ބޯވަ

އާދިއްތަ ދުވަހާ ގުޅޭ


އެކަމަކު އަހަރުމެން ދިޔައިރު އެ ތަނުގެ ދޮރުމަތީގައި ރީނާ ހުއްޓެވެ. ކުރީބައިގައި އޭނަ އައީ ކީއްކުރަން ހެއްޔެވެ؟ އޭނަގެ ނިޔަތަކީ ކޮބައި ހެއްޔެވެ؟ ރީނާ ކޮންމެ ކަމެއް ކުރިޔަސް އެ ކަމަކާ މެދު އަހަންނަށް ބެލެނީ ޝައްކުގެ ނަޒަރަކުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

"ހާދަ އަވަހަކަށް ތި އައީ؟" އަހަރެން ބުނީމެވެ.

"އާނ ދެން އޮފީސް ނިމުނީމަ، އިތުރުކަމެއް ނެތީމަ ހިތަށްއެރީ އައިސް މަޑުކޮށްލާނީޔޭ ލަވް އަންނަންދެން." ރީނާ ބުންޏެވެ.

ރީނާ "ލަވް" ބުނުމުން އަހަންނަށް ބަލައިލެވުނީ ގާތުގައި ތިބި ދެ ކޮއްކޮއަށެވެ. އެ މީހުނަކަށް ނީވެއެވެ. ވާނީ ވެސް އެހެންނެވެ. ކޮއްކޮމެންނަށް އިވޭ ހިސާބުގައި އަހަރެން އެ ކަހަލަ ލަފުޒެއް ބޭނުމެއް ނުކުރަމެވެ. ވީމާ އިވުނުކަމަކަށް އެ މީހުން ނަހަދާނެއެވެ. އެންމެ ރައްކާތެރިވާނީ އެ ގޮތެވެ. އަހަރެން ހިތަށްއެރިއެވެ. ކޮއްކޮމެން ގެނައުމުގެ ކުރިން ރީނާ ގާތުގައި އެ ވާހަކަ ބުނެވުނު ނަމައެވެ. އެ ހިސާބުން އަނެއްކާ ވެސް ލިބުނީ ހައިރާންކަމެކެވެ. ހަނާއާއި ޝިފްނީނަކީ ވެސް ރީނާ ދަންނަ ދެ ކުދިންނެވެ.

"ހައި ހަނާ! ހައި ޝިފްނީން!" ދެ ކުދިންނާ ސަލާންކޮށްލަމުން ރީނާ ބުންޏެވެ.

ރީނާ ހުރީ ހިނިއައިސްފައެވެ. އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. ހަނާއަށާއި ޝިފްނީނަށް ލިބުނީ ޝޮކެކެވެ. ދެ މީހުން އަހަރެންގެ މޫނަށް ބަލައިލިއެވެ. އެ މީހުން ހީކުރީ އެ މީހުން އަންނަ ވާހަކަ އަހަރެންގެ ފަރާތުން ރީނާއަށް އެނގިފައިއޮތީކަމަށެވެ. އަހަރެން ހީކުރީ އެ މީހުންނާއި ރީނާއާ ދެމެދުގައި އޮތް އެކުވެރިކަން އެ މީހުން ގަސްތުގައި އަހަންނަށް ސިއްރުކުރީ ކަމަށެވެ.

"ހިނގާ އެތެރެއަށް ވަންނަމާ." އަހަރެން އެދުނީމެވެ.

އެންމެން އެކުގައި ހިނގައިގަތެވެ. އެންމެ ކުރީގައި ހުރީ ރީނާއެވެ.

"ބޭބެ ބުނީތަ އަހަރުމެން އަންނަ ވާހަކަ؟" ވައިއަޑުން ޝިފްނީން އެހިއެވެ. "ކީއްވެ އެ ވާހަކަ ކުރިން ނުބުނީ؟"

އަހަރެންގެ ހައިރާންކަން ހައްތަހާ އިތުރުވިއެވެ. ރީނާއަކީ ކޮއްކޮމެންގެ ރައްޓެއްސެއް ނޫނެވެ. އެ މީހުންނާ ރީނާއާ ދުވަހަކު ވެސް ބައްދަލެއް ނުވެއެވެ. އަހަންނާއި އަހަރެންގެ އާއިލާއާ ބެހޭގޮތުން ރީނާ އެހާ ގިނަ މައުލޫމާތު ހޯދަނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ނިތްކުރިން ފެށިގެން ފައިތިލައިގެ ބޮޑުވާއިނގިއްޔާ ހަމައަށް ރީނާ އަހަރެން ދަސްކޮށްފިއެވެ. އެތެރެއަށް ވަދެފައި އެންމެ ފުރަތަމަ އިށީނީ އަހަންނެވެ. ގޮނޑީގެ އެއްކޮޅު ހުރީ ފާރުގައި ޖެހިފައެވެ. ރޭވިފައިވާ ގޮތުގެމަތިން އަހަންނާ ޖެހިގެން ކަނާތްފަރާތުގައި ހަނާއެވެ. ދެން ޝިފްނީނެވެ. އެހެން ހެދީ ވެސް އަހަރެން ގާތުގައި ރީނާ ނުބޭންދުމަށް ޓަކައެވެ. އަހަރެން އުންމީދުކުރީ ރީނާ އިށީންނާނީ މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި ކަމަށެވެ. އެ ގޮނޑި ހުރީ ހުހަށެވެ. އެހެންނަމަވެސް، އަހަރުމެން އިށީނދެގެން ތިބި ގޮނޑިއާއި މޭޒާ ދޭތެރެއިން ހިމަވެލައިގެން ނަންނުގައްޗެއްހެން އައިގޮތަށް އައިސް އަހަރެންގެ އުނގުގައި ރީނާ އިށީނދެލިއެވެ. އެއަށް ފަހު އަހަންނާ ޖެހިގެން ވައަތްފަރާތުގައި ހުސްކޮށް ހުރި ކުޑަކުޑަ ތަންކޮޅަށް ފިޓުވެލިއެވެ. އެ ދިމާއަކު ތަނެއް ނުވެސް ނެތެވެ. ފާރާއި އަހަންނާ ދެމެދުގައި ހައެއްކަ އިންޗިހާ ޖާގަ ވެސް ނެތެވެ. އެ ހިސާބުން ކޮއްކޮމެންނަށް ޖެހުނީ ތަންދައްކާށެވެ. ކިތަންމެ ވަރަކަށް ރާވައިގެން އައި ނަމަވެސް ކުރި ހޯދީ ރީނާއެވެ. އޭނަ ލަދުކުޑަވެފައި ޖެހިލުން ވެސް ކުޑައީއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަޔާތުގެ ބައެއް ކަންކަން ކޮއްކޮމެންނާ ހިއްސާކުރިޔަސް، އަހަންނަކީ ކޮއްކޮމެން ކުރިމަތީގައި އަންހެންކުދިންނާ "ތަތްވެގެން" އުޅޭ މީހެއް ނޫނެވެ. އަހަންނަކީ އެއްކަލަ ބަސްއަހާ ފިޔޮކެވެ. އަބުއި ބޮޑުބޭބެއެވެ. އާއިލާގައި ހަގަށް ތިބި ކޮއްކޮމެންނަށް މިސާލުދައްކަމުން ހިނގާ މީހާއެވެ. އަންހެންކުދިންނާ ރައްޓެހިވާކަން ކޮއްކޮމެންނަށް އެނގުނަސް ލަދުގަންނަންޖެހޭ ކަހަލަ ކަމެއް އަހަރެން ދުވަހަކު ވެސް ނުކުރަމެވެ. ރީނާ ކަންތައް ކުރި ގޮތުން އަހަރެން އިނީ ގާވެފައެވެ. ކޮއްކޮމެން ގެނެވުނު މޮޔަ ހިތަށްއަރައިފައެވެ. ހިތަށްއެރިއެވެ. ރައްޓެއްސަކު ގޮވައިގެން އާދެވުނު ނަމަ މާ ރަނގަޅުވީހެވެ. ޔަގީނުން ވެސް އަންހެންކުއްޖަކު އުނގަށްލައިގެން އިންތަން ތިމާގެ ބަޔަކަށް ނުފެނުނީހެވެ. އެ ވަރަކުން ވެސް ރީނާގެ ހިތެއް ނުފުރުނެވެ. އަހަރެންގެ ބުރިކަށްޓާއި ގޮނޑިއާ ދެމެދަށް އަތް ލައްވައިލައިފައި އަހަރެންގެ ގައިގައި ބައްދައިލިއެވެ. އޭނަގެ ދެ ފައިން އަހަރެންގެ ދެ ފައިގައި ތަޅުއަޅުވައިލިއެވެ. އަހަރެންގެ ކޮނޑުގައި ބޯއަޅައިލިއެވެ. އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. ކޮއްކޮމެން އެނބުރުނީ އަނެއް ފަރާތަށެވެ. އެ ތަނުގައި އެ މީހުން ނެތް ކަހަލައެވެ. އެ މީހުންނަކީ އަހަންނާ ދިމާއަށް އަންނަ ބަހުރުވައިގެ ތީރުތަކާއި އުންޑަތަކުން އަހަރެން ސަލާމަތްކޮށްދޭން އައި ފަހުލަވާނުންނެވެ. އަހަރެންގެ ބޮލަށް އޮހެމުންދަނީ ލޯބީގެ ކުލަކުލައިގެ މާތަކެވެ. އަނގަބަހުން ދިމާކުރުމުގެ ބަދަލުގައި ރީނާ މިހިރީ ލޯބިން ކަޅިވެފައެވެ. އޯގާތެރިކަމުން ފޯވެފައެވެ. އެ ކަމާ ހަނގުރާމަކުރާނެ ހަތިޔާރެއް އެކަކު އަތަކު ވެސް ނެތެވެ. ލަދުން މޫނަށް ޖަންބުކުލަ އަރައިފައި އެ މީހުން ތިބީއެވެ. އަހަރެންގެ މޫނެކޭ ނިވިދިއްލޭ ބޮތްކެކޭ އެއްވަރެވެ. ލަދުންގޮސް އަރާނެ ކުލައެއް ވެސް މޫނަކަށް ނޭނގުނެވެ.

"ލޯބީ! ލޯބި ކޯޗެއްތަ ކާނީ؟" އިޝްގުން ފޯވެފައިވާ އަޑަކުން ރީނާ ކުކުރައިލިއެވެ. "އެއްޗެއް ކާންވާނެއްނު!"

ކޮއްކޮމެންގެ ދެ ލޯ މުދުނަށްއެރިތަން އަހަންނަށް ފެނުނެވެ. ރީނާގެ ބަހުރުވަ އަޑުއަހަން އެކަކުގެ ވެސް ކަންފަތް ތައްޔާރެއް ނޫނެވެ. އަހަރެން އެއްޗެއް ބުނަން އަނގަހުޅުވައިލީމެވެ. ކަރުބުޑުން ނުކުތީ ވައިއަޑެވެ. އަހަރެންގެ އަޑު ފިތިއްޖެއެވެ. ލަދުން މަރުނުވީ ކިރިޔާއެވެ.

"ލޯބީ! ސޮރީ އިނގޭ ލޯބީ!" ރީނާ އަނެއްކާ ވެސް ކުކުރައިލިއެވެ. "ދެން ދުވަހަކު ވެސް ނުކުރާނަން އެ ކަހަލަ ކަމެއް. ލޯބި ކީއްވެގެންތަ ރުޅިއައިސްގެން ތި އުޅެނީ؟"

އޭރު އަހަރެން އިނީ އެ ތަނުން ނުކުމެގެން ދުއްވައިގަންނަން ބޭނުންވެފައެވެ. އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރުމެން އައީ މައްސަލަ ނިންމާށެވެ. ކުރިމަތިވީ އެހެން މައްސަލައެކެވެ. ހިތާމައަކީ އަހަރެން އަމިއްލައަށް އެ ތަނުން ނުކުމެވެން ނެތްކަމެވެ. މޮޅުވާންވެގެން އެތެރެއަށް ވަނީމައި އަހަރެން އިނީ ތާށިވެފައެވެ. ނަސީބަކުން ހަނާއަށް އަހަރެންގެ ހާލު ދަނެގަނެވުނެވެ. އެ ތަނުން ނުކުންނަން ޝިފްނީނަށް ލޮލުން އިޝާރާތްކޮށްލިއެވެ. ޝިފްނީން މަޑުމަޑުން ކެހެމުން، ހިރެމުން ނުކުތެވެ. ފަހަތުން ހަނާ ވެސް ނުކުތެވެ. އަހަރެންނަކަށް ނުނިކުމެވުނެވެ. ރީނާ އިނީ ބޯވައެއްހެން ތަތްކޮށްލައިގެންނެވެ. ހަތަރެސްފައި އަހަރެން ގައިގައި ތަތްކޮށްލައިގެންނެވެ.

"އެ މީހުން ކީއްވެގެންތަ އެ ދިޔައީ ލޯބީ؟" ރީނާ ކުކުރައިލިއެވެ.

"ލަދުން ލޯ ހުޅުވައިލަން ނުކެރިގެން." އަހަރެންގެ ހިތަށްއެރިއެވެ. ބުނާކަށް ނުކެރުނެވެ.

"ލޯބީ! ކޮންމެވެސް އެއްޗެކޭ ބުނެބަލަ!" ހިތްދަތި އަޑަކުން ރީނާ ބުނެލިއެވެ.

"އަހަރެންގެ ގައިން ދޫކޮށްލަބަލަ! ނޫޅެމޭ ދާކަށް،" އަހަރެން މަޑުމަޑުން ބުނީމެވެ. "ރީތިކޮށް އިށީނދެލައިގެން އިނދެބަލަ! ތަންކޮޅެއް ދުރަށްޖެހިލަބަލަ! ތަން އެބައޮތެއްނު ދޯ!"

"އައި ކާންޓް!" އަހަރެންގެ އުނގުގައި އިށީންނަމުން ރީނާ ޖަވާބުދިނެވެ. "ތިހެން ނުބުނެބަލަ!"

އަހަރެން ނިކަން ބާރަށް މޭޒުމަތީގައި ޖެހީމެވެ. ރީނާ ދިޔައީ ސިއްސައިގެންނެވެ. ދެން ފެށީ ރޯށެވެ. ނަސީބަކުން ވެއިޓަރު އައުމުން ރީނާ ހުއްޓައިލިއެވެ. ތަންކޮޅެއް ދުރަށްޖެހިލިއެވެ. އަހަރެން އޯޑަރުދިނީމެވެ. ރީނާ ފެންކަޅިވެފައި އިނެވެ. އެ ރޭގެ ބައްދަލުވުމުގައި އަހަރެން ބޭނުން އެއްވެސް ކަމެއް ނުވިއެވެ. ކަރުނައިން ބިރުދައްކައިގެން އަހަރެން ގެންގުޅުނީ ރީނާގެ ކޮންޓުރޯލުގެދަށުގައެވެ. ބާރަށް ރޮއިގެންފާނެތީ އަހަރެން ޖެހުނީ ރީނާއަށް ދޫދޭށެވެ. އެކަމަކު އަހަރެން ނިންމައިގެންހުރީ އެ ގުޅުމަށް ދިރުންލިބޭނެ އެއްވެސް ކަމެއް ނުކުރާށެވެ. ހީކުރީމެވެ. ދުވަސްކޮޅަކު އެ ގޮތަށް ހިފަހައްޓައިލެވިއްޖެއްޔާ ރީނާ ފޫހިވެދާނެއެވެ. އަހަރެން ގާތްކުރަން ރީނާ ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ކަން ވިޔަކަ ނުދޭނަމެވެ.

އަހަރެންގެ ދިރިއުޅުން ހަމަޖެހިފައި އޮންނަގޮތުން ގިނަ ވަގުތު އަހަރެން އުޅެނީ އޮފީހުގައެވެ. ގެއަށް ވަންނާނީ ކާގަޑިތަކުގައެވެ. ފެންވަރާށާއި ނިދާށެވެ. ނިދުން ފިޔަވައި ދެން ކޮންމެ ކަމެއްގައި ވެސް އަހަރެން ގިނަވެގެން ހޭދަކުރާނީ ދެގަޑިއެއްހާއިރެވެ. ހަވީރު ހަޔަކުން އަށެކާ ދެމެދަކީ، އޮފީހުގައި އަހަރެން އެންމެ އަވަދިނެތި އުޅެންޖެހޭ ވަގުތެވެ. ފާރަލާ މީހަކަށް އަހަރެންގެ ތާވަލު ދަސްކުރާކަށް އުނދަގުލެއް ނުވާނެއެވެ.

ވިއްސާރަ ރެޔެކެވެ. ގެއަށް އައީ ކުޑަކޮށް ތެމިގެންނެވެ. އަލުން އޮފީހަށް ދާން ބެލިއިރު ޓެކްސީއެއް ނުލިބުނެވެ. ވިއްސާރަކޯޓެއް ނެތެވެ. ކުޑަ ހިފައިގެން ސައިކަލުދުއްވުމަކީ ދުވަހަކު ވެސް އަހަރެން ކުރި ކަމެއް ނޫނެވެ. މަގުމަތީގައި ފެންހެދިފައި އޮންނައިރު އެއް އަތުން ސައިކަލުދުއްވަން އަހަރެން ވަރަށް ބިރުގަނެއެވެ. ހަގަޑި ފަނަރަ ހިނގިއިރު ވެސް ވާރޭ ތުނިކޮށްނުލުމުން ނަބީލަށް ގުޅީމެވެ. އޭނައަކީ ވަރަށް ފަހުން އޮފީހަށް ވަން ކުއްޖެކެވެ. ނުފަރިތަކޮށް މަސައްކަތްކުރާ ކުއްޖެކެވެ. އެހެންވިޔަސް، އަހަރެން އަންނަންދެން އަހަރެންގެ މަސައްކަތް ކޮށްލައިދިނުމަށް އެދުނީމެވެ. އިރުކޮޅަކުން ވާރޭ ހުއްޓައިލިއެވެ. ލިބުނު ދަނޑިވަޅުގައި ނުކުންނަން ދަނިކޮށް މަންމަ ކޮތަޅުތަކެއް ހިފައިގެން ތުންތަޅުވަމުން އަންނަތަން ފެނުނެވެ. މަންމަގެ މޫނުމަތިން އަހަންނަށް ފެނުނީ ނުތަނަވަސްކަމެވެ.

"ދަރިފުޅާ!" ގޭތެރެއަށް ވަދެފައި މަންމަ ބުންޏެވެ. "ކާކުގެ ދަރިއެއް ބޭރުގަ ރޯން އެހެރީ؟"

ތި ވާނީ ރީނާއަށެވެ. މަންމަ ސުވާލުކުރުމާއެކު އަހަރެންގެ ހިތަށްއެރީ އެހެންނެވެ. އޭނައަކީ އެ ކަމަށް ކުޅަދާނަ ކުއްޖެކެވެ. ކަރުނައިން ބުލެކްމެއިލްކުރަން ރީނާ ވަރުގެ ކުއްޖަކު ނުހުންނާނެއެވެ. އެހެންނަމަވެސް އެހެން ބުނާކަށް ނުކެރުނެވެ.

"ރޯށޭތޯ؟" ހައިރާންވިކަމަށް ހެދިފައި އަހަރެން އެހީމެވެ.

"އާނ!" މަންމަ ޖަވާބުގައި ބުންޏެވެ. "އަނދިރިގަނޑު ތެރޭގަ ކުޑައެއް ހިފައިގެން އެބަހުރި. މަންމަ ބިރުން ހަލާކުނުވީ ކިރިޔާ. ހިޔެއްނުވޭ އޭނަގެ ފައި ބިންމަތީގަ ޖެހޭހެނެއް ވެސް."

ގޭގެ ދޮރޯށިން ވަދެގެން އަހަރުމެންގެ ބަޔާ ހަމައަށް އަންނަން އޮންނަ ގޯޅިގަނޑުގައި ދިއްލައިފައި ހުންނާނީ އަލި މަޑު ބޮތްކެކެވެ. އެ ގޯޅިގަނޑުގައި ހިކަނދިފަތް ގަހަކާއި ޖަންބުރޯލު ގަހެއް ވެސް ހުރެއެވެ. އެ ތަނުން އެކި ފާޑުފާޑުގެ އެއްޗެހި ފެންނަ ވާހަކަ އެންމެން ވެސް ދައްކައެވެ. މަންމަ ބިރުގަތީ އެހެންވެއެވެ. ރީނާގެ ލޯ ވަރަށް ހުދުވެފައި ދަތްތައް ވެސް އެހާ ހުދުވާނެއެވެ. އަނދިރިގަނޑުން މަންމައަށް ފެންނާނެ އެއްޗަކީ އެއީއެވެ. އެ ވާނީ ބިރުވެރި މަންޒަރަކަށެވެ. މަންމަ ގެއަށް ވަނީ ވެސް ކުރުސި ކިޔަވަމުންނެވެ.

ނުނިމޭ