ބޯވަ

ބުދަ ދުވަހާ ގުޅޭ


ރީނާ އެ ދައްކަނީ ކޮން އިރުކޮޅެއްގެ ވާހަކައެއް ހެއްޔެވެ؟ އޭނަގެ ނިދިފިލާނެ ކަމަކަށް އަހަންނަކަށް ގަބޫލެއްނުކުރެވެއެވެ. ރީނާގެ ބޭނުމަކީ އަހަރެންގެ މައިންބަފައިންނަށް ރީނާ ފެނުމެވެ. އޭނައަކީ އަހަރެންގެ ލޯބިވެރިޔާކަން ސާބިތުކުރުމެވެ. ލަދުވެތިކަމާ އަހަރެން ކުރިމަތިލާންޖެހި، ގޮތް ހުސްވެގެން ރީނާޔާ ކައިވެނިކުރުމެވެ. ހިތަށްއެރިއެވެ. އެހެން ވާކަށް ލާހިކެއް ނޫނެވެ. އަހަރެންގެ ކައިވެންޏަށް ރީނާއަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ. ކޮންމެވެސް މަގެއް އަހަރެން ޖެހޭނީ ހޯދާށެވެ. ވިސްނަންއިންދައި މަންމަ ހޭލައިގެން ނުކުތް އަޑު އިވުނެވެ. އެއްޗަކަށް ފެންއަޅާ އަޑާއި، ތެލިތަށީގެ އަޑު ވެސް އިވެން ފެށިއެވެ. ވަގުތު ކުޑަތަން ވަނީއޭ ހިތަށްއެރިއެވެ. މަންމަ ހޭލާގޮތަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ކޮފީ ބުއިމެވެ. ހިނގަމުންދަނީ އެ މަސައްކަތެވެ. އިރުކޮޅަކުން ބައްޕަ ނުކުންނާނެއެވެ. އަހަރެން ގޮސް މަޑުމަޑުން ދޮރު ހުޅުވައިލީމެވެ. އޭރު މަންމަ ހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ބަދިގޭގައި ހުންނައިރު އަހަރެންގެ ކޮޓަރީގެ ދޮރު ފެންނާނެއެވެ.

"ދަރިފުޅާ!" ހައިރާންވެފައި މަންމަ ބުންޏެވެ. "މިރޭ ހޭލާ ތިއުޅެނީ ކީއްވެ؟"

އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ތެދެއް ނުބުނެވޭނެއެވެ. މަންމައަށް ދޮގުހެދުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ.

"ކުޑަކޮށް ބޮލުގަރިއްސާތީ ނުނިދިގެން މިއުޅެނީ." އަހަރެން ބުނެލީމެވެ.

އެއީ މުޅީން ދޮގަކަށް ނުވާނެއެވެ. ހަގީގަތުގައި ވެސް ރީނާއަކީ އަހަންނަށް ކުރިމަތިވި ބޮލުގަރިހުމެކެވެ.

"އެހެންތަ!" އޯގާތެރިކަމާ އެކުގައި މަންމަ ބުންޏެވެ. "އޮށޯވެލަންވީނު! މަންމަ މި އަންނަނީ ބާމުފުޅި ހިފައިގެން."

އަހަރެންގެ ދެފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. މަންމަ ކޮޓަރިއަށް ވައްދާނީ ކިހިނެއް ހެއްޔެވެ؟

"ނޫންނޫންނޫން! އެ ކަމާ ކޮންމެހެން އުޅުއްވާނެކަމެއް ނެތް،" އަހަރެން ބުނީމެވެ. "ކޮފީތަށްޓެއް ހަދައިދެއްވާ!"

މަންމަ ހުއްޓުނެވެ. އަނބުރައިލައިފައި ގޮސް ކޮފީހަދަން ފެށިއެވެ. ބައްޕަ ކެއްސައިލި އަޑު އިވުނެވެ. އަހަރެން ނިތްކުރިން ދާ ފުހެލީމެވެ.

"މިރޭ މި ގޭތެރެއިން ކޮން ސެންޓުވަހެއްތަ މި ދުވަނީ ދަރިފުޅާ؟" މަންމަ ސުވާލުކުރިއެވެ.

