެއްޗަކަށް އަހަންނަކަށް ނުބެލެއެވެ. ހެދޭ ގޯހުގެ ސަބަބުން އެތައް ފަހަރަކު އެއްކަމެއް ތަކުރާރުކުރަންޖެހުނެވެ. އެއް މިނެޓުން ނިމެންޖެހޭ ކަމަކަށް ހަތަރު މިނެޓު ހޭދަވެއެވެ. ގޯސްހެދޭ ކޮންމެ ފަހަރަކު އަހަރެން ވައްކަޅިން ސަމަދަށް ބަލައިލަމެވެ. އޭނަ އިންނަނީ ހައިރާންވެފައެވެ. ވާނީ ވެސް އެހެންނެވެ. އަހަންނަކީ މަސައްކަތުގެ ފަރިތަކަމާއި، ފަރުވާތެރިކަމަށް މަޝްހޫރު މުވައްޒަފެކެވެ. އެއްޗެއް ނުބުނެ ސަމަދު ވަރަށް ކެތްކުރިއެވެ. ދަންވަރު ތިނެއްޖަހަން އުޅެނިކޮށް ސަމަދުގެ ކެތްތެރިކަން ކޮޅުންލިއެވެ.

"މިރޭ އަމީން ކިހިނެއް ތި ހަދަނީ؟" ސަމަދު އެހިއެވެ.

"ސަމަދު! މީ ވަރަށް ސަކާރަތް ރެޔެއް،" އަހަރެން ބުނީމެވެ. "ހިޔެއްނުވޭ ދެން މިތާ އިނދެވޭނެހެނެއް. ބަލަންތަ އެހެން މީހަކު އަތުޖެހޭތޯ؟"

"މައްސަލައެއް ނެތް!" ސަމަދު އެއްބަސްވިއެވެ. "ދެ މީހުންގެ ވަގުތު ވެސް ބޭކާރު މިވަނީ. މާ ގިނައިން ވިއްޔަ މިސްޓޭކު ތި ހަދަނީ."

ސަމަދަކީ ސުމަކުން ރުޅިގަނޑު ފަށާ މީހެއް ނޫނެވެ. ފުރަތަމަ ފަށާނީ ވެސް ފަންސާހުންނެވެ. އެހެންނަމަވެސް، އެ ފަހަރު އެހެނެއް ނުވިއެވެ. އަހަރެން ހުރީ އަޖައިބުވެފައެވެ. ސަމަދުގެ ޚިޔާލު ބަދަލުނުވަނީސް އެކި މީހުންނަށް ގުޅަންފެށީމެވެ. އެކަކު ވެސް ފޯނެއް ނުނަގައެވެ. ވާނީ ވެސް އެހެންނެވެ. ދަންވަރު ހޭލާއުޅޭނީ ކާކު ހެއްޔެވެ؟ އުންމީދުކަނޑައިލި ފަހުން އީސަ ގުޅިއެވެ. އަހަރެން ފޯނު ހިފައިގެން ކޮންޓްރޯލުރޫމުން ބޭރަށް ނުކުމެ ރޮއިހޭރިގަތީމެވެ. އީސަ އެއްބަސްވީ ސަތޭކަ ރުފިޔާގެ ސަޔަކަށެވެ. އަހަރެން ވަގުތުން ގަބޫލުކުރީމެވެ. ވަރަށް އަވަހަށް އީސަ އައެވެ. ބޯޖެހިތާ ނަގޫޖަހައިފައި އަހަރެން ދުއްވައިގަތީމެވެ. ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. ހިތަށްއެރިއެވެ. ވާނެ ހައެއްޗެއް މިހާރު އޮންނާނީ ވެފައެވެ. އަހަރެންގެ ދުވަސް ދިޔައީއެވެ. ކަން ނުވެ ނަންވީއެވެ. ދިރިހުއްޓައި ވަޅުލެވުނު ނަމަވެސް މާ ރަނގަޅުވީހެވެ. ގެ ކައިރީގައި ސައިކަލު ބަހައްޓައިފައި ވިސްނަން ހުރީމެވެ. ގެއަށް ނުވަންނަން ވެސް އުޅުނީމެވެ. އެކަމަކު ދާނެ އެހެން ތަނެއް ނެތެވެ. ވަރަށް ވިސްނައިފައި، މަޑުމަޑުން ދޮރާށި ހުޅުވައިލީމެވެ. ހިތް ހީވަނީ ބިންމައްޗަށް ފުންމައިލައިފާނެހެންނެވެ. ގޯތިތެރެއޮތީ ހިމޭންކޮށެވެ. އަޑެއްބަޑެއް ނީވެއެވެ. މުޅި ގެ އޮތީ ނިއްވައިލައިފައެވެ. ފުން ނޭވައެއް ބޭރުކޮށްލީމެވެ. ޝުކުރުކުރީމެވެ. ވަރަށް މަޑުމަޑުން ގޮސް ގޭގެ ދޮރު ހުޅުވައިލީމެވެ. މެއްސެއް މަދިރިއެއް ވެސް ނެތެވެ. ދެތިން ފަހަރު ހަމްދުއެޅުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. ކުއްލިއަކަށް މަންމަ ދޮރު ހުޅުވައިލިއެވެ.

