ބޯވަ

އާދިއްތަ ދޔވުވޙަހާގުޅޭ


"ދެ މީހުން ދެ އެނދުގަ ބަލަން ތިބެލާފަ، ލަވަބާޒީ ކުޅެފަ ނިދީ." ރީނާ ބުންޏެވެ.

ރީނާ ހީކުރީ އަހަންނަކީ މޮޔައެއްކަމަށެވެ. ހަގީގަތުގައި މޮޔައަކީ ރީނާއެވެ. އޭނަގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރަނީއެވެ. ސިއްރު ހިފަހައްޓަން ނޭނގެނީއެވެ. ރީނާ ކުރިން ދިޔަ ތަންތަނަކާއި ބުއި އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އެ ވާހަކަ ނުދެއްކި ނަމަ މާ ރަނގަޅުވީހެވެ. ނިދީ ދެ ކޮޓަރިއެއްގައިކަމަށް ރީނާއަށް ބުނެވިދާނެއެވެ. ރިސޯޓަށް ދިޔައީ އަންހެން އެކުވެރިޔަކާ އެކުގައިކަމަށް ވެސް ބުނެވުނީހެވެ. އޭރުން އެކަމުގެ ހަގީގަތެއް އަހަންނަކަށް ނުހޯދުނީހެވެ. ޒިޔާދާއަކީ އަހަރެން އިންތިހާއަށް ލޯބިވި ކުއްޖެކެވެ. އޭނަގެ ވެސް މާޒީގައި ލައްތަކެއް ޖެހިފައި ހުއްޓެވެ. އެ ކަން އަހަންނަކަށް ބަލައެއް ނުގަނެވުނެވެ. ޒިޔާދާގެ މާޒީ ކޮނެވުނުކަން އެއީ އަހަންނަށް ހެދުނު ގޯހެކެވެ. ރީނާއަކީ އަހަރެން ގަޔާވި ކުއްޖެއް ނޫނެވެ. އެހެންކަމުން ރީނާގެ ފަސްބައިގައި ޖެހިފައިހުރި ކުޑަ ކިލާކޮޅު ވެސް އަހަންނަށް ފެނުނީ ކަޅު ލައްގަނޑެއްގެ ސިފައިގައެވެ. ދެގުނަ ބޮޑުކޮށެވެ.

"ރާބުއިމަކީ ވަރަށް ކަޑަ ކަމެއް. ބަލައެއްނުގަނެވޭނެ،" އަހަރެން ބުނީމެވެ. "އަހަރެން ލައްކަ ދުވަހު ރާއްޖެއިން ބޭރުގަ އުޅުނިން. އެކުވެރިން ދާތީ ކުލަބަށް ވެސް ދިޔައިން. އެއީ މުސްލިމުންނެއް ނޫން. އެ މީހުން ހެސްކިޔައިފައި ބޮއެ. ތަށްޓަށް އަޅާފަ ދިއް ވެސް ކުރި! އެއްފަހަރު ބޯލިޔަސް ރަނގަޅުވާނޭ، މި ވަރަކުން ނުކަޓާނޭ ކިޔައިގެން ބޮލަށްއެރެން ވެސް އުޅުނު. އަހަންނެއް ނުބޮން. އެއީ ކީއްވެ؟ ބޯނީ ބޯން ބޭނުންވާ މީހުން. އަހަރެން ބޭނުމެއް ނޫން ބޯކަށް. މި ދައްކަނީކީ ޕޯޒުގީޒުންގެ ޒަމާނުގެ ވާހަކައެއް ނޫން. އޮބައިބާއްވައިފަ ކަރަކަށް ނާޅައެއްނު! ބޯށޭ ކިޔާފަ ދިއްކުރާނީ. ނުބުއީމަ ނިމުނީނު!"

ރީނާ އިސްޖަހައިލިއެވެ. ކުރެވުނީ ކިހާ ބޮޑު ކުށެއްކަން ރީނާއަށް އިހުސާސްކުރެވުނީއެވެ. ނުވަތަ އެ ސިއްރު ބޭޒާރުކޮށްލެވުނު މޮޔަ ހިތަށްއެރީއެވެ.

"އަހަރެން ހާދަ ވަރަކަށް ބުނީމޭ ނޫނެކޭ،" ރީނާ ދިފާއުގައި ވާހަކަދެއްކިއެވެ. "އެންމެ ފަހުން އަހަރެން ލައްވާ ތަށީގަ ހިއްޕުވީ. ތުންފަތުގަ ތަށި ޖެއްސީ."

"ދެން ވެސް ހަމަ ބުއީމަ ބޮވޭނީ،" އަހަރެން ދުލެއް ނުކުރަމެވެ. "ތަށި އެއްލައިލެވޭނެ. އެ ތަނުން ތެދުވެވޭނެ. ތި ކުރީ ހަމަ ވަރަށް ކަޑަ ކަމެއް. އޭގެ އިތުރަށް ދެން ކުރި ކަންތައް ވެސް ވަރަށް ކަޑަ. ނޯ އެކްސްގިއުޒް! އިނަފް އިޒް އިނަފް!"

އަހަރެން އެ ތަނުން ނުކުތީމެވެ. ހީކުރި ވަރަށް ވުރެ މާ ފަސޭހައިން އެ ފޮތް ލައްޕައިލީމެވެ. ސަލާމަތްނުވެވިގެން އުޅުނު ކުއްޖާ ގާތުން ސަލާމަތްވެވުނީއެވެ. ސައިކަލަށް އަރައިގެން ތަންކޮޅަކަށް ދިޔަތަނާ ރީނާ ގުޅިއެވެ. އަހަރެން ފޯނު ނެގީމެވެ.

"ދެރަވީތަ؟" ރީނާ ވަރަށް ދެރަވެފައި އެހިއެވެ. "ވަރަށް ބޮޑަށް ސޮރީ!"

"ދެން އަޅާނުލާ!" އަހަރެން ޖަވާބުގައި ބުނީމެވެ. "ވީކަމެއް ވީތާ! ދެން އަހަންނަށް ގުޅާނެކަމެއް ނެތް. ބޭނުމެއް ނޫން އެއްވެސް ގުޅުމެއް ބާއްވާކަށް."

އަހަރެން ފޯނުކަނޑައިލީމެވެ. އޭގެ ފަހުން ދެން ރީނާގެ ކޯލެއް ނުނަގަމެވެ. އަހަންނަށް ގުޅުން ނޫން އެހެން ކަމެއް ރީނާ ނުކުރެއެވެ. އަހަރެން ދިޔަގޮތަށް ދިޔައީ އޮފީހަށެވެ. އެ ތަނުގައި ޕްރޮގުރާމެއް އެޑިޓުކުރަން އިންދައި ތަނުގެ ފޯނަށް ކޯލެއް އައެވެ. އެއީ ނަންބަރު އަރާ ކަހަލަ ފޯނެއް ނޫނެވެ. ރީނާގެ މިޒާޖު އަހަންނަށް އެނގެއެވެ. އޭނަގެ ބޯހަރުކަމާއި، ބޮޑާހޭކުން ވެސް ކޮންމެވެސް ވަރަކަށް ފެނިއްޖެއެވެ. ގޮތްދޫނުކުރުމާއި، މޮޔަކަން ވެސް ފެނިއްޖެއެވެ. އަނެއްކޮޅުން ރީނާ ވަރަށް ރަނގަޅަށް އަހަރެން ވެސް ދަސްކޮށްފިއެވެ. އަހަރެން އެކި ވަގުތު އިންނާނެ ތަންތަނާއި، ގުޅޭނެ ނަންބަރުތަކާއި، ކުރާނެ ކަންތައް ވެސް ދަސްކޮށްފިއެވެ. އަހަރެންގެ ހިތް ބުންޏެވެ. ފޯނު އެ ކުރަނީ ރީނާއެވެ. ދެވަނަ ސިކުންތުގައި ހިތަށްއެރިއެވެ. އެހެން މީހަކު ވެސް ގުޅައިފާނެއެވެ. ފޯނު ނެގީމެވެ. އެކަމަކު އަނގަޔަކުން ނުބުނަމެވެ. ކަންފަތުގައި ފޯނު ޖައްސައިލައިގެން އިނީއެވެ. ފޯނު ކުރި މީހާ ވެސް އަނގަޔަކުން ނުބުނެއެވެ. އެއީ ރީނާކަން އަހަންނަށް ޔަގީންވިއެވެ. އެހެން މީހަކު ނަމަ ވާހަކަނުދައްކާ ހުންނަންޖެހޭ ސަބަބެއް ނެތެވެ. އަހަރެން ފޯނު ކަނޑައިލީމެވެ. ހަމަ ކަނޑައިލާއިރަށް ގުޅިއެވެ. ފޯނު ނެގީމެވެ. ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް ވާހަކައެއް ނުދައްކަމެވެ. ރީނާގެ ބޭނުމަކީ ފޯނު ނެގީ އަހަރެންކަން ކަށަވަރުކުރުމެވެ. އަހަރެން އިނީ އެ ކަން ދަނެގެންނެވެ. ފޯނު ނަގައިފައި ވާހަކަނުދައްކާ ހުރުމަކީ ރީނާ އަލަށް ކުރާ ކަމެއް ނޫނެވެ. އަނެއްކާ ފޯނު ކަނޑައިލީމެވެ. އަތްގަނޑު ދުރުގައި ބޭއްވީމެވެ. ދެން ގުޅަންފެށީ އަހަރެންގެ މޯބައިލަށެވެ. ފޯނު ކެނޑުނު ދަނޑިވަޅުބަލައިފައި މޯބައިލު ނިއްވައިލީމެވެ. ރީނާގެ ހުރިހާ މަގެއް ބަންދުވީއެވެ. އަހަރެންގެ ސިކުނޑިއަށް ލުޔެއް ލިބުނީއެވެ. ވަރަށް ހަމަޖެހިލައިގެން މަސައްކަތުގައި އިންދައި ނަފީސާ އައިސް ދޮރުހުޅުވައިލިއެވެ. ނަފީސާއަކީ ނިވްސްރޫމްގެ ސެކެއްޓަރީއެވެ.

"އޭ! އަމީން ހޯދަންވެގެން ކުއްޖަކު އެބަ ގުޅާ ނިވްސްރޫމަށް." ނަފީސާ ބުންޏެވެ.

"އެހެންތަ؟" ނުވެސް ދެނަހުރިކަމަށް ހެދިފައި އަހަރެން ބުނީމެވެ. "ކާކު؟"

"ތިއެއް ނޭނގެ،" ކަންބޮޑުވެފައި ނަފީސާ ބުންޏެވެ. "މުޅި ނިވްސްރޫމްގެ ހުރިހާ އެކްސްޓެންޝަނަކަށް އެބަ ގުޅާ. ފަހަރަކު ނަންބަރަކަށް. އެ ތަނުގަ ކަމެއް ކުރެވޭ ވަރެއް ނޫން. މިހާރު ކިތަންމެ ފަހަރަކު ބުނެފިން މީ ނިވްސްރޫމޭ އަމީން އުޅެނީ މި ތާކު ނޫނޭ. މަ ވެސް މިހާރު ތިން ފަހަރު ބުނެފިން. ބުނީމަ އަހަންނަށް ބަވާލީ. މި ގަޑިއަކީ ނިވްސްއަށް ތައްޔާރުވާ ގަޑިއެއްނޫންހޯ! އަމީން އުޅޭނޯ ނިވްސްރޫމްގަ. ބުނާ އެއްޗެއް ގަބޫލެއް ވެސް ނުކުރޭ! ކާކުތަ އެއީ؟"

ރީނާ ބުނީ ރަނގަޅަށެވެ. އަހަރެން އުޅޭނީ ނިވްސްރޫމްގައެވެ. އެކަމަކު ރައްޓެއްސަކާ ޑިއުޓީ ބަދަލުކުރުމުން ނިވްސްރޫމަށް އަހަރެން ވަންނަން ނުޖެހުނީއެވެ. އަހަންނަށް ކަންކަން މަޖުބޫރުކުރުމަކީ ރީނާ މާ ކުރާހިތްވާ ކަމެކެވެ. ސަބަބެއް ނޭނގެއެވެ.

"އަޅާލާނެކަމެއް ނެތް!" ހަމަޖެހިލައިފައި އަހަރެން ބުނީމެވެ. "ގުޅާގުޅާ ހުރެދާނެއްނު!"

"އެކަމަކު މީ ނިވްސްރޫމް އެންމެ ބިޒީވާ ގަޑިއެއްނު!" ނަފީސާ ކަންބޮޑުވެފައި ބުންޏެވެ. "އެ ގޮތަށް ފޯނުތަކަށް ގުޅަންޏާ ކިހާ އުނދަގޫވާނެ. ހަމަ ގުޅަނީ ހަމަ ގުޅަނީ. ހުއްޓާނުލާ! ފަހަރަކު ނަންބަރަކަށް. ފަހަރަކު ނަންބަރަކަށް. ކާކުތަ އެއީ؟"

އަހަރެންގެ ދުލުން ރީނާ ތައާރަފުކޮށްދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ފާޑެއްގެ ސައިކޯ މަންޖެއެއް،" އަހަރެން ބުނީމެވެ. "އަޅާލާއެއްޗެއް ނޫން. ބުނޭ އަހަރެން އިނީ މި ތާނގައޭ. މި ތަނަށް ގުޅާށޭ. މި ތާ ނަންބަރު ދީފަ ބަހައްޓާ!"

ނަފީސާ ބަލައިލީ ފޯނަށެވެ. އޭރު ވެސް ފޯނުގެ އަތްގަނޑު އޮތީ ދުރުގައި ބާއްވައިފައެވެ.

"ހޫނ! މީ ދޯ މި ވާ ގޮތަކީ!" ހިނިއައިސްފައި ނަފީސާ ބުންޏެވެ.

ސަމާސާ ގޮތަކަށް އަހަރެންގެ ކޮނޑުގައި ޖަހައިފައި ނަފީސާ ނުކުތެވެ. މާ ގިނައިރެއް ނުވެއެވެ. އިސްތިގުބާލުގައި އިން އަޒްރާ ދުވަމުންދުވަމުން އައެވެ. "މި ތާނގެ ފޯނަށް ކިހިނެއްވެފަތަ ހުރީ؟" ދޮރުން ބޯދިއްކޮށްލައިފައި އަޒްރާ ބުންޏެވެ. "ކުއްޖަކު އަމީނަށް ވަރަށް ގަދަޔަށް އެބަ ގުޅާ! ރިސެޕްޝަނަށް ވިއްސަކަށް ފަހަރު މިހާރު ގުޅައިފި. ގެއިން ކަންނޭނގެ އެ ގުޅަނީ. ގުޅާލަބަލަ ގެއަށް!"

"ގެއިންނޭ؟" އަހަރެންނަށް ލިބުނީ ޝޮކެކެވެ.

"އާނ އެހެން ހީވަނީ،" އަޒްރާ ބުންޏެވެ. "ކުއްޖަކު ވަރަށް އާޖެންޓުކޮށް އަމީން އެބަ ހޯދާ!"

"އަޅާލާނެކަމެއް ނެތް!" އަހަރެން ބުނީމެވެ. "ބުނޭ މި ނަންބަރަށް ގުޅާށޭ."

"ދެން އަޅެ ގުޅާބަލަ!" ކަންބޮޑުވެފައި އަޒްރާ ބުންޏެވެ. "އެހެންނޫނީ އަނެއްކާ ވެސް ރިސެޕްޝަނަށޭ ގުޅާނީ. މިހާރު ބޯފަޅައިގެން ގޮއްސި."

މެސެޖުދީފައި އަޒްރާ ދިޔައެވެ. އަހަރެން އަޅައެއްނުލަމެވެ. ކުރަމުންގެންދިޔަ މަސައްކަތް ނިންމައިލައިފައި ފައިލުތަކެއް ހިފައިގެން އަހަރެންގެ މޭޒުކައިރިއަށް ދަނިކޮށް މޫނިސާއާ ދިމާވިއެވެ. އޭނައަކީ އެނައުންސަރެކެވެ.

"އޭ! މީނަ މިތާ ދޯ މި އުޅެނީ،" މޫނިސާ ބުންޏެވެ. "އަހަރެންގެ ސެކްޝަނަށް އަންހެންކުއްޖަކު އެބަ ގުޅާ އަމީން ހޯދަން. މިހާރު ހައެއްކަ ފަހަރު ގުޅައިފި."

ރީނާގެ ހިތްވަރަށް ސާބަސްދޭހާ ވެއެވެ. އޮފީހުގައި އޭނަ ނުގުޅާ ނަންބަރެއް ނެތެވެ. ތިން ގަޑިއިރު ވީއިރު ވެސް ރީނާ ވަރުބައްޔެއް ނުވެއެވެ. އެކަމަކު އަހަރެންނަކާ ދިމައެއް ނުވިއެވެ. އަހަންނެއް ނުގުޅަމެވެ. މުޅި ދުވަހު އަހަރެން އުޅުނީ އޮފީހުގައެވެ. ރީނާ ފާރަލާނެތީ އޮފީހަކުން ނުނިކުންނަމެވެ.

އަހަރެންގެ ފޯނު ޖެއްސީ ރޭގަނޑު އެގާރަގަޑި ބައިގައެވެ. ގެއަށް ދިޔައީ ދަންވަރު ބާރަޖަހަން އުޅެނިކޮށެވެ. ސައިކަލު ގެއަށް މަޑުނުކުރަނީސް ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ ރީނާއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. ރަނގަބީލުގެ އަޑު ކަނޑައިލީމެވެ. ހިތަށްއެރިއެވެ. ނޫނޭ ރީނާ ހިތްވަރުގަދައެވެ. އަހަންނަށް ގުޅުން ނޫން އެހެން ކަމެއް އެ ދުވަހު އޭނަ ނުކުރެއެވެ. ކެނޑޭއިރަށް ގުޅައެވެ. އަހަރެން ގެއަށް ވަދެ ކޮޓަރީގައި ފޯނު ބާއްވައިފައި އެނދުގައި ޖައްސައިލީމެވެ. ރީނާ ގުޅާވަރުން ފޯނު އަބަދު އޮންނަނީ ދިއްލިފައެވެ. އަހަރެން ފޯނު ބަންޑުންޖެހީމެވެ. ލޯމަރައިލީމެވެ. ކުއްލިއަކަށް ގޭގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އަހަރެންގެ ހަތަރެސްފައި ދިޔައީ ކޮޅަށްޖެހިގެންނެވެ. އެއްކޮޅުން ދަންވަރެވެ. އަނެއްކޮޅުން އެ ފޯނުގެ ރަނގަބީލުގެ އަޑު ހުންނާނީ ވަރަށް ގަދަކޮށްފައެވެ. ގޭގެ ކޮންމެ ތާކު މަންމަ އުޅުނަސް އިވޭ ވަރު ކޮށްފައެވެ. އެއް ފޯނު ހުންނާނީ ބޮޑުކޮޓަރީގެ ސޯފާ ކައިރީގައެވެ. އަނެއް ފޯނު މަންމައާއި ބައްޕަ ނިދާ ކޮޓަރީގައެވެ. އެއް ނަންބަރަކަށް ދެ ފޯނުލާފައި ހުރީތީ އެއްފަހަރާ ދެ ފޯނު ރަނގަބީލުވަމުންދިޔައެވެ. އެ ގަޑީގައި ރީނާ ނޫން މީހަކު ނުގުޅާނެކަން އަހަންނަށް ކަށަވަރެވެ. ސުވާލަކީ ރީނާއަށް އެ ނަންބަރު އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ގެއަށް އައިކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ދުވެފައި ނުކުތީމެވެ. ބޮޑުކޮޓަރީގައި ހުރި ފޯނުގެ ރަނގަބީލުގެ އަޑު ކަނޑައިލީމެވެ. އެކަމަކު މަންމަ ކޮޓަރީގައި ހުރި ފޯނުގެ އަޑަކަށް ބަދަލެއްނާދެއެވެ. ހަދާނެ ގޮތެއް ނޭނގިގެން ދެކޮޅަށް ހިނގައިލަހިނގައިލާ ހުރީމެވެ. ކުއްލިއަކަށް ފޯނުގެ އަޑު ކެނޑުނެވެ. މަންމަ ވާހަކަދައްކާ އަޑު އިވުނެވެ. މަންމަ ކޮޓަރީގެ ދޮރުފަތުގައި އަހަރެން ކަންފަތްޖެހީމެވެ.

"ހަލޯ! ހަލޯ!" މަންމަ ބުނި އަޑު އިވުނެވެ. "ހަލޯ! ހަލޯ!"

ނުނިމޭ