ބޯވަ

ބުދަ ދުވަހާ ގުޅޭ


"ހަލޯ! ހަލޯ!" މަންމަ ބުނި އަޑު އިވުނެވެ. "ހަލޯ! ހަލޯ!"

ރީނާ ޖަވާބެއް ނުދިނުމުން މަންމަ ފޯނު ބޭއްވި އަޑު އިވުނެވެ. ބޭއްވިލެއް ބާރުކަމުންނެވެ. އަހަންނަށް ހަމަނޭވާ ލެވުނެވެ. ކޮޓަރިއަށް ދާން ހަމަ ހިނގައިގަތްތަނާ އަނެއްކާ ފޯނު ރަނގަބީލުވާން ފެށިއެވެ. މަންމައަކީ ހިތުގެ މައްސަލަ ހުންނަ މީހެކެވެ. ގިނައިން ނިދި ބޭނުންވާ މީހެކެވެ. ހޭލެވިއްޖެއްޔާ ފަސޭހައިން ނިދޭ މީހެއް ނޫނެވެ. އަހަންނާ ހެދި މަންމައަށް ބޮޑު ބުރައެއް އުފުއްލަންޖެހުމަކީ އަހަރެން ވަރަށް ދެރަވި ކަމެކެވެ. ރުޅިއައި ކަމެކެވެ. ރީނާ ދެކެ ފޫހިވާން މެދުވެރިވި އިތުރު ސަބަބަކަށް އެ ކަން ވެސް ވިއެވެ. އަހަރެން ދެކެ ރީނާ ލޯބިވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ދަންވަރު ގޭގެއަށް ގުޅާއިރު އެހެން މީހުންނަށް އުނދަގޫވާނެ ވަރު ރީނާއަށް ވިސްނެންޖެހޭނެއެވެ. އެއްފަހަރު މަންމަ ފޯނު ނަގައިފިއެވެ. ވާހަކަދައްކައިފިއެވެ. ދެވަނަ ފަހަރަށް އެ ނަންބަރަށް ގުޅުމުން އަހަންނަށް އެނގުނު އެއްޗަކީ ރީނާއަކީ އަމިއްލައެދުން ބޮޑު، އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމުނުކުރާ މީހެއްކަމެވެ. އަނެއްކާ ވެސް ގޮސް މަންމަ ފޯނުނެގިއެވެ. އަހަރެން ކޮޓަރީގެ ދޮރުފަތުގައި ކަންފަތްޖެހީމެވެ.

"ހަލޯ!" މަންމަގެ އަޑު ތަންކޮޅެއް ބާރުވިއެވެ. "ހަލޯ! ވާހަކަނުދައްކަންޏާ ކީއްކުރަންތަ ތި ގުޅަނީ؟ ކާކުތަ ތި ހޯދަނީ؟ ދަންވަރު ގޭގެއަށް ގުޅައިގެން ކޮން އުނދަގުލެއްކުރާކަށް؟"

ރީނާ ވާހަކައެއް ނުދެއްކިއެވެ. އަނެއްކާ ވެސް މަންމަ ފޯނު ބޭއްވި އަޑު އިވުނެވެ. އެ ފަހަރު ކުޑަ ހިތްހަމަޖެހުމެއް ވެސް ލިބުނެވެ. ރީނާ ވާހަކަނުދެއްކީތީއެވެ. ދެއްކި ނަމަ ނުވަތަ ހޯދަނީ ކާކުކަން ބުނި ނަމަ މަންމަގެ އެތައް ސުވާލަކަށް އަހަރެން ޖަވާބުދޭން ޖެހުނީހެވެ. ދަންވަރުދަޅައިގައި "ބަސްއަހާ ފިޔޮއް" ހޯދަން އަންހެނަކު ގުޅައިގެން ނުވާނެއެވެ. އަނެއްކާ ރީނާ ގުޅިއެވެ. އެއީ ތިނެއް ނުވަތަ ހަތަރުވަނަ ފަހަރެވެ. އެ ފަހަރު ބައްޕަ ވެސް ހޭލިއެވެ.

"ހަލޯ!" މަންމައަށް ބުނެވޭ އެންމެ ބާރަކަށް ބުންޏެވެ.

"ކާކާތަ ދަންވަރުދަޅައިގަ ތި ވާހަކަދައްކަނީ؟" ބައްޕަގެ މަޑުމައިތިރި ރާގުގައި ބައްޕަ ސުވާލުކުރިއެވެ.

ރީނާ ފޯނުން ވާހަކަނުދައްކައި ފޯނު ބޭއްވުމުން މަންމަ ފޯނު ޖެހި އަޑުއިވުނެވެ.

"އަހަރެންތަ މީހަކާ މި ވާހަކަދައްކަނީ؟ ޔަގީނޭ މި ސައުކަތު ހޯދަންކަން އެ ގުޅަނީ،" މަންމަ ރުޅިއައިސްފައި ބުނި އަޑު އިވުނެވެ. "އެހެންނޫނީ މި ގަޑީގަ މި ނަންބަރަށް ކީއްކުރާކަށްތަ އެ ގުޅަނީ؟ ނިދޭ ވަރެއް ނޫނޭ."

ބައްޕައަކީ މަޑުމަޑުން ހުންނަ މީހެކެވެ. ބާރަކަށް ވާހަކައެއް ނުދައްކާނެއެވެ. އެކަމަކު މަންމައަކީ ބައްޕަގެ ތޭރަވަނަ ކައިވެންޏެވެ. މަންމަޔާ ކައިވެނިކޮށްގެން ހުރެ ވެސް އެހެން މީހަކާ ބައްޕަ ކައިވެނިކުރިއެވެ. ފަހުން އެ މީހާ ވަރިކުރީއެވެ. އެހެންކަމުން ބައްޕައަށް މަންމަ ޝައްކު ނުކުރާންވީ ސަބަބެއް ނެތެވެ. މަންމަ ދެކޭގޮތުގައި ބައްޕަ ފަނަރަވަނަ ކައިވެންޏެއް ވެސް ކޮށްފާނެއެވެ. އެ ފޯނުކޯލަކީ އޭގެ ކޮޅުމައްޗެވެ.

"ކާކުތަ މި ގަޑީގަ މަށަށް ގުޅާނީ؟" ނިދިއަޑަކުން ބައްޕަ ބުންޏެވެ. "އަހަންނަށް ގުޅަންޏާ އަހަރެންގެ ފޯނަކަށްނު ގުޅާނީ. ކީއްކުރަން ތި ނަންބަރަށް ގުޅަންވީ؟"

"ދެން އަހަންނަށްތަ އެ ގުޅަނީ؟" ކުރިޔަށް ވުރެ ރުޅިއައިއްސަ މަންމަ ސުވާލުކުރިއެވެ. "މީހަކު ނިދިޔަދެނީކީ ނޫން. ވާހަކައެއްދައްކަނީކީ ނޫން. މީ ދެން ކިހާ ބޮޑު އުނދަގުލެއް. މީހުންނަށް ދުއްޕާންކުރަން މި ނޫން ގަޑިއެއް ނޭނގުނީތަ؟ ބަލާބަލަ ގަޑި."

"މަ ކީއްކުރަންތަ ގަޑިއަށް ބަލަނީ؟" މާސޫމުކަމާ އެކުގައި ބައްޕަ ބުންޏެވެ. "މި ބުނަނީނު އަހަންނަކަށް ނުގުޅާނޭ. ތި ފޯނުގެ އަޑަކާހެދި މަށަށް ވެސް ނުނިދިގެން މި އުޅެނީ."

ނިދި މަދުވެއްޖެއްޔާ ބައްޕަގެ ބޮލުގަރިއްސާނެއެވެ. ގޭސްވެ ބަނޑުގައި ވައިހެދޭނެއެވެ. ނިދުމަށް ފަހު، ވަރަށް މުހިންމުކަމެއް ޖެހިގެން ނޫނީ ބައްޕައަށް ނުގޮވަން އޮންނަނީ ބުނެފައެވެ. ދަންވަރު ތިމާގެ މީހަކު ނިޔާވިޔަސް އެ ވަގުތު ބައްޕައަކަށް އެ ޚަބަރެއް ނުދޭނެއެވެ. ހަމަނިދި ނުލިބިއްޖެ ނަމަ ބައްޕަގެ މުޅި ދުވަސް ޚަރާބުވާނެއެވެ. ވީމާ، ކުށެއް ނެތް ބައްޕަ އެ މަޅިން ސަލާމަތްކުރަން އަހަރެން ކިތަންމެހާ ވެސް ބޭނުމެވެ. އެހެންނަމަވެސް، ބައްޕަ އެ މަޅިން ސަލާމަތްކޮށްފިއްޔާ އަހަރެން މަޅީގައި ބެދޭނެއެވެ. މަންމައާއި ބައްޕަ ކޯޅެން ބައިތިއްބައިފައި އަހަރެން ދިޔައީ އަހަރެންގެ ކޮޓަރިއަށެވެ. އޭރު އަހަރެންގެ މޯބައިލް ފޯނަށް ރީނާގެ ކޯލެއް އާދެއެވެ. އަހަރެން ހިތަށްއެރިއެވެ. ޖަވާބެއްދީގެން ނޫނީ އޭނަ މައިތިރިއެއް ނުވާނެއެވެ. އަހަންނަކަށް ނުނިދޭނެއެވެ. މައިންބަފައިން ނިދިޔަކަނުދޭނެއެވެ. އެންމެފަހުން، ހިތާދެކޮޅަށް ފޯނު ނެގީމެވެ.

"ލޯބީ!" ހިތް ކުދިކުދިވެފައިވާ އަޑަކުން ރީނާ ބުންޏެވެ. "ލޯބި ރުޅިއައީތަ؟ ރީންދެކެ ރުޅިނާދެބަލަ ލޯބީ!"

ރީނާގެ އަޑުގައިވާ ނިޔަނެތިކަމާއި ހިތްދަތިކަން އިންތިހާއެވެ. އަހަރެން ބުނަންވީ ކީކޭ ހެއްޔެވެ؟ އަހަރެންގެ ރުޅިމަޑެވެ. ހަތަރުދަމު އަހަންނަށް ޖެއްސުންކޮށްފައި އަރުބެދެން ވެސް ވީ ރީނާގެ ހެއްޔެވެ؟ ނުވަތަ އަހަރެންގެ ހެއްޔެވެ؟ އޮފީހުގައި އަހަންނަކަށް މަސައްކަތެއް ނުކުރެވެއެވެ. ފަތިސްވާއިރު ވެސް ނިދާކަށް ނުއޮށޯވެވެއެވެ. އަޑުގެކޮޅަށް ހަޅޭއްލަވައިގަތަސް އަހަރެންގެ ހިތެއް ނުފުރޭނެއެވެ. އަހަރެން ހުރީ އެހާ ރުޅިއައިސްފައެވެ. ދަންވަރުގެ ވަގުތުކަމުން ހަޅޭއްލަވައިގަންނަން ނުކެރުނީއެވެ.

"ލޯބި ރުޅިނައިސްބަލަ!" ރީނާ ބުންޏެވެ. "އަޅެ ޕްލީޒް ލޯބީ! ލޯބި ދެރައެއް ނުވޭތަ އަހަންނަށް މި ހާލު ޖައްސާކަށް؟"

ހަޅޭއްލަވައިގަންނަން އަނގަހުޅުވައިލައިފައި ފުން ނޭވައެއް ބޭރުކޮށްލީމެވެ. ލޯމަރައިލައިގެން އިރުކޮޅަކު އިނީމެވެ.

"ރުޅިއެއް ނާދެއޭ އިނގޭ!" އަކުރުތަކުގެ ދެ ފަރާތުގައި ރޭނދާއަޅައިފައި މެދަށް ޓައީއެއް ޖަހައިފައި އަހަރެން ބުނީމެވެ. "އެއްގޮތަކަށް ވެސް ރުޅިއެއްނާދޭ! ދެރަވެފަ މިހިރީ!"

"އަޅެ އައިއެމް ސޮރީއޭ ދެން.." އާދޭހާއެކުގައި ރީނާ ބުންޏެވެ. "ލޯބި ރުޅިއައިސްގެން ދިޔައިމަ އެއްޗެއް ނުވެސް ކެވުނު. ނުވެސް ނިދުނު. މައި ހާޓް އިޒް ބްރޯކަން ލޯބީ!"

ރީނާގެ ތުއިކަމާއި ރަނޑުކަން ބަލާކަށް ނުވަތަ އަހާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ނިދަން ބޭނުމިއްޔާ އަހަރެންނަށް އޮތް ގޮތަކީ ރީނާ ހައްދައިލުމެވެ. ވެނަށް އެއް ފައި ދިނުމެވެ.

"ކާކު މި ގޭގެ ލޭންޑްލައިނަށް އެ ގުޅަނީ؟" އަހަރެން އެހީމެވެ.

"ކާކުތަ ލޭންޑްލައިނަށް ގުޅަނީ؟" ދެނަހުރިކަމަށް ވެސް ނަހަދައި ރީނާ ބުންޏެވެ. "ލޯބި ނަންބަރަށޭ މި ގުޅަނީ."

ކެތްތެރިކަމުގެ އެ ވަރު ބޮޑު އިމްތިހާނެއްގައި އަހަރެން ދުވަހަކު ވެސް ނުއިށީންނަމެވެ. ރުޅިއައިސްގެ ގޮސް އަހަރެންގެ އަތް ތުރުތުރުއެޅިއެވެ. އެކަމަކު ހުރިހާ އަކުރެއްގެ ކޮޅު ކީހައިފައި، ކަންތަކާއި ދާރަތައް މޮއްކުރީމެވެ.

"މި ގޭ ފޯނަށް އެ ގުޅަނީ ކާކުބާއޭ؟" އަހަރެން އެހީމެވެ.

ރީނާއަކަށް ނޭނގުނެވެ. އަހަރެންގެ މޯބައިލު ނަންބަރު ނޫން ނަންބަރަކަށް ރީނާ ގުޅިކަމަކަށް ނުވިއެވެ. އަހަރެން ހިތަށްއެރިއެވެ. ދަންވަރުދަޅައިގައި ބޭކާރު ބަހުސަކަށް ދިޔުމުގެ ބޭނުމެއް ނެތެވެ. ގުޅަނީ ރީނާކަން އަހަންނަށް ކަށަވަރެވެ. އެކަމަކު ރީނާ އެއްބަހެއް ނުވާނެއެވެ.

"ލޯބި އަހަންނަށް ޝައްކުނުކޮށްބަލަ!" ރީނާ އެދުނެވެ. "ޕްލީޒް! އަހަރެން ހާދަ ޓަޔަޑްވެފައޭ މީނީ. ހެނދުނުއްސުރެ ލޯބިޔާ ޓޯކްކުރަން.."

"ހޫނ! ދެން މާދަމާ ވާހަކަދައްކާނީ ދޯ! ދެން ހިނގާ ބާއްވަމާ!" ފުށަށް ވުރެ އަކުރުތައް މަޑުކޮށްގެން އަހަރެން ވާހަކަދެއްކީމެވެ. "ތިހާ ޓަޔަޑްވެފަ ހުރިއްޔާ ދެން ނިދާލާ އިނގޭ. ގުޅާނަން މާދަން އިނގޭ! އޯކޭ؟"

"ކޮންއިރަކުން؟" ރޮވިފައިވާ އަޑަކުން ރީނާ އެހިއެވެ.

ފަސޭހައިން އަހަންނަކަށް ސަލާމަތެއް ނުވެވުނެވެ. އެއް ޖަވާބުދޭއިރަށް އަނެއް ސުވާލު އުފައްދައެވެ. އެހެންނަމަވެސް ފޯނުކަނޑައިލެވޭކަށް ނެތެވެ.

"ދެން މާދަމާ ކޮންމެވެސް ގަޑިއެއްގަ ދޯ!" އަހަރެން ބުނީމެވެ.

"މޯނިން ބްރޭކްފަސްޓަށް ގޮއްސަތަ ލޯބީ؟" ހިތުގައިޖެހިފައިވާ އަޑަކުން ރީނާ އެހިއެވެ.

"ދެން މި ގަޑީގަ ނިދީމަ ކިހިނެއް ހެނދުނު ހޭލާނީ ދޯ؟" އަހަރެން ބުނީމެވެ. "މެންދުރު ގުޅާނަން. އޯކޭ!"

"ކިހާ އިރަކު؟" ރީނާ އެހިއެވެ.

އަޑުގެކޮޅަށް ހަޅޭއްލަވައިގަންނަން އަނގަ ހުޅުވައިލައިފައި ވެސް ހަޅޭއްލަވައިގަންނާކަށް ނުކެރުނެވެ. ނޭވައެއްގެ ސިފައިގައި ރުޅިގަނޑު ނޭފަތުން ބޭރުކޮށްލައިފައި ރުޅިގަނޑު ކޮންޓުރޯލު ކޮށްލީމެވެ.

"ދެން ވަން އެހާކަންހާއިރު ގުޅާނަން." އަހަރެން ބުނީމެވެ.

"ރެޑީވެގެން ހުންނަންވީ؟" ރީނާ އެހިއެވެ.

"އާނ!" އަހަރެން ބުނީމެވެ. "ދެން ބާއްވަނީ އިނގޭ."

ރީނާ ރުއްސުމަށް ފަހު ފޯނު ބޭއްވީމެވެ. ނިދަން އޮތްއިރު ހިތަށްއެރިއެވެ. ދެން ރީނާޔާ އެކަންޏަކު ބައްދަލެއް ނުކުރާނަމެވެ. ލޯބީގެ ކުޅިސަމާ ކުޅޭކަށް ރީނާއަކަށް ދެނެއް ފުރުސަތެއް ނުދޭނަމެވެ. އަހަރެން ބޭނުންވަނީ ރީނާޔާ ވީހާ ވެސް ދުރުވާށެވެ. ގުޅުން ބަދަހިކުރާކަށް ނޫނެވެ. އެހެންނަމަވެސް، ކޮންމެކޮންމެ މީހަކު ގޮވައިގެނެއް އަހަންނަކަށް ނުދެވޭނެއެވެ. އެކުގައި ގެންދަން އަހަރެން ބޭނުންވަނީ، ކުއްލިހާލަތުގައި އަހަރެން ރައްކާތެރިކޮށްދެވޭނެ ކަހަލަ މީހެކެވެ. ޖެހިލުމެއް ނެތި ކަންކަންކުރެވޭ ބައެކެވެ. ދަންނަ ހުރިހާ އެންމެންގެ ތެރެއިން ވެސް އަހަންނަށް އެންމެ ކަމުދިޔައީ ހަނާއާއި ޝިފްނީނެވެ. އެއީ އަހަރެންގެ ބޭބެގެ ދަރިންނެވެ. ފުރާވަރުގެ ދެ އަންހެންކުދިންނެވެ. އާންމުކޮށް އެހެން މީހުންނާ ހިއްސާނުކުރާ ވާހަކަތައް އެ ކުދިންނާ އަހަރެން ހިއްސާކުރަމެވެ. ޒިޔާދާޔާ ރައްޓެހިވުމާއި ރުޅިވުމުގައި ވެސް ހަނާއާއި ޝިފްނީން މުހިންމު ދައުރެއް އަދާކުރިއެވެ. ހީކުރީމެވެ. އެ ކުދިންގެ ކުރިމަތީގައި ރީނާ ފާޑުފާޑަކަށް ނޫޅޭނެއެވެ.

ހެނދުނުހެނދުނާ ހަނާއަށް ގުޅީމެވެ. އެހީއަށް އެދުނީމެވެ.

"ރީނާ ކަންތައް ވަރަށް ބޮޑުވެގެން މިއުޅެނީ،" އަހަރެން ބުނީމެވެ. "އެބަޖެހޭ އޭނަޔާ މީޓުކުރަން ދާން. ބޭނުމެއް ނޫން އެކަނި ދާކަށް. ބޭނުމެއް ނޫން ރީނާގެ މަޅީގަ ޖެހޭކަށް. ތި ދެ ބޮޑީގާޑުންގެ އެހީ ވަރަށް ބޭނުންވޭ! އަހަރެން ސަލާމަތްކޮށްދީފިއްޔާ އޮންނާނެ ވަރަށް ވަރުގަދަ ކެއުމެއް."

"އާނ! ތިހެންވިއްޔާ މައްސަލައެއް ނޯންނާނެ،" ވަރަށް ފޯރީގައި ހަނާ ބުންޏެވެ. "ނިކަން ހުރެބަލަ މި ފަހަރު ކުޅިދައްކާލާނަން. އެއްޗެއް ބުނެފިއްޔާ ފުކަކަށް ހަދައިލާނަން."

އަހަރުމެން ދިޔައީ އާންމުކޮށް އަހަރުމެން ބައްދަލުކުރާ ރެސްޓޯރަންޓަށެވެ. އެ ތަނަކީ ގިނަ ވަގުތު ފަޅުކޮށްއޮންނަ ތަނެކެވެ. އެ ރެސްޓޯރަންޓުގެ މޭޒު ކައިރީގައި ހުންނަނީ ތަންކޮޅެއް ދިގު ގޮނޑިތަކެކެވެ. ލެނގޭ ބައި ހުންނަނީ ފަހަތް ނިވާވާ ވަރަށް އުސްކޮށެވެ. ހީކުރީމެވެ. އެ ދުވަހުގެ ބައްދަލުވުމަކީ ފަހު ބައްދަލުވުމަށް ހެދޭނެއެވެ. އަހަރުމެން އެ ތަނަށް ދިޔައީ، ބުނެފައިވާ ގަޑިއަށް ވުރެ މާ ކުރިންނެވެ. އެކަމަކު އަހަރުމެން ދިޔައިރު އެ ތަނުގެ ދޮރުމަތީގައި ރީނާ ހުއްޓެވެ.

ނުނިމޭ