"ދަރިފުޅު ދޯ؟" މަންމަ ބުންޏެވެ. "އެހެންޏާ ހެނދުނެއްނު އަންނަނީ. މިރޭ ހާދަ އަވަހަކަށް ނިމުނީ؟"

މަންމަ ބުނީ ތެދެކެވެ. ރޭގަނޑު އޮފީހަށް ގޮއްސިއްޔާ ޑިއުޓީ ނިންމައިފައި އަހަރެން އަންނާނީ ހެނދުނުއެވެ.

"ލައްބަ!" އަހަރެން ބުނީމެވެ. "ކުޑަކޮށް ގައިގަރިއްސާތީ މި އައީ. ނިދާލީމަކަންނޭނގެ ހަމަޔަކަށްއެޅޭނީ."

އަހަރެން ކޮޓަރިއަށް ވަދެފައި ދޮރު ލެއްޕީމެވެ. އޭރު ވެސް ރީނާ އޮތީ ނިދައިފައެވެ.

"މިރޭ މިއޮތީ ކަންތަކާޖެހިފަ!" ހިތާހިތުން އަހަރެން ބުނީމެވެ.

އެނދުގައި އިށީނދެފައި ރީނާއަށް ގޮވަންފެށީމެވެ. ފަތިސްނަމާދު ވަގުތުގެ މާ ކުރިން މަންމަމެން ކޮޓަރިން ނުކުންނާނެއެވެ. އޭގެ ކުރިން ރީނާ ބޭރަށްނުލެވިއްޖެއްޔާ އަހަރެން ޖެހޭނީ އަނެއްކާ ރޭގަނޑަށް އިންތިޒާރުކުރާށެވެ. ރީނާއަށް ކާންދޭންޖެހޭނެއެވެ. ކޮޓަރީގެ އެނދު ތަންމަތިއަޅަން މަންމަ ވަންނާނެއެވެ. ރީނާ ފޮރުވައިގެން އަހަންނަކަށް ނުގެންގުޅެވޭނެއެވެ.

"ރީނާ!" ދަތްކުނޑިވިކައިލައިފައި މަޑުމަޑުން އަހަރެން ގޮވައިލީމެވެ. "ދެން އަހަރެން ގާތަށް އަންނާނީ ރުޅި އިނގޭ!"

"އަޅެ ޕްލީޒް އަހަރެން ބާއްވަބަލަ!" ދެބަދޭތެރޭގައި ރީނާ އާދޭސްކުރިއެވެ. "އިރުކޮޅަކުން އަހަރެން ދާނަމޭ! ލޯބި ވެސް ދެން ސްލީޕްކުރަން އާދެބަލަ!"

ރީނާގެ "ލޯތްބަށް" އަހަރެން ބަދަލުވީ ކޮންއިރަކު ހެއްޔެވެ؟ ރީނާ އޮތީ ހަމަހޭގައި ހެއްޔެވެ؟ ރީނާ އެ ދައްކަނީ ކޮން އިރުކޮޅެއްގެ ވާހަކައެއް ހެއްޔެވެ؟

ނުނިމޭ

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