ރީނާ ހުރީ ވަރަށް ވަސްގަދަ ސެންޓެއްޖަހައިގެންނެވެ. އަހަރެން ބޭޒާރުކޮށްލަން ކުރެވެންހުރި ހުރިހައި ކަމެއް އޭނަ ކުރިއެވެ. އަހަރެން ކޮޓަރިން ނުކުމެފައި ދޮރު ލައްޕައިލީމެވެ. އޭރު ވެސް ހިތަށްއެރިއެވެ. މަންމަގެ އަޑުއިވިއްޖެއްޔާ ފަހަރެއްގައި ރީނާ ނުކުމެފާނެއެވެ. އޭނަ ލަދެއްނުގަންނާނެއެވެ. ކޮޓަރިއަށް ވަދެ އެނދުގައި ނިދަން ކެރުމަކީ ލަދުނުގަންނަކަމުގެ ވަރުގަދަ ހެއްކެކެވެ. ސޯފާގައި އިށީންނަން ދިޔައިރު، ބޭރު ދޮރުކައިރީގައި ހުރި ރީނާގެ ފައިވާން އަހަރެން ދުށީމެވެ. އެ ފައިވާން ފޮރުވަން އަހަރެން ހާދަ ބޭނުންވިއެވެ. އެކަމަކު މަންމަ ހުރީ ދާދި ގާތުގައެވެ.

"ވަރަށް މީރުވަސްދުވާ ދެއްތޯ!" ގަމީހުން ވަސްބަލައިލަމުން އަހަރެން ބުނީމެވެ. "ވަރަށް ކަމުދާ ސެންޓެއް."

އަހަރެން ގޮސް ސޯފާގައި އިށީނީމެވެ. އަހަރެންގެ މުޅި ހަޔާތުގައި ވެސް އެހާ ނުތަނަވަސްވި ދަނޑިވަޅެއް ނާދެއެވެ.

"މަންމަ ހީކުރީ އަންހެން ސެންޓެއްކަމަށް،" ކޮފީތަށި ދީފައި ސޯފާގައި އިށީންނަމުން މަންމަ ބުންޏެވެ. "މިހާރަކު ނޭނގޭ އެޔެއްމިއެއް."

އަހަރެން ކޮފީފޮދެއް ބޯލީމެވެ. މަންމަ ސޯފާއިން ތެދުވާ ޚިޔާލެއް ނުކުރިއެވެ. އެކިއެކި ވާހަކަދައްކަން އިނީއެވެ. ވައްކަޅިން އަހަންނަށް ބެލެނީ އަހަރެންގެ ކޮޓަރީގެ ދޮރަށެވެ. ދެން ގޭގެ ބޭރު ދޮރު ކައިރީގައި ހުރި ރީނާގެ ފައިވާނަށެވެ. ކުއްލިއަކަށް ރީނާ ނުކުމެއްޖެއްޔާ ލަދުގަންނާނީ އަހަރެން އެކަންޏެއް ނޫނެވެ. މަންމަގެ ހިތް ކުދިކުދިވާނެއެވެ. މަންމައަކީ ހިތުގެބަލި ހުންނަ މީހެކެވެ. ޝޮކެއްލިބުން ވެސް ގާތެވެ. އަހަރެންގެ ބޮލުގައި އަޅުވައިފައިވާ ޖެންޓަލް ބޯއީގެ ރަން ތާޖު، އަސުރުމަލެއްހެން މޯޅިވެގެންގޮސް ތާކިހަލަކަށް ބަދަލުވާނެއެވެ. ކޮންމެވެސް ގޮތެއްހަދައިގެން މަންމަގެ ކޮޓަރިއަށް މަންމަ ވައްދަން އަހަންނަށް މަޖުބޫރެވެ.

"އެބަ އަންނަން!" އަހަރެން ބުނީމެވެ.

ކޮފީތަށި ބަހައްޓައިފައި އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. އޭރު ރީނާ ހޭލައްވަން އަހަރެން ނުކުރާ ކަމެއް ނެތެވެ. ހިތަށްއެރިއެވެ. އަހަރެންގެ އުކުޅު ބަދަލުކޮށްލަން ވެއްޖެއެވެ.

"އަހަރެން ދެކެ ވަރަށް ލޯބިވޭތަ؟" ރީނާގެ ކަންފަތްދޮށުގައި އަހަރެން މަޑުމަޑުން ބުނީމެވެ.

ރީނާ ލޯހުޅުވައިލިއެވެ. އަހަންނާ ދިމާއަށް ބަލައިލިއެވެ. އަދި ބޯޖަހައިލިއެވެ. އޭގެ މާނައަކީ ރީނާ އޮތީ މަކަރުހަދައިގެން ހެއްޔެވެ؟

"އެހެންވިއްޔާ ހޭލާ!" އަހަރެން ބުނީމެވެ. "ދެން އަހަރެން ބޭރަށް ނުކުމެފަ އަންނަންވާއިރަށް ރެޑީގަ ހުރޭ! ޕްލީޒް!"

އަހަރެންގެ އުކުޅު ވަރަށް ކާމިޔާބެވެ. އެކަމަކު އެއީ ލޯބިވާތީ އަހަރެން ބުނި އެއްޗެއް ނޫނެވެ. އަހަރެން ވެސް ރީނާ ވިސްނާހެން ވިސްނަން ފެށީއެވެ. ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެއީކަން ވިސްނުނީއެވެ. ރީނާ ތެދުވިއެވެ. ނުކުންނަން ތައްޔާރުވިއެވެ. އަހަރެން ކޮޓަރިން ނުކުތީމެވެ. މަންމަ ސޯފާގައި އިނެވެ.

"އަދިވެސް ބައްޕަ ނުނިކުންނަވާތޯ؟" އަހަރެން އެހީމެވެ.

"އާނ! ބައްޕަ ވަރަށް ދަންވަންދެން އުޅެފަ ނިދީ." މަންމަ ބުންޏެވެ.

"އެކަމަކު ފަތިސްނަމާދު ވަގުތު ޖެހެނީނޫންތޯ!" އަހަރެން ބުނީމެވެ. "ބައްޕައަށް ގޮވަންވާނެ ނޫންތޯ! ކޮފީތަށްޓެއް ހައްދަވައިފަ ބައްޕައަށް ދެއްވަބައްލަވަ!"

މަންމަ ވަރަށް ފަސޭހައިން ތެދުވިއެވެ. ކޮފީތަށްޓެއް ހަދައިގެން ކޮޓަރިއަށް ވަނެވެ. އެއީ އަހަންނަށް ލިބުނު ފަހު ފުރުސަތެވެ. އެކަމަކު ބައްޕަ ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވައިފައެވެ. މީހަކު އެ ދޮރު ހުރަސްކުރަންޏާ ފެންނަ ވަރަށެވެ. އަހަރެން ގޮސް ބައްޕަ ކޮޓަރިއަށް ބޯދިއްކޮށްލީމެވެ. ބައްޕައަށް ގޮވައިލީމެވެ. ދެން ދޮރު ލައްޕައިފައި، ދެ ފަޔަށް ބާރުލައިފައި ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީމެވެ. ރީނާ ހުރީ ދޮރުކައިރީގައެވެ. ދިޔަގޮތަށް ގޮސް ރީނާގެ އަތުގައި ހިފައިގެން ގެއިން ނުކުތީމެވެ. އަހަރެންގެ ހިތް ބުންޏެވެ. ރީނާގެ ކިބައިން ސަލާމަތްވާށެވެ. މައިންބަފައިންގެ ކުރިމަތީގައި ފަޟީހަތްވާން ބޭނުން ނޫނިއްޔާ، އިތުރަށް އެންމެ ފަހަރަކު ވެސް ރީނާޔާ ބައްދަލުނުކުރާށެވެ. ފުރަތަމަ މައްސަލައަކީ އަހަރެން ދައުވަތުނުދެނީސް ގޭތެރެއަށް ރީނާ ވަނުމެވެ. ދެވަނަ މައްސަލައަކީ ރީނާގެ ކޮންޓުރޯލުގެ ދަށަށް އަހަރެން ގެންދަންއުޅުމެވެ. ތިންވަނަ މައްސަލައަކީ ލޯބިވާން އަހަންނަށް މަޖުބޫރުކުރަން މަސައްކަތްކުރުމެވެ. ރީނާ ނިދިގަދައީކީ ނޫނެވެ. މަކަރުގަދައީއެވެ.

ރީނާގެ ކެހިވެރި ދަންތުރައިން ސަލާމަތްވެވުމުން އަހަރެން ބެލީ ރީނާ ފެންނަ ހިސާބަށް ނުގޮސް ވޭތޯއެވެ. އޭނަގެ ގެ ހުންނަ މަގަށް ވެސް ނާރާވޭތޯއެވެ. އެކަމަކު ރީނާއަކަށް އެ ކަމެއް ނާންގަމެވެ. ހިތަށްއެރީ ދުރުވަމުން ދުރުވަމުންގޮސް އެ ބާބު ނިންމާލެވިދާނެކަމަށެވެ. ރީނާ ގުޅީމައި ފޯނު ނަގަމެވެ. މާ ގިނައިރެއް ނުކޮށް ބާއްވަނީއެވެ. ވީހާ ވެސް ޝައްކު ކުޑަވާނެ ގޮތަކަށް އެ ކަން ކުރެވޭތޯ އަހަރެން ބެލީމެވެ. ހަރުކަށިވެއްޖެއްޔާ އަހަރެން ފަހުން ހިތާމަކުރަން ޖެހިދާނެތީއެވެ.

ރީނާއަށް ފިލައިގެންއުޅެނިކޮށް އެއްދުވަހަކު މަގުމަތިން އަހަރުމެން ބައްދަލުވިއެވެ. ކަންދިމާވި ގޮތުން ރީނާއަށް ފިލާނެ ފުރުސަތެއް އަހަންނަކަށް ނުލިބުނެވެ. އެއްކޮޅަށް ދުއްވާ މަގެކެވެ. އަހަންނަށް ރީނާ ފެނުނު ދަނޑިވަޅަކީ ރީނާއަށް ވެސް އަހަރެން ފެނުނު ދަނޑިވަޅެވެ. އެ ވަރުން ވެސް ރެކެވޭތޯ ބެލީމެވެ.

"އަމީން!" ރީނާ ގޮވައިލިއެވެ.

ކުއްލިއަކަށް ރީނާ ފެނުނުކަމަށް ހަދައިފައި އަހަރެން ހިނިތުންވެލީމެވެ. ހިތް ބުނަމުންދިޔައީ ސައިކަލު މަޑުނުކުރުމަށެވެ. ވާހަކަނުދެއްކުމަށެވެ. އެކަމަކު އަހަރެން ސައިކަލު މަޑުކުރީމެވެ. ރީނާ ކުއްލިއަކަށް ސައިކަލުގެ ތަޅުދަނޑި ދަމައިގަތެވެ. އެއީ ރީނާ ވަރަށް ކުޅަދާނަކަމާއެކު ކޮށްލާކަމެކެވެ.

"ހިނގާ އައިސްކްރީމް ބޯން!" ރީނާ ދައުވަތުދިނެވެ.

ހޫނުގަދަ ދުވަހެކެވެ. އަހަރެން ހުރީ ފެންބޮވައިފައެވެ. އެވަރުން ވެސް ރީނާޔާ އެއްކޮށް ދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު، ދާން ބޭނުންނުވާކަން އަންގާކަށް ވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން އެ މަޅީގައި ޖެހުނީމެވެ. އެއްބަސްވީމެވެ. ރީނާ ތަޅުދަނޑި ދިނެވެ. އަހަރުމެން ވަނީ އަލަށް ހުޅުވި ތަނަކަށެވެ. އެ ތަނުގައި ވަރަށް ގިނަ ރަހަތައް ހުއްޓެވެ. އަހަރެން ބޭނުންވީ ވެނީލާއެވެ. ރީނާ ބޭނުންވީ އާ ރަހައެއް ތަޖުރިބާކުރާށެވެ. އެތައް އިރަކު ވިސްނުމަށް ފަހު ރީނާ އޯޑަރުދިނެވެ.

"މާ ރަނގަޅުވީހެއްނު ގޮތް އެނގޭ އެއްޗެއް ނެގި ނަމަ،" އިށީންނަމުން އަހަރެން ބުނީމެވެ. "އާ އެއްޗެހި ގެނެސްގެން ނުކެވިއްޖެއްޔާ ކިހިނެއްހަދާނީ؟"

އައިސްކިރިމު ގެނައުމުން އަހަރުމެން ކާންފެށީމެވެ.

"މަ ގެންނަ އެއްޗެއް ވިއްޔާ މަ ހުސް ވެސް ކުރާނަން،" ޔަގީންކަމާ އެކުގައި ރީނާ ބުންޏެވެ. "އަހަރެން އަބަދުވެސް ބޭނުން އާ އެއްޗެހި ޓްރައިކުރަން. ލައިފްގަ ޖެހޭނެދޯ އެންޖޯއިކުރަން. އެހެންނޫނީ ކިހާ ފޫހި؟ ދޭތެރެއަކުން ރިސޯޓަކަށް ދެވުނަސް ކުޑަކޮށް ސިޕެއްޖަހާލަން."

އަހަރެން އަނގަޔަށްލާން އުޅުނު ސަމުސާ ހުއްޓުނެވެ. އެއްކޮޅުން، ރިސޯޓަށް ރީނާ ދިޔުން ވެސް އަހަންނަކަށް ކަމަކުނުދިޔައެވެ. އަނެއްކޮޅުން ރާބުއިމަކީ އަހަންނަށް ބަލައިގަނެވޭނެކަމެއް ނޫނެވެ. އަހަންނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ހަރުދަނާ ބަހަނާއެކެވެ. ރުޅިވާން ދައްކާނެ ރަނގަޅު ސަބަބެކެވެ.

"ރީނާ ރާބޮންތަ؟" އަހަރެން އެހީމެވެ.

"އަނެއްހެން ބުއީކީ ނޫނޭ،" ރީނާ ހީނގެންފައި ބުންޏެވެ. "ޖަސްޓް އަ ސިޕް!"

ހުއްޓުންއަރައިފައި އަހަންނަށް އިނދެވުނީއެވެ. އެހާ ބޮޑުކަމެއް އެހާ ލުއިކޮށް ރީނާއަށް ބުނަންކެރުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ގޮނޑިން ތެދުވަން އުޅުމުން އަހަރެންގެ އަތްމަތީގައި ރީނާގެ އަތް ބާއްވައިލިއެވެ.

"ޗިލް!" ރީނާ ބުންޏެވެ. "އަސްލު އަނެއްހެން އަހަރެން ބުއީކީ ވެސް ނޫނޭ. އޯވަނައިޓަކަށް ދިޔަ ރޭ ފަޔާ ގަދަކަމުން.."

"ފަޔާ؟" އަހަންނަށް ބުނެވުނެވެ. "އެއީ ކާކު؟"

"ކުރީގެ ބިޓު!" ރީނާ ޖަވާބުގައި ބުންޏެވެ. "ނުބުނެވޭތަ ފަޔާގެ ވާހަކައެއް؟"

އެއް ފޮށީގެ މަތިނުޖެހި އުޅެނިކޮށް އަނެއް ފޮށި ހުޅުވުނެވެ. ލޯބިވެރިޔާއާ އެކުގައި ރިސޯޓުގައި ރޭކުރުމުގެ މިނިވަންކަން ވެސް ރީނާއަށް އޮވޭ ހެއްޔެވެ؟ ރީނާގެ މައިންބަފައިންނަކީ ކޮންކަހަލަ ވިސްނުމެއް ގެންގުޅޭ ބައެއް ހެއްޔެވެ؟ އަހަރެންގެ ލޯބިވެރިޔާ އެ ފަދަ ވާހަކައެއް ބުނި ނަމަވެސް އަހަރެން ފޫހިވީހެވެ. ރީނާއަކީ އަހަރެން ފޫހިވާ ކުއްޖެކެވެ.

"ބިޓާއެއްކޮށް އޯވަނައިޓަކަށް ރިސޯޓަކަށް؟" އަހަރެން ބުނީމެވެ.

"ދެން ސާބަހޭ އަމީން،" ރީނާ ހަމަޖެހިލައިފައި ބުންޏެވެ. "ކަމެއް ނުކުރަމޭ. ތިހާ ޝައްކުބަލި.."

"ކޮންތާކު ނިދީ؟" އަހަރެން އެހީމެވެ.

ޖަވާބުދޭން ރީނާއަށް އުނދަގޫވާން ފެށިއެވެ. އެކަމަކު އަހަރެން ދުލެއްނުދެމެވެ. ކުއްލިއަކަށް މޭޒުމަތީގައި ޖެހީމެވެ. ރީނާ ސިއްސައިގެންދިޔައެވެ.

"ދެ މީހުން ދެ އެނދުގަ ނިދީ،" ކުޑަކޮށް ނުތަނަވަސްވެފައި ރީނާ ބުންޏެވެ. "މާ ބޮޑު ކަމެއް ނުވެސް ކުރަން."

"ކޮބާ ތީގެ މާނައަކީ؟" އަހަރެން އެހީމެވެ.

"ދެ މީހުން ދެ އެނދުގަ ބަލަން ތިބެލާފަ، ލަވަބާޒީ ކުޅެފަ ނިދީ." ރީނާ ބުންޏެވެ.

ނުނިމޭ