ރަޖްނީކާންތަށް ފަހު އަކްޝޭ ކުމާރު، ކަމާލް ހަސަންއާ އެކު

ސައުތުގެ ސުޕަސްޓާރު ރަޖްނީކާންތާ އެކު "2.0" ގައި މަސައްކަތް ކުރުމަށް ފަހު، އަކްޝޭ ކުމާރު އަނެއްކާވެސް ސައުތުގެ އިތުރު ސުޕަސްޓާރެއްގެ ފިލްމަކަށް ސޮއިކޮށްފި އެވެ. މި ފަހަރު ކަމާލް ހަސަންގެ ފިލްމަކަށެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ޝޫޓިން ފަށާފައިވާ ކަމާލް ހަސަންގެ ޕޮލިޓިކަލް ތުރިލާ "އިންޑިއަން 2" ގެ ރޯލަކަށް އަކްޝޭ ވަނީ ސޮއިކޮށްފަ އެވެ. ކުރިން އެ ރޯލް ދޭ ގޮތަށް އޮތީ އަޖޭ ދޭވްގަން އަށް ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަހަލަ އިޝާރާތެއް ކަމާލް ހަސަން ވެސް ކުރިން ދީފައިވެ އެވެ.

ނަމަވެސް އަޖޭގެ ބަދަލުގައި އަކްޝޭ ނެގި ސަބަބެއް ސާފު ނުވާ ކަމަށް ބޮލީވުޑް ލައިފުން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި އޭނާ މިހާރު ވަނީ "އިންޑިއަން 2" ގެ ޝޫޓިން ވެސް ފަށައިފަ އެވެ.

އަކްޝޭ ވަނީ ކަމާލް ހާސަންގެ ދަރިފުޅު ޝުރޫތީއާ އެކީގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ 2015 ގެ "ގައްބަރު އިޒް ބެކް" ގަ އެވެ.

އަޖޭ: ކަމާލް ހާސަންގެ ފިލްމުން އޭނާ އަށް ދޭން އުޅުނު ރޯލް ވަނީ އަކްޝޭ އަށް ދީފައި.

މިއީ "އިންޑިއަން 2" އަކީ "2.0" ގެ ވެސް ޑައިރެކްޓަރު އެސް ޝަންކަރު ޑައިރެކްޓް ކުރާ ފިލްމެކެވެ. "އިންޑިއަން 2" އަކީ ޝަންކަރު 1996 ގައި ގެނެސް ދިން ފިލްމުގެ ދެވަނަ ބައެވެ. އެ ފިލްމުގައި ކަމާލް ހަސަން، 64، އާ އެކު މުހިއްމު ރޯލްތައް ކުޅުނީ އުރުމިލާ މަންޓޯންޑްކަރު އަދި މަނީޝާ ކޮއިރަލާ އެވެ.

"އިންޑިއަން 2" ގެ ޕޯސްޓަރެއް.

މީޑިއާތަކުން ބުނި ގޮތުގައި މި ފަހަރު ފިލްމުގެ ބަތަލާއަކަށް ނަގާފައި ވަނީ އަޖޭއާ އެކު "ސިންގަމް" ކުޅުނު ސައުތުގެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލެވެ.

ތެލެގޫ، ތަމަޅަ އަދި ހިންދީ ބަހުން އުފައްދާ "އިންޑިއަން 2" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސައުތުގެ ދެ ސުޕަ ސްޓާރަކާ އެކު ސްކްރީން ހިއްސާ ކުރުމުގެ ޝަރަފު އަކްޝޭ އަށް ލިބިފައިވާ އިރު "2.0" ސިނަމާތަކަށް އަންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކެސަރީ"، "ގުޑް ނިއުސް"، "މިޝަން މަންގަލް" އަދި "ހައުސްފުލް 4" ހިމެނެ އެވެ.

އަޖޭ އަށް ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓޯޓަލް ދަމާލް"، "ދޭ ދޭ ޕިޔާރު ދޭ"، "ތާނަޖީ" އަދި ނަން އިއުލާންކޮށްފައި ނުވާ ލަވް ރަންޖަންގެ ފިލްމެއް ފާހަގަކޮށްލެވެ އެވެ.