މިދިޔަ އަހަރު ރިލީޒް ކުރި ސައިންސް ފިކްޝަން ފިލްމު "ބްލޭޑް ރަނާ 2049" އަށް ބިނާކޮށް "ބްލޭޑް ރަނާ-ބްލެކް ލޮޓަސް" ގެ ނަމުގައި އެނިމޭޓެޑް ސީރީޒެއް ހަދާ ގޮތަށް ނިންމައިފި އެވެ.
ވެރައިޓިން ބުނި ގޮތުގައި ޑެނިސް ވިލެނޯވް ޑައިރެކްޓް ކުރި ފިލްމަށް ބިނާކޮށް 13 އެޕިސޯޑްގެ އެނިމޭޓެޑް މިނީ ސީރީޒް ހަދަނީ އެލްކަން ޓެލެވިޝަން ގްރޫޕާއި ވާނާ ބްރަދާޒްގެ ގޮފިތަކުގެ ގޮތުގައި މަސައްކަތް ކުރާ އެޑަލްޓް ސްވިމް އަދި ކްރަންޗީ ރޯލް ގުޅިގެންނެވެ.
ނަމަވެސް މި ޕްރިޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު "ބްލޭޑް ރަނާ 2049" ގައި ހިމެނޭ މުހިއްމު ކެރެކްޓާތައް "ބްލޭޑް ރަނާ-ބްލެކް ލޮޓަސް" އިން ވެސް ފެނިގެން ދާނެ ކަމަށް ވެރައިޓީން ބުންޏެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރި "ބްލޭޑް ރަނާ 2049" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ހެރިސަން ފޯޑް، ރަޔަން ގޮޒްލިން، ރޮބިން ރައިޓް، ކާލާ ޖޫރީ، ޖެރެޑް ލެޓޯ އަދި މެކެންޒީ ޑޭވިސް އެވެ.
ޖުމްލަ 185 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 259.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
"ބްލޭޑް ރަނާ-ބްލެކް ލޮޓަސް" އާ ބެހޭ ގޮތުން އެޑަލްޓް ސްވިމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ކްރިއޭޓިވް ޑައިރެކްޓަރު ޖޭސަން ޑެމާކޯ ބުނީ މިއީ ހުވަފެނީ ޕްރޮޖެކްޓެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި 1982 ގައި އޭރު އުމުރުން އެންމެ 11 އަހަރުގައި "ބްލޭޑް ރަނާ" ގެ ފުރަތަމަ ފިލްމު ބަލަން ލިބުނު ހިސާބުން މި ފިލްމުގެ ވަރަށް ބޮޑު ފޭނަކަށް ވެފައިވާ ކަމަށެވެ.
"އެހެންވެ މީގެ އެނިމޭޓެޑް ވާޝަނެއް ހަދަން އަހަރެމެންނަށް ފުރުސަތު ލިބުމަކީ ހަމަ ހަގީގަތުގައި ވެސް ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް،" ޖޭސަން ބުންޏެވެ